އަތިރަގޭ އަލިމަނިކުފާނުގެ ޖަގަޑާ 3މާފު ލިބުނު މީހުން އައްޑުއަށް ފުރުން
ފަނޑިޔާރުގެއިން ކުށެއްނެތް ކަމަށް ކަނޑައެޅި މީހުންނާއެކު ފުރުމަށްޓަކައި އޮޑި ތައްޔާރުވެއްޖެއެވެ. މި ދަތުރުގައި އޮޑީގެ މާލިމީ އަކީ ހުޅުދޫ ހުސައިން މަނިކުފާނެވެ. މީނާއަކީ އަދީބާއި ރާޒީއާއި އަލީ ހުސައިނާއި ރަމްލާގެ ބައްޕައެވެ. މާލިމީ ހުސައިނަކީ އުމުރުގެ ގޮތުން އަލިމަނިކުފާނަށް ވުރެ ދޮށީ މީހެކެވެ. އެހެންނަމަވެސް މާލިމީ ހުސައިނަށްވުރެ ނުފޫޒާއި އެނޫންވެސް ގޮތްގޮތުން އަލިމަނިކުފާނުގެ ދަރަޖަ އުުލިގެންވެއެވެ. މިސަބަބަށްޓަކައި މާލިމީ ހުސައިން ހުރީ އަލިމަނިކުފާނުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ. އައްޑޫއަށް ފުރުމުގެ ސަރުކާރު އިޒުނަ ލިބުމާއެކު ލަސްތަކެއްނުވެ ފުރައިފިއެވެ. އެކަކު އަނެކަކަށް މާގިނަ ވާހަކަ ދެއްކުމެއް ނެތެވެ. މާލިމީ ތަފާތުވިޔަސް އަދިވެސް އޮޑީގައި އޮތީ އަލިމަނިކުފާނުގެ ބާރެވެ. އޭނާވެސް އޮޑީގައި އިނެވެ. އެކަމަކު ފަޅުވެރިންނާއި މުއާމަލާތު ކުރުމެއް ނެތެވެ.

ހުވަދޫގައި ހިފެހެއްޓުން
ދަތުރުކޮށްފައި ގޮސް ހުވަދު އަތޮޅު މާވާރުލާ ކަނޑުން ވަންނަނިކޮށް މުގުރު ބުރި އާއި ލަޓިބުރިތަކެއް ހިފައިގެން ހުވަދޫ ފާރަވެރިންގެ ބަޔަކު އައިސް އޮޑިއާއި ކާރިކޮށްފައި ސުވާލު ކޮށްފިއެވެ. ސުވާލަކީ ތިޔައީ ކޮން އަތޮޅެއްގެ ކާކުގެ އޮޑިއެއްހެއްޔެވެ. އޮޑިން ޖަވާބުދިނެވެ. މިއީ އަތިރަގޭ އަލިމަނިކުފާނުގެ އޮޑިއެވެ. މީގައި ތިބީ އޮޑީގެ ފަޅުވެރީންނެވެ. ހުވަދޫ ފާރަވެރިން އެންގީ އޮޑި އާއިގެން ހުވަދުއަތޮޅު ވެރިކަންކުރާ ރަށް ހަވަރުތިނަދޫ އަށް ދިއުމަށެވެ.

އޮޑި ގޮސް ހަވަރުތިނަދޫ ގައި ބަނދަރު ކުރުމާއެކު ރަށު މީހުން އަލިމަނިކުފާނު ކޮބައިހޭ ކިޔައިގެން އޮޑިއަށް އަރައި އޭނާ ދަމާ ނެރެ ހިމަރޯނުން ބަދެގެން ގެންގޮސްފިއެވެ. ތިނަދޫގައި އެވެރިން ކުރި ތަހުގީގެއް ކުރުމަށްފަހު ޖެހިގެން އައި ދުވަހު އަލިމަނިކުފާނު ދޫކޮށްލައިފިއެވެ.

އަލިމަނިކުފާނުގެ ބާރުތައް ނިގުޅައިގަތުން
ތިނަދޫގައި އޮތީ ސުވައިދީބުގެ ވެރިކަމެވެ. ހުވަދު އަތޮޅުގެ އެންމެ އިސް ވެރިޔަކީ ހިރިހަމާތި ކަލޭފާނެވެ. މީނާއަކީ ހުޅުދޫ މީހެކެވެ. އެހެންކަމުން އަލިމަނިކުފާނާއި ދޭތެރޭ ކުލުނު އުފެދިގެން މީނާގެ ދަރި އަބްދުﷲ ޚަތީބަށް އަންގައިގެން އަލިމަނިކުފާނު ދޫކޮށްލީއެވެ. އަލިމަނިކުފާނު މިނިވަންކުރިޔަސް އޮޑީގެ މީހުންނަށް ސުވައިދީބު ސަރުކާރުގެ ފަރާތުން އެންގުމެއް އެންގިއެވެ. އެ އެންގުމަކީ މިއޮޑިއަކީ އަލިމަނިކުފާނުގެ އޮޑިއެއް ކަމަށް ވިޔަސް މިދަތުރުގެ ބާކީ އޮތްބައިގައި އޮޑީގެ އެއްވެސް ކަމެއްގައި އަލިމަނިކުފާނުގެ ބަހަށް ކިޔަމަން ނުވުމެވެ. އަދި ޚާއްސަކޮށް އޮޑީގެ ނިޔަމިކަމާއި ގުޅޭ އެއްވެސް ކަމެއްގައި އަލިމަނިކުފާނު ނުބެއްސުމަށާއި މާލިމީ ހުސޭނު ބުނާ ގޮތަށް ދަތުރުކުރުމަށް އަމުރު ކުރިއެވެ. މިއެންގުން އަންގަނީ ސުވައިދީބުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ވެސް ބުންޏެވެ.

އަލިމަނިކުފާނުގެ މުދާ ނިލަންދޫއަށް ބޭލުން
އަލިމަނިކުފާނުގެ ބަހަށް ތަބާނުވުމަށް ތިނަދޫން އަމުރުކުރުމުގެ ކުރިން އަލިމަނިކުފާނު އޮތީ މިދަތުރުގައި އޭނާ ނިންމަންވާ އެންމެފަހު ނިންމުން ނިންމައިފައެވެ. ހުވަދޫއަށް ވަދެވުމާއެކު އެންމެ ފުރަތަމަވެސް ނިލަންދޫއަށް ކައިރިކޮށްފައި އޮޑީގައި ހުރި އަލިމަނިކުފާނުގެ އަމިއްލަ މުދާ ވަނީ ނިލަންދޫ އަށް ބާލައިފައެވެ. ނިލަންދޫގައި އަލި މަނިކުފާނުގެ އެއްބަފާ ދައްތައަކު އުޅެއެވެ. އެއީ ނިލަންދޫ މީހަކާ ކައިވެނިކޮށްގެން ދިރިއުޅޭ އަތިރަގޭ ދޮންމަނިކަ އެވެ. ނިލަންދޫއަށް ބޭލި މުދާ ހަވާލުކުރީ މިދައްތައާއެވެ. މިކަމެއް ކުރީ އައްޑޫގައި އަލިމަނިކުފާނަށް ވެސް އަދި އޭނާގެ މުދަލަށް ވެސް ރައްކާތެރިކަމެއް ނޯންނާނެކަން އޭނާއަށް ޔަގީން ވުމުންނެވެ.

އައްޑޫއަށް ދިއުން
މާލިމީ ހުސައިންގެ ނިޔަމިކަމުގައި އޮޑި ދަތުރު ކޮށްފައިގޮސް އައްޑޫ މާކަނޑުން އަތޮޅަށް ވަދެއްޖެއެވެ. އަތޮޅަށް ހަމަވަނުމާއެކު އާރްއޭއެފްގެ އެންމެ ބޮޑު ދުންބައްތެލި އޮޑި ކާރިއަށް މަޑުކޮށްފިއެވެ. އެ ބައްތެލީގައި ސުވާދީބު ސަރުކާރުގެ ރައީސް ހިތަދޫ އަބްދުﷲ އަފީފު އިންނެވިއެވެ. އަލިމަނިކުފާނު އާރްއޭއެފްގެ ބައްތެއްޔަށް ފޭބުމަށް އަފީފު އަމުރުކުރެއްވިއެވެ. އަލިމަނިކުފާނު ފޭބުމުން އޭނާ ގޮވައިގެން އަފީފު ވަޑައިގެންނެވީ ހިތަދޫ އަށެވެ. އަލިމަނިކުފާނުގެ އޮޑީގެ ފޮޓޯ ނެގީ އެދުވަހު އާރުއޭއެފް ދުންބައްތެލީގައި ހުރި އިނގިރޭސި ސިފައިންގެ ފޮޓޮގްރާފަރެވެ. ހިތަދޫ ބަނދަރަށް ބައްތެލި ކާރިކުރުމާއެކު ހިތަދޫ ބަޔަކު ގޮސް އަލިމަނިކުފާނުގެ ދުވަސް ދުއްވާލަން ދިމާކުރިއެވެ. ކޮންމެވެސް މިންވަރަކަށް އަލިމަނިކުފާނަށް އަނިޔާ ލިބުނު ކަމަށް ވެސް ކިޔަތެވެ. އަފީފު އެންގެވީ އަލިމަނިކުފާނަށް އެއްވެސް ގެއްލުމެއް ދީގެން ނުވާނެކަމަށާއި އަލިމަނިކުފާނު ހުންނާނީ ސުވާދީބުގެ ރައީސްގެ ސީދާ ބެއްލެވުމުގެ ދަށުގައި ކަމަށެވެ. އެއްވެގެން އުޅުނު މީހުން އަފީފުގެ މި އަމުރާއި ގުޅިގެން އެނބުރި އެމީހުންގެ ގޭގެއަށް ހިގައްޖެއެވެ.

ގިނައިރުތަކެއް ނުވަނީސް މީދޫން ދޯންޏެއް އަތުވެއްޖެއެވެ. އެ ދޯނީގައި އިސްމީހަކަށް ހުރީ އައިމިނަގެ ދަރިޔާ އެވެ. މީނާގެ އެދުމަކަށްވީ މީދޫ ރައްޔިތުންނާއި އަލިމަނިކުފާނު ހަވާލުކޮށްދިނުމެވެ. ދަރިޔާ މިތާކަށް ފޮނުވީ މީދޫ ނާފިޒު އެވެ. ބޭނުމަކީ އަފީފުގެ ރައްކާތެރިކަން އަލިމަނިކުފާނަށް ލިބުނަ ނުދީ އަލިމަނިކުފާނު މީދޫއަށް ގެންގޮސް ވާނެ އެއްޗެއް ވާން ދޫކޮށް ދެން ދިމާވާ ހުރިހާ ކަމެއްގެ އިލްޒާމު ފެންނާ މަނިކުފާނާއި ދެށިނާގެ އިބްރާހިމް ދީދީގެ ބޮލުގައި އެޅުވުމެވެ. އިރުކޮޅަކުން އަނެއްކާވެސް އެހެން ދޯންޏެއް މީދޫން އަތުވެއްޖެއެވެ. އެ ދޯންޏަކީ އަލިމަނިކުފާނުގެ ބަފައިބެގެ ދޯނި ކަމަށްވިޔަސް އޭގައި އަލިމަނިކުފާނާ ދެކޮޅު މީހުންނާއި އެއްކޮޅު މީހުންވެސް ތިއްބެވެ. އިސްކޮށް ތިބީ އިސްމެހެލިކަލޭގެ އަހައްމަދާ އާއި ކޮއްކޯގެ މަނިކުފާނާއި ބަންކެއުވަލިގޭ އަހުމަދު ބެއްޔާއި ދޮންބީގެ އިބިރިހިމް މަނިކާ އެވެ.

އަލިމަނިކުފާނު ގޮވައިގެން އަފީފު ހިތަދޫއަށް ވަޑައިގެންނެވިއަސް އޮޑި ނުހިފަހައްޓައެވެ. އޮޑި ދިޔައީ ހުޅުދޫ ބަނދަރަށެވެ. އެއީ މީދޫއަށް ވުރެ އަލިމަނިކުފާނު ހުޅުދޫ އަށް ގަދަވާނެ ކަމަށް ބަލައިގެންނާއި މާލިމީއަކަށް ހުރި ހުސޭނަކީ ވެސް ހުޅުދޫ މީހަކަށް ވުމުންނެވެ. އޮޑި ހުޅުދޫގައި ބަނދަރުކުރުމުން އިސްމެހެލި ކަލޭގެ އަހައްމަދާ އޮޑިއަށް އެރި އިރު އެންމެ ފުރަތަމަ ފެނުނު ކަމަށް ވަނީ އަލިމަނިކުފާނުގެ ތާކިހާ އެވެ. މީނާއަކީ ވަރަށް ލާނެތް މިޒާޖުގެ މީހެކެވެ. ތާކިހާ ނަގައި ބޮލުގައި އަޅައިގެން ހުރެ ތިމަންމީ އަލިމަނިކުފާނު ކަމަށް މީގެ ފަހުން ބަލާށޭ ބުނިކަމަށް ވެއެވެ. އޮޑީގައި ތިބި މީދޫ މީހުން މި ދޯންޏަށް ފައިބައިގެން މީދޫ އަށް ހިގައްޖެއެވެ.

އަލިމަނިކުފާނުގެ ގެ ތަޅައިލުން
އަލި މަނިކުފާނުގެ އޮޑި ހުޅުމީދޫގައި ބަނދަރުކުރީ ހިޖުރައިން 1378 ވަނައަހަރުގެ ރަމަޒާން މަހުގެ ތިންވަނައަށްވީ ހުކުރު ދުވަހު އެވެ. އެއީ މީލާދީ ސަނަތުން 1959 ވަނަ އަހަރެވެ. އޮޑިން ދަތުރުކުރި މީދޫ މީހުންގެ ތެރެއިން މާލޭގައި ހައްޔަރު ނުވެ ރަށަށް ދެވުނު މީހުންގެ ކިބައިން ކަންތައް އޮޅުން ފިލައި އަލިމަނިކުފާނު ދިން ކޮޅު ކެހި ސާފުވެ އަދި އެތައް ބަޔަކަށް ނުހައްގުން ލިބުނު އަނިޔާ އޮޅުން ފިލުމުން އަލިމަނިކުފާނާއި ދޭތެރޭ ރައްޔިތުންގެ ރުޅިވެރިކަން އިންތިހާއަށް ހިގައްޖެއެވެ.

ހުރިހާ ފިރިހެނުން ހުކުރުނަމާދުން ފައިބައިގެން ދިޔައީ އަލިމަނިކުފާނުގެ ގެއަށެވެ. އެދިޔަގޮތަށް ގޮސް އެމީހަކަށް ޖެހުނު ދިމާލަކުން ގެއަށް ހަމާލާދީފިއެވެ. އަލިމަނިކުފާނަށް ވަފާތެރި މީހުންގެ ތެރެއިން ދޮންބީގެ ބެއްޔާ އާއި ހަސަންބާގެ މުހައްމަދު ފުތާގެ ހިތްވަރުން ކުޑައިރުކޮޅަކަށް މި ހަމަލާތައް އޮބަހައްޓައިގެން ގެ ދިފާއުކުރިއެވެ. މިތަން ދެކޭން ގަނޑުވަރު ކަލޯބެއްޔާ ހުރެފައި މޮޅު ތަދުބީރެއްކޮށް ދޮންބީގެ ބެއްޔާގެ ފުރަގަހުން އޭނާގެ ގައިގައި ބައްދައި ބެއްޔާ މައިތިރިކޮށްފިއެވެ. އެވަގުތު އެހެން ބަޔަކު ގޮސް އަވަސް އަވަހަށް ބެއްޔާ ބަނދެލައިފިއެވެ. ހަސަންބާގެ މުހައްމަދު ފުތާ ވެސް މައިތިރިކުރީ މިގޮތަށެވެ. އެދެމީހުން ބަނދެލެވުނީމާ ދެން ގެ ތެޅުމަށް ހުރަސް އަޅާނެ ފަހުލަވާނަކު ނެތެވެ.

އެހިސާބުން ވާދޫގެ މޫސާކަލޯ ހެދިގޮތަކީ ފުންމައިގެން ގޮސް ގޭގެ ފުރާޅު މައްޗަށް އަރައި އީޓުތައް ތަޅަން ފެށީއެވެ. މިތަން ދެކޭން ތިބި މީހުން މޮލަކީ ބޭ ކުރި ކަމަކީ އީޓު ތަޅާނިންމާލީއޭ ކިޔައިގެން ލަވަ ކިޔަމުން ގެންދިޔައެވެ. ލަސްތަކެއް ނުވެ ގެ ތަޅައި ސުންނާފަތިކޮށް ބިމާއި ހަމަކޮށްފިއެވެ. ބަދިގޭގައި ހުރި ސާމާނުތައްވެސް ތަޅައި ފުނޑުފުޑު ކޮށްފިއެވެ. މިކަން ހިނގިއިރު އަލިމަނިކުފާނުގެ ކުދިންގެ ތެރެއިން މުހައްމަދު ވަހީދު ފިޔަވައި ހުރިހާ ކުދިން ދިރިއުޅެނީ އެކުދިންގެ މާމަގެ ކައިރީގައި ފަޅަގަނޑިގޭގައެވެ. އޭރު ވަހީދާ، އިބްރާހިމް ވަހީދު، އަހުމަދު ވަހީދު، އަބްދުﷲ ވަހީދު އަދި ހަފުސާ މިއެންމެހާ ކުދިން މީދޫގައި ތިއްބެވެ. އަލިމަނިކުފާނުގެ އަންހެނުން ފާތުމައިދި ދިރިއުޅެނީ އަލިމަނިކުފާނުގެ ގޭގައެވެ. އެ ގެ ތަޅާލަން ވަދެ ފާތުމައިދި ނަމާދުގޭގައި ކިޔަވަން ހުއްޓާ ގަދަބާރުން އޭނާ މަގުމައްޗަށް ނެރުނީ އިސްމެހެލި ކަލޭގެ އަހައްމަދާ އެވެ. ގެ ތަޅައިލުމުގެ ކުރިން ތައްޓާއި އަންނައުނާއި އެބާވަތުގެ ގެންދަން ފަސޭހަ ތަކެތި ލޫޓުވުމުގެ ބުރެއްވެސް ދިޔައެވެ. ރަން ހުރިކަން އެގޭތީ އެތަކެތި ފެނޭތޯ ވެސް އުޅުނެވެ. އެކަމަކު މިފަދަ ދުވަހެއް އަތުވެދާނެ ކަމަށް އަލިމަނިކުފާނު އަބަދުވެސް ގަބޫލުކުރާތީ ރަންރިހީގެ ޖަމާ ހުރީ އަމާނާތެއްގެ ގޮތުން ހުޅުދޫ އެޅެހިށިގޭ އަބްދުލް މުހުސިނާއި ހަވާލުކޮށްފައެވެ. ބުނެވޭ ގޮތުގައި ބަފައިބެ އިބްރާހިމް ދީދީ އާއި ފެންނާ މަނިކުފާނުވެސް ތިބީ އަލިމަނިކުފާނުގެ ގެ ތަޅާލުމަށް ނުސީދާގޮތުން ވާގިދީގެންނެވެ. މިކަން ހުއްޓުވާކަށް އެއިން މީހަކު ކަމެއް ނުކުރެއެވެ.

ރައްޔިތުން ނުކުމެ މިކަމެއް ކުރިއިރު އޭގެ ތެރެއިން އެންމެ އިސްކޮށް ހުރިކަމަށް ގިނަ މީހުން ބުނާ މީހަކީ އެޅެބެއްޔާގެ އަބްދުﷲ ދީދީއެވެ. ދެން އެޅެގޭ މަޖީދެވެ. އެޅެބެއްޔާގެ ހަސަން ދީދީ އޭނާގެ އަންހެނުން ތުނޑާގެ ފާތުމައިދި އެމީހުންގެ ދޮށީ ދަރިފުޅު ޖުނައިދަށް ބަލިވެ އިންދައި މަންޒަރު ބަލަން ގޮވައިގެން ނުކުމެ ހުއްޓައި އިސްމެހެލިކަލޭގެ އަހައްމަދާ އައިސް ބުނެފިއެވެ. މިތަނުގައި ހިމޭނުން ހުންނަންޏާ އެއީ ރައްޔިތުންނާއި ދެކޮޅު މީހެކެވެ. ތިމަންނައަކީ ރައްޔިތުންނާއި ދެކޮޅު މީހެއްނޫނޭ ހަސަން ދީދީ ހަމަ ބުނުމާއެކު އޭނާގެ އަތުގައި ހިފާ ދަމަމުން އަލިމަނިކުފާނުގެ ގެއަށް ވައްދައިފިއެވެ. އޭރު ގޭގެ ފާރެއް ވައްޓަން ވެގެން ބަޔަކު ދަގަނޑުހޮޅިއެއްގައި ހިފަހައްޓައިގެން ތިއްބެވެ. ހަސަން ދީދީ ގޮސް ހިފީ ދަގަޑުހޮޅީގެ ކޮޅުގައެވެ. މި ހިފުމެއް ހިފިތަނާ ފާރުން ބައެއް މަތިން ވެއްޓިގެން އައިސް ހޮޅީގެ އަނެއް ކޮޅުގައި ޖެހި ހަސަން ދީދީ ހުރިކޮޅު މައްޗަށް އެރި ވަގުތު ހޮޅިން ޖެހުނީ ހަސަންދީދީގެ ކަންކަށިމަތީގައެވެ.

ހަސަންދީދީ އަކީ އަލިމަނިކުފާނުގެ ގެ ތެޅުމުގެ ތެރޭގައި އަނިޔާ ލިބުނު ހަމައެކަނި މީހާއެވެ. ހަސަންދީދީ އަށް ލިބުނީ ވަރަށް ވެސް ބޮޑު އަނިޔާއެކެވެ. ހެއެއްވެސް ނެތެވެ. ވަގުތުން ނަގައިގެން ދިޔައީ އަންހެނުންގެ ބައްޕަގެ ގެ އެޅެގޭ އިބްރާހިމް ދީދީގެއަށެވެ. ހަސަން ދީދީ ހޭ އެރި އިރު އޭނާގެ ބޭބެ އެޅެބެއްޔާގެ އަބްދުﷲދީދީ ކާރީގައި ހުއްޓެވެ. އޭނާ ކުރެން ހަސަން ދީދީ ސުވާލު ކުރިއެވެ. އަލިބެއްޔާގެ ގެ ތަޅާލަން ތިމަން ދިޔައިން ހެއްޔެވެ. އަސްތާ ކޮއްކޯއޭ ތިޔަ ޒާތުގެ ވިޔާނުދާ ވާހަކަ ނުދައްކައި ހިމޭނުން އޮންނާށޭ ބުނެ އަބްދުﷲ ދީދީ ޖަވާބު ދީފިއެވެ. ހަސަން ދީދީގެ ދަތްޕިލާ އޭރު އޮތީ ފުނޑު ފުނޑު ވެފައެވެ. މި ޒަޚަމްތަކުން ފަސޭހަވީ ގަމުގެ ހަސްފަތާލަށް ގޮސްގެން ވަރަށް ގިނަ ދުވަހުންނެވެ.

ދުނިޔޭގެ ކަން ހިނގާ މަގަކީ މިއެވެ. މި ހަސަންދީދީއަކު މިހައިރު ދިރިއުޅެނީ އަލިމަނިކުފާނުގެ ވަހީދާއާއި ކައިވެނިކޮށްގެން އެގޭގައެވެ. އަލިމަނިކުފާނުގެ ގޭގައެވެ. މިހައިރު އެހުރި ގެޔަކީ ކުރީގެ ގެ ތަޅާލުމުން ފަހުން ރާނައި ފައްކާކުރި ގެއެކެވެ. ހަސަންދީދީގެ 8 ކުދިންގެ ތެރެއިން ހަގަށްތިބި ފަސް ކުދިންގެ މާފަޔަކީ އަލިމަނިކުފާނެވެ.

ވާހަކަ ނިންމައިލުން
އަލިމަނިކުފާނު ދެކެ މީދޫ ރައްޔިތުން އައި ރުޅިއަކީ ހައްގު ރުޅިއެކެވެ. އެކަން އަލިމަނިކުފާނުވެސް ގަބޫލު ކުރިއެވެ. އަލިމަނިކުފާނު ކަންތައް ކުރިގޮތުން މީދޫގެ ޒުވާނުންގެ ތެރެއިން ދެ މީހަކު މަރުވެ އިތުރު އެތައް ބަޔަކަށް އޮތީ އަނިޔާ ލިބިފައެވެ. އެއީ ނުވާކަމަކަށް ހެދޭނެ ގޮތެއް ނެތެވެ. އަތޮޅުގައި އޮތީ ސުވައިދީބު ވެރިކަމެވެ. އެހެންކަމުން އަލިމަނިކުފާނުގެ ގެ ތަޅާލަން ދިޔަ މީހުންނާ ދެކޮޅަށް ދައުވާކުރާނެ މީހަކު ނެތި އަދި ދައުވާ ކުރެވޭނެ މާހައުލެއްވެސް ނެތި އެކަން އެހިސާބުން ނިމުނީއެވެ.

އަލިމަނިކުފާނަކީ ރަށުގެ ވެރިމީހާގެ ދަނބި ދަރިއެވެ. އެހެންވެ އޭނާއަށް ރައްކާތެރިކަން ލިބުނެވެ. އެ ރައްކާތެރިކަމަކީ ފެންނާ މަނިކުފާނާއި ދެށިނާގެ އިބްރާހިމް ދީދީ އާދޭސްކޮށްގެން އަފީފު ވަޑައިގެން އަލިމަނިކުފާނު ހިތަދޫއަށް ގެންދެވުމެވެ. މީދޫގެ ޖަގަޑާ މައިތިރިވަންދެން އަލިމަނިކުފާނު ހުރީ ހިތަދޫގައެވެ. މި ގެންދެވުމެއް އަފީފު ނުގެންދެވިނަމަ މީދޫ ރައްޔިތުން ތިބީ އަލިމަނިކުފާނުގެ ދުވަސް ދުއްވާލާ ގޮތަށެވެ.

ގެ ތަޅައިލިކަމަށް ވިޔަސް ފުރާނަ ސަލާމަތްވުމުން އަލިމަނިކުފާނު ހުރީ އުފަލުންނެވެ. މިކަމަކީ ފުރާނަ ސަލާމަތްވުން ދުރު ނުރައްކާތެރިކަމުގެ ކޮޅުނެތްކޮޅުގެ ހާދިސާއެއްކަން އަލިމަނިކުފާނަށް ކަށަވަރުވެގެންވެއެވެ. އަލިމަނިކުފާނުގެ ގެ ރައްޔިތުން ނިކުމެ ތަޅައިލީމާ އެކަން ފެންނާ މަނިކުފާނާއި ދެށިނާގެ އިބްރާހިމް ދީދީގެ ބޮލުގައި އެޅުވުމަށް އެ ދެމީހުންގެ ކޮއްކޮ ނާފިޒު މަސައްކަތް ކުރިކަން ސާބިތުވެއެވެ. މިކަން ސާބިތުވަނީ ނާފިޒު މާލެއަށް ފޮނުވާފައި ހުރި ސިޓީތައް ފަހުން ފެނުމާއި އެ ސިޓީތަކުގައިވާ މައިގަޑު ވާހަކަ އޭރު މާލޭގައި ނެރޭ ވިޔަފާރި މިއަދު ނޫހުގައި ޝާއިއުކޮށްފައިވާތީ އެވެ. ކޮންމެއަކަސް ފެންނާ މަނިކުފާނާއި ދެށިނާގެ އިބްރާހިމް ދީދީ މި ގެ ތަލާލުމުގައި ދައުރެއް އަދާކުރިކަން އަދި ނޫންކަން ސާބިތު ކުރެވޭނެ ގޮތެއް ނެތެވެ. އެކަމަކު އެ ދެމީހުން މަސައްކަތްކޮށްގެން އަލިމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރި ކުރުމަކީ ސާބިތު ކުރެވެން އޮތް ކަމެކެވެ. އަލިމަނިކުފާނުގެ އޮޑިއަށް ވީގޮތަކީ މިދަތުރު ނިންމާފައި ހުޅުދޫ ބަނދަރުގައި ދުވަސްކޮޅަކު ބޭއްވުމަށްފަހު ހުޅުދޫ އަށް އެހެލީ އެވެ. އޮޑި ހަލާކުވެ ނެތިގެން ދިޔައީ އެގޮތަށް އެހެލާފައި ހުއްޓައެވެ. (ނިމުނީ)
                 -------------------

ލިޔުއްވީ: އަޙުމަދު މުޖްތަބާ އުނިސާރިގެ/ ސ.މީދޫ