ފިރުޢައުނާއި އޭނާގެ ލަޝްކަރު ހަލާކުކުރެއްވި ވާހަކަ


"އަޅަމެންގެ ވެރިރަސްކަލާކޯ އެވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ފިރުޢައުނަށާއި، އޭނާގެ ބޮޑުންނަށް ދުނިޔޭގެ ދިރިއުޅުމުގައި ޒީނަތްތެރިކަމާއި، މުދާތައް ދެއްވީމު އެވެ. (އެތަކެތިން) އެއުރެން އިބަރަސްކަލާނގެ ތެދުމަގުން (މީސްތަކުން) އެއްކިބާކުރެތެވެ."

ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި ފިރުޢައުނުގެ އެތައް ވާހަކައެއް ބަޔާންކުރައްވާފައިވެ އެވެ. މުސްލިމުން އެއިން ޢިބްރަތް ޙާޞިލުކޮށް، ސީދާވެގެންވާ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމަށްޓަކަ އެވެ. ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ފިރުޢައުނުގެ ވާހަކަތަކުގެ ތެރެއިން އެއް ވާހަކައަކީ، އޭނާއާއި އޭނާގެ ސިފައިން ކަނޑަށް ޣަރަޤުކުރައްވައި، ހަލާކުކުރެއްވި ވާހަކަ އެވެ. އެވާހަކަ، ޔޫނުސު ސޫރަތުގެ 90 ވަނަ އާޔަތުން ފެށިގެން 92 ވަނަ އާޔަތުގެ ނިޔަލަށް ބަޔާންކުރައްވާފައިވެ އެވެ.

ފިރުޢައުނާއި އޭނާގެ ޤައުމުގެ މީހުން، މޫސާގެފާނާއި، އެކަލޭގެފާނުގެ ރިސާލަތު ދޮގުކުރި އެވެ. މޫސާގެފާނަށް އީމާންވީ މަދު ބަޔެކެވެ. ގިނަ ބަޔަކު ތިބީ ފިރުޢައުނާ އެއްކޮޅަށެވެ. މިޞްރުގެ ރައްޔިތުންނަށް ފިރުޢައުނު ބުނެދިން ގޮތުގައި ހުރިހައި ބާރެއް އޮތީ ފިރުޢައުނާއި އޭނާގެ ލަޝްކަރުގެ އަތުގަ އެވެ. އެހެންކަމުން، މޫސާގެފާނު ޤަތުލުކުރުމަކީ ވެސް އޭނާއަށް ކުރެވިދާނެ ކަމެކެވެ. މިހެން ހިތައި އެކަލޭގެފާނު ޤަތުލުކުރަން ފިރުޢައުނު އުޅުނެވެ. ނަމަވެސް އޭނާއަކަށް އެކަމެއް ނުކުރެވުނެވެ.

މާތް ﷲ، މޫސާގެފާނު ސަލާމަތްކުރެއްވުމަށް މެދުވެރިކުރެއްވީ، ފިރުޢައުނުގެ އަހުލުންގެ ތެރޭގައި އީމާންކަން ވަންހަނާކުރައްވައިގެން ހުންނެވި ބޭކަލެކެވެ. ފިރުޢައުނު އެފަދަ ނުބައިކަން ބޮޑުވެގެންވާ ކަމެއް ކޮށްފިނަމަ، މާތްގެ ޙަޟުރަތުން ލައްވައިފާނެ ކޯފާއެއްގެ ވާހަކައިން އެބޭކަލަކު ފިރުޢައުނަށް އިންޒާރުކުރެއްވި އެވެ. އަދި އިހުގެ އުންމަތްތައް ހަލާކުވެދިޔަ ގޮތްތައް ވިދާޅުވެ، އެއިން ޢިބްރަތް ޙާޞިލުކުރުމަށް ވެސް ނަސޭހަތްދެއްވި އެވެ. ނަމަވެސް ފަސާދަކުރުމާއި އަނިޔާވެރިކަން އިތުރުކުރުން ނޫންކަމެއް ފިރުޢައުނެއް ނުކުރި އެވެ.

ފިރުޢައުނު ހާމާނަށް އެންގި އެވެ. "އޭ ހާމާނެވެ! އަހުރެންނަށް އުސް ގަނޑުވަރެއް ބިނާކޮށްދޭށެވެ! މޫސާގެފާނުގެ އިލާހު އަހުރެންނަށް ފެނޭތޯ އެވެ. އަދި ހަމަކަށަވަރުން އަހުރެންނަށް ހީވަނީ، އެކަލޭގެފާނީ، ދޮގުވެރިއެއް ކަމަށެވެ." މިމޭރުމުން، ފިރުޢައުނު، މޫސާގެފާނާއި އެކަލޭގެފާނުގެ ރިސާލަތު ދޮގުކުރަމުން ގެންދިޔަ އެވެ. އަދި ފިރުޢައުނު އެބުނާ ގަނޑުވަރެއް، ހާމާނު ބިނާކުރި އެވެ. ބުނެވޭ ގޮތުގައި އެއީ އެ ޒަމާނުގައި ހުރި އެންމެ އުސް ބިނާ އެވެ. ޣާފިރު ސޫރަތުގެ 37 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވެ އެވެ." ފިރުޢައުނަށް އޭނާގެ ނުބައި ޢަމަލުތައް ޒީނަތްތެރިކޮށްދެއްވި އެވެ. އަދި ސީދާމަގުން އެއްކިބާކޮށްލެއްވި އެވެ. އަދި ފިރުޢައުނުގެ މަކަރުވެރި ރޭވުން، ގެއްލުމާއި، ހަލާކެއްގައި މެނުވީ ނުވެ އެވެ."

ފިރުޢައުނު އީމާންވެދާނެ ކަމާމެދު، މޫސާގެފާނު ނާއުންމީދުވެވަޑައިގަތުމުން، ފިރުޢައުނާއި، އޭނާގެ އަޢުވާނުންނާއި، އޭނާގެ މުދާތައް ހަލާކު ކުރެއްވުމަށް ދުޢާފުޅުކުރެއްވި އެވެ. އެކަލޭގެފާނުގެ ދުޢާފުޅަށް ހާރޫނުގެފާނު އާމީންވިދާޅުވި އެވެ. އެކަލޭގެފާނު ކުރެއްވި ދުޢާފުޅު، ޔޫނުސު ސޫރަތުގެ 88 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ. "އަޅަމެންގެ ވެރިރަސްކަލާކޯ އެވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ފިރުޢައުނަށާއި، އޭނާގެ ބޮޑުންނަށް ދުނިޔޭގެ ދިރިއުޅުމުގައި ޒީނަތްތެރިކަމާއި، މުދާތައް ދެއްވީމު އެވެ. އަޅަމެންގެ ވެރިރަސްކަލާކޯ އެވެ! (އެތަކެތިން) އެއުރެން އިބަރަސްކަލާނގެ ތެދުމަގުން (މީސްތަކުން) އެއްކިބާކުރެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯ އެވެ! އެއުރެންގެ މުދާތައް ހަލާކުކުރައްވައި، ނެތިކުރައްވާނދޭވެ! އަދި އެއުރެންގެ ހިތްތައް ހަރުކަށިކުރައްވައި، ސިއްކަގައްސަވާނދޭވެ! ފަހެ، އެއުރެންނަށް ވޭންދެނިވި ޢަޛާބު ފެނިއްޖައުމަށް ދާންދެން، އެއުރެން އީމާނެއް ނުވާނެތެވެ."

މާތް ﷲ، މޫސާގެފާނުގެ ދުޢާ އިޖާބަކުރެއްވި އެވެ. އަދި، ބަނޫއިސްރާއީލު ބާގައިގެ މީހުން ގޮވައިގެން ރޭގަނޑެއްގައި މިޞްރުން ނިކުމެވަޑައިގަތުމަށް ވެސް އެކަލޭގެފާނަށް ވަޙީކުރެއްވި އެވެ. ދެން މޫސާގެފާނު، އީމާންވި މީހުންނާއެކު އެދަތުރުފުޅަށް ތައްޔާރުވެވަޑައިގަންނަވަން ފެށްޓެވި އެވެ. މޫސާގެފާނާއެކު އެދަތުރަށް ތައްޔާރުވި މުއުމިނުންގެ ޢަދަދު، ހަ ލައްކަ އަށްވުރެ ގިނަ ކަމަށް ބުނެވެ އެވެ. ދަތުރުގެ ހުރިހައި ކަމެއް ހަމަޖެހި ނިމުމުން، ކަނޑައެޅިފައިވާ ރޭގައި، މޫސާގެފާނާއެކު އެމީހުން ރެޑް ސީ (ނުވަތަ ރަތް ކަނޑު) ގެ މަގުން ދަތުކޮށްފައި ދިޔައީ، ކަނޑުގެ އައްސޭރިއަށެވެ. މުސާގެފާނާއެކު އެމީހުން މިޞްރުން ނިކުމެގެން ދިޔައީ ވަރަށް ސިއްރިޔާތުގަ އެވެ.

ފިރުޢައުނާއި އޭނާގެ އަޢުވާނުން، ހެނދުނު ހޭލިއިރު، ބަނޫއިސްރާއީލު ބާގައިގެ މީހުން މިޞްރުން ނިކުމެގެން ހިނގައްޖެކަން އެނގުނެވެ. ދެން އެމީހުން ހޯދުމަށްޓަކައި، ފިރުޢައުނު ބިޔަ ލަޝްކަރެއް ތައްޔާރުކުރި އެވެ. އެލަޝްކަރުގައި އެއްލައްކަ އަސްވާރުންނާއި، ދޮޅު މިލިއަނަށްވުރެ ގިނަ ސިފައިން ހިމެނުނު ކަމަށް ބުނެވެ އެވެ. މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ނެތިކޮށްލުމަށްޓަކައި ދިޔަ އެލަޝްކަރު ނިކުތްތާ ދެވަނައަށްވީ ދުވަހު، ބަނޫއިސްރާއީލު ބާގައިގެ މީހުން ފެނުނެވެ.

ފިރުޢައުނުގެ ލަޝްކަރު، މޫސާގެފާނާއި، އެކަލޭގެފާނަށް އީމާންވެގެންތިބި މީހުންނަށް ހަމަލަދޭން ތައްޔާރުވި ހިނދު، މުއުމިނުންނަށް ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ފެނިފައެއް ނެތެވެ. ފަހަތުގައިވަނީ، ފިރުޢައުނާއި އޭނާގެ ލަޝްކަރެވެ. ކުރިމަތީގައިވަނީ މާސިންގާ ބިޔަ ކަނޑެވެ. އެހިނދު މާތް ﷲ މޫސާގެފާނަށް އެންގެވީ، ކަނޑުގައި އެކަލޭގެފާނުގެ އަސާކޮޅުން ޖެއްސެވުމަށެވެ. މޫސާގެފާނު އެކަން ކުރެއްވުމުން، މާތް ﷲ، ކަނޑުން ބާރަ މަގު ފެޅުއްވި އެވެ. ދެން މޫސާގެފާނާއެކު ބަނޫއިސްރާއީލު ބާގައިގެ މީހުން އެ މަގުތަކުން ދަތުކޮށްފައި ގޮސް އަނެއް ފަރާތުގައިވާ ބައްރަށް އަރައި ސަލާމަތްވި އެވެ.

ފިރުޢައުނާއި އޭނާގެ ލަޝްކަރުގެ މީހުން ވެސް އެ މަގުތަކުން ދަތުރުކުރަން ފެށި އެވެ. އެ އެންމެން ކަނޑުގައިވާ ބާރަ މަގަށް ފައިބާ ނިމުމުން، މޫސާގެފާނު ކަނޑުގައި އަސާކޮޅުން ޖެއްސެވި އެވެ. އެހިނދު، އެމަގުތައް ބަންދުވެ، އެއީ މާކަނޑު ކަމުގައި ވެއްޖެ އެވެ. އަދި ކަނޑުގެ ރާޅުތައް ބިޔަވެ، އެ އެއެންމެން ކަނޑަށް ޣަރަޤުވެ ނިމިއްޖެ އެވެ. އެއިން ހަމަ އެކަކު ވެސް ސަލާމަތެއް ނުވި އެވެ. ފިރުޢައުނު، ޣަރަޤުވާންފެށުމުން އީމާންވާން އުޅުނެވެ. ނަމަވެސް އެވަގުތު އޭނާއަކަށް އެކަމަކުން ފައިދާއެއް ނުކުރި އެވެ. އޭނާ ޣަރަޤުކުރައްވައި މަރުގެންނެވުމަށްފަހު، އެކަމުގެ ހެއްކެއްގެ ގޮތުން، މާތް ﷲ އޭނާގެ މަރުވެފައިވާ ހަށިގަނޑު ސަލާމަތްކުރައްވައި، މީސްތަކުންނަށް ދެއްކެވި އެވެ. އޭނާއާއި، އޭނާގެ ފާސިދު ޢަމަލުތަކުގެ ނަތީޖާދެކި، މީސްތަކުން އެއިން ޢިބްރަތް ލިބިގަތުމަށްޓަކަ އެވެ.


(فَالْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ آَيَةً وَإِنَّ كَثِيرًا مِنَ النَّاسِ عَنْ آَيَاتِنَا لَغَافِلُونَ)
ޔޫނުސު: 93
މާނައީ، "ފަހެ، ތިމަންރަސްކަލާނގެ، މިއަދު ކަލޭގެ (ފުރާނަ ނެތް) ހަށިގަނޑު ސަލާމަތްކުރައްވާ ހުށީމެވެ. އެއީ، ކަލޭގެފަހުން އަންނަ ބަޔަކަށް، ޢިބްރަތެއް ކަމުގައި ކަލޭ ވުމަށެވެ. ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިނަ މީހުން ވަނީ ތިމަންރަސްކަލާނގެ އާޔަތްތަކާމެދު (އެބަހީ: ތިމަންރަސްކަލާނގެ ޤުދުރަތްތެރި ކަމުގެ މައްޗަށް ދަލީލުކުރާ ހެކިތަކާމެދު) ޣާފިލުވެގެންކަން ކަށަވަރެވެ."


(النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آَلَ فِرْعَوْنَ أَشَدَّ الْعَذَابِ)
ޣާފިރު: 46
މާނައީ، "އެއުރެން ހެނދުނާއި، ހަވީރު އަލިފާނަށް (އެބަހީ: ކަށްވަޅުގެ ޢަޛާބަށް) ހުށަހަޅުއްވާނެތެވެ. އަދި ޤިޔާމަތުގެ ވަގުތު އަންނަ ދުވަހު (މަލާއިކަތުންނަށް އަންގަވާނެތެވެ.) ފިރުޢައުނުގެ މީހުން އެންމެ ގަދަފަދަވެގެންވާ ޢަޛާބަށް (އެބަހީ: ނަރަކައަށް) ވައްދާށެވެ!"
              -------------------

ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން