
އެއީ ފަރުބަދަތަކުގައި ބިންވަޅު ނަގައި ކަނޑައިގެން ހަދާފައިވާ ގެތަކެކެވެ. އެއީ ޘަމޫދު ބާގައިގެ މީހުންގެ
ގެތައް ކަމަށް ޢާއްމުންގެ
މީހުން ބުނެއުޅެ އެވެ. ނަމަވެސް
އާސާރީ ތަކެއްޗާ ބެހޭ މާހިރުން ވިދާޅުވަނީ،
އެކަން ސާބިތުކޮށްދޭ ޢިލްމީ
ހެއްކެއް މިހާތަނަށް ފެނިފައި
ނުވާ ކަމަށެވެ. ހޯދުންތަކުން އެނގޭ ގޮތުގައި އެއީ ނަބަޠީންގެ ޤަބުރުސްތާނެކެވެ. އެތަނުގައިވާ ގެތަކުގެ ޢުމުރަކީ ގާތްގަނޑަކަށް 2100 އަހަރެވެ.
މަދާއިނު ޞާލިޙު ގެ ނަމުން ނަންދެވިފައިވާ ޝަހަރަކީ، ޘަމޫދު ބާގައިގެ މީހުންގެ ޝަހަރު ކަމަށް ޢާއްމުންގެ މެދުގައި މަޝްހޫރުވެފައިވެ އެވެ. މާތް ﷲ، ޞާލިޙުގެފާނު ފޮނުއްވީ ޘަމޫދު ބާގައިގެ މީހުންގެ ގާތަށެވެ. އެބައިމީހުން އެކަލޭގެފާނުގެ ގޮވާލެއްވުމަށް ދިނީ ބިރު ކަންފަތެކެވެ. ދެން މާތް ﷲ އެބައިމީހުންގެ މައްޗަށް ކޯފާލައްވައި، އެބައިމީހުން ނެއްތަވައިލެއްވި އެވެ.
ޑރ. ފަރަޖު ﷲ އަޙުމަދު ޔޫސުފަކީ، އާސާރީ ތަކެއްޗާ ބެހޭ ޢާލިމެކެވެ. އޭނާ ވިދާޅުވެފައިވެ އެވެ.
"މަދާއިނު ޞާލިޙުގައިވާ ފަރުބަދަތަކުގައި ބިންވަޅުނަގައިގެން ހަދާފައިވާ ބިތްތަކަކީ ނަބަޠީންގެ ކަށްވަޅުތަކެކެވެ. އެތަނުގައިވާ އެންމެ ދުވަސްވީ ބިތް ހަދާފައިވަނީ، މީލާދުގެ ކުރީގެ 100 ވަނަ އަހަރުގަ އެވެ. މި ކަށްވަޅުތަކާ، ޘަމޫދު ބާގައިގެ މީހުންނާ އެއްވެސް ގުޅުމެއް ނެތެވެ."
އަދިވެސް އޭނާ ވިދާޅުވެފައިވެ
އެވެ. "މަދާއިނު ޞާލިޙުގެ ނަން ނިސްބަތްކުރެވެނީ، ސަލާމްލެއްވި ޞާލިޙުގެފާނަކަށް ނޫނެވެ. އެ ޝަހަރު ނިސްބަތްވާ ޞާލިޙަކީ، ބަނޫ ޢައްބާސް ވަންހައިގެ ޞާލިޙު ނަމަކަށް ކިއުނު މީހެކެވެ. އޭނާގެ ނަމުން އެ ޝަހަރަށް ނަންދެވުނީ، ހިޖުރައިން އަށްވަނަ ޤަރުނުގަ އެވެ. ސުޢޫދީ ޢަރަބިއްޔާގެ އާސާރީ ޢާލިމަކު ވެސް މިވާހަކަ ވިދާޅުވެފައިވެ އެވެ. އެއީ ޑރ. ޢަބްދުއްރަޙުމާނުލް އަންޞާރީ އެވެ."
މަދާއިނު ޞާލިޙުގައިވާ ގެތަކުން ޘަމޫދު ބާގައިގެ މީހުންގެ ލިއުމެއް ފެނިފައެއް ނުވެ އެވެ. އެ ގެތަކުން ފެނިފައިވަނީ، ލިޙުޔާނީންނާއި ނަބަޠީންގެ ލިޔުންތަކެވެ. ޘަމޫދު ބާގައިގެ މީހުންގެ ލިޔުން ފެނިފައިވަނީ، ތަބޫކުންނެވެ.
މަދާއިނު ޞާލިޙުގައި ދިރިއުޅުން މަނާކުރާ ފަތުވާއެއް ވެ އެވެ. އެ ފަތުވާ ނެރުއްވާފައިވަނީ، ސުޢޫދީ ޢަރަބިއްޔާގެ ބޮޑެތި ޢިލްމުވެރީންގެ މަޖިލިހުންނެވެ. އެ ޝަހަރުގައި ދިރިއުޅުން މަނާކުރައްވާފައިވަނީ، އެއީ ޘަމޫދު ބާގައިގެ މީހުން ދިރިއުޅުނު ޝަހަރު ކަމަށް ބައްލަވައިގެންނެވެ. ޘަމޫދު ބާގައިގެ މީހުންގެ ޝަހަރުގައި ކެއިން ބުއިން މަނާކުރައްވާފައިވާ ޙަދީޘްފުޅުތައް ވެ އެވެ. އެ ޙަދީޘްފުޅުތަކުގެ މައްޗަށް ބުރަވެވަޑައިގެން ދަންނަބޭކަލުން ފަތުވާ ނެރުއްވާފައިވަނީ، އާސާރީ ޢާލިމުންނާ މަޝްވަރާކުރެއްވުމެއް ނެތި އެވެ.
މަދާއިނު ޞާލިޙުގައި މީގެ ކުރިން މީހުން ދިރިއުޅެފައިވެ އެވެ. އެބިމުގައި ޙައްޖާޖީންގެ ޤާފިލާތައް މަޑުކޮށްފައިވެ އެވެ. އަދި ޢައްބާސީ ދައުލަތުގެ ޒަމާނުގައި ބިނާކޮށްފައިވާ ކިއްލާއެއް ވެސް ވެ އެވެ. ޢުޘްމާނީ ދައުލަތުގެ ޒަމާނުގައި ވަނީ އެ ކިއްލާ މަރާމާތުކޮށް އާކޮށްފަ އެވެ. މީގެ އިތުރުން ކުރިން އަޅާފައިވާ ރޭލު ދަނގަޑެއް ވެސް އެ ޝަހަރުގައިވެ އެވެ. އެ ޝަހަރުގައި ދިރިއުޅުނު މީހުން، އެ ޝަހަރުން ނުކުމެފައިވަނީ، މީގެ ތިރީހަކަށް އަހަރު ކުރިންނެވެ. މިހާރު ވެސް އެމީހުން ދިރިއުޅުނު ގެތަކުގެ އަސަރު ފެންނަން އެބަހުއްޓެވެ. އެ ގެތައް ހަދާފައިވަނީ ކިސަޑުންނެވެ.
މަދާއިނު ޞާލިޙުން ފެށިގެން އުތުރަށް ހުރި ފަރުބަދަތަކުގައި ބިންވަޅުނަގައިގެން ބިތްތައް ހަދާފައިވެ އެވެ. އެ ފަރުބަދަތައް ގޮސްފައިވަނީ ތަބޫކާ ދިމާއަށެވެ. އެގޮތަށް 132 ފަރުބަދައިގައި ބިތްތައް ހަދާފައިވެ އެވެ. އެ ފަރުބަދަތަކުގެ ތެރޭގައި ހަދާފައިވާ ގެތަކުން ފެނުނު މިނިކަށިތައް ތަޙުލީލުކުރިއިރު، އޭގެ ދޮށިކަން ވާޞިލްވަނީ، މީލާދުގެ ކުރީގެ 100 ވަނަ އަހަރަށް ކަން އެނގިފައިވެ އެވެ. ނަބަޠީންގެ ޙަޟާރަތު އެ ސަރަޙައްދުގައި އާރާސްތުވާން ފެށީ، އެ ދުވަސްވަރުގަ އެވެ.
މަދާއިނު ޞާލިޙަކީ، ޘަމޫދު ބާގައިގެ މީހުންގެ ޝަހަރު ނޫން ކަމަށް އާސާރީ ތަކެއްޗާ ބެހޭ ޢާލިމުން ވިދާޅުވެ އެވެ. އަދި ދަންނަބޭކަލުން އެ ޝަހަރާ ބެހޭ ގޮތުން ވާހަކަދައްކަވާފައިވަނީ، ޢިލްމީ ހޯދުންތަކަށް ބެއްލެވުމެއް ނެތި، އިޖުތިހާދުގެ މައްޗަށް ބުރަވެވަޑައިގެން ކަމަށް ވެސް އެ ބޭކަލުން ވިދާޅުވެ އެވެ.
މަދާއިނު ޞާލިޙު ގައިވާ ތަކެތީގެ ޢުމުރު 2100 އަހަރަށްވުރެ ދޮށި ނޫންކަން ވަނީ ސާބިތުވެފަ އެވެ. ޘަމޫދު ބާގައިގެ މީހުންނަކީ، އެއަށްވުރެ މާކުރިން ދިރިއުޅުނު ބަޔެކެވެ. އާސާރީ ތަކެއްޗާ ބެހޭ ޢާލިމުން ވިދާޅުވާ ގޮތުގައި، ޞާލިޙުގެފާނު ދުނިޔެއަށް ވަޑައިގެންނެވީ އިބްރާހީމުގެފާނަށްވުރެ ކުރިންނެވެ. އެ ދެ ބޭކަލުންގެ ދެމެދުގައިވާ މުއްދަތު އެނގެން ނެތް ނަމަވެސް، އެ މުއްދަތު، ފަސް ހާސް އަހަރާ ގާތްކުރާނެ ކަމަށް ޢާލިމުން ލަފާކުރައްވަ އެވެ.
މަދާއިނު ޞާލިޙާ ބެހޭ ގޮތުން ކުރެވިފައިވާ ޢިލްމީ ދިރާސާތަކުން އެނގޭ ގޮތުގައި، އެ ޝަހަރުގައިވަނީ، ޘަމޫދު ބާގައިގެ މީހުންގެ އާސާރީ ތަކެއްޗެއް ނޫނެވެ. އެކަމަކު، އެ ޝަހަރުގައިވަނީ، ނަބަޠީންގެ އާސާރީ ތަކެއްޗެވެ. ނަމަވެސް މުސްލިމުންގެ މެދުގައި މަޝްހޫރުވެފައިވަނީ، އެ ޝަހަރަކީ، ޘަމޫދު ބާގައިގެ މީހުންގެ ޝަހަރު ކަމަށެވެ. އަދި ޞާލިޙުގެފާނު ފޮނުއްވީ އެ ޝަހަރުގެ އަހުލުވެރިންގެ ގާތަށް ކަމަށެވެ.
-------------------
މުޞަންނިފު: އަލްއުސްތާޛާ
ޙަލީމާ މުޡައްފަރު
ޚުލާޞާ ތަރުޖަމާ:
އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން