ދީން ހަތިޔާރަކަށް ހެދުން










ދުންޔަވީ އެކިއެކި ބޭނުންތައް ޙާޞިލުކުރުމަށްޓަކައި ދީން ހަތިޔާރަކަށް ހެދުމަކީ ބައެއް މީހުން ކުރާ ކަމެކެވެ. އެފަދަ މީހުންގެ އެ ނުބައި ޢަމަލަކީ ދީނަށް ކުރެވޭ ފުރައްސާރައެކެވެ. މިކަން ބަޔާންކޮށްދެއްވަމުން، އިސްލާމްޓުޑޭގެ ލިއުންތެރިޔަކު ޢިރާޤާއި ބަޙުރައިން އިން މިސާލު ދައްކަވާފައިވެ އެވެ. އެލިއުންތެރިއަކީ، ޙަސަން އާލު ޢާމިރެވެ.

ޢިރާޤާއި ބަޙުރައިން ގައި ޙަރަކާތްތެރިވާ އިސްލަސިޔާސީ ޖަމާޢަތްތަކުން ވަނީ، ސިޔާސީ ކަންތައްތަކުގައި ދީނީ ފޭރާމެއް ލައްވާފަ އެވެ. އެއީ އެމީހުންގެ ވަކި ސިޔާސީ އެޖެންޑާއެއް ކާމިޔާބުކުރުމުގެ މަޤުޞަދުގަ އެވެ. ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުންކޮށްގެން އެމީހުންގެ އަމިއްލަ އަމާޒުތަކަކަށް ވާޞިލުވުމުގެ ނިޔަތުގަ އެވެ. ނަމަވެސް ހިތާމައަކީ، އިސްލާމީދުނިޔޭގައި ދީނީ ކުލަވަރު ދައްކާލައިގެން ޙަރަކާތްތެރިވާ ދީނީ މީހުންނާއި، އެފަދަ ދީނީ ޖަމާޢަތްތަކުގެ ޙަޤީޤަތް ރައްޔިތުންނަށް ނޭނގޭ ކަމެވެ.

ލުބްނާނުގެ ދީނީ ޢިލްމުވެރިއެއް ކަމަށްވާ، ޢަލީ އަލްއަމީން ވިދާޅުވަނީ، ޢިރާޤާއި ބަޙުރައިންގެ އިސްލަސިޔާސީ ޖަމާޢަތްތަކުން ނެރޭ ދީނީ ފަތުވާތައް އެއްގަލަކަށް ނާރާ ކަމަށެވެ. އޭގެ މިސާލަކީ، ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުމާމެދު ދީފއިވާ ފަތުވާތަކާއި ދައްކާ ވާހަކަތަކެވެ. ޢިރާޤުގެ ދީނީ ޝައިޚުން ބުނަމުން ގެންދަނީ، ސަރުކާރާ ދެކޮޅަށް ނުކުމެ މުޒާހަރާކުރުމަކީ، ޙަރާމްކަމެއް ކަމަށެވެ. ބަޙުރައިނުގެ ދީނީ ޝައިޚުން ހިތްވަރުދީ އަޑުއުފުލަނީ، ސަރުކާރާ ދެކޮޅަށް ނުކުމެ މުޒާހަރާ ކުރުމަކީ ވާޖިބެއް ކަމަށެވެ. އަދި ބަޙުރައިނުގެ ޝައިޚުން ބާރުއަޅަނީ ތަންތަން ލޫޓުވައި، ޢާއްމު މުދާތައް ހަލާކުކޮށް، ރަށުތެރޭގައި ހަމަނުޖެހުން ހިންގުމަށެވެ.

ނައްވާފު ބިން ޢަބްދުއްރަޙުމާން އަލްޤުދައިމީ އަކީ، އިސްލާމީ ދުނިޔެ ދިރާސާކުރައްވާ މުޙައްޤިޤެކެވެ. އޭނާއަކީ ސުޢޫދީ ޢަރަބިއްޔާގެ ރައްޔިތެކެވެ. އޭނާ ވިދާޅުވަނީ، ދީނީ ގޮތުން މެދުމިނުގެ ވާހަކަ ދައްކާ ކޮންމެ މީހަކާ ދެކޮޅުވެރިވާނެ ގިނަ ޢަދަދެއްގެ ބަޔަކު މިހާރު އިސްލާމީ ދުނިޔޭގައި ވާ ކަމަށެވެ. އެއީ ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ މީހުންނެވެ. އެމީހުންނަކީ ސުލްހަމަސަލަސްކަމާ އެކު ދިރިއުޅެން ބޭނުންވާ ބަޔެއް ނޫނެވެ. އެމީހުން ބޭނުންވަނީ، ހަރުކަށި ގޮތްތަކެވެ. އެމީހުންގެ އަމާޒަކީ ދެކޮޅުވެރިވުމެވެ. އެމީހުންގެ މަންހަޖަކީ ކަންބޮޑުކުރުމާއި ގޮތްބޮޑުކުރުމެވެ. އަޑުގަދަކުރުމާއި ހަޅޭލެވުމެވެ. އެމީހުންގެ ޕްރޮޑަކްޓަކީ މަޒުހަބީ އަރާރުންތަކާއި ދީނީ ބައިބައިވުންތަކެވެ. މާތްވެގެންވާ އިސްލާމްދީނަށް ޚިދުމަތެއް ލިބުމުގެ ބަދަލުގައި އެމީހުންގެ ޢަމަލުތަކުން އިސްލާމްދީނަށާއި މުސްލިމުންނަށް ލިބެނީ ގެއްލުމާއި ހަލާކެވެ.

އިސްލާމީ ދުނިޔެއަށް އައިސްފައިވާ މި ޚުޠޫރަތްތެރި ދަނޑިވަޅުގައި، މެދުމިނުގެ އަހުލުވެރިންނަށް ވަނީ ނުރައްކާވެފަ އެވެ. މެދުމިނުގެ އަހުލުވެރިންނަށް ނުރައްކާކުރާ ބަޔަކީ، ހައްދުފަހަނަޅާފައިވާ މީހުންނެވެ. ހައްދުފަނަޅާފައިވާ މީހުންނަކީ، އެމީހުންގެ ފިކުރާއި ފަލްސަފާ ޤަބޫލުނުކުރާ ކޮންމެ މީހަކަށް ބިރުދައްކައި ނުރައްކާކުރާ ބަޔެކެވެ.

މާތްވެގެންވާ އިސްލާމްދީނަކީ މެދުމިނުގެ ދީނެވެ. މިދީނުގެ ދީނީ ޢިލްމުވެރިންގެ ތެރެއިން މެދުމިނުގެ އަހުލުވެރިން ނެތިއްޖެނަމަ، މި މާތް ދީނުގެ އަލިސޫރަ ދައްކައިދޭނެ ބަޔަކު ނުތިބޭނެ އެވެ. ހަމައެފަދައިން އިސްލާމީ ޤައުމުތައް ޒަމާނުގެ ޙާލަތަށް ބަލައިގެން ހިންގާނޭ ޙިކުމަތްތެރި ބަޔަކު ނެތިއްޖެނަމަ، މި ޤައުމުތައް މިވުޖޫދުން ފޮހެވިގެން ހިނގައިދާނެ އެވެ. ދުންޔަވީ ބޭނުންތަކަށްޓަކައި ދީން ހަތިޔާރަކަށް ހަދައިގެން އުޅޭ މީހުން ހިތުހުރި ގޮތަކަށް އުޅެން ދޫކޮށްލައިފިނަމަ، ޤައުމުގެ ބިން، ހަނގުރާމައިގެ މަސްރަޙަކަށް ބަދަލުވެގެން ހިނގައިދާނެ އެވެ. މިއީ މިއަދު ހަމަ ކޮންމެ މީހަކުމެ ފުންކޮށް ވިސްނާލަން ޖެހިއްޖެ ކަމެކެވެ.
                  ------------------

މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން