ކުއްޔަށްދޭ ތަންތަނުގައިވެސް ދިރިއުޅެނީ އިންސާނުން










ޢިމާރާތެއް ކުރެހި މީހަކު، ކުރެހުންތައް ހިފައިގެން ގޮސް ފަރުމާކުރުމުގެ ހުއްދަ އޮތް އާކިޓެކްޓަކަށް ދެއްކި އެވެ. އަދި އެއީ ޞައްޙަ ކުރެހުންތަކެއް ކަމަށް ސޮއިކޮށްދިނުމަށް އެދި، އެކަމުގެ ސަޔެއްގެ ގޮތުން ފަސްހާސް ރުފިޔާ ދޭން ބުންޏެވެ. އާކިޓެކްޓް ކުރެހުންތައް ރަނގަޅަށް ބެލުމަށްފަހު ބުންޏެވެ. "އެއްވެސް ތަޅުމުގެ ޗާޓަކުން (ފްލޯ ޕްލޭނަކުން) ޢިމާރާތަށް ބޭނުންވާ ވައި ދައުރުކުރާނެ ގޮތެއް، އަދި އަލި ވަންނާނެ ގޮތެއް ނުފެނެ އެވެ." ކުރެހިމީހާ ބުންޏެވެ. "ތިޔައީ ކުއްޔަށް ދޭން އަޅާ ޢިމާރާތެކެވެ. ތި ޢިމާރާތުގެ އެއްވެސް ފްލެޓެއްގައި ތިގޭ މީހަކު ނޫޅޭނެ އެވެ."
ކުއްޔަށްދޭ ތަންތަނުގައި ވެސް ދިރިއުޅެނީ އިންސާނުން ނޫން ހެއްޔެވެ؟
<><><>

މާލޭން ކުޑަކުޑަ ބިންކޮޅެއް ލިބުނު މީހަކު އެބިމުގައި ޢިމާރާތެއް ފަރުމާކުރަން ދިޔަ އެވެ. އޭނާގެ މުހުތާދުތައް ވަރަށް އާދަޔާ ޚިލާފެވެ. އޭނާ ބުންޏެވެ. "ބޭނުންވަނީ ހަތް ފަންގިފިލާގެ ޢިމާރާތެކެވެ. ކޮންމެ ފަންގިފިލައެއްގައި ހަތަރުކޮޓަރިއާއި ހަތަރުފާޚާނާއާއި ސިޓިންރޫމެކެވެ. ސިޑީގެ ފުޅާމިނުގައި ދޮޅުފޫޓް ހުއްޓަސް މައްސަލައެއް ނެތެވެ. އަރައިފައިބާނީ ފަހަރަކު މީހެކެވެ. ކޮޓަރިއެއްގައި އެނދެއް ނުބެހެއްޓުނަސް ވަރިހަމަ އެވެ. ނިދާނީ ބިންމަތީގަ އެވެ. ފާޚާނާއެއްގައި މޫނުދޮންނަ ތަށްޓެއް ނެތަސް އޯކޭވާނެ އެވެ. މޫނުދޮންނާނީ ފާޚާނާ ތަށްޓަށެވެ."

އޭނާގެ ވާހަކަ އަޑުއެހުމަށްފަހު، އާކިޓެކްޓް ބުންޏެވެ. "ތިޔަ ގޮތަށް ފަރުމާކޮށްގެން ޢިމާރާތްކުރުމުގެ ހުއްދައެއް ނުލިބޭނެ އެވެ." އޭނާ ބުންޏެވެ. "ހުއްދަ ނުނަގާ ވެސް އަހަރުމެން ޢިމާރާތްކޮށްފާނަމެވެ. އަހަރުމެން މިގެ ހަދަނީ ކުއްޔަށްދޭން ވެގެންނެވެ. އަހަރުމެން ދިރިއުޅޭކަށް ނޫނެވެ!"
ކުއްޔަށްދޭ ތަންތަނުގައި ވެސް ދިރިއުޅެނީ އިންސާނުން ނޫން ހެއްޔެވެ؟
<><><>

ކުރަހާ މީހަކު ލައްވާ މީހަކު ޢިމާރާތެއް ކުރެހި އެވެ. ދެން ލޯނެއް ނަގައިގެން ޢިމާރާތްކުރަން ކޮންޓްރެކްޓަރަކާ ޙަވާލުކުރަން އުޅުނެވެ. ކޮންޓްރެކްޓަރ ބުންޏެވެ. މި ކުރެހުން ސެޓްގައި ސްޓްރަކްޗަރަލް ކުރެހުންތަކެއް ނެތެވެ. ދެން އޭނާ ދިޔައީ ސިވިލް އިންޖިނިއަރެއްގެ ގާތަށެވެ. ސިވިލްއިންޖިނިއަރ ސްޓްރަކްޗަރަލް ކުރެހުންތައް ތައްޔާރުކޮށްދިނުމުން އެއަށް ބަލާފައި އޭނާ ބުންޏެވެ. ތަނބުތައް މާ ބޮޑެއްޗެވެ. ބެރިތައް މާފުޅަލެވެ. ތަޅުންތައް މާ ބޮލެވެ. އަދި ފައުންޑޭޝަން މާ ވަރުގަދަ އެވެ. ތިޔަށްވުރެ ކުޑަކުރާށެވެ! ނަގައިގެން މިއުޅޭ ލޯނަކުން ތިވަރަކަށް ނުހެދޭނެ އެވެ.

ސިވިލް އިންޖިނިއަރ ބުންޏެވެ. "މިއިން އެއްވެސް އެއްޗެއް މިއަށްވުރެ ކުޑަކޮށްފިނަމަ މިޢިމާރާތެއް ބިންމަތީގައި ކޮޅަކަށް ނުހުންނާނެ އެވެ."
އޭނާ ބުންޏެވެ. "އަހަރުމެން މިގެ ހަދަނީ ކުއްޔަށްދޭން ވެގެންނެވެ. އަހަރުމެން ދިރިއުޅޭކަށް ނޫނެވެ!"
ކުއްޔަށްދޭ ތަންތަނުގައި ވެސް ދިރިއުޅެނީ އިންސާނުން ނޫން ހެއްޔެވެ؟
<><><>

ނަންގަނެވިދިޔައީ، ދިވެހިރާއްޖޭގެ ބިނާވެށިން ތަފާތު ތިން މަންޒަރެކެވެ. ނަމަވެސް މި ތިން މަންޒަރު ބައިވެރިވާ ބަހާއެއް ވެއެވެ. އެއީ، ކުއްޔަށް ދިނުމެވެ. ކުއްޔަށް ދޭން ހަދާ ކަމަށްވަނީނަމަ، ދެރަކޮށް ހަދަން ވިސްނަނީ ކީއްވެބާވައެވެ؟ މިއީ ދިރާސާކޮށް ބަލަން ޖެހޭ ކަމެކެވެ. ވެރިފަރާތުގެ ވިސްނުމަކީ އަބަދު ކުށް ކަމުގައި ހީކޮށްގެން ނުވާނެ އެވެ. ޢިމާރާތުގެ ބޭނުން އެންމެ ބޮޑަށް އެނގޭނީ އެފަރާތަށެވެ. ދިރިއުޅުމަށްޓަކައި ކުއްޔަށްދޭން ހަދާ ޢިމާރާތްތައް ދެރަކޮށް ހެދުމުގެ ވިސްނުން ގެންގުޅެނީ ކީއްވެގެންކަން އެނގިއްޖެނަމަ، އެކަން ޙައްލުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަންނަން ފަސޭހަވާނެ އެވެ.
                ----------------------

މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން