ޞިއްޙީދާއިރާ މަރާމާތުކުރުން











ގިނަ ފަރާތްތަކުން ދެކޭގޮތުގައި ރާއްޖޭގެ ޞިއްޙީޚިދުމަތް މިވަނީ ވަރަށްބޮޑު މަރާމާތަކަށް ބޭނުންވެފައެވެ. ނުވަތަ މަރާމާތުކޮށްގެންވެސް ބޭނުންނުކުރެވޭވަރަށް މިހާރުމިއޮތް ނިޒާމު މިވަނީ، ކަމީނާވެ ކަފާސްވެފައެވެ. މިނިޒާމާއި ބެހޭގޮތުން ފާޅުކުރަމުންގެންދާ ޚިޔާލުތައް ވަރަށްގިނައެވެ. ވުމާއެކު، މި ބަޔާނުގައި އަޅުގަނޑު ގެނެސްދީފައި މިވަނީ، އެކިއެކި ފަރާތްތަކުން ފާޅުކުރަމުންގެންދާ ޚިޔާލުތަކުގެތެރެއިން ބައެއް ޚިޔާލުތަކެވެ. 

ރާއްޖޭގައި "ޑަކްޓަރުގެއިން" ފެށުނު ޞިއްޙީ ޚިދުމަތުގެ މުސްތަޤުބަލު އެންމެފުރަތަމަ އުޖާލާކޮށްދިނީ (މާސިންގާ ބިމެއްގައި) ދިވެހި ރައްޔިތުންނަށް އިނގިރޭސި ސަރުކާރުން ޤާއިމުކޮށްދިން ގަވަރމަންޓް ހޮސްޕިޓަލުންނެވެ.

ހަމައެއާއެކު ޑަބްލިޔޫ.އެޗް.އޯގެ އެހީއާއެކު ބިނާކޮށްދެއްވަން ފެއްޓެވި ޞިއްޙީ ޑަކްޓަރުންނާއި، ނަރުހުންނާއި، ހެލްތް އެސިސްޓެންޓުންގެ ފަރާތުންނެވެ. އޭގެފަހުން ބިނާކޮށްދެއްވި ކޮމިއުނިޓީ ހެލްތްވޯކަރުންނާއި، ފެމިލީ ހެލްތްވޯކަރުންނާއި، ފޫޅުމައިންގެ ފަރާތުންނެވެ.

އަދި ފައިފަލަބައްޔާއި، ޖުޒާމްބައްޔާއި، ކެއްސުންބައްޔާއި، މެލޭރިއާބަލީގެ ބިރުވެރިކަން ކެނޑިގެންދިޔައީ އެފަރާތްތަކުން ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުންނެވެ. އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ހިތްތަކުގައި އެފަރާތްތަކާއި މެދު ވަރަށްރަނގަޅު ގުޅުމެއް ވަނީ ޤާއިމު ވެފައެވެ.

ދާއިރާ ސިޔާސަ ވުން:
ޞިއްޙީ ދާއިރާ ސިޔާސަވާން ފެށީ، އަތޮޅުތަކުގައި މަސައްކަތް ކުރުމަށްޓަކައި ބިނާކުރެއްވި ހެލްތު އެސިސްޓެންޓުންނާއި، ހެލްތް ވާކަރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނެރުނު ހިސާބުން އާދެ! 1980 ވަނަ އަހަރުން ފެށިގެންނެވެ. މިދެންނެވި މެމްބަރުންގެ ވަޒީފާ މާލެއަށް ބަދަލުކުރައްވައި އޭގެ ގިނަ ފަރާތްތަކަށް މާލެއިން ގޯތި ދެއްވިއެވެ. މާލެއަށް ބަދަލުކުރެއްވި ފަރާތްތަކުން ކަންކަން ކުރައްވަމުންގެންދެވި ގޮތަކީ، ފަހުން ބިނާކުރައްވާ ހެލްތް ވާކަރުން ދިގުމުއްދަތަކަށް އެކިއެކި އަތޮޅުތަކުގައި (ފަސޭހައިން މާލެ ނާދެވޭގޮތަށް) ބެއިތިއްބުމާއެކު، ދާއިރާއަށް (ރާއްޖެއިން ބޭރުން) ލިބޭ ކޯސްތައް އެފަރާތްތަކުން ފުރިހަމަކުރައްވަމުން ގެންދެވުމެވެ. އެގޮތުން ބައެއް ބޭބޭފުޅުން ވަނީ، މަތީ ތަޢުލީމުވެސް ޙާޞިލުކުރައްވާފައެވެ.

އެފަރާތްތަކުން 1990 ގެ އަހަރުތަކުން ފެށިގެން ދެން އަމާޒުހިއްޕެވީ، ނަން ރީތިކޮށް ޑިޕޮލޮމާ ހެލްތް ވާކަރުންގެ ނަމުގައި ހިންމުގެ ދާއިރާއިން އަލަން މީހުން ބިނާކުރެއްވުމަށެވެ. އެގޮތުން ކުރީގައިއޮތް "ގާތުން ޚިދުމަތް ފޯރުކޮށްދޭ ލާމަރުކަޒީ ނިޒާމު" މަރުކަޒީ ނިމާކަށް ބަދަލުކުރައްވައި ޑޮކްޓަރުން ބޭސްފަރުވާ ކުރައްވާ ނިޒާމަކަށް ބަދަލުކުރެއްވީއެވެ. އެ ނިޒާމުގެ ދަށުން އެންމެ ފުރަތަމަ ރާއްޖެއަށް ގެންނެވީ އިންޑިއާގެ ރައްޔިތެއްކަމަށްވާ ޑރ.އަރްނާޗަލަމް އެވެ. ކޮންމެއަކަސް މިހާރު މިވަނީ، ޞިއްޙީ ދާއިރާގެ ޢިމާރާތްތައް ތަރައްޤީކޮށް ހެލްތް ޕޯސްޓްތަކާއި، ހެލްތް ސެންޓަރުތަކާއި، އަތޮޅު ހޮސްޕިޓަލްތަކާއި، ސަރަޙައްދީ ހޮސްޕިޓަލްތައް ޤާއިމުކޮށްފައެވެ. ނަމަވެސް މިތަންތަން ދަރަޖަކުރައްވާފައިވާ މިންގަނޑަކީ ރައްޔިތުން ދަންނަ މިންގަނޑެއް ނޫނެވެ. ރައްޔިތުން ދަންނަނީ، ކޮންމެ މީހަކަށްވެސް ހަމަހަމަކަމާއެކު، ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭން ޖެހޭނެކަމަށް މަޖިލީހުން ޤާނޫނެއް ފާސްކޮށްފައި އޮންނަކަމެވެ. ޤާނޫނު މާނަކުރައްވާ ބައެއް ބޭފުޅުން ވިދާޅުވަނީ، އެކަނިމާއެކަނި ފަޅުރަށެއްގައި ހުރި މީހަކު ބައިޕާސް ހަދަން ޖެހުނުކަމަށް ވިއަސް އޭނާ އެހުރި ރަށަކުން އެކަން ނުކޮށްދެވޭނަމަ، އެ ވެވުނީ ޤާނޫނާއި ޚިލާފު ކަމަށެވެ. ނުވަތަ އާޖެންޓް ނޫން ކަމެއްކަމަށް ވިއަސް ބައްޔަށް ފަރުވާލިބޭ ތަނަކަށް އެމީހާ ސަރުކާރުގެ ޚަރަދުގައި ނުފޮނުވައިފިނަމަ އެ ވެވުނީވެސް ޤާނޫނާއި ޚިލާފުކަމަށެވެ. އެހެންނޫނަސް މިއަދުގެ މޮޓޯއަކީ "ކޮންމެ ޢާއިލާއަކަށް ޑަކްޓަރެއް" މިއެވެ. 

ދާއިރާގެ ޙާލާތު ބެއްލެވުން:
ދާއިރާގެ އިސްބޭފުޅުން މަރުކަޒުތަކަށް ވަޑައިގަތުން މިއީ ވަރަށްގިނައިން ކުރައްވާ ކަމެކެވެ. އެހެންނަމަވެސް އެތަނެއްގައި އިސްކޮށް ހުންނަވާ ވެރިމީހާގެ ޝިފާރީޝް އަށް ބަރޯސާވުމާއި، ބަޖެޓަށް ބިލްތައް އިތުރުވުން ނޫން އެހެންކަމަކަށް ދެން ހިނގާ ކަމަކީ، އަވަސްއަވަހަށް ޙާލަތު ރިޕޯޓު (ކުރީގެގޮތަށް ނަމަ މަޑިމީދާ ރިޕޯޓް) ކުލަ ފޮޓޯކޮށް ފޮނުވުމާއި، މީޑިއާ މެދުވެރިކޮށް މިލިއަންރުފިޔާ ދާއިރާއަށް ބޭނުންވާ ވާހަކައާއި، ދާއިރާގައި ޚިޔާނާތްތައް ހުރިވާހަކަ ރައްޔިތުންނަށް ފޯރުކޮށް ދެއްވުމެވެ. 

ބަދަލުވަމުންދިޔަ އިސްވެރީންގެ ޒަމާނަށް ބަލާއިރު:
ގާތުން ޚިދުމަތްދޭން މީހުން ބިނާކުރެއްވުމަށްޓަކައި އެންމެ އިސްދަވްރެއް އަދާކުރެއްވި ބޭފުޅާ، އެބޭފުޅާގެ ދަވްރުގައި ހެއްދެވި ގޮތަކީ، ފޫޅުމައިންނާއި، ޢާއިލާގެ އެހީތެރީން، ޢިމާރާތްތަކުގެ މަސައްކަތުގެ މީހުންނަށް ބަދަލުކުރައްވައި ދާއިރާގައި ތިބި ތަޖްރިބާހުރި ފަންނީ މީހުން ދާއިރާއިން ފޫހިކޮށް އެމީހުން ދުރުކުރެއްވުމެވެ. އެކަމުގެ ނަތީޖާއަކީ، ރައްޔިތުންނަށް ޢާއްމު ދުޅަހެއުކަން ގެއްލި ޑެންގީ ފަތުރާ މަދިރި ހުން ފަދަ އާދައިގެ ކަންކަމުންވެސް ނުރެކެވޭ ހިސާބަށް ކަންކަން ދިއުމެވެ. މިހެންވެފައިވަނިކޮށް އެންމެ އިސްމަޤާމު ލިބިވަޑައިގަތީ، އެހެން ހޮސްޕިޓަލެއްގެ ސީއޯ އަކަށް ހުންނެވި ބޭފުޅަކަށެވެ. އެބޭފުޅަކީ، ދާއިރާގެ ކަންކަން ދޯހަޅިވަމުންދާތީވެ، އިސްތިޢުފާދެއްވި ބޭފުޅެކެވެ. ނަމަވެސް އެބޭފުޅާވެސް ކުރިއަށް ވަޑައިގެންނެވީ، ސިވިލް ސާރވިސްގެ އިސް ބޭފުޅުން ޚާއްޞަކޮށް ފައިސާގެ ދާއިރާގައި އިސްކޮށްތިއްބެވި ބޭފުޅުން ދެއްކެވި މަގުންނެވެ. ދަވްރު ނިންމަވާލެއްވުމަށްފަހު، ޝަރަފުވެރި އަދި ބޮޑުމުސާރަ ލިބިވަޑައިގަންނަވާ މަޤާމަކަށް އެވަޑައިގަތީ، ކުރިންހުންނެވި ހޮސްޕިޓަލަށް ދާއިރާގެތެރެއިން ބޭނުންވާނެ އެންމެހައި ކަންކަން ކޮށްދެއްވުމަށްފަހު އެހެން ތޮތްޕެއް އަޅުއްވައިގެންނެވެ. މިއަދުވެސް މިދާއިރާއިން ފެންނަމުން މިދަނީ، ކުރިއެކޭވެސް އެއްގޮތަށް ހެލްތް ވާކަރުންނަށް ސިޔާސީ މަޤާމުތައް ދެއްވަމުންގެންދަވާ މަންޒަރެވެ. ތަޢުލީމީ ޤާބިލުކަމެއް ނެތްކަމަށްވިއަސް އެފެންވަރުގެ ސިޔާސީ މަޤާމެއްގައި ހުންނެވުމަކީ، މިނިސްޓްރީއެއް ނަންގަވައި ކޮއްޅަށް ޖެހިދާނެކަމެއް ކަމަކަށްވާތީ ތޯއްޗެކެވެ.

މި ޝުޢޫރު:
މިނިސްޓްރީގެ ސިވިލް ސާވަންޓުންގެ ބަލަދުވެރިފަރާތަކީ، އާދައިގެ ވަޒީފާއެއްގައި އެތަނުން ހިޔާވަހިކަން ހޯއްދެވި ފަރާތެއްކަމަށްވިއަސް މަޤާމަށް ވަޑައިގެންނެވުނީ، ފެންވަރުހުރެގެން ކަމަށް ވިއަސް ބަލަދުއަރާ މުއައްޒަފުންނާއިމެދު ނުބައިމީސް ވުން އެއީ އިންޓަވިއުގައި ހިމެނޭ މާއްދާއެއް ނޫނެވެ. މިހެންވެ، ދެން އެމަޤާމަށް ގެނައުމަށް އަރާ އަރަފޯދިގެންވާ ބޭފުޅަކީ، މިއީ އޭ ވިދާޅުވެ ދެން "މެމްބަރު" އެވިދާޅުވީ ސާޅީސްއަހަރު ވަޒީފާއަދާކުރި އިރު ލިބުނީ ކޮންއެއްޗެއްހޭ؟ މުސާރަވެސް ނުލިބެނީ ކަމަށް ވެދާނެއެވެ! މުއައްޒަފުންނަށް ސަރުކާރުން ދެއްވަނީ އުޖޫރަ އާއި، ޢިނާޔަތް ކަމެއް މިހާރު ސޮއިކުރައްވައިގެން ހުންނެވި އެ މެމްބަރަށް އެނގިވަޑައި ނުގަތީ ބާވައެވެ! ކޮންމެއަކަސް މިއީވެސް ރައްޔިތުންނަށް ގެނެސްދެވޭ ހެއު ބަދަލެއްނޫނެވެ.

ދެ ހޮސްޕިޓަލާއިމެދު:


ކުރިން މާލޭ ގަވަރމަންޓް ހޮސްޕިޓަލް ފަހުން މާލޭ ސެންޓްރަލް ހޮސްޕިޓަލުގެ ޚިދުމަތް އައި.ޖީ.އެމް.އެޗަށް ބަދަލުކުރެއްވީ 29 ޑިސެމްބަރ 1994 ގަ އެވެ. އެންމެހައި ވަސީލަތްތަކާއެކު، ހިނގަހިނގާ ހުރި މާލޭ ސެންޓްރަލް ހޮސްޕިޓަލުން، އައި.ޖީ.އެމް. ހޮސްޕިޓަލަށް ގެންދެވީ ހަމައެކަނި ދެ ސްޓްރެޗަރ އެވެ. ސެންޓަރަލް ހޮސްޕިޓަލުން އެހެން ތަނަކަށް ފަހުން ގެންދިޔައީ ހަމައެކަނި އުފުލައި ގެންގުޅޭ އެކްސްރޭ މެޝިނުގެ 4 މެޝިނެވެ. އެ މެޝިންތައް ފޮނުވީ ހަތަރު ރީޖަނަލް ހޮސްޕިޓަލަށެވެ. އޭރު އެތަނުގައި ހައްޓި ކިލޯވޮޓްގެ ޖަނަރޭޓަރަކާއި، އެހޮސްޕިޓަލުގައި އެނދުމަތިކުރާ މީހުން ބުއިމަށް ބޭނުންވާނެ 6 މަސްދުވަހު ވާރޭފެން ޖަމާގައި ހުންނާނެއެވެ. ތިއޭޓަރާއި، އެނޫން ތަންތަނާއި ކަންކަން ހުރީވެސް ހަމަ އެންމެ ދެރަވަރު ނޫން ޙާލަތުގައެވެ. އޭގެ އެއްއަހަރު ފަހުން ޢަބްދުއްރަޙުމާން ދޮންކަލޭފާނު (އޭޑީކޭ) ކުންފުންޏަށް އެތަން ސަހަލު އަގެއްގައި ކުއްޔަށް ދެއްވިއިރު އެހެން ފަރާތްތަކުން ޔަޢުނީ ބޭރުގެ ފަރާތްތަކުން ވެސް އެކަމަށް އެދިއެދި ތިބިކަމަށް ބުނާތީ އިވެއެވެ. މިކަންކަން ހިނގާފައިވަނީ، އިސްފަރާތްތަކަށް ފަހިކޮށްދެއްވި ކަމެއްގެ ގޮތުންކަމަކަށްވެސް ބުނެވެއެވެ. އެފަދަ އިސްބޭފުޅެއްގެ ބޭފުޅަކުވެސް ހަމަގައިމު އެތަނަށް ވަޑައިގަތެވެ. ދެންއިވުނު އަނެއްއަޑަކީ ޑރ.ޕާންޑިއަން އައްޑުއަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ފޮނުވުމުން އެތަނަށް ކަމުނުގޮސްގެން އޭނާ އޭނާގެ ޤަވްމަށް ފޮނުވާލުމަށްޓަކައި މާލެ ގެނެސް ހުންނަވަނިކޮށް ދޮންކަލޭފާނު އެދިވަޑައިގަތުމުން އޭނާގެ ސެޓްފިކެޓުގެ ބޭނުންކޮށްގެން އެ ހޮސްޕިޓަލް ރަޖިސްޓްރީކުރި އަޑެވެ. (ތެދުދޮގު ނޭނގެއެވެ.) ކޮންމެއަކަސް އެހޮސްޕިޓަލުގެ އިދާރީ އެންމެ އިސްފަރާތަކީ ކުރިން ހެލްތް މިނިސްޓްރީގައި ހުންނެވުމަށްފަހު، އެތަން ދެކެ ފޫހިވެގެން ވަޒީފާ ދޫކޮށްލެއްވި ބޭފުޅެކެވެ. މިރާއްޖޭގެ ޞިއްޙީ އެންމެހައި ކަންކަން ވިލަރެސް ކުރައްވާ ކޮމިޓީގައި މިހާރު އިންނަވާ އެންމެ ނުފޫޒުގަދަ ފަރާތަކީ އެއީ ކަމުގައި ބުނެވެއެވެ. ކޮންމެއަކަސް އާދައިގެކަމަކަށް މިސާލެއް ދަންނަވާނަމަ، ދެންނެވޭނީ ލޭ ހިނގާ މިންވަރުބަލާ އެންމެ އާދައިގެ މެޝިނެއް އައި.ޖީ.އެމް.އެޗްގައި ސަލާމަތުން ނެތްކަމަށްވިއަސް އޭޑީކޭ ހޮސްޕިޓަލުން އެކަން ކުރަނީ އިލެކްޓްރޯނިކް މެޝިނުން ކަމުގައެވެ. ދަންނަވަންޏާ މިފަދަ އެތައް ކަމެއްގެ ވާހަކަ ދެންނެވިދާނެ އެވެ.

މައިންގެ ޙާލަތު:
މިބަޔާން ނިންމާލުމުގެ ކުރިން މައިންގެ ޙާލަތާއިމެދުވެސް ބައެއްމީހުން ފާޅުކުރާ ޝުޢޫރުތައް ލިޔެލަން އެބަޖެހެއެވެ. މާބަނޑުވުމަކީ، މަރެއްގެ އެއްކޮޅުކަމަށް ކުރިން ބުނެއުޅެއެވެ. ނަމަވެސް ދެހާސްވަނަ އަހަރު ނިމުއިރު މިސަރަޙައްދުގައި އޮތް އެންމެރައްކާތެރި ނިޒާމު ޤާއިމުވެފައި އޮތީ އައި.ޖީ.އެމް.އެޗް ގައި ކަމަށްވެސް ބައެއްމީހުން ބުނެއެވެ. ނަމަވެސް މިހާރު އެކަން ބަދަލުވެ، އިވޭއަޑަކީ އަޅުގަނޑުގެ ދަރިފުޅު ޖެހޭނީ ސިޒޭރިއަން ހަދައިގެން ނަގަންތޯއެވެ؟ ވިހަންވެއްޖެ ނަމަ، އެކަނިމާއެކަނި އޮވެ ވިހެއުމުގެ ސަބަބުން އަލުން ދަރިމައި ނުވާފަދަ ޙާލަތަކަށް ނުދާނެ ބާވައެވެ؟ ވިހަންޏަކާ އެތަނުން އަޅައެއްނުލާނެއެވެ. ނަމަވެސް ސިޒޭރިއަން ހަދުމަށް އަވަސްވެގަންނާނެއެވެ. ނޫންނަމަ އޭޑީކޭ އަކަށް ދާންވީތާއެވެ! އުފަންވުމަށް ޤުދުރަތުން ލައްވާފައިވާ ނިޒާމު އައި.ޖީ.އެމް.ޗަށް ވަނުމުން ފޭލިވަނީ ހެއްޔެވެ؟ އާހް!!! ހިތާމަހުރި ކަމެކެވެ!ވިސްނާލަންޖެހޭ ކަމެކެވެ!

އަދި އެހެން އަޑެއް:
އޮނަހަތްތަރި އަހަރަކީ އިންސާނާ ދުނިޔޭގައި ހުންނާނެކަމަށް ކަނޑައަޅާފައިވާ މިންގަނޑު ނުވަތަ އެމީހަކު ދުނިޔޭގައި ހުއްޓަސް އެމީހެއްގެ ފަރާތުން އެއުމުރުން މަތިވުމުން މަންފާއެއް ނުކުރާނެނެޔޯ!! ބޭސްފަރުވާގެ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނީ އޭގެ ދަށް އުމުރުގެ މީހުނަށޯ، އެކަމަކު ބޭސްފަރުވާ އާއި ބެހޭ ޤާނޫނުގައި އެވާހަކަ އެގޮތަށް ބަޔާންކޮށްފައި ނެތޯ!

ނިންމާލުން:
ހެލްތް މިނިސްޓްރީ އަކީ، ޞައްޙަ ސެޓްފިކެޓް ނެތް ޑޮކްޓަރުން ގެނެވޭއިރު ވެސް ނޭނގޭ ނުވަތަ އެނގުނަސް ނޭނގޭ ކަމަށް ހެދިގެން މަދަދަށް އެދިއެދި ތިބި އަދި އެފަރާތްތަކުން ދައްކާމަގުން ނޫން އެހެން މަގަކުން ތަނުގެ އެންމެ އިސްވެރިޔާއަށް ވެސް ނުހިނގޭގޮތަށް މަގުބައްދާފައިވާ ތަނެކެވެ. ވުމާއެކު، ދެންއޮތް އެންމެ ކަމުދާގޮތަކީ، އެ މިނިސްޓްރީ އުވާލައްވައި ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތް ސާރވިސަސް އެއް އުފައްދައި ޢާއްމު ޞިއްޙަތު ކުރިއެރުވުމެވެ. އައި.ޖީ.އެމް ހޮސްޕިޓަލް އެވަނީ، އޭޑީކޭ އިން އަތްދަށުލާފައެވެ. އެތަން އެހިންގަނީ ރައްޔިތުންގެ ނުހަނު ބޮޑު ބިމެއްގައި ނުހަނު ކުޑަކުޑަ ކުއްޔަކަށެވެ. އެތަނުގެކިބައިން ސަލާމަތްކުރެވޭނެ ހަމައެކަނި ގޮތަކީ، އައި.ޖީ.އެމް.އެޗް ޕްރައިވަޓައިޒް ކުރުމެވެ. މިނިސްޓަރުން ބަދަލުކުރެއްވިއަސް އެއީ ހަމައެކަނި ޙައްލެއް ނޫންނެވެ. ޙައްލުކުރަން ޖެހޭ ކަންކަން ނުހަނު ގިނައެވެ.

ދަރިމައިވުމަކީ، ބިރުހުރި ކަމަކަށް ވެއްޖެއެވެ. އެއީ ނަސްލު ނައްތާލުމަށްޓަކައި ކުރާ ކަމެއްކަމަށް ދެކޭ ހިސާބަށް ކަންކަން ހިނގައްޖެއެވެ. ސަރުކާރުން ކުރާ ހޭދަތައް އެނގޭކަށް ނެތެވެ. އެންމެންވެސް ރައްދުކުރަނީ، ނުބައި ބަސްތަކެވެ. އައި.ޖީ.އެމް.އެޗް އަދި ޞިއްޙީ ނިޒާމު ދަރަހަނާކުރުމަށްޓަކައި ހިންގަމުން މިގެންދާ ކަންކަމަށް ނިމުން ގެންނަނަށް މަޖުބޫރު ވެއްޖެއެވެ. ޞިއްޙީ ޚިދުމަތް ސިޔާސީ ކަމަކަށް ނަހައްދަވާށެވެ. ބޭސްފަރުވާކުރުމަށްޓަކައި، ކޮންމެ ބޮލަކަށް ވަކިވަރަކަށް ފައިސާ ދެއްވިއަސް މިއަށްވުރެ މާބޮޑަށްވެސް ރަނގަޅުވާނެއެވެ. ނަމަވެސް އެއީވެސް ކުރެވޭނެ ކަމެއްވެސް ނޫނެވެ. ވުމާއެކު، މިކަން ރަނގަޅުކުރާނެ ގޮތަކާމެދު ރައްޔިތުންގެ ވޯޓަކަށް ދަމާތޯއެވެ؟ (ނިމުނީ)
              -------------------
ލިޔުއްވާފައިވަނީ: ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި
12 އޯގަސްޓް 2014މ.

ނޯޓް: މިއީ އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި މިދުނިޔެ ދޫކުރެއްވުމުގެ 10 ދުވަސްކުރިން އޭނާ އަމިއްލަފުޅަށް ޓައިޕްކުރައްވައި "ގަލެހިރި" ސައިޓަށް ފޮނުއްވުމުން 12 އޯގަސްޓް 2014މ. ގައި "ގަލެހިރި" ސައިޓްގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. މަރުޙޫމް ޢަލީ ނަޞީރު މިލިޔުން ލިޔުއްވަމުން ގެންދަވަނިކޮށް އޭނާ އެވަގުތު ހުންނެވި ގެ ސަޠަޙަ/ ގދ. ތިނަދޫއަށް އަޅުގަނޑަށް ދެވުނެވެ. އޭރު އޭނާގެ އަނބިކަނބަލުން ޒުލްފާ އިސްމާޢީލް ވެސް އެތާނގައި އިންނެވިއެވެ. އަޅުގަނޑު ދިޔުމުން އޭނާ ދެއްކެވި ވާހަކަފުޅަކީވެސް މިލިޔުއްވުމުގައި އެވާ ބައެއް ވާހަކަފުޅާއި އަދި މިހާރު ޞިއްޙީދާއިރާގެ ޙާލަތުގެ ދެރަވަރު ވާހަކައެވެ.

އަލްމަރުޙޫމް ޢަލީ ނަޞީރަކީ ޞިއްޙީދާއިރާގެ ކުރިއެރުމާއި އިންސާނީ ދުޅަހެޔޮކަމުގެ ކަންކަމަށް ވަރަށްބޮޑު ޝައުގުވެރިކަމެއް ބެހެއްޓެވި ބޭފުޅެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ގިނަ ކަންކަމެއް އެބަހުއްޓެވެ. އަދި އޭނާ ރަށުންބޭރު އެކި ތަންތާނގައި ވަޟީފާގެ މަސައްކަތްކުރައްވަމުން ގެންދެވިއިރުވެސް އެދާއިރާގެ ކަންކަމާމެދު އެދާއިރާގެ މަތީބޭފުޅުންގެ އަރިހުގައިވެސް އެވާހަކަފުޅުދައްކަވާ ކަމަށް އަޅުގަނޑުގާތު ވިދާޅުވެއެވެ.  މީގެ އިތުރަށް  މަރުޙޫމް ޢަލީ ނަޞީރަށް ވަގުތު ލިބިވަޑައިގަތުން ދަތި ދުވަސްކޮޅެއްގައި ވަރަށްބުރަކޮށް (ގޭގެ ބައެއް މަސައްކަތުގެ ތެރޭ) އުޅުއްވަމުން ގެންދަވަނިކޮށްވެސް ޞިއްޙީދާއިރާގެ ކަންކަމާމެދު މިފަދަ ބޭނުންތެރި މަޢުލޫމާތުގެ ލިޔުމެއް ލިޔުއްވުމަކީވެސް އެދާއިރާއަށް އޭނާ ދެއްވަމުންގެންދެވި ޚާއްޞަ އަހުމިއްޔަތެއްކަމަށް އަޅުގަނޑު ދެކެމެވެ. އަދި އެމަރުޙޫމްގެ އެންމެފަހުގެ ލިޔުއްވުމަކީވެސް ޞިއްޙީދާއިރާގެ މައްޗަށް ބައްލަވައިލައްވައިފައިވާ މިލިޔުއްވުންކަމަށް ވުމީވެސް އަޅުގަނޑުގެ މިބަހަށް ލިބޭ ބާރެއްކަމަށް ދެކެމެވެ. -ޢަބުދުﷲ ޙިލްމީ -