ޖިހާދުކުރުމާއި، އޭގެ މާނައާއި، އޭގެ ޙިކުމަތް - 1










ސުވާލު

ޖިހާދުގެ މާނައާއި ޖިހާދުކުރާ ގޮތަކީ ކޮބައިތޯއެވެ؟ އަދި މުސްލިމަކަށް ޖިހާދުކުރެވޭނީ ކިހިނަކުންތޯއެވެ؟


ޖަވާބު

بسم الله الرحمن الرحيم

މާތް ﷲ އަށް ޙަމްދުކޮށް އެކަލާނގެ ރަސޫލާއަށް ޞަލަޥާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ.

ޖިހާދަކީ، އޭގެ މާނަ ނޭދެވޭ ގޮތުގައި ބޭނުންކުރެވޭ ކަލިމަތަކުގެ ތެރެއިން ކަލިމައެކެވެ. މިކަމުގެ ސަބަބަކީ، އޭގެ ޞައްޙަ މާނަ (ގިނަ ބަޔަކަށް) ފަހުމް ނުވުމެވެ. (ޢަރަބި ބަހުގައި) "ޖިހާދު" މިލަފުޒު އައިސްފައިވަނީ، "އަލްޖަހްދު" މި ލަފުޒުންނެވެ. ޖަހުދަކީ ވަރުބަލިވުމެވެ. ނުވަތަ "ޖިހާދު" އައިސްފައިވަނީ، "އަލްޖުހުދު" މި ލަފުޒުންނެވެ. ޖުހުދުގެ މާނައަކީ، ބާރެވެ.
 
ފަހެ، ޖަހުދު އިޙުސާސްކުރެވޭ ވަރަށް، މުޖާހިދު، ޖުހުދު ބޭނުންކުރެއެވެ. މާނައަކީ، ވަރުބަލިކަން އިޙުސާސްކުރެވޭ ވަރަށް އޭނާ ބާރު ބޭނުންކުރެ އެވެ. (މިތަނުގައި ބާރު ބޭނުންކުރުމޭ ބުނެވެ ބަހުގެ މާނައީ، ގަދައަޅައި މަސައްކަތް ކުރުމެވެ.)

އެހެންވީމާ، ޖިހާދުގެ މާނައަކީ، އެދެވިގެންވާ ކަމެއް ޙާޞިލުކުރުމަށް ނުވަތަ ނޭދެވޭ ކަމެއް އެއްކިބާކުރުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. މީގެ މާނައަކީ، އޭނާ ގަދައަޅައި މަސައްކަތްކުރަނީ، ފައިދާހުރި ކަމެއް ޙާޞިލުކުރުމަށްޓަކަ އެވެ. ނުވަތަ ގެއްލުދެނިވި ކަމެއް އެއްކިބާކުރުމަށްޓަކައެވެ. ޙިއްސީ ކަންކަމާއި މަޢުނަވީ ކަންކަމުގައި އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން އެކަން ކުރެވިދާނެއެވެ. އޭގެ މިސާލަކީ، ހަވާނަފުސާއި ޝައިޠާނާގެ ކިބައިން އެއްކިބާވުމަށްޓަކައި ކުރާ ޖިހާދެވެ. އަދި ފަޤީރުކަމާއި ޖާހިލުކަމާއި ބަލި މަޑުކަމާ ދެކޮޅަށް ކުރާ ޖިހާދެވެ. މިނޫން ކަންކަމުގައި ކުރާ ޖިހާދުތައް ވެސް ވެ އެވެ. 

ޖިހާދުކުރުމާ ބެހޭގޮތުން (ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުގައި) ވާރިދުވެފައިވާ ނައްޞުތައް ވަރަށް ގިނަ އެވެ. ހަތިޔާރު އަޅައިގެން ކުރާ ޖިހާދުގެ ވާހަކަ، އޭގައި ބަޔާންވެފައި ވެއެވެ. އެ ބާވަތުގެ ޖިހާދަކީ، ނަފުސާއި މުދަލާއި ތަކެއްޗަށް ގެއްލުންދޭ އަނިޔާވެރިންނާ ދެކޮޅަށް ކުރާ ޖިހާދެކެވެ. އެ ޖިހާދުގައި މަރުވާ މީހާ ވާނީ، ޝަހީދެއް ކަމަށެވެ. އެކަން ޞައްޙަ ޙަދީޘުން ސާބިތުވެ އެވެ. އެ ބާވަތުގެ ޖިހާދު ކުރެވެނީ، ޤައުމުތަކަށާއި މުޤައްދަސް ތަންތަނަށް އަރައިގަނެ އަނިޔާވެރިކަން އިސްކުރާ މީހުންނާ ދެކޮޅަށެވެ.

އިސްލާމީ ޝަރީޢަތުގައި، ﷲ ގެ މަގުގައި ޖިހާދުކުރުމޭ ބުނެވޭ ބަހުގެ އެއް މާނައަކީ، ﷲ ގެ ދީން މަތިވެރިކުރުމަށްޓަކައި ކުރާ ހަނގުރާމައެވެ. އެކަން ކުރުމަށް ބޭނުންކުރާ ވަސީލަތަކީ، ހަމައެކަނި ހަތިޔާރެއް ނޫނެވެ. އޭގެ އިތުރުން އެކަމަށް ބޭނުންވާ ތައްޔާރީތައް ވުމާއި އެކަމަށް ބޭނުންވާ ތަކެތި ހޯދުމާއި އެކަމަށް ޕްލޭންކުރުން ވެސް ހިމެނެ އެވެ. މި މާނައިގައި ކުރެވޭ ޖިހާދުގައި ވަރަށް ގިނަ މީހުންގެ ބައިވެރިވުންވެ އެވެ. އޭގެތެރޭގައި، ދަނޑުވެރިންނާއި އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނާއި ޑަކުޓަރުންނާއި އިންޖިނޭރުންނާއި މަސައްކަތު މީހުންނާއި ސަލާމަތީ ބާރުތަކުގެ މުއައްޒަފުންނާއި ދީނީ ޢިލްމުވެރިންނާއި ލިޔުންތެރިން ހިމެނެއެވެ. އެއިން ކޮންމެ މީހަކުމެ، ދުރުން ނުވަތަ ކައިރިން، ޖިހާދުކުރުމުގައި ބައިވެރިވެ އެވެ.

އިސްލާމީ މުޖުތަމަޢު އުފެދިގެން އައިއިރު، ޖިހާދުކުރުމަކީ، އެކަމެއްގައި މުސްލިމުން އެންމެ ބޮޑަށް މަޝްޣޫލުވެގެން އުޅުނު ޢަމަލެވެ. އެކަމަށް ބާރުއަޅުއްވާފައިވާ، ގިނަގުނަ އާޔަތްތަކާއި ޙަދީޘްތައް ވެ އެވެ. އޭގެތެރެއިން އާޔަތެއްގައި ވެ އެވެ.

(انفِرُواْ خِفَافًا وَثِقَالاً وَجَاهِدُواْ بِأَمْوَالِكُمْ وَأَنفُسِكُمْ فِي سَبِيلِ اللَّهِ ذَلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ) އައްތައުބާ: 41،

މާނައީ، "ލުއިކަމާއެކުގައްޔާއި، ބުރަކަމާއެކުގައި، ތިޔަބައިމީހުން (ހަނގުރާމައަށް) ނުކުންނާށެވެ! އަދި ތިޔަބައިމީހުންގެ މުދާތަކާއި، ނަފުސުތަކުން ﷲ ގެ މަގުގައި ޖިހާދުކުރާށެވެ! ތިޔަބައިމީހުންނަށްޓަކައި، އެގޮތް ހެޔޮކަން ބޮޑެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭކަމުގައި ވާނަމަ އެވެ."

ދުޝްމަނުން، އަޅުގަނޑުމެންނަށް ހަމަލަދީފިނަމަ، ޖިހާދުކުރުމަކީ، އެކަމަށް ކުޅަދާނަވެގެންވާ ކޮންމެ މީހެއްގެ މައްޗަށް، ޢައިނިއްޔަ ފަރުޟެކެވެ. އެބައިމީހުން ހަމަލަ ނުދޭނަމަ، އެއީ، ކިފާޔަތުގެ ފަރުޟެކެވެ. ޖިހާދު ކުރުމަށް ނުކުތުމުގެ އަމުރު އިމާމާ (އެބަހީ، ޤައުމުގެ ވެރިޔާ) ކޮށްފިނަމަ، އެކަން ކުރުމަކީ، ވާޖިބެކެވެ. މިކަމުގެ ދަލީލަކީ، އައްތައުބާ ސޫރަތުގެ 38 ވަނަ އާޔަތެވެ.

(يَا أَيُّهَا الَّذِينَ آمَنُواْ مَا لَكُمْ إِذَا قِيلَ لَكُمُ انفِرُواْ فِي سَبِيلِ اللَّهِ اثَّاقَلْتُمْ إِلَى الأَرْضِ أَرَضِيتُم بِالْحَيَاةِ الدُّنْيَا مِنَ الآخِرَةِ فَمَا مَتَاعُ الْحَيَاةِ الدُّنْيَا فِي الآخِرَةِ إِلاَّ قَلِيلٌ)
މާނައީ، "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ ގެ މަގުގައި ހަނގުރާމަ ކުރުމަށް ނުކުންނާށޭ ތިޔަބައިމީހުންނަށް އެންގެވި ހިނދު، ތިޔަބައިމީހުން ބިމަށް ބަރުހެލިވެގަތީ ކީއްވެގެންހެއްޔެވެ؟ އާޚިރަތަށްވުރެ ދުނިޔޭގެ ދިރިހުރުމަށް ތިޔަބައިމީހުން ރުހުނީހެއްޔެވެ؟ ދުނިޔޭގެ އުފަލާއި، އަރާމަކީ އާޚިރަތާ އަޅައިބަލާއިރު، މަދު އެތިކޮޅެއް ކަމުގައި ނޫނީ ނުވެ އެވެ."

އަދި ބުޚާރީއާއި މުސްލިމު ރިވާކުރައްވާފައިވާ (وَإِذَا اسْتُنْفِرْتُمْ فَانْفِرُوا) މި ޙަދީޘެވެ. މާނައީ، "ޖިހާދުކުރުމަށް ތިޔަބައިމީހުންނަށް (އިމާމާގެ ފަރާތުން) އަމުރުކުރެވިއްޖެނަމަ، ލަސްނުވެ އެކަމަށް ނުކުންނާށެވެ!" (އިމާމާގެ ހުއްދައާ ނުލައި ޖިހާދު ކުރުމަށް ނުކުތުމަކީ ހުއްދަވެގެންވާ ކަމެއް ނޫންކަން މިތަނުގައި ފާހަގަކޮށްލަން ޖެހެ އެވެ.)

އިސްލާމް ދީނަށް ގޮވާލުން ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިގެންދިޔަ އެވެ. އެއީ، ދުނިޔޭގެ ކަންކޮޅުގައި އިސްލާމް ދީން ފެތުރުމަށްޓަކަ އެވެ. އެކަން ކުރީ، އެކަމަށް ކުޅަދާނަވެގެން ނުވާ މީހުންގެ ބަދަލުގައި، އެކަމަށް ކުޅަދާނަވެގެންވީ މީހުންނެވެ. އިމާމާ، ޖިހާދު ކުރުމަށް ގޮވާލާ ހިނދު، އެކަމަށް އިޖާބަ ދިނުމަށް ތައްޔާރުވެގެން ހުރުމަކީ، ކޮންމެ މުސްލިމެއްގެ މައްޗަށްމެ ވާޖިބުވެގެންވާ ކަމެކެވެ. އެގޮތުން ކޮންމެ މީހަކުމެ ހުންނަންވާނީ، އެކަމަށް ތައްޔާރުވެވެން އޮތް އެންމެ މަތީ ދަރަޖައަށް ތައްޔާރުވެގެންނެވެ. މާތް ﷲ ވަޙީކުރައްވާފައި ވެ އެވެ.

(وَأَعِدُّواْ لَهُم مَّا اسْتَطَعْتُم مِّن قُوَّةٍ)
އަލްއަންފާލު: 60،
މާނައީ، "އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ!"

ނަމަވެސް، އިސްލާމް ދީން ފެތުރުމަށް އޮތް ހަމައެކަނި ވަސީލަތަކީ، ހަތިޔާރުގެ ބޭނުންކުރުމާއި ހަނގުރާމަކުރުން ތޯއެވެ؟ ޙަޤީޤަތުގައި، މުސްލިމުން، ހަތިޔާރުގެ ބޭނުންކޮށް، ހަނގުރާމަ ކޮށްފައިވަނީ، މައިގަނޑު ދެ ލަނޑުދަޑި ޙާޞިލުކުރުމަށްޓަކަ އެވެ. އެއީ:

1. ކުރިމަތިވެފައިވާ ނުވަތަ ކުރިމަތިވަމުން އަންނަ ޢުދުވާނީ ހަމަލައެއް އިނދަޖައްސާލުން.

2. އިސްލާމް ދީނަށް ގޮވާލުމުގެ މަގު އަމާންކުރުން.

ބަދުރު ހަނގުރާމައާއި އުޙުދު ހަނގުރާމައާއި ޚަންދަޤު ހަނގުރާމަ ފަދަ ހަނގުރާމަތައް ކުރެވުނީ، ކުރިމަތިވެފައިވާ ދުޝްމިނުންގެ ހަމަލައެއް އިނދަޖައްސާލުމަށްޓަކަ އެވެ. އެއީ، ދުޝްމިނުން ކުރިމަތިކުރި، ނިކަން ފާޅުކަން ބޮޑުވެގެންވާ ޢުދުވާނީ ހަމަލަތަކެކެވެ. އަނިޔާ ލިބޭ މީހުންނާ އަޅާލައި އެހީތެރިވެދިނުން، އޭގެތެރޭގައި ހިމެނެ އެވެ. މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.

(وَإِنِ اسْتَنصَرُوكُمْ فِي الدِّينِ فَعَلَيْكُمُ النَّصْرُ)
އަލްއަންފާލު: 72،
މާނައީ، "އަދި ދީނުގެ ނަމުގައި އެއުރެން ތިޔަބައިމީހުންގެ އެހީއަށް އެދިއްޖެނަމަ، އެއުރެންނަށް ނަޞްރުދިނުން ތިޔަބައިމީހުންގެ މައްޗަށް ހުއްޓެވެ."

މައްކާ ފަތަޙަ ކުރެއްވުނީ، ކުރިމަތިވަމުން އަންނަ ޢުދުވާނީ ޙަމަލައެއް އިނދަޖައްސާލުމަށްޓަކަ އެވެ. އެހެނީ، ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އާއެކު ވެފައިވާ އެއްބަސްވުމާ، ޤުރައިޝު ވަންހައިގެ މީހުން ޚިލާފުވި އެވެ. ޙުދައިބިއްޔާ ހަނގުރާމައާއި ތަބޫކު ހަނގުރާމަ ފަދަ ހަނގުރާމަތަކުން އެކަން އެނގެ އެވެ.

މަގު އަމާންކުރެވުނީ، ދުނިޔޭގެ ކަންކޮޅުތަކަށް އިސްލާމް ދީން ފެތުރުމަށްޓަކައި، މަދީނާގެ އިމުން ބޭރުގައި މުސްލިމުން ޙަރަކާތްތެރިވުމުގަ އެވެ. އެހެނީ، އިސްލާމް ދީނަށް ދެވޭ ދަޢުވަތަކީ، ދުނިޔޭގެ އެންމެހައި މީސްތަކުންނަށް ދެވޭ ބައިނަލްއަޤުވާމީ ދަޢުވަތެކެވެ.

އިސްލާމްދީނުގައި ޖިހާދުކުރުން ފަރުޟުކުރައްވާފައިވާކަމަށް ވަނީނަމަ،
އަދި ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)، ފޮނުއްވެވުނީ، އިބްނު ޢުމަރުގެ އަރިހުން އަޙުމަދު ރިވާކުރައްވާފައިވާ ފަދައިން، ކަނޑިއާއެކުގައި ކަމަށްވަނީނަމަ،
އަދި އިތުރު އެކަލޭގެފާނުގެ ރިޒުޤު ލެއްވެވިފައިވަނީ، އިތުރު އެކަލޭގެފާނުގެ ލޮންސިކޮޅުގެ ހިޔަލުގައި ކަމުގެ ޚަބަރު ދެއްވާފައިވާ ކަމަށް ވަނީނަމަ،
އަޅުގަނޑުމެން ދެނެގަންނަންވީ، ބާރު ލިބިގަތުމަށް އިސްލާމް ދީން އަމުރުކޮށްފައިވާ ކަމެވެ. ކީއްތޯ އެވެ. އެންމެ މަތީ ދަރަޖައަށް އާރާއި ބާރު ލިބިގެން ތިބުމަށް އިސްލާމް ދީން ވަނީ ގޮވާލާފަ އެވެ. މިގޮތަށް އަމުކޮށް، މިކަމަށް ގޮވާލާފައިވަނީ، މުސްލިމުންނަކީ، އަލަށް ފާޅުވި ބާރެއް ކަމަށް ވީތީ އެވެ. އޭރު ދުނިޔޭގައިވާ އެހެން ބާރުތަކުން، އެ ބާރުތަކާ އެއްހަމައިގައި މުސްލިމުންގެ ފައިތިލަ ސާބިތުވިޔަ ނުދިނުމަށްޓަކައި، ހަނގުރާމަ ކުރާނެކަމީ، ވަންހަނާ ވެފައިވާ ކަމެއް ނޫނެވެ. އެގޮތަށް ޢަމަލުކުރުމަކީ، ހުރިހައި ޒަމާނެއްގައި ވެސް އިންސާނުންގެ ތެރޭގައި ކަން އޮތް ގޮތެވެ. އެހެންވީމާ، އިސްލާމްދީން މިވުޖޫދުގައި ދެމި އޮތުމަށާއި އޭގެ ރިސާލަތު އަދާކުރުމަށްޓަކައި، އަލަށް އުފެދޭ އިސްލާމީ އާރާއި ބާރު ދިފާޢުކުރަން ޖެހެ އެވެ. އިސްލާމް ދީނަށް ގޮވާލުމަކީ، ވަކި ޒަމާނެއްގައި ވަކި ތަނަކަށް އައި ކަމެއް ކަމުގައި ވީނަމަ، ހަތިޔާރުގެ ބޭނުންކުރަން ޖެހޭނީ ހަމައެކަނި ދިފާޢީ ބޭނުމުގަ އެވެ. ނަމަވެސް، އިސްލާމީ ދަޢުވަތަކީ، ދުނިޔޭގެ އެންމެނަށް ފޯރަންޖެހޭ، ބައިނަލް އަޤުވާމީ ދަޢުވަތެކެވެ. އެކަން ކުރެވޭނީ، ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރުފަތުރު ކޮށްގެންނެވެ. ދަތުރުފަތުރު ކުރުމަކީ، ނުރައްކާތަކާ ކުރިމަތިވާނެ ކަމެކެވެ. ދީނަށް ދަޢުވަތު ދިނުމަށްޓަކައި ކުރާ ދަތުރުފަތުރުތަކުގައި މުސްލިމުން ހަތިޔާރު އަޅަން ޖެހުނީ، މިހެންވެގެންނެވެ. އެ ދަތުރުތަކުގައި ކުރިމަތިވާ ދުޝްމިނުންގެ ހަމަލަތަކުން ސަލާމަތްވުމަށްޓަކަ އެވެ.

ދީނަށް ގޮވާލުމަށްޓަކައި ކުރެވޭ ދަތުރުތަކުގެ މަގުމަތި އަމާންކުރުމަށްޓަކައި، ހަތިޔާރަކީ އިހުޒަމާނުގައި ކޮންމެހެން ބޭނުން އެއްޗެއް ކަމަށްވިޔަސް، މިހާރު ކަންއޮތީ އެގޮތަކަށް ނޫނެވެ. މިހާރު، އިސްލާމީ ޤައުމުތަކަށް އަރައިގަންނަ ދުޝްމިނުންގެ ކިބައިން ސަލާމަތްވުމަށްޓަކައި މެނުވީ، ހަނގުރާމައިގެ ހަތިޔާރު ބޭނުންކުރާކަށް ނުޖެހެ އެވެ. އިހުޒަމާނާ ޚިލާފަށް، ދަތުރުފަތުރު ނުކޮށް، ދީން ފަތުރާނޭ އެތައް ވަސީލަތްތަކެއް މިޒަމާނުގައި ވެ އެވެ. އެހެންވީމާ، ދަތުރު މަތީގައި ކުރިމަތިވެދާނެ ނުރައްކާތަކެއްގެ ބިރެއް، މިޒަމާނަކު ނެތެވެ. ނޫސްތަކާއި ލިޔެކިއުމާއި އެފަދަ ތަކެތި ވަނީ، ޤައުމުތަކުގެ އިންތައް ފަހަނައަޅައި ފެތުރިފަ އެވެ. އެފަދަ ތަކެތި، ކޮންމެވެސް ވަރަކަށް ކޮންޓްރޯލްކުރެވޭކަމަށް ވަނީނަމަ، ރޭޑިޔޯތަކުގެ އަޑު ވަނީ، އެއްވެސް ހުރަހެއް ނެތި، މުޅި ދުނިޔެއަށް ފެތުރިފަ އެވެ. މީސްތަކުން އެބައިމީހުންގެ ނިދާ ކޮޓަރިތަކުގެ އެނދުމަތީގައި ތިބޭއިރު، އެއްވެސް ހުރަހެއް ނެތި، އަދި މަނާކުރެވޭނެ ފަރާތެއް ނެތި، ރޭޑިޔޯގެ އަޑު (އިންޓަރނެޓާއި، ޓީވީގެ ޒަރީޢާއިން ވެސް) އެބައިމީހުންނާ ހަމައަށް ވާސިލުވެ އެވެ.

ހިޖުރައިގެ ކުރިން، ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)، ޙަދީޘްކުރެއްވިކަމަށް ރިވާވެފައި ވެ އެވެ.

(أَمَا وَالَّذِى نَفْسُ مُحَمَّدٍ بِيَدِهِ لَقَدْ جِئْتُكُمْ بِالذَّبْحِ)
މާނައީ، "ދަންނާށެވެ! މުޙައްމަދުގެފާނުގެ ނަފުސު އެކަލާނގެ ޔަދު ޤުދުރަތްފުޅުގެ ދަށުގައިވާ ކަލާނގެ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު ވަޑައިގެން މިހުންނެވީ ތިޔަބައިމީހުން ކަތިލުމައިގެންނެވެ."

މިއީ ޟަޢީފު ޙަދީޘެކެވެ. އަދި ސަލާމަތް ބުއްދީގެ ވިސްނުމާއި ދީނުގެ އިމުގެ ތެރޭގައި ނަޤުލުވަމުން އަންނަ ވިސްނުން، މި ޙަދީޘުގެ ޞައްޙަ ކަމާމެދު އިންކާރުކުރެ އެވެ. މިކަން ބަޔާންވާ ނުކުތާތަކަކީ:

1. ހިޖުރައަށް ވަޑައިގަތުމުގެ ކުރިން ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އާ މައްކާގެ މީހުންވަނީ ދެކޮޅު ހަދާފަ އެވެ. އޭރު އިތުރު އެކަލޭގެފާނު ހުންނެވީ އެބައިމީހުންގެ މައްޗަށް ގަދަވެވަޑައިގެންނެވޭނެ އެއްވެސް ބާރެއް ލިބިވަޑައިގެންފައި ނުވާ ޙާލުކޮޅެއްގަ އެވެ. އިތުރު އެކަލޭގެފާނާ ތަބާވެވަޑައިގެންނެވި މަދު އަޞްޙާބު ބޭކަލުން ސަލާމަތް ކުރެއްވޭވަރުގެ ކުޅަދާނަ ކަމެއް ލިބިވަޑައިގެންފައި ނުވާއިރު، އިތުރު އެކަލޭގެފާނުގެ އަމިއްލަފުޅު ހަށިކޮޅު ދިފާޢުކުރެއްވޭނެ ގޮތެއްވެސް ނުމެ ނެތްމެ އެވެ. ކަން މިހެން އޮތްއިރު، ޤުރައިޝު ވަންހައިގެ މީހުންގެ ގާތުގައި، ތިމަންކަލޭގެފާނު ވަޑައިގެންނެވީ، ތިޔަބައިމީހުން ކަތިލެއްވުމަށޭ، ނުވަތަ ތިޔަބައިމީހުންނާ ހަނގުރާމަކުރެއްވުމަށޭ ވިދާޅުވުމުން، އިތުރު އެކަލޭގެފާނު ބޭނުންފުޅު ކަމެއް ކުރެއްވުމަށް އެބައިމީހުން، އިތުރު އެކަލޭގެފާނު ދޫކޮށްލާނެތޯ އެވެ؟

2. މާތް ﷲ ވަޙީކުރައްވާފައި ވެ އެވެ.
(وَمَا أَرْسَلْنَاكَ إِلاَّ رَحْمَةً لِّلْعَالَمِينَ)
އަލްއަންބިޔާ: 107،
މާނައީ، "އަދި ޢާލަމްތަކަށް ރަޙުމަތެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ."

އިސްވެ ނަންގަނެވުނު ޟަޢީފު ޙަދީޘް، މިއާޔަތާ އަރާރުންވެ އެވެ. އަދި، "ތިމަންކަލޭގެފާނީ، ހަދިޔާކުރެއްވިގެންވާ ރަޙުމަތެކޭ" މިހެން އޮންނަ ޙަދީޘާ ވެސް އަރާރުން ވެ އެވެ. އަދި މިނޫނަސް، ކީރިތި ޤުރުއާނާއި ސުންނަތުގައިވާ މިފަދަ އެހެން ނައްޞުތަކާ ވެސް އަރާރުންވެ އެވެ. ހިނގާފައިވާ ހާދިސާތަކުން އެނގޭ ގޮތުގައި، އިތުރު އެކަލޭގެފާނަކީ، ހިތްޕުޅު ހެޔޮ، އޯގާވެރިކަން ބޮޑު ބޭކަލެކެވެ. ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)، އަކީ، މީސްތަކުންގެ ލޭ އޮހޮރިގެން ދިއުމަށް ޝައުޤުވެރިވެވަޑައިގެންނެވި ބޭކަލެއް ކަމުގައި ވީނަމަ، އަދި ޚާއްޞަކޮށް ޤުރައިޝު ވަންހައިގެ މީހުންގެ ލޭ އޮހޮރިގެން ދިއުމަށް އެދިވަޑައިގެންނެވި ބޭކަލެއް ކަމުގައި ވީނަމަ، މައްކާ ފަތަޙަކުރެއްވި ދުވަހު، އެބައިމީހުންނަށް މަޢާފު ނުދެއްވީސް ކަން ކަށަވަރެވެ. އެދުވަހު، އެބައިމީހުންގެ ކިބައިން ބަދަލުހިއްޕެވުމުގެ ކުޅަދާނަކަން އިތުރު އެކަލޭގެފާނަށް ވަނީ ލިބިވަޑައިގެންފަ އެވެ.

3. އަދި އިސްވެ ނަންގަނެވުނު ޙަދީޘަކީ، އިސްލާމް ދީނަށް ގޮވާލުމާ ވެސް އަރާރުންވާ ޙަދީޘެކެވެ.

ޞައްޙަ ސަނަދުން އިމާމު އަޙުމަދު ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެ އެވެ.
(جُعِلَ رِزْقِى تَحْتَ ظِلِّ رُمْحِى)
މާނައީ، "ތިމަންކަލޭގެފާނުގެ ރިޒުޤު ލެއްވެވިފައިވަނީ، ތިމަންކަލޭގެފާނުގެ ލޮންސިކޮޅުގެ ހިޔަލުގަ އެވެ."

މި ޙަދީޘުގައިވަނީ، ހަނގުރާމައިގައި މުސްލިމުންނަށް ލިބޭ ޣަނީމާގެ ތެރޭގައި އިތުރު އެކަލޭގެފާނުގެ ރިޒުޤު ލެއްވެވިފައިވާ ވާހަކަ އެވެ. އެ ހަނގުރާމަތަކުގައި، އިތުރު އެކަލޭގެފާނު އަމިއްލަފުޅަށް ބައިވެރިވެވަޑައިގަންނަވަ އެވެ. ދައުލަތުގެ ވެރިޔާގެ ރިޒުޤަކީ، ދައުލަތުގެ ޚަޒާނާއިން ދެވޭ އެއްޗެކެވެ. އެ ޚަޒާނާގެ މަޞްދަރުތައް ގިނަގުނަ އެވެ. އޭގެތެރެއިން އެއް މަޞްދަރަކީ، ޣަނީމާ މުދަލެވެ. ދައުލަތުގެ ވެރިޔާގެ ރިޒުޤު، ދައުލަތުގެ ޚަޒާނާއިން ދިނުމަކީ، އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި އެހެން ޚަލީފާއިން ވެސް އެއްބަސްވެވަޑައިގެންފައިވާ އިސްލާމީ އުޞޫލެކެވެ.     (ނުނިމޭ)
            ---------------------------

މުފުތީ: ފަޟީލަތުއްޝައިޚު ޢަޠިއްޔާ ޞަޤުރު
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން