ޖިހާދުކުރުމާއި، އޭގެ މާނައާއި، އޭގެ ޙިކުމަތް - 2ހަނގުރާމަކުރުމުގެ ވާހަކަ ބަޔާންވެފައިވާ އާޔަތްތަކާއި ޙަދީޘްތަކުގެ ބޭރުފުށު ތިލަ މަފުހޫމަށް ބެލިއްޖެނަމަ، އިސްލާމް ދީން ފެތުރުނީ، ކަނޑީގެ ބާރުންކަމަށް ހިތަށްފެނިދާނެ އެވެ. އަދި ކަނޑީގެ ބާރު ނުވާނަމަ، އިސްލާމް ދީން ދެމި ނޯތީސް ކަމަށާއި ދުނިޔޭގެ ބޮޑު ބަޔެއްގައި އެދީން ފެތުރިފައި ނުވާނެ ކަމަށާއި، މީސްތަކުންގެ ހިތްތަކުގައި އެދީނަށް ޖެހިފައިވާ ވަރުގަދަ ލޯބި ވެސް ނުވާނެ ކަމަށް ގަބޫލުކުރެވޭ ގޮތްވުމަކީ ދުރުކަމެއް ނޫނެވެ. އެކަމަކު ފުންކޮށް ވިސްނައިފި މީހަކަށް ސާފުކޮށް ކަޝްފުވާނެ ޙަޤީޤަތެއް ވެ އެވެ. މާތްވެގެންވާ އިސްލާމްދީނަކީ، ރަޙުމަތުގެ ދީން ކަން އެމީހަކަށް ސާބިތުވާނެއެވެ. އަދި އެ ދީނާމެދު އެފަދަ ހީތައް ހީކުރެވުމަކީ އެއްވެސް ޙާލެއްގައި ވެގެން ވާނެ ކަމެއް ނޫންކަން އެނގި ޔަޤީންވެސް ވާނެ އެވެ. މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.

(يَا أَيُّهَا الَّذِينَ آمَنُواْ ادْخُلُواْ فِي السِّلْمِ كَافَّةً)
އަލްބަޤަރާ: 208،
މާނައީ، "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެން ކިޔަމަންވުމުގެ ތެރެޔަށް (އެބަހީ: އިސްލާމްދީނަށް) ވަންނާށެވެ!"

އަދިވެސް ވަޙީކުރައްވާފައި ވެ އެވެ.
(وَإِن جَنَحُواْ لِلسَّلْمِ فَاجْنَحْ لَهَا وَتَوَكَّلْ عَلَى اللَّهِ إِنَّهُ هُوَ السَّمِيعُ الْعَلِيمُ)
އަލްއަންފާލު: 61،
މާނައީ، "އަދި ޞުލްޙައިގެ ފަރާތަށް އެއުރެން ލެނބިލައިފިނަމަ، ކަލޭގެފާނު ވެސް (އެގޮތް ޤަބޫލުކުރައްވައި) އެފަރާތަށް ލެނބިވަޑައިގަންނަވާށެވެ! އަދި ﷲ އަށް ވަކީލުކުރައްވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ."

ބުޚާރީ އާއި މުސްލިމު ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ.
(لاَ تَتَمَنَّوْا لِقَاءَ الْعَدُوِّ وَسَلُوا اللَّهَ الْعَافِيَةَ فَإِذَا لَقِيتُمُوهُمْ فَاصْبِرُوا وَاعْلَمُوا أَنَّ الْجَنَّةَ تَحْتَ ظِلاَلِ السُّيُوفِ)
މާނައީ، "ދުޝްމިނުންނާ ބައްދަލުވެ ހަނގުރާމަކުރުމަށް ތިޔަބައިމީހުން އުންމީދު ނުކުރާށެވެ! އަދި ﷲ ގެ ޙަޟުރަތުން ތިޔަބައިމީހުން ޢާފިޔަތަށް އެދޭށެވެ! ފަހެ، އެބައިމީހުންނާ (ހަނގުރާމައިގެ މައިދާނުގައި) ބައްދަލުވެއްޖެނަމަ، ތިޔަބައިމީހުން ކެތްތެރިވާށެވެ! އަދި ސުވަރުގެވަނީ، ކަނޑިތަކުގެ ހިޔަލުގައިކަން ތިޔަބައިމީހުން ދަންނާށެވެ!" 

އިސްލާމް ދީނަށް ދަޢުވަތު ދިނުން އޮތީ ހުށަހެޅުމުންނެވެ. އިސްލާމްދީނަށް ވަނުމަކީ، ފަހަރެއްގައި ވެސް، މަޖުބޫރުކުރެވޭ ކަމެއް ނޫނެވެ. ޢަޤީދާއަކީ، ދުވަހަކުވެސް މަޖުބޫރުން ހިތްތަކަށް ވާޞިލުކުރެވޭނެ އެއްޗެއް ނޫނެވެ. އިހުޒަމާނުގައި ވެސް އަދި މިޒަމާނުގައި ވެސް ކަން އޮތީ މިގޮތަށެވެ. ނޫޙުގެފާނާ ބެހޭގޮތުން މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.
(أَنُلْزِمُكُمُوهَا وَأَنتُمْ لَهَا كَارِهُونَ)
ހޫދު: 28،
މާނައީ، "ތިޔަބައިމީހުން އެކަމަށް ނުރުހުންވެ ތިއްބައި، އަހުރެމެންނަށް ތިޔަބައިމީހުންގެ މައްޗަށް އެކަން ލާޒިމުކުރެވިދާނެ ހެއްޔެވެ؟"

އަދި ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)، އަށް މާތް ﷲ އަންގަވާފައި ވެ އެވެ.
(أَفَأَنتَ تُكْرِهُ النَّاسَ حَتَّى يَكُونُواْ مُؤْمِنِينَ)
ޔޫނުސް: 99،
މާނައީ، "ފަހެ، ކަލޭގެފާނު މީސްތަކުންނަށް އެއުރެން މުއުމިނުން ކަމުގައި ވުމަށް މަޖުބޫރު ކުރައްވަނީތޯ އެވެ؟"

މިނޫނަސް މިފަދަ ނައްޞުތައް، ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުގައި ވެ އެވެ.

ޚައިބަރުގެ ޔަހޫދީންނާ ހަނގުރާމަކުރެއްވުމަށް ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)، ޢަލީގެފާނު ފޮނުއްވިއިރު، ޢަލީގެފާނު ދެންނެވި އެވެ. "އެބައިމީހުން ގަދަކަމުން އިސްލާމްދީނަށް ވައްދަންވީތޯ އެވެ؟" އެހިނދު އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ.

(انْفُذْ عَلَى رِسْلِكَ حَتَّى تَنْزِلَ بِسَاحَتِهِمْ ثُمَّ ادْعُهُمْ إِلَى الإِسْلاَمِ وَأَخْبِرْهُمْ بِمَا يَجِبُ عَلَيْهِمْ فَوَاللَّهِ لأَنْ يَهْدِىَ اللَّهُ بِكَ رَجُلاً خَيْرٌ لَكَ مِنْ أَنْ يَكُونَ لَكَ حُمْرُ النَّعَمِ)
މާނައީ، "އެއުރެންގެ މައިދާނަށް ކަލޭގެފާނަށް ފައިބާވަޑައިގެންނެވެންދެން ކަލޭގެފާނު، މަޑުމަޑުން ކުރިޔަށް ވަޑައިގަންނަވާށެވެ! ދެން އެބައިމީހުންނަށް އިސްލާމްދީނަށް ގޮވާލައްވާށެވެ! އަދި އެއުރެންގެ މައްޗަށް ވާޖިބުވެގެންވާ ކަންތައްތަކަކީ ކޮބައިކަން ވިދާޅުވާށެވެ! ފަހެ، ﷲ ގަންދެއްވައި ވިދާޅުވަމެވެ. ކަލޭގެފާނުގެ ސަބަބުން ﷲ އެންމެ ފިރިހެނަކަށް ތެދުމަގު ދެއްކެވުން، ކަލޭގެފާނަށް ރަތް ޖަމަލު ލިބިވަޑައިގަތުމަށްވުރެ ހެޔޮކަން ބޮޑެވެ." (ރަތް ޖަމަލަކީ، ޢަރަބީންގެ އެންމެ އަގު ބޮޑު މުދަލެވެ.)

ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތަކުގެ ބޭރުފުށުން ހަނގުރާމައިގެ މާނަ ދޭހަވާއިރު، ހަނގުރާމަކުރަންވީ ގޮތް ބުނެދޭ އެހެން އާޔަތްތައް ވެ އެވެ. އެ އާޔަތްތަކުން އެނގޭ ގޮތުގައި ހަނގުރާމަ ކުރަން ޖެހެނީ، ޢުދުވާނީ ހަމަލައެއް ހުއްޓުވުމަށްޓަކަ އެވެ. ނުވަތަ އެއްބަސްވުމަކާ ޚިލާފުވުމުގެ ސަބަބުން އެކަން ހަމަޔަކަށް އެޅުވުމަށްޓަކަ އެވެ. ނުވަތަ ކުރިމަތިވަމުން އަންނަ ޢުދުވާނީ ހަމަލައެއް މަނާކުރުމަށްޓަކަ އެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެ އެވެ.
(وَقَاتِلُواْ فِي سَبِيلِ اللَّهِ الَّذِينَ يُقَاتِلُونَكُمْ وَلاَ تَعْتَدُواْ إِنَّ اللَّهَ لاَ يُحِبُّ الْمُعْتَدِينَ)
އަލްބަޤަރާ: 190،
މާނައީ، "ތިޔަބައިމީހުންނާ ހަނގުރާމަކުރާ މީހުންނާ ތިޔަބައިމީހުން ﷲ ގެ މަގުގައި ހަނގުރާމަ ކުރާށެވެ! އަދި (އެކަމުގައި) ތިޔަބައިމީހުން (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) ހައްދުފަހަނައަޅައި ނުދާށެވެ! ހަމަކަށަވަރުން (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) ހައްދުފަހަނައަޅައިދާ މީހުންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެ އެވެ."

އަދި އެހެން އާޔަތެއްގައި ވެ އެވެ.
(وَإِن نَّكَثُواْ أَيْمَانَهُم مِّن بَعْدِ عَهْدِهِمْ وَطَعَنُواْ فِي دِينِكُمْ فَقَاتِلُواْ أَئِمَّةَ الْكُفْرِ إِنَّهُمْ لاَ أَيْمَانَ لَهُمْ لَعَلَّهُمْ يَنتَهُونَ)
އައްތައުބާ: 12،
މާނައީ، "އަދި އެއުރެން ޢަހުދުކުރުމަށްފަހު، އެއުރެންގެ ހުވާތައް އުވާލައި، އަދި ތިޔަބައިމީހުންގެ ދީނަށް ޢައިބު ބަސް ބުނެ އުޅެނީނަމަ، ތިޔަބައިމީހުން ކާފިރުކަމުގެ ބޮޑުންނާ ހަނގުރާމަކުރާށެވެ! ހަމަކަށަވަރުން، ހުވަޔަކީ، އެއުރެންނަށް އެއްވެސް އެއްޗެއް ނޫނެވެ. (ހަނގުރާމަ ކުރަންވީ) އެއުރެން އެކަންތައް ހުއްޓާލާތޯ އެވެ."

މި އާޔަތުން ވަނީ އަންނަނިވި އާޔަތުގައިވާ ހަނގުރާމަކުރުން ޤައިދުކުރައްވާފަ އެވެ.
(وَقَاتِلُواْ الْمُشْرِكِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةً)
އައްތައުބާ 36،
މާނައީ، "އަދި އެންމެހާ މުޝްރިކުންނާ ތިޔަބައިމީހުން ހަނގުރާމަކުރާށެވެ! އެއުރެންވެސް އެންމެން އެކުގައި ތިޔަބައިމީހުންނާ ހަނގުރާމަކުރާ ފަދައިންނެވެ."

އަދި އެހެން އާޔަތެއްގައި ވެ އެވެ.
(وَاقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأَخْرِجُوهُم مِّنْ حَيْثُ أَخْرَجُوكُمْ وَالْفِتْنَةُ أَشَدُّ مِنَ الْقَتْلِ وَلاَ تُقَاتِلُوهُمْ عِندَ الْمَسْجِدِ الْحَرَامِ حَتَّى يُقَاتِلُوكُمْ فِيهِ فَإِن قَاتَلُوكُمْ فَاقْتُلُوهُمْ كَذَلِكَ جَزَاء الْكَافِرِينَ)
އަލްބަޤަރާ: 191،
މާނައީ، "އަދި ތިޔަބައިމީހުންނަށް އެއުރެން (އެބަހީ: ތިޔަބައިމީހުންނާ ހަނގުރާމަކުރާ މީހުން) ފެނުނު ކޮންމެ ތަނަކުން އެއުރެން ޤަތުލުކުރާށެވެ! އަދި އެއުރެން ތިޔަބައިމީހުން ނެރުނުތަނުން ތިޔަބައިމީހުން އެއުރެން ނެރޭށެވެ! އަދި ޤަތުލުކުރުމަށްވުރެ ފިތުނަވެރިކަމުގެ ނުބައިކަން ބޮޑެވެ. އަދި ޙުރުމަތްތެރިވެގެންވާ މިސްކިތުގައި އެއުރެން ތިޔަބައިމީހުންނާ ހަނގުރާމަކޮށްފުމަށް ދާންދެން ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަ ނުކުރާށެވެ! އެއުރެން ތިޔަބައިމީހުންނާ ހަނގުރާމަކޮށްފިނަމަ، ތިޔަބައިމީހުން ވެސް (ހަނގުރާމަކޮށް) އެއުރެން ޤަތުލުކުރާށެވެ! ކާފިރުންގެ ޖަޒާވަނީ އެފަދައިންނެވެ."

އަދި އެހެން އާޔަތެއްގައި ވެ އެވެ.
(وَقَاتِلُوهُمْ حَتَّى لاَ تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلَّهِ فَإِنِ انتَهَوْا فَلاَ عُدْوَانَ إِلاَّ عَلَى الظَّالِمِينَ)
އަލްބަޤަރާ: 193،
މާނައީ، "އަދި (ދީނާ ދެކޮޅަށް އުފައްދާ) ފިތުނަވެރިކަން ނެތިއްޖައުމަށް ދާންދެން އަދި ދީން، ﷲ އަށް ޚާލިޞްވެއްޖައުމަށް ދާންދެން ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަ ކުރާށެވެ! ފަހެ، އެއުރެން އެކަން ހުއްޓާލައިފިނަމަ، އަނިޔާވެރިވާ ބަޔެއްގެ މައްޗަށް ޢަދާވާތްތެރިވުމެއް ނެތެވެ."

ބައެއް އާޔަތްތަކުގެ ބޭރުފުށުން ދޭހަވާ މާނައިގައި، ހަނގުރާމަ ކުރަންޖެހެނީ، އިސްލާމްދީނަށްޓަކައި ކަމަށް ވެ އެވެ. އޭގެ މުރާދައަކީ، މީސްތަކުން އިސްލާމްވެއްޖެކަން އިޢުލާންކޮށްފިނަމަ، ހަނގުރާމަ ނިމޭ ކަމާއި، އެ ހަނގުރާމަ ކުރެވެނީ، އެބައިމީހުން އިސްލާމްވުމަށްޓަކައި ކަމެވެ. މި މާނަ ދޭހަވާ ޙަދީޘެއްގައިވެ އެވެ.

(أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَقُولُوا لاَ إِلَهَ إِلاَّ اللَّهُ. فَمَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ فَقَدْ عَصَمَ مِنِّى نَفْسَهُ وَمَالَهُ إِلاَّ بِحَقِّهِ وَحِسَابُهُ عَلَى اللَّهِ)
މާނައީ، "މީސްތަކުން لاَ إِلَهَ إِلاَّ اللَّهُ ކިޔައިފުމަށް ދާންދެން ހަނގުރާމަކުރެއްވުމަށް ތިމަންކަލޭގެފާނަށް އަމުރުކުރެއްވިގެން ވެ އެވެ. ފަހެ، لاَ إِلَهَ إِلاَّ اللَّهُ ކިޔައިފިމީހާ، އޭނާގެ ލެޔާއި މުދާ ތިމަންކަލޭގެފާނުގެ ކިބައިން އޭގެ ޙައްޤުގައި މެނުވީ ރައްކާތެރި ކޮށްފި އެވެ. އެބައިމީހުންގެ ޙިސާބު ބެއްލެވުން އޮތީ ﷲ އަށެވެ."

އަންނަނިވި ވަޙީ ބަސްފުޅުގައި ވެސް ވަނީ އެފަދަ މާނައެކެވެ.
(قَاتِلُواْ الَّذِينَ لاَ يُؤْمِنُونَ بِاللَّهِ وَلاَ بِالْيَوْمِ الآخِرِ وَلاَ يُحَرِّمُونَ مَا حَرَّمَ اللَّهُ وَرَسُولُهُ وَلاَ يَدِينُونَ دِينَ الْحَقِّ مِنَ الَّذِينَ أُوتُواْ الْكِتَابَ حَتَّى يُعْطُواْ الْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ)
އައްތައުބާ: 29،
މާނައީ، "ފޮތް ލިބުނު މީހުންކުރެ، ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާން ނުވާ، އަދި ﷲ އާއި އެކަލާނގެ ރަސޫލާ ޙަރާމްކުރެއްވި ކަންތައްތައް ޙަރާމް ނުކުރާ، އަދި ޙައްޤު ދީނަށް ތަބަޢަނުވާ މީހުންނާ ތިޔަބައިމީހުން ހަނގުރާމަކުރާށެވެ! (އެއީ) އެއުރެން ނިކަމެތިވެ، ދެރަވެގެންވާ ޙާލު، އަމިއްލަ އަތުން ޖިޒުޔާ ދީފުމަށް ދާންދެނެވެ."

ހަނގުރާމަ ކުރަނީ، ޖިޒީ އަތުލުމުގެ މަޤުޞަދުގައެއް ނޫނެވެ. އެކަމަކު، ޖިޒީ އަކީ ހަނގުރާމަ ނިމުމުން އެބައިމީހުން ދީފި ނަމަ އަތުލެވޭ އެއްޗެކެވެ. ހަނގުރާމަ ކުރަނީ މާއްދީ ބޭނުމެއްގައި ނޫންކަން ކަށަވަރުކޮށްދޭ ހާދިސާއެއްގެ ގޮތުން ޔަރުމޫކު ހަނގުރާމަ ފުދެ އެވެ. އެ ހަނގުރާމައިގައި ރޫމީންނާ ބައްދަލުކުރަން ޖެހުމުން، އަބޫ ޢުބައިދަތުގެފާނު ވަނީ، ރަށްރަށުގެ މީހުން އަތުން ނެންގެވި ޖިޒީ އެބައިމީހުންނަށް އަނބުރާ ދެއްވާފަ އެވެ. އެހެނީ، އެ ޖިޒީ ނަގާފައިވަނީ، އެބައިމީހުން ޙިމާޔަތްކުރުމުގެ ބަދަލުގަ އެވެ. "އަލްޚަރާޖު" ނަމަކަށް ކިޔުނު ފޮތުގައި، އަބޫ ޔޫސުފު ބަޔާންކުރައްވާފައިވާ ފަދައިން، އެބައިމީހުން ޙިމާޔަތްނުކުރެވޭނަމަ، ޖިޒީނެގުމުގެ މާނައެއް ނެތެވެ.

މިކަންކަން މިހެން އޮތުމާއެކު ވެސް، މިޒަމާނުގައި ހަތިޔާރު އަޅައިގެން ޖިހާދުކުރަން ގޮވާލާ މީހުންގެ މަޤުޞަދަކީ، އިސްލާމީ މުޖުތަމަޢުތަކުގެ ޙާލަތު ބަދަލުކުރުން ކަމަށް ވެދާނެ އެވެ. މުޖުތަމަޢު އިޞްލާޙުކުރުމަށްޓަކައި ހަރުކަށިކަން ބޭނުންކުރުމަކީ، ފަހަރެއްގައިވެސް އެދެވިގެންވާ ރަނގަޅު ނަތީޖާއެއް ލިއްބައިދޭނެ ކަމެއް ނޫނެވެ. ބާރުގެ ބޭނުންކުރާނަމަ، އެކަން ކުރާނެ ގޮތް ރާވައި ޕްލޭންކޮށް، އެކަމަށް ތައްޔާރުވާން ޖެހެ އެވެ. އަދި ޙާލަތު އޮތްގޮތް ދިރާސާކޮށް، ބާރުގެ ބޭނުންކުރުމަކީ، ބޭނުންތެރި ކަމެއްތޯ ބަލަން ޖެހެ އެވެ. މިހެން ދެންނެވުމުގެ ބޭނުމަކީ، ޖިހާދުކުރުމުގެ ޢާންމު މާނައާ އަޅުގަނޑު ދެކޮޅު ހެދުން ކަމަށް މާނަކުރައްވައިގެން ނުވާނެ އެވެ. ޤިޔާމަތަށް ދާންދެން، ޖިހާދުކުރުން އޭގެ ތަނަވަސް މައިދާނުގައި، އޭގެ ތަފާތު ވަސީލަތްތަކާއެކު ދެމި އޮންނާނެ އެވެ. އަބޫ ދާވޫދު ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެ އެވެ.

(وَالْجِهَادُ مَاضٍ مُنْذُ بَعَثَنِىَ اللَّهُ إِلَى أَنْ يُقَاتِلَ آخِرُ أُمَّتِى الدَّجَّالَ لاَ يُبْطِلُهُ جَوْرُ جَائِرٍ وَلاَ عَدْلُ عَادِلٍ)
މާނައީ، "ތިމަންކަލޭގެފާނު ފޮނުއްވެވީއްސުރެ، ތިމަންކަލޭގެފާނުގެ އުންމަތުގެ ފަހުގެ މީހުން ދައްޖާލާ ހަނގުރާމަކޮށްފުމަށް ދާންދެން، ޖިހާދުކުރުން ދެމިއޮންނާނެ އެވެ. އަނިޔާވެރިއެއްގެ އަނިޔާވެރިކަން، ނުވަތަ ޢަދުލުވެރިއެއްގެ ޢަދުލުވެރިކަން، އެކަން (އެބަހީ، ޖިހާދުކުރުން) ބާޠިލެއް ނުކުރާނެ އެވެ."

މި ޙަދީޘުން އެނގޭ ގޮތުގައި، ޞުލްޙަވެރިކަމާއި އަމާންކަމުގެ މައިދާންތަކުގައި ވެސް ޖިހާދުކުރުން އޮންނާނެ އެވެ. (އެއީ، އެ މައިދާންތަކުގައި، ގަދައަޅައިކުރާ މަސައްކަތްތަކެވެ.)

ޖިހާދުކުރުން ފަރުޟުކުރައްވާފައިވަނީ، އިސްލާމްދީނަށް ގޮވާލުމުގެ މަގު އަމާންކުރުމާއި ޙުރުމަތްވެގެންވާ ތަންތަނާއި ތަކެތި ދިފާޢުކުރުމަށްޓަކަ އެވެ. އެހެންވީމާ، ޖިހާދުކުރެވޭނީ، ހަމައެކަނި (އަނިޔާވެރިވާ) ކާފިރުންނާ ދެކޮޅަށް ކަން ސާފުކޮށް އޮޅުންފިލަ އެވެ. ބަޔެއްގެ ޙައްޤުތަކަށް އަރައިގަތުމަށްޓަކައި، ޖިހާދު ކުރަނީޔޭ ބުނެ، މުސްލިމު ޤައުމުތަކުގެ މެދުގައި ހަނގުރާމަކުރުމަކީ އެއްގޮތަކަށް ވެސް ހުއްދަ ކަމެއް ނޫނެވެ. މުސްލިމު ޤައުމުތަކުގެ މެދުގައި ހަނގުރާމައެއް ކުރެވޭނަމަ، ކުރެވޭނީ ޢުދުވާނީ ހަމަލައެއް ހުއްޓުވުމަށްޓަކަ އެވެ. އަދި އެފަދަ ހަނގުރާމައަކާ ހަމައަށް ވެސް ދާންޖެހޭނީ، ޞުލްޙަވެރިކަމާއެކު މައްސަލަ ޙައްލުކުރެވެން އޮތް ހުރިހައި ގޮތްތަކުން މަސައްކަތްކޮށް، ނާކާމިޔާބުވެއްޖެނަމަ އެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެ އެވެ.

(وَإِن طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا فَإِن بَغَتْ إِحْدَاهُمَا عَلَى الأُخْرَى فَقَاتِلُوا الَّتِي تَبْغِي حَتَّى تَفِيءَ إِلَى أَمْرِ اللَّهِ فَإِن فَاءَتْ فَأَصْلِحُوا بَيْنَهُمَا بِالْعَدْلِ وَأَقْسِطُوا إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ)
އަލްޙުޖުރާތު: 9،
މާނައީ، "މުއުމިނުންގެ ދެބަޔަކު ތަޅައިފފޮޅައިގެންފިނަމަ، ފަހެ، އެ ދެބައިމީހުންގެ ދެމެދު ތިޔަބައިމީހުން ޞުލްޙަކުރާށެވެ! އޭގެތެރެއިން އެއްބަޔަކު އަނެއް ބަޔަކަށް ބަޣާވާތްކޮށްފިނަމަ، އެ ބަޣާވާތްކުރި މީހުން ﷲ ގެ އަމުރުފުޅަށް ރުޖޫޢުވެއްޖައުމަށް ދާންދެން އެއުރެންނާ ހަނގުރާމަކުރާށެވެ! ފަހެ، އެއުރެން ރުޖޫޢުވެއްޖެނަމަ، ފަހެ، ޢަދުލުވެރި ގޮތުން އެ ދެބައިމީހުންގެ ދެމެދު ޞުލްޙަކުރާށެވެ! އަދި ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! ހަމަކަށަވަރުން، ޢަދުލުވެރިން ދެކެ ﷲ ލޯބިވެވޮޑިގެން ވެ އެވެ."

ނަފުސުގެ ދިފާޢުގައި ތެދުވުމަކީ ކޮންކަހަލަ ކަމެއްކަން ބަޔާންކުރައްވާފައިވާ ޙަދީޘެއްގައި ވެ އެވެ.

(وَمَنْ قُتِلَ دُونَ دَمِهِ فَهُوَ شَهِيدٌ وَمَنْ قُتِلَ دُونَ مَالِهِ فَهُوَ شَهِيدٌ)
ރިވާކުރެއްވީ އަބޫ ދާވޫދު.
މާނައީ، "އެމީހެއްގެ އަމިއްލަ ނަފުސުގެ ދިފާޢުގައި މަސައްކަތްކުރަނިކޮށް ޤަތުލުވާ މީހާއީ ޝަހީދެކެވެ. އަދި އެމީހެއްގެ މުދަލުގެ ދިފާޢުގައި މަސައްކަތްކުރަނިކޮށް ޤަތުލުވާ މީހާއީ ޝަހީދެކެވެ."

މުސްލިމުންގެ މެދުގައި، ފަރުދުންނަށާއި ޖަމާޢަތްތަކަށާއި ޤައުމުތަކަށް ޢުދުވާނީ ހަމަލަ ނުދިނުމަށް އިންޒާރު ދެއްވާފައިވާ ޙަދީޘެއްގައި ވެ އެވެ.

(إِذَا الْتَقَى الْمُسْلِمَانِ بِسَيْفَيْهِمَا فَالْقَاتِلُ وَالْمَقْتُولُ فِى النَّارِ قِيلَ يَا رَسُولَ اللَّهِ هَذَا الْقَاتِلُ فَمَا بَالُ الْمَقْتُولِ قَالَ إِنَّهُ كَانَ حَرِيصًا عَلَى قَتْلِ صَاحِبِهِ)
ރިވާކުރެއްވީ ބުޚާރީއާއި މުސްލިމު،
މާނައީ، "ކަނޑި ހިފައިގެން ދެ މުސްލިމަކު ބައްދަލުކޮށް (އެކަކު އަނެކަކަށް ހަމަލަދީފި) ނަމަ، އެދެމީހުންކުރެ ޤަތުލުވި މީހާއާއި ޤަތުލުކުރި މީހާ ދާނީ ނަރަކައަށެވެ. (މިހެން ޙަދީޘްކުރެއްވުމުން އިތުރު އެކަލޭގެފާނަށް) ދެންނެވުނެވެ. ﷲ ގެ ރަސޫލާ އެވެ! ޤަތުލުކުރި މީހާ ނަރަކައަށް ދިއުމާމެދު ސުވާލެއް ނުއުފެދެ އެވެ. އެކަމަކު، ޤަތުލުވި މީހާ ނަރަކައަށް ދަނީ ކީއްވެގެންތޯއެވެ؟ ޙަދީޘްކުރެއްވި އެވެ. އޭނާއާ ޙަމަލަދިން މީހާ ޤަތުލުކުރުމަށް އޭނާ ހުރީ ހުށިޔާރުވެގެންނެވެ."
والله أعلم.
                -----------------

މުފުތީ: ފަޟީލަތުއްޝައިޚު ޢަޠިއްޔާ ޞަޤުރު
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން