އަތިރަގޭ އަލިމަނިކުފާނުގެ ޖަގަޑާ 2











ރާއްޖެ އާދެވުން
އޮޅުދޫ ކަރައިން ފުރައިގެން ދަތުރުކޮށްފައި އައިސް ހަފުތާއެއް ފަހުން ރާއްޖޭގެ ސަރަހައްދަށް އާދެވިއްޖެއެވެ. އޭރު ވައި ހިނދި އޮޑީގެ ދުވެލި މަޑުވެއްޖެއެވެ. ހަތްވަނައަށް ވީދުވަހުއިރުއޮއްސެން ކާރިވެފައި ވަނިކޮށް ރަށެއް ފެނިއްޖެއެވެ. ކޮންތަނެއްތޯ ބަލަން ކުނބަށް އެރި މީހާ ބުންޏެވެ. ވަކި ރަށެއް ނޭގެއެވެ. ވަކިރަށެއް ބަލާލަން ކާރިކުރަމާ ބަހީއެވެ. އިރުއޮއްސުނުއިރުވެސް އެއީ ކޮން ރަށެއްކަމެއް ނޭގުނެވެ. އިރުއޮއްސި އަނދިރިވުމުން ރަށުގެ މަލަމަތިން ބޮއްކެއްގެ އަލި ފެނެއެވެ.

މި ހިސާބުން އޮޑި ހަލަބޮލި ވެއްޖެއެވެ. އެއްބަޔަކު ބުނެފިއެވެ. ތިޔައީ މާލެ އެވެ. އަނެއްބަޔަކު ބުންޏެވެ. ތިޔައީ ފޮއްތެޔޮމުލި ކަމަށްވެސް ވެދާނެއެވެ. ފޮއްތެޔޮ މުއްޔަކީ ވ. އަތޮޅު އިރުމަތީ ފަރާތު ފަރެވެ. އެއީ ކޮންމެ ތަނަކަށްވިޔަސް ވަރިހަމަކަމަށް ބަލައިގެން އެދިމާއަށް އޮޑި ދުއްވިއެވެ. މިގޮތަށް ދުއްވަނިކޮށް ކަނޑުމަތި އަޅައިފިއެވެ. ވައިބާރު ވެއްޖެއެވެ. އޮޑި ދުއްވޭ ވަރެއްނުވެއެވެ. އޮޑީގެ ތެެރެއަށް ވެސް ރާޅު ފޮނު އަރައެވެ. ކަނޑުމަތި އެޅުމުގެ އާފާތް ބޮޑުވެގެން ދެން ހެދިގޮތަކީ ތައްޓުމަތީގައި އޮތް ކާއްޓެއް ނަގައި ޑަބިޔަލަކާ އެއްކޮށް ވާގަނޑަކުން ބަނދެފައި ކަނޑަށް އެއްލައިލީ އެވެ. އެހިސާބުންކަނޑުމަތި އޮބާލައިފިއެވެ. ފަތިސްވިއިރު އޮޑި އޮތީ ގާދޫކޮލާއި ދިމާލުން ފަރާއި ވަރަށް ގާތުގައެވެ.

މާލޭ ފަޅަށް ވަނުން
އިރު އެރުއެރުމުން އަލިމަނިކުފާނު ބުންޏެވެ. ކުދީންނޭވެ. ކޮންމެގޮތެއްވިޔަސް މިތިބީ މާލެ ކާރީގައެވެ. ދެވެން ހުރި ތަނަކަށް ދެވޭނެތާއެވެ. ކަލޭމެން ކުދީން އުޅުނީ މާލެ ނުދާން ވެގެންނެވެ. އެކަމަކު އާދެވުނީ މާލެއަށެވެ. މާލެ ދިއުމަކުން ވަކި ގެއްލުމެއް ނުވާނެއެވެ. އެހެންވީމާ ދެން ހަދަންވީ ގޮތަކީ މާލެއަށް ފައިބާފައި ދެން ރަށަށް ދިއުމެވެ.

ފަޅުވެރިން ބުނެފިއެވެ. އަތޮޅު މީހުން މާލެ އާއި ޖަގަޑާ ހަދައިގެން ތިއްބައި ތިޔަ ތަނަށް ފައިބާކަށް ބޭނުމެއް ނޫނެވެ. މިއަރާރުމެއްގައި ތިއްބައި އޮޑި ގާދޫ ކޮލުން ވަދެއްޖެއެވެ. ހަމަވަނުމާއެކު އޮޑިދޮށަށް މީރުބަހުރު އައިސް އަހައިފިއެވެ. ތިޔައީ ކޮންރަށެއްގެ ކާކުގެ އޮޑިއެއްހެއްޔެވެ. އޮޑިން ޖަވާބު ދިނެވެ. މިއީ އައްޑުއަތޮޅު މީދޫ އަތިރަގޭ އަލި މަނިކުފާނުގެ އޮޑިއެވެ. މީގައި މިތިބީ އައްޑު އަތޮޅު މީހުންނެވެ. މީރުބަހުރު އަންގައިފިއެވެ. ކަލޭމެން ގަލު ބޭރަށްދާށެވެ. މީރުބަހުރުގެ އެންގުމަށް އޮޑި ގޮސް މަޑުކުރީ ގަލު ބޭރަށެވެ. އެތަނުގައި ތިބޭތާ އެއްދުވަސްފަހުން އަނެއްކާ ވެސް މީރުބަހުރު ގޮސް ބުނެފިއެވެ. ކަރަންޓީނު ފިލީއެވެ. ކަލޭމެން މާލޭގެ ފަޅަށް ވަންނާށެވެ. އޭރު ވައި ހުރިގޮތުން ސީދާ މާލެއަށް ދުއްވޭނެ ގޮތެއްނުވިއެވެ. ހޭރިޔާ ކުރަމުންގޮސް މާލެއާ ކައިރި ކުރެވުނީ އެދުވަހުގެ އިރުއޮއްސުނު ވަގުތުއެވެ. ކާރިކުރެވުނީ މާތިލަމަތި ކިޔާ ދިމާލަށެވެ. އެއީ ވިލިގިއްޔާއި ދިމާލުން އޮންނަ ތިލަ ގަނޑަކަށް ކިޔާނަމެވެ. އެތަނަށް އޮޑީގެ ނަގިލި ވައްޓާލައިގެން އެރޭ މަޑުކޮށްގެން ތިބީއެވެ. ޖެހިގެން އައިދުވަހު އަނެއްކާ މީރުބަހުރު އައިސް ބުންޏެވެ. ކަރަންޓީނު މުޅިން ފިލީއެވެ. ކަލޭމެން ފެންވަރަން މާލެ ފޭބިއަސް އެންމެ ރަގަޅެވެ. ކަލޭމެންގެ މައްސަލައެއް އޮތީކީވެސް ނޫނެވެ. ތިޔައީވެސް މިގައުމުގެ ރައްޔިތުންނެވެ.

މާލެއަށް ފޭބިމީހުން
މާލެއަށް ފޭބުމުގެ ހުއްދަ ލިބުމުން އޮޑީގެ ބޮއްކުރާއިން ހަ މީހަކު މާލެއަށް ފައިބައިފިއެވެ. އެމީހުންނަކީ އަތިރަގޭ އަލިމަނިކުފާނު، އައްޓިއަރި އަހުމަދު ދީދީ، އައްޓިއަރި މުހައްމަދު ދީދީ، ބޭބެއަލިޔަގެ ހުސޭނު އަދިވެސް އިތުރު ދެ މީހެކެވެ. އަލިމަނިކުފާނު ފޭބިގޮތަށް ކޮންމެވެސްތާކަށް ގޮއްސިއެވެ. އޭރު އަލިމަނިކުފާނުގެ ދޮށީ ފިރިހެން ދަރިފުޅު މުހައްމަދު ވަހީދު ހުންނަނީ މާލޭގައި ކިޔަވާށެވެ.

މާލެއަށް ފޭބިމީހުންނާއި އަތިރިމަތިން ދިމާވީ ފުވައްމުލަކު އޮޑިއެއްގެ ބަޔަކާއެވެ. މާލޭގެ ޚަބަރު ދަބަރު އޮޅުން ފިލުވައިލީމާ ފުވައްމުލަކު އޮޑީގެ މީހުން ބުނެފިއެވެ. ސުބްހާނަﷲ އެވެ. ޚަބަރުގެ ވާހަކައެއް ނެތެވެ. މިފަހަރު ޓެކްސް ނެގީ މާގިނައިންނެވެ. ޓެކްސް ނެގިނެގީނުން އޮޅުދޫކަރައިން ގެނައި އެތިކޮޅަށް ދާންދެން ހުސްކޮށްފިއެވެ. އަންނައުނު ގަނޑަށްދާދެން ނަގައިފިއެވެ. އެހެންވެގެން މިތިބީ މުޅީން ގަރީބުވެ ނިކަމެތިވެފައެވެ.

މި ލިބުނު ޚަބަރަކުން ރަށުގެ ތެރެއަށް ނުގޮސް އަވަސް އަވަހަށް ބޮއްކުރާ އަށް އަރައިގެން އޮޑި ދޮށަށް ގޮސް ބުންޏެވެ. މިތިބީ ލަނޑު ލިބިފައެވެ. ދެން ހެދޭނެ ގޮތެއް ނެތެވެ. މިތިބެވެނީ ފޭރޭ ރާއްޖެއަށް އާދެވިފައެވެ. އަލިމަނިކުފާނު އަންގާފައި އޮތީ މެންދުރު 12 ޖަހާއިރު އޭނާ ބަލައި ދިއުމަށެވެ. ބާރަ ޖެހުމާއެކު ބަޔަކު އަލިމަނިކުފާނު ބަލައި ގޮއްސިއެވެ. އަލިމަނިކުފާނު ގޮވައިގެން އޮޑިއަށް ގެނެސް ފުރަން ތައްޔާރު ކޮށްފިއެވެ. ނަގިލިނަގައި ރިޔާ ނެގުމަށް ތައްޔާރުވިތަނާ އަލިމަނިކުފާނު ބުނެފިއެވެ. ތިމަން ބާލާފައި ނޫނީ ނުދެވޭނެއެވެ. މިއީ ތިމަންގެ އަމިއްލަ އޮޑިއެވެ. ކަލޭމެންނާއި ބެހުމެއްވާ އެއްޗެއް ނޫނެވެ. ފަޅުވެރިން ބުންޏެވެ. އަލިމަނިކުފާނު ފަދައިން ތިމަންމެން ވެސް މި ބަލަނީ މިއީ ތިމަންމެންގެ އެތިގަނޑެއްގެ ގޮތުގައެވެ.

އަލިމަނިކުފާނު ބުންޏެވެ. އަހުރެންގެ ދަރި މުހައްމަދު ވަހީދުއާއި ބައްދަލުކޮށްފައި ނޫނީ ނުފުރާނަމެވެ. ގެނައި ފައިސާވެސް ހުރީ މާލޭ ގައެވެ. ދެން މާލެ އާދެވޭނެ ކަމުގެ އުއްމީދެއްވެސް އޮތީއެއް ނޫނެވެ. އެހެންވީމާ ތިމަން މިތަނަށް ކަނޑަށް ވައްޓާލާފައި ކަލޭމެން އޮޑިއާއިގެން ދާނެތަނަކަށް ދާށެވެ. ތިމަންގެ މައްސަލައެއް ނެތެވެ. ޝަކުވާއެއް ވެސް ނުކުރާނަމެވެ. ގައިމުވެސް އައްޑޫއަށް ދާން ބޭނުމެއް ނޫނެވެ އަލިމަނިކުފާނު އެބުނި މުހައްމަދު ވަހީދަކީ އޭނާގެ ދޮށީ ދަރިފުޅެވެ. މުހައްމަދު ވަހީދު ހުރީ ސަރުކާރުގެ ހޮސްޓެލް ދާރުލްއިގާމާގައެވެ. އެއީ ރާއްޖެތެރޭ ކުދިން މާލޭގައި ކިޔަވަން ތިބޭ ގެއެވެ. ކަންދިމާކުރި ގޮތުން އައްޑޫ ބަގާވާތާއި ގުޅިގެން އައްޑޫ ހުރިހާ ކުދިން ސަރުކާރުން އެތަނުން ނެރެ މަގުމަތިކޮށްލައިފިއެވެ. މަގުމަތިވީމާ މުހައްމަދު ވަހީދު ގެންދިޔައީ ޖައުފަރު ކަމާލުއްދީން ކިޔާ މީހަކު އޭނާގެ ގެއަށެވެ. އެއީ މއ އެވަރލާސްޓް ކިޔާގެއެވެ. އެގޭގައި ތެލި ތަށިފަދަ ތަކެތި ދޮވެދީ ބާޒާރުކޮށް މިޒާތުގެ ބުރަ މަސައްކަތްކޮށްގެން އުޅެނިކޮށް ބޮޑުފެންވަޅުގޭ ސީދީއަށް މިކަން އެނގިވަޑައިގެން މުހައްމަދު ވަހީދު ބޮޑުފެންވަޅުގެއަށް ގެންދަވައިފިއެވެ. ސީދީއަކީ މުހައްމަދު ވަހީދުގެ މާފަ ދެށިނާގެ އިބްރާހިމް ދީދީގެ ދެބޭންގެ ދަރި މީހެކެވެ. އަލިމަނިކުފާނު މާލެ ފޭބިއިރު މުހައްމަދު ވަހީދު ހުރީ ސީދީގެ ބެއްލެވުމުގެ ދަށުގައި ބޮޑުފެންވަޅުގޭގައެވެ.

އަލިމަނިކުފާނު މިހެން ބުނެފައި ކަނޑަށް ފުންމާލަން ތައްޔާރުވެއްޖެއެވެ. އެވަގުތު އޭނާގެ އެންމެގާތް މީހުން ކަމުގައިވާ ކުންނިއަރު އިބްރާހިމް ދީދީ އާއި ކަލޯގެ އަހުމަދާއި ސަންފާގެ މަނިކާ ހެދިގޮތަކީ ހިފައި ހައްޔަރުކުރީއެވެ. އަލިމަނިކުފާނު ބުންޏެވެ. ތިމަން މާލެއަށް ބާލައި ދޭށެވެ. އޭރުން މާދަމާ ރޭ ކަލޭމެންނަށް ފުރޭނެ ގޮތް ހަމަޖައްސައިދޭނަމެވެ. އޮޑީގައިތިބި މީހުންގެ ޝަކުވާ ސަރުކާރުގައި ނުކުރާނެކަމަށް ހުވައިވެސް ކުރިއެވެ. އައްޑޫއަށް އޮޑި ގެންގޮސްދޭނެ ރަގަޅު މާލިމީއަކު ހޯދައިދޭ ވާހަކަވެސް ބުންޏެވެ. އޭރު މާލޭގައި މާލިމީ ހުސައިން ހުރިކަން އެގެއެވެ. މި ހުސައިނަކީ އެޅަތޮށިގޭ ހަސަން ތައްކާނުގެ އަންހެނުން ރަމްލާގެ ބައްޕައެވެ. އޭނާ ހުރީ އޭރު ރަށަށް ދާނެ އޮޑިއަކާއި ދިމާނުވެގެން މާލޭގައެވެ.

އަލިބެއްޔާގެ މުހައްމަދު ދީދީއަށް ފެނުނު ހުވަފެން
އެރޭ އޮޑީގައި ނިދާފައިވަނިކޮށް އަލިބެއްޔާގެ މުހައްމަދު ދީދީއަށް ހުވަފެނުގައި ފެނުނީ ސިންތިއާ ކިޔުނު ލޯންޗު އައިސް އެންމެން ނަގައި ހައްޔަރުކޮށްގެން ފަނޑިޔާރުގެއަށް ގެންދިޔަތަނެވެ. މި ހުވަފެނުގެ ވާހަކަ އެއްވެސް މީހެއްގެ ކާރީގައި ނުބުނެއެވެ. އެކަމަކު ކަންތައް ވެދާނެގޮތަކާ ދޭތެރޭ ފިކުރު ބޮޑުވެފައި ހުރީއެވެ.

މަސް މާރުކޭޓުން މާނިޔަ މަހެއް ގަތުން
މާދަމާ ރޭ ފުރޭނެކަމުގެ އުފަލުގައި ސިއްރު ސިއްރުން މަދު ބަޔަކު މާލެއަށް ފައިބައިފިއެވެ. އަލިބެއްޔާގެ މުހައްމަދު ދީދީ އާއި ޕާރޓީ މުހައްމަދު ވެސް ފޭބިއެވެ. އޮޅުދޫ ކަރައިން ދިވެހިރާއްޖެ އަށް އާދެވުނުއިރު އޮޑީގައި އަދިވެސް ކޮންމެވެސް ވަރަކަށް ހިކިމަހާއި ބޮއްޔާއި ރޯނު ހުއްޓެވެ. މާލެ ފައިބާފައި އެތަކެތި ބާޒާރަށް ވިއްކާލައިފިއެވެ. މި ވިޔަފާރިން ލިބުނީ ވަރަށް މަދު ފައިސާކޮޅެކެވެ. އޭރު މަސްމާރުކޭޓު ހުންނަނީ އެމްޓީސީ ބިލްޑިންގް މިހާރު އެހުރިތާގައެވެ. ފަޅުވެރިން މަސް މާރުކޭޓަށް ވަދެ މާނިޔަ މަހެއްގެ އަގު އަހާލިއިރު އެންމެ ބޮޑު މަހެއްގެ އަގަކީ ދެ ރުފިޔާއެވެ. މަސްކާހިތްވެފައި ތިބިވަރުން ދެ ރުފިޔާ ދީފައި މަހެއް ގަނެފިއެވެ. މަސް ހިފައިގެންގޮސް އޮޑިއަށް އަރާ އޮޑީގެ ކައްކާ ކަޅޮބެއްޔާ އާއި ހަވާލު ކުރުމަށްފަހު ރޭގަނޑު ކާންވާ ގަޑިއަށް ތައްޔާރުކޮށް ދިނުމަށް އަންގައިފިއެވެ.

ސިންތިޔާގައި ސިފައިން ގޮސް މީހުން ހައްޔަރު ކުރުން
އިރުއޮއްސިއްޖެއެވެ. އޮޑީގެ މީހުން ފެންވަރައި ނަލަ ހެދިގެން އިޝާ ނަމާދުކޮށް އެކި މީހުން އެކިކަންކަމާއިގެން މަޝްއޫލް ވެއްޖެއެވެ. އަލިބެއްޔާގެ މުހައްމަދު ދީދީ އާއި އައްޓިއަރި އަހުމަދު ދީދީ އާއި އަލިބެޔާގެ ހުސޭނާއި ތިންމީހުން ތިބީ ވާހަކަ ދައްކާށެވެ. ކުއްލިއަކަށް އިންޖީނެއްގެ އަޑު އިވެން ފަށައިފިއެވެ. އެ މީހުން އެކަކު އަނެކަކަށް ބުންޏެވެ. ސިންތިޔާ އަންނަނީއެވެ. ސިންތިޔާއަކީ އިންޖީނުލީ ކުޑަކުޑަ ބައްތެއްޔެކެވެ. އޭރު މާލޭގައި އޮންނަނީ އިންޖީނުއެޅި އުޅަނދަކަށް ސިންތިޔާ އެކަންޏެވެ. އައްޓިއަރި އަހުމަދު ދީދީ ބުންޏެވެ. ތިޔަ ސިންތިޔާއެއް އެ އަންނަނީ ހެޔޮކަމަކާއިގެނެއް ނޫނެވެ. އަލިބެއްޔާގެ މުހައްމަދު ދީދީ ބުނެފިއެވެ. އަހައްމާބޭއެވެ. އަހަރެމެންގެ ކަންތައް މި ނިމުނީއެވެ. ސިންތިޔާ އެއަންނަނީ އަހަރެމެން ބަނދެ ހައްޔަރު ކުރަންވެގެންނެވެ.

މިހެން ކިޔާފައި ތެދުވެ ފިލާގަނޑުގައި ފައިން ޖަހާފައި ބުންޏެވެ. ބަނދެ ހައްޔަރު ކުރުމުގެ ކުރިން ގައިގައި ހުރި ބާރެއްވެސް ދައްކާލަންވާނެއެވެ. ކައިގެން ގައިގައި ބާރުޖައްސާލަން އަންނަހަރޭ ކިޔާފައި ދުވެގޮސް ބަދިގެއަށް ވަދެ މަސް ކާންފަށައިފިއެވެ. ފަޅުވެރިން ކާންތިއްބައި ސިންތިޔާ ފުރަތަމަ ދިޔައީ ވިލިގިއްޔާއި ދިމާލަށެވެ. ވަކި ހިސާބަކުން އަނބުރާލާފައި އައިސް އޮޑިކާރިއަށް މަޑުކޮށްފިއެވެ. އަނެއްކާވެސް އަނބުރާލާފައި ތަންކޮޅަކަށް ދުއްވާފައި އޮޑި ދޮށަށް އަތުވެއްޖެއެވެ. މިފަހަރު މަޑުކޮށްފައި ސުވާލު ކުރިއެވެ. މިއީ ކާކުގެ އޮޑިއެއްހެއްޔެވެ. އޮޑީގެ ވެރިޔާ ކޮބައިހެއްޔެވެ. ސުވާލުކުރަން ފެށީމާ ސަންފާގެ މަނިކާ ޖަވާބުދިނެވެ. އޮޑީގެ ވެރިންނަކީ މާދަރިގޭ އަބްދުﷲ ދީދީ އާއި މުދިން މުހައްމަދު ދީދީއެވެ. މަނިކާގެ ޖަވާބު އަޑު އިވިގެން އޮޑިން އެހެންމީހަކު ބުންޏެވެ. މަނިކާ އެކިޔާ ނަންތަކަކީ އޮޑީގެ ވެރިންގެ ނަންތަކެއް ނޫނެވެ. އެއީ އޮޑީގެެ ފަޅިވެރީންނެވެ. އޮޑީގެ ވެރިޔަކީ މަނިކާއެވެ.

އެވަގުތު ސިފައިން މަނިކާ އޮޑިން ބާލައިފިއެވެ. އެންމެ ފުރަތަމަ ބޭލި މީހަކީ މަނިކާއެވެ. ދެން މީހަކަށްފަހު މީހަކު ބާލަމުން ގޮސް އެންމެ ފަހުން ބޭލީ ޕާރޓީ މުހައްމަދު އާއި އަލިބެއްޔާގެ މުހައްމަދު ދީދީ އެވެ. އެދެމީހުން ތިބީ އޮޑީގެ ފަލްކާ މަތީގައި ހަމަޖެހިލައިގެން ރޭގަނޑުގެ ކެއުމުގައެވެ. ކުއްލިއަކަށް ސިފައިންގެ މީހަކު އެ ދިޔަގޮތަށް ގޮސް މި ދެމީހުންގެ ބޮލުގައި އެތިފަހަރެއް ޖަހާފައި ބުންޏެވެ. ހަމަ މިހާރު އޮޑިން ފައިބާށެވެ. މިހެން ބުނުމުން އެ ދެ މީހުންވެސް ބައްތެލިގަނޑަށް ފުންމާލައިފިއެވެ. ބައްތެލި ގަނޑު އޮތީ ސިންތިޔާގެ ފަހަތުގައި ބަނދެފައެވެ. މި މީހުން އަތް ދޮވުނީވެސް ބައްތެލި ގަނޑަށް ފުންމާލާއިގެން ތިބެ މޫދަށް އަތްބާނައިގެންނެވެ. ކައިގެން ފެން ފޮދެއް ބޮވޭނެހާ ވަގުތުކޮޅެއްވެސް ނުދިނެވެ.

އޮޑީގެ އެންމެން ގެންދިޔައީ ފަނޑިޔާރުގެއަށެވެ. އޭރު ފަނޑިޔާރުގެ ހުންނަނީ މިހާރުގެ ބަންޑާރަކޮށި ހުރިތާގައެވެ. ފަނޑިޔާރުގޭ ފާރު ކާރީގައި އެއްކޮޅުން އަނެއްކޮޅަށް އެންމެން އަތުރާލައިފިއެވެ. ކޮންމެ މީހަކުވެސް ބެހެއްޓީ އެކަކު އަނެކަކަށް ވާހަކަދައްކާއިރު އަޑު ނީވޭ ހިސާބު ދުރުގައެވެ. އިރުގަނޑެއްފަހުން މީދޫގެ ދިހަ މީހެއްގެ ނަން ގޮވައިފިއެވެ.

ފަނޑިޔާރުގެއަށް ފުރަތަމަ ވެއްދި ދިހަ މީހުން
އެމީހުންނަކީ މުދިންބޭބެ، މާދަރިގޭ ބޭބެ، ސަންފާގެ މަނިކާ، ވަށޮދިޔަގެ ބެއްޔާ، އެޅަތޮށިގޭ ހަސަންބެއްޔާ، އައްޓިއަރި އަހައްމާ ދީދީ، އައްޓިއަރި މުހައްމަދު ދީދީ، ކުންނިއަރި އިބްރާހިމް ދީދީ، މިސްކިތްދޮރެގޭ އަހައްމާބޭ އަދި އަލިބެޔާގެ ހުސޭނު މިއެވެ.

މި ދިހަ މީހުންގެ ނަން ގޮވުމަށްފަހު ފަނޑިޔާރުގެއަށް ވެއްދީ ފަހަރަކު މީހެކެވެ. ސުވާލު ކުރީވެސް ފަހަރަކު މީހަކާއެވެ. އެންމެނާއި ސުވާލު ކުރުމަށްފަހު ބައެއް މީހުން ހައްޔަރުކޮށް އަނެއް ބަޔަކު ދޫކޮށްލައިފިއެވެ. އޭރު ރޭގަނޑު 12 ޖެހުމުން މާލޭގެ ހުރިހާ ބޮކިތައް ނިވޭނެއެވެ. ބޮކި ނިވުމުގެ ކުރިން އެރޭގެ ޝަރީއަތް ވެސް މިބީދަޔަކުން ނިންމާލައިފިއެވެ.

ދޫކުރެވުނު މީހުން ދިޔައީ އޮޑިއަށެވެ. އޮޑިއަށް ދިޔައިރު އޮޑީގެ ރިޔަލެއްނެތެވެ. ރިޔާ ވަނީ ސިފައިންގެ ބެލުމުގެ ދަށުން ފަނޑިޔާރުގެ އަށް ގެންގޮސްފައެވެ. ރޭގަނޑު ކެއުމަށް ކައްކާފައި ހުރި އެތިކޮޅުވެސް ނެތެވެ. އެއިގެ ބައެއް ވަނީ އޮޑީގެ ތައްޓު މައްޗަށް އަޅާފައެވެ. އެރޭ ތިބެން ޖެހުނީ ނުކައެވެ.

އަނެއްދުވަހު ހެނދުނު އޮޑި ދޮށަށް ގޮސް ސިފައިން އެންގީ ކަނޑިންމައިން އެތެރެއަށް ވަނުމަށެވެ. ދެވޭނެ ގޮތެއް ނެތުމުން ސިފައިން ހެދި ގޮތަކީ އޮޑީގައި ވާ ޖަހާފައި ގެންގޮސް ކަނޑިންމައިން ވައްދައިދިނީއެވެ. ދެން ކޮންމެދުވަހަކުވެސް ގެންދަނީ ތަހުގީގަށެވެ. ތަހުގީގުގައި ކުރާ ސުވާލަކީ ކުށްވެރިޔަކު ހުރިއްޔާ ބުނެލާށެވެ. ކުށްވެރިއަކަށްވާ ގޮތެއް ނޭގެއެވެ. މިކަމުން ސަލާމަތްނުވެގެން ލަސްވެގެން އެއްބަޔަކު ގަސްތުކުރީ ހުރިހާ މީހުންނަކީވެސް ކުށްވެރީންކަމުގައި ބުނެ ހައްޔަރު ވުމަށެވެ. އެންމެން ހައްޔަރުވުމަކީ އެންމެ ރަގަޅު ގޮތް ކަމުގައި ވާހަކަ ދައްކަނިކޮށް މިސްކިތްދޮރެގޭ އަހައްމާބޭ ބުނެފިއެވެ. ކުދީންނޭވެ. ތިޔަހެން ހަދާކަށް ނުވާނެއެވެ. މަސައްކަތްކޮށްގެން ހޯދައިގެން ގެނައި އެތިކޮޅުވީ ވެސް އޮޑީގެ ތެރޭގައެވެ. ރަށުގައި ތިބިބަޔަކަށް އެއެތިކޮޅު ލިބޭނީވެސް ކޮންމެފަދަ ހާލެއްގައި ޖެހިގެން ވިޔަސް ރަށަށް ގޮސްގެންނެވެ. އެހެންވީމާ މި ބަލާވެރިކަމުން މިންޖުވާނެ ގޮތެއް އޮތިއްޔާ އެގޮތެއް ހޯދާނީއެވެ. އޮޑީގައި ތިބި އެންމެނަކީ މީދޫ މީހުންނެއް ނޫނެވެ. ހުޅުދޫ މީހުންވެސް ތިއްބެވެ. އެފަރުތެރޭގެ މީހުންވެސް ތިއްބެވެ. އެފަރުތެރޭގެ މީހުންގެ ތެރޭގައި ފޭދޫ ވެއުކަނދިގޭ އަލި ރަހާ ހިމެނުނެވެ. އަލިރަހާބުންޏެވެ. މަ އެވަރަށް ތެދު ބުނީމާ އަނެއްކާވެސް މިގެންދަނީ މަ ލައްވާ ކޮންވާހަކައެއް ދައްކުވަން ހެއްޔެވެ. ހުޅުދޫ ހަ މީހަކު ތިއްބެވެ. އޭގެ ތެރޭގައި ގަސީމު އާއި އަތިރަގޭ މުހައްމަދު ތައްކާނު ހިމެނެއެވެ. މަރަދޫން ފަސް މީހެކެވެ.

ފަނޑިޔާރުގެ އަށް ގެންގޮސް ކަދީދަގެ ކަޅާ އާއި ސުވާލު ކުރުމުން އޭނާ ބުނީ ތިމަންނައަށް އެއްވެސްކަމެއް ނޭގެއެވެ. ތިމަންނައަކީ އޮޑީގެ ކައްކާއެވެ. ތިމަންނައަށް އެގެނީ ކައްކަންވާ ގޮތެވެ. އަދި ކާން ދޭންޖެހޭ މީހުންގެ އަދަދެވެ.

މާލޭގައި ހައްޔަރު ކުރެވުނު މީހުން
އަލި މަނިކުފާނުގެ އޮޑީގައި އައްޑުއަތޮޅުން ފުރީ ސާޅީސްމީހުންނެވެ. މާލޭގައި ހިންގުނު ތަހުގީގުންނާއި އަދި އަލިމަނިކުފާނުގެ މަޝްވަރާއަށް ބަލައިގެން ފަނޑިޔާރުގެއިން ކުށްވެރިކުރީ އޭގެތެރޭން ވިހިމީހުންނެވެ. ކުށްވެރިން ކަމަށް އަލިމަނިކުފާނު ބުނެފައި އޮތީ އޭނާއާ ބޮޑަށް ދެކޮޅުހެދި މީހުންނެވެ. ކުށްވެރިނުވާ ކަމަށްވީ އަލިމަނިކުފާނުގެ ފަރާތަށް ތިބި މީހުންނެވެ.

ތަޅާފައި އަރުވާލި ބައެއް މީހުން
ފަނޑިޔާރުގެއިން ހުކުމްކުރީ ތައުޒީރުކޮށްފައި އަރުވާލުމަށެވެ. އިސާހިތަކު މި ތެޅުމެއް ތަޅައިފިއެވެ. ތަންކޮޅެއް ޒުވާންކޮށް ސަމައްތަރު ހެޔޮކޮށް ހުރި މީހެއް ވިއްޔާ ވަކިން ބޮޑަށް އަނިޔާކޮށް ވަކިން ބާރަށް ތެޅިކަމަށްވެއެވެ. އެންމެ ބޮޑަށް އަނިޔާކުރީ ހަތް މީހަކަށެވެ. އެ ހަތް މީހުންނަކީ މާދަރިގޭ ބޭބެ، މުދިން ބޭބެ، ކުންނިއަރި އިބްރާހިމް ބޭބެ، ކަޅޮބެއްޔާ، އަލިބެޔާގެ ހުސޭނު އަދި އައްޓިއަރި އަހައްމާ ބޭބެ އެވެ. ކުށްވެރިވީކަމަށް ނިންމައި ވިހި މީހަކު ދުއްރާއިން ތެޅުމަށްފަހު ވަކި މުއްދަތެއް ނެތި އަރުވާލިއެވެ. މީގެ ތެރޭގައި ހިމެނެނީ އޭރު މީދޫގައި ތިބި އެންމެ ހަރުމީހުންނެވެ. އޭގެ ތެރެއިން އެންމެ ބާރުގަދަ ދެ މީހުންނަކީ އައްޓިއަރި އަހައްމަދު ދީދީ އާއި އަލިބެޔާގެ ހުސޭނާ އެވެ. މި ދެމީހުން ގައިގައި ތެޅިތެޅީނުން ވީ އަނިޔާ ބޮޑުކަމުން ގަދަ ނުވެ އަރުވާލާފައިވަނިކޮށް ދާދި އަވަހަށް ނިޔާވީއެވެ. (ނުނިމޭ)
                 -------------------

ލިޔުއްވީ: އަޙުމަދު މުޖްތަބާ އުނިސާރިގެ/ ސ.މީދޫ