ދަންނަބޭކަލުންނަކީ
ކީރިތި ޤުރުއާނާއި މާތް ރަސޫލު(ޞ.ޢ.ވ)ގެ ސުންނަތާ އެއްގޮތަށް އިސްލާމީ ތަޢުލީމް އުނގެނިވަޑައިގެން
ތިއްބަވައި އެއާއި އެއްގޮތަށް އެބޭކަލުންގެ އުޅުއްވުމާއި ގުޅުއްވުމާއި ބަސްފުޅާއި ހުންނަ
އިސްލާމްދީނުގެ ޢިލްމުވެރިންނެވެ. ދީނީ ޢިލްމުވެރިންނެވެ. މިފަދަ ދީނީ ޢިލްމުވެރިންގެ
ކިބައަކުން ކީރިތި ޤުރުއާނާއި މާތް ރަސޫލު(ޞ.ޢ.ވ)ގެ ސުންނަތާ ޚިލާފުކަމެއް ނުހިނގާހުއްޓެވެ.
އަދި މިފަދަ ބޭކަލުންގެ އުޅުއްވުމާއި ގުޅުއްވުމާއި ބަސްފުޅުގައި ކީރިތި ޤުރުއާނާއި
މާތް ރަސޫލު(ޞ.ޢ.ވ)ގެ ސުންނަތާ ޚިލާފު ފުށުއެރުންބޮޑު ކަންކަމެއް ހުރިކަން އިންސާނީ
ސަލާމަތްބުއްދީގެ އަހުލުވެރިންނަށް ޤަބޫލުކުރެވިގެން އެމީހުން އެފަދަ ވާހަކަތަކެއް
ދައްކަން ނުޖެހޭނެއެވެ.
ނުދަންނަ ބޭކަލުންނަކީ
ކީރިތި ޤުރުއާނާއި މާތް ރަސޫލު(ޞ.ޢ.ވ)ގެ ސުންނަތާ އެއްގޮތަށް އިސްލާމީ ތަޢުލީމް އުނގެނިވަޑައިގެން
ތިއްބަވައި އެއާއި އެއްގޮތަށް އެބޭކަލުންގެ އުޅުއްވުމާއި ގުޅުއްވުމާއި ބަސްފުޅާއި ނުހުންނަ
އިސްލާމްދީނުގެ ޢިލްމުވެރިންނެވެ. މިފަދަ ބޭކަލުންގެ ކިބައިން ކީރިތި ޤުރުއާނާއި މާތް
ރަސޫލު(ޞ.ޢ.ވ)ގެ ސުންނަތާ ޚިލާފުކަންކަން ހިނގާހުއްޓެވެ. އަދި މިފަދަ ބޭފުޅުންގެ އުޅުއްވުމާއި
ގުޅުއްވުމާއި ބަސްފުޅުގައި ކީރިތި ޤުރުއާނާއި މާތް ރަސޫލު(ޞ.ޢ.ވ)ގެ ސުންނަތާ ޚިލާފު
ފުށުއެރުން ބޮޑު ކަންކަމެއް ހުރިކަން އިންސާނީ ސަލާމަތްބުއްދީގެ އަހުލުވެރިންނަށް ޤަބޫލުކުރެވިގެން
އެމީހުން އެފަދަ ވާހަކަތައް ދައްކާނެމެއެވެ.
ދަންނަމީހަކީ ކަންތައްތައް އެނގޭ މީހާއެވެ. ނުވަތަ ފެނިދެނިވެފައިވާ މީހާއެވެ. ނުދަންނަމީހަކީ
ކަންތައްތައް ނޭނގޭ މީހާއެވެ. ނުވަތަ ފެނިދެނިވެފައި ނުވާ މީހާއެވެ. ދަންނަ
އެންމެންނަކީ ދަސްވެފައިވާގޮތަށް އެކަމެއް ކުރާ މީހަކަށް ނުވެއެވެ. ކިތަންމެ ރަނގަޅަކަށް
އެކަމެއް އެނގި އެކަމެއް އެގޮތަށް ނުކޮށްފިނަމަ ކިތަންމެބޮޑު ގެއްލުމަކާއި ކުރިމަތިލާން
ޖެހުނަސް ބޮޑާވެގަނެ އެގެއްލުން އަމިއްލައަށް ލިބިގަންނަ މީހުން އުޅެއެވެ. ލަޢުނަތްލެއްވި
އިބްލީހަކީ އެފަދަ ބޮޑާ މަޚުލޫޤެކެވެ. އެހެނީ، މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާއަކީ
އެސޮރުގެ ވެރި އިލާހުކަމާއި އެ އިލާހުގެ ކަށަކުޅަދުންވަންތަކަން ރަނގަޅަށް ދެނެހުރެމެ
އެސޮރުވަނީ އެ އިލާހުގެ މަތިވެރި އަމުރުފުޅަށް ނުކިޔަމަންތެރިވެ އުރެދިގެންފައެވެ.
މަތިވެރި ﷲ ސުބްޙާނަހޫ
ވަތަޢާލާގެ ވަޙީ ބަސްފުޅުގައިވެއެވެ. "وَلَقَدْ خَلَقْنَاكُمْ ثُمَّ صَوَّرْنَاكُمْ ثُمَّ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ لَمْ يَكُن مِّنَ السَّاجِدِينَ (11) قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ ۖ قَالَ أَنَا خَيْرٌ مِّنْهُ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ (12) قَالَ فَاهْبِطْ مِنْهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَاخْرُجْ إِنَّكَ مِنَ الصَّاغِرِينَ (13)" - سورة الأعراف- އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން
(އެބަހީ، ތިޔަބައިމީހުންގެ
އަޞްލުކަމުގައިވާ އާދަމްގެފާނު) ހެއްދެވީމެވެ. ދެން ތިޔަބައިމީހުން (އެބަހީ، އާދަމްގެފާނު) ޞޫރަ ކުރެއްވީމެވެ.
ދެން މަލާއިކަތުންނަށް ވަޙީ ކުރެއްވީމެވެ.
އާދަމްގެފާނަށް ތިޔަބޭކަލުން ސަޖިދަ ކުރައްވާށެވެ. ދެން އިބްލީސް ފިޔަވައި އެއުރެން ސަޖިދަކުރެއްވޫއެވެ. ސަޖިދަ ކުރެއްވި ބޭކަލުންގެތެރެއިން އެކަލޭގެ ނުވެއެވެ،(11) އެކަލާނގެ
ވަޙީ ކުރެއްވިއެވެ. ތިމަން ރަސްކަލާނގެ
ކަލެޔަށް އަމުރުކުރެއްވި ހިނދު ސަޖިދަ ކުރުން ކަލެޔަށް މަނާ ކުރީ ކޮންކަމެއް ހެއްޔެވެ. އެކަލޭގެ ބުންޏެވެ. އެކަލޭގެފާނަށްވުރެ ތިމަން މާމޮޅެވެ. އިބަ ރަސްކަލާނގެ ތިމަން
ހެއްދެވީ އަލިފާނުންނެވެ.
އަދި އިބަ ރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށީންނެވެ.(12) އެކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަތަނުން
(އެބަހީ، ސުވަރުގެއިން) ކަލޭ
ފައިބާށެވެ. ފަހެ، ތިޔަތާނގައި ހުރެ ކަލެޔަކަށް ބޮޑާވެގަތުމެއްނެތެވެ. ފަހެ، ކަލޭ ނިކުންނާށެވެ. ހަމަކަށަވަރުން،
ކަލޭގެވަނީ ދެރަވެ ނިކަމެތިވެގެންވާ
މީހުންގެ ތެރެއިންނެވެ.(13)
މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކަށަކުޅަދުންވަންތަކަމުގެ
ތެރެއިން އާދަމް ޢަލައިހިއްސަލާމް އުފައްދަވައި، ފުރާނަ އެޅުއްވުމަށްފަހު އާދަމް ޢަލައިހިއްސަލާމްއަށް ސަޖިދަ ކުރެއްވުމަށް އެންމެހައި މަލާއިކަތުންނަށް
އެންގެވީ މުސްލިމުންގެ ނަމާދުގައި މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ކުރާފަދަ ސަޖިދައެއް
ކުރުމަކަށް ނޫނެވެ. އެއީ އިޙްތިރާމާއި
ކިޔަމަންތެރިކަމުގެ
ރަމްޒަކަށްވާ މަޢުނަވީ ސަޖިދައެކެވެ. އެހެންނަމަވެސް އިބްލީސް އެކަމަށް
ބޮޑާވެ އުރެދިގަތީއެވެ. މަތިވެރި ﷲގެ ޙަޟްރަތުން އިންސާނާއަށް ދެއްވި މާތްކަމާއި ޤަދަރުވެރިކަން
ފެނި ހިތުގައި ބޮޑުވެގެންވާ ހަސަދަވެރިކަމެއް އުފެދުނީއެވެ.
އިބްލީސް ސުވަރުގެއިން ބޭރުކޮށްލެއްވި ދުވަހު އޭނާ ދިރި ދުނިޔޭގައި
ލަހައްޓަވައިފިނަމަ އޭނާގެ ބަހަށް ހެއްލުންތެރިވާ އިންސާނުންގެ ތެރެއިން މަދުނޫންބަޔަކު
ނަރަކައިގެ އަލިފާނަށް ވައްޓައިލުމަށްޓަކައި އޭނާ މަސައްކަތްކުރާނޭ ކަމުގެ އިންޒާރުވަނީ
މުޅި އިންސާނިއްޔަތަށް ދީފައެވެ. އޭގެފަހުން މިމަސައްކަތްކުރެވެން އޮތް ކޮންމެގޮތަކަށް
އެސޮރު ގެންދަނީ މަސައްކަތް ކުރަމުންނެވެ. ޚާއްޞަކޮށް މުސްލިމުން އެބަޔެއްގެ ބަސްއަހާނޭ
ކަމަށް ބެލެވޭ އިސްލާމީ ތަޢުލީމު އުނގެނިފައިވާ ފަރާތްތަކުގެ ހިތަށް ދުނިޔެވީ އެދުންތަކާއި
ފައިސާގެ ދަޅަތައް ވައްދައި އިބްލީހުގެ މަސައްކަތަށް މަދަދުދޭނޭ އަޢުވާނުންގެ ތެރެއަށް
އެބައިމީހުން ގެނެސް އެބައިމީހުން ލައްވައި މުސްލިމުން މަގުފުރެއްދުމުގައި އެސޮރުވަނީ
އަތުކުރި އޮޅައިފައެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ކީރިތި ޤުރުއާނާއި މާތް ރަސޫލު(ޞ.ޢ.ވ)ގެ ސުންނަތާ އެއްގޮތަށް އިސްލާމީ ތަޢުލީމް
އުނގެނިވަޑައިގެން ތިއްބަވައި އެއާއި އެއްގޮތަށް އެބޭކަލުންގެ އުޅުއްވުމާއި ގުޅުއްވުމާއި
ބަސްފުޅާއި ނުހުންނަ ނުދަންނަ ބޭކަލުންވެސް ދަނީ ފެންނަމުންނެވެ. އެހިނދަކަށް ބޭނުންވާގޮތަށް
ކީރިތި ޤުރުއާނާއި މާތް ރަސޫލު(ޞ.ޢ.ވ)ގެ ބަސްފުޅުތައް މާނަކޮށް މީސްތަކުން ވާވައްދައި
ފަސާދައާއި ފިތުނަވެރިކަން ޢާއްމުކުރަމުން ގެންދަނީއެވެ.
މާތް ރަސޫލު(ޞ.ޢ.ވ)ގެ
ބަސްފުޅެއްގައިވެއެވެ. "إن الله لايقبض العلم إنتزا عا ينتزعه من العبا دولكن يقبض العلم بقبض العلما ء حتى ذ لم يبق عا لما اتخذ الناس رءوسا جها لا فسئلوا فأ فيوابغير فضلّ اوأ ضلو" (متفق عليه)
"ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުތަކުންގެ
ކިބައިން އެކީ އެކައްޗަކަށް ޢިލްމު
އެއްފަހަރާ ދަންމަވައި ހިއްޕަވަނީނޫނެވެ. އެކަމަކު ޢިލްމު ހިއްޕަވައި ގެންދަވަނީ ޢިލްމުވެރިން
މަރުގެންނެވުމުންނެވެ. އެގޮތަށް ޢިލްމުވެރިން މަރުގަންނަވަމުން
ގޮސް އެއްވެސް ޢާލިމަކު ނުހުންނަ ހިސާބަށް ދާނެއެވެ. ދެން މީސްތަކުން (ޢިލްމުވެރިކަމުގައި) އިޚުތިޔާރުކުރަނީ ޖާހިލުންނެވެ. ދެން އެޖާހިލުންނާއި ސުވާލުވެވި ފަތުވާ އެހެވުމުން އެއްވެސް އެނގުމަކާ ނުލައި ފަތުވާދޭނެއެވެ. ދެން އެމީހުން މަގުފުރެދި
އަދި މީސްތަކުން މަގުފުރައްދާ ހަދާނެއެވެ."
ލޮބުވެތި މުސްލިމުންނޭވެ. ދަންނަބޭކަލުންނާއި ނުދަންނަބޭކަލުންނަކީ ކޮބައިކަމާއި ޙައްޤާއި ބާޠިލް ވަކިކޮށް
ދެނެގަނެ އުޅުންތަކާއި ގުޅުންތައް އިޞްލާޙުކޮށް ތެދުމަގުގައި ފައިތިލަ ސާބިތުކުރައްވައި
މަތިވެރި ސުވަރުގެ ހޯއްދެވުމަށް ޢަޒުމް ކަނޑައަޅުއްވާށެވެ. އެހެނީ ދެދުނިޔޭގެ ސަލާމަތާއި
ރައްކައުތެރިކަން ވަނީ އޭގެތެރެއިންނެވެ. އަޅުގަނޑުމެން ކޮންމެމީހަކީވެސް މަރުވާނޭ
މީހެކެވެ. މަރުވާނޭ ދުވަސް އަންނަނީ ކުރިން އެނގުމަކާއި ނުލައެވެ. އެއްވެސް އިންޒާރެއްނެތިއެވެ.
ނޯޓް:
ދަންނަބޭކަލުން
ކަމަށް ކުރިއްސުރެ ދިވެހިބަހުގައި ބުނެއުޅެނީ އިސްލާމްދީނުގެ ޢިލްމުވެރިންނަށެވެ. މީގެތެރޭ
"ބޭކަލުން" އެވަނީ މީގެ ގިނައަހަރުތަކެއްގެ ކުރިން ފެށިގެން ދިވެހިރާއްޖޭގައި
އިސްލާމީ ޢިލްމު އުނގެނިވަޑައިގެން ތިއްބެވީ އުފެދިފައިވާ ޖިންސުގެގޮތުން މުޅިންވެސް
ފިރިހެނުންކަމަށް ވުމެވެ. އެކަން އެހެންއޮތުމުން ފިރިހެން ޖިންސަށް ނިސްބަތްކޮށް
"ބޭކަލުން" ގެނެސްފައިވަނީއެވެ. ނަމަވެސް ދުނިޔޭގެ ބައެއް ކަންކޮޅުތަކޭ އެއްގޮތަށް
ދިވެހިރާއްޖޭގައިވެސް މިހާރު އިސްލާމީ ޢިލްމު އުނގެނިވަޑައިގެންފައިވާ ދެ ޖިންސްގެ
ބޭފުޅުން އެބަ ތިއްބެވިއެވެ.
-------------------------
ލިޔުއްވީ:
އިބްރާހީމް އާދަމް