ސުވާލު
އިސްލާމްދީނުގައި
ނަމާދުގެ މަޤާމަކީ ކޮބައިތޯއެވެ؟ އަދި ނަމާދު އަޅައިފި މީހާގެ ޙުކުމަކީ ކޮބައިތޯއެވެ؟
އޭނާއަކީ، އޭނާއާ މުޢާމަލާތްކުރުން ހުއްދަވެގެން ނުވާ ކާފިރެއްތޯއެވެ؟
ޖަވާބު
بسم الله الرحمن الرحيم
މާތް ﷲ އަށް ޙަމްދު
ހުއްޓެވެ. އިސްލާމީ ރިސާލަތާއިގެން އެކަލާނގެ އަޅުގަނޑުމެންގެ ގާތަށް ފޮނުއްވި، އެކަލާނގެ
ރަސޫލާއަށް ޞަލަޥާތާއި ސަލާމް ލައްވާށިއެވެ! މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ
އާލު އަޞްޙާބުން ޝާމިލުކުރަމެވެ. އެއަށްފަހު ދަންނަވަމެވެ.
ނަމާދުގެ މަޤާމް
ނަމާދަކީ، އިސްލާމްދީނުގެ
ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އީމާންކަމުގައި ނަމާދުގެ މަޤާމަކީ، ހަށިގަނޑުގައި
ބޮލުގެ މަޤާމެވެ. ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުގައި ވަނީ، ނަމާދަށް ވަރަށް ބޮޑު
އަހަންމިއްޔަތެއް ދެއްވާފައެވެ. ނަމާދު ކުރުމަށް އަންގަވައި އަމުރުކުރައްވާފައިވަނީ،
ވަރަށް ވެސް ގަދަ އަމުރުންނެވެ. މާތްﷲ އަންގަވާފައިވެއެވެ.
(إنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَوْقُوتًا)
(އައްނިސާ: 103)،
މާނައީ، "ހަމަކަށަވަރުން
ނަމާދަކީ، މުއުމިންތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެން އޮތް ފަރުޟެއް ކަމުގައި
ވެއެވެ."
ނަމާދުކުރުމަށް އަންގަވައި، ނަމާދު ނުކުރާ މީހުންނަށް ވަރަށް ވަރުގަދަ އިންޒާރުން އިންޒާރު ދެއްވާފައިވެއެވެ. ފަހެ، ނަމާދަކީ، ދީނުގެ ތަނބެވެ. ދީނުގައި އޭގެ މިސާލަކީ، ފޭލިގެއެއްގެ މެދުގައި ޖަހާފައި ހުންނަ ދަނޑީގެ މިސާލެވެ. އެ ދަނޑި ވައްޓާލައިފިނަމަ، ފޭލިގެ ކޮޅަކަށް ނުހުންނާނެއެވެ. ހަމައެފަދައިން، ނަމާދާއި ނުލައި މީހެއްގެ އިސްލާމްކަން ސީދާ ނުވާނެއެވެ.
ނަމާދުކުރުމަށް އަންގަވައި، ނަމާދު ނުކުރާ މީހުންނަށް ވަރަށް ވަރުގަދަ އިންޒާރުން އިންޒާރު ދެއްވާފައިވެއެވެ. ފަހެ، ނަމާދަކީ، ދީނުގެ ތަނބެވެ. ދީނުގައި އޭގެ މިސާލަކީ، ފޭލިގެއެއްގެ މެދުގައި ޖަހާފައި ހުންނަ ދަނޑީގެ މިސާލެވެ. އެ ދަނޑި ވައްޓާލައިފިނަމަ، ފޭލިގެ ކޮޅަކަށް ނުހުންނާނެއެވެ. ހަމައެފަދައިން، ނަމާދާއި ނުލައި މީހެއްގެ އިސްލާމްކަން ސީދާ ނުވާނެއެވެ.
އިބްނު ޢުމަރު
(ރަޟިޔަ ﷲ ޢަންހުމާ) ރިވާކުރައްވާފައިވެއެވެ.
(أَنَّ النَّبِيَّ صَلَّى الله عَلَيهِ وَسَلَّم قَالَ:
بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةِ أَنْ لاَ إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ،
وَإِقَامِ الصَّلاَةِ،
وَإِيتَاءِ الزَّكَاةِ،
وَالْحَجِّ، وَصَوْمِ رَمَضَانَ)
މާނައީ، "ހަމަކަށަވަރުން،
ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިއެވެ. އިސްލާމްދީން ބިނާވެފައިވަނީ
ފަސް ކަމެއްގެ މައްޗަށެވެ. (އެ ފަސްކަމަކީ) ﷲ މެނުވީ ޙައްޤު ގޮތުގައި އަޅުކަން ވެވޭ
އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް ހެކިވުމާއި، ނަމާދު
ޤާއިމުކުރުމާއި، ޒަކާތް ދިނުމާއި، (ކުޅަދާނަ ވެގެންވާ މީހާ ގެފުޅަށް ގޮސް) ޙައްޖުވުމާއި،
ރަމަޟާން މަހު ރޯދަ ހިފުމެވެ."
ނަމާދަކީ އެންމެ
ހެޔޮ ޢަމަލެވެ. ﷲ ގެ ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ދުނިޔެއާ ވަކިވެވަޑައިގަތުމުގެ
ކުރިން މި އުންމަތަށް ކުރެއްވި އެންމެ ފަހު ވަޞިއްޔަތްޕުޅު ވެސް ކުރައްވާފައިވަނީ ނަމާދުކުރުމުގެ
މައްޗަށެވެ. އިތުރު އެކަލޭގެފާނު އެންމެފަހުން ޙަދީޘްކުރައްވަމުން ގެންދެވި ބަސްފުޅަކީ،
(الصَّلاَة وَمَا مَلَكَتْ أَيْمَانُكُمْ)
މިއެވެ.
މާނައީ، "ނަމާދުކުރުން
މަތީ ދެމިތިބުމަށް ތިޔަބައިމީހުން ފަރުވާތެރިވާށެވެ! އަދި ނަމާދުކުރުމާމެދު ތިޔަބައިމީހުން
ފަރުވާކުޑަނުކުރާށެވެ!"
ޤިޔާމަތްދުވަހު،
މީސްތަކުންގެ ޙިސާބު ބައްލަވާއިރު، އެންމެ ފުރަތަމަ ބައްލަވާނީ، ނަމާދުގެ ޙިސާބެވެ.
އަބޫހުރައިރަތުގެފާނު ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ.
(أَوَّلُ مَا يُحَاسَبُ بِهِ الْعَبْدُ صَلاَتُهُ،
فَإِنْ كَانَ أَكْمَلَهَا وَإِلَّا قَالَ اللَّهُ عَزَّ وَجَلَّ:
انْظُرُوا لِعَبْدِي مِنْ تَطَوُّعٍ فَإِنْ وُجِدَ لَهُ تَطَوُّعٌ،
قَالَ: أَكْمِلُوا بِهِ الْفَرِيضَةَ)
މާނައީ، "އަޅާގެ
މައްޗަށް (ޙިސާބު ބެއްލެވޭއިރު) އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ، އޭނާގެ ނަމާދާމެދުގަ
އެވެ. އޭނާ (ފަރުޟު) ނަމާދު ފުރިހަމައަށް ކޮށްފައި ނުވާނަމަ، މާތް ﷲ، ނިދާ އިއްވަވާނެތެވެ.
ތިމަންރަސްކަލާނގެ އަޅާ، ތަޠައްވުޢު ނަމާދެއް ކޮށްފައިވޭތޯ ބަލާށެވެ! ފަހެ، އޭނާ ތަޠައްވުޢު
ނަމާދެއް ކޮށްފައިވާނަމަ، އެކަލާނގެ ނިދާ އިއްވަވާނެތެވެ. އޭނާގެ ފަރުޟު ނަމާދުތައް
އެއިން ފުރިހަމަކުރާށެވެ!"
ނަމާދުކުރުމަށް
އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާވަރު ނިކަން ބައްލަވާށެވެ! ރަށުގައި ޤާއިމުވެ ތިބެގެންނާއި
ދަތުރުމަތީގައްޔާއި އަމާންކަމުގައި ތިބޭއިރުގައްޔާއި ބިރުވެރިކަން ކުރިމަތިވެފައިވާ
ދަނޑިވަޅުގައި ވެސް ނަމާދުކުރުމަށް ވަނީ މުސްލިމުންނަށް އަމުރުކުރައްވާފައެވެ. މުސްލިމުންނާއި
އެބައިމީހުންގެ ޢަދުއްވުން ހަނގުރާމައިގެ މައިދާނުގައި ބައްދަލުވާ އެންމެ ނުރައްކާތެރި
ދަނޑިވަޅުގައި ވެސް ނަމާދުކުރުމަށް ވަނީ އަންގަވާފައެވެ.
މާތްﷲ ޥަޙީކުރައްވާފައި
ވެއެވެ.
(حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَى وَقُومُوا لِلَّهِ قَانِتِينَ،
فَإِنْ خِفْتُمْ فَرِجَالًا أَوْ رُكْبَانًا فَإِذَا أَمِنْتُمْ فَاذْكُرُوا اللَّهَ كَمَا عَلَّمَكُمْ مَا لَمْ تَكُونُوا تَعْلَمُونَ)
(އަލްބަޤަރާ: 238، 239)،
މާނައީ، "ތިޔަބައިމީހުން
ނަމާދުތަކާއި، އަދި، މެދު ނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން
ﷲ އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމުވެ ތިބޭށެވެ!
(238) ފަހެ، ތިޔަބައިމީހުންނަށް ބިރުވެރި ކަމެއް މެދުވެރިވެއްޖެނަމަ، ފައިމަގުގައި
ހިނގަހިނގާ ތިބެގެން، ނުވަތަ، ސަވާރުވެތިބެގެން ނަމާދު ކުރާހުށިކަމެވެ! ދެން، ތިޔަބައިމީހުންނަށް
އަމާންކަން ލިބިއްޖެނަމަ، ތިޔަބައިމީހުން، ﷲ ހަނދުމަކުރާށެވެ! (އެބަހީ: ކުރީގައި ނަމާދުކޮށް
އުޅުނު ގޮތަށް ނަމާދުކުރާށެވެ!) ތިޔަބައިމީހުންނަށް އެނގިގެން ނުވާ ކަންތައް، އެކަލާނގެ
ތިޔަބައިމީހުންނަށް އުނގަންނަވައި ދެއްވި ފަދައިންނެވެ."
އަދި އެފަދަ ދަނޑިވަޅުގައި،
ޤިބުލައަށް ކުރިމަތިލުމެއްނެތި ނަމާދުކުރުމަށް ވެސް ވަނީ އަންގަވާފައެވެ.
(وَلِلَّهِ الْمَشْرِقُ وَالْمَغْرِبُ فَأَيْنَمَا تُوَلُّوا فَثَمَّ وَجْهُ اللَّهِ إِنَّ اللَّهَ وَاسِعٌ عَلِيمٌ)
(އަލްބަޤަރާ: 115)،
މާނައީ، "މަޝްރިޤާއި
މަޣުރިބު މިލްކުވެވޮޑިގެންވަނީ، ﷲ އަށެވެ. ފަހެ، ތިޔަބައިމީހުން ކޮންމެ ފަރާތަކަށް
އެނބުރުނަސް، އެތަނެއްގައި ﷲ ވޮޑިގެން ވެއެވެ. ހަމަކަށަވަރުން ﷲ އީ، ތަނަވަސްވަންތަ،
މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
މާތް ﷲ ފަރުޟުކުރައްވާފައިވަނީ،
ރެޔާއި ދުވާލު ފަސް ނަމާދެވެ. އެއީ، އިންސާނާގެ ހިތަށް ވެރިވާ ޣަފުލަތާއި، އޭނާއަށް
ކުރެވޭ ކުށްފާފައިގެ މިލައިން އޭނާ ޠާހިރު ކުރެއްވުމަށްޓަކައެވެ. އަބޫހުރައިރަތުގެފާނު
ރިވާކުރައްވާފައިވާ، ޙަދީޘެއްގައި ވެއެވެ.
(أَرَأَيْتُمْ لَوْ أَنَّ نَهْرًا بِبَابِ أَحَدِكُمْ يَغْتَسِلُ مِنْهُ كُلَّ يَوْمٍ خَمْسَ مَرَّاتٍ هَلْ يَبْقَى مِنْ دَرَنِهِ شَيْءٌ؟
قَالُوا لَا يَبْقَى مِنْ دَرَنِهِ شَيْءٌ،
قَالَ: فَذَلِكَ مَثَلُ الصَّلَوَاتِ الْخَمْسِ يَمْحُو اللَّهُ بِهِنَّ الْخَطَايَا)
މާނައީ، "ތިޔަބައިމީހުންގެ
ތެރެއިން މީހެއްގެ ގޭ ދޮރުމަތީގައި ކޯރެއް އޮވެފައި، އެކޯރުން އޭނާ ކޮންމެ ދުވަހަކު
ފަސްފަހަރު ފެންވަރައި ސާފުތާހިރުވާނަމަ، އޭނާގެ ގައިގައި އެއްވެސް މިލައެއް ވާނެހެއްޔެވެ؟
އަޞްޙާބުބޭކަލުން ދެންނެވިއެވެ. އޭނާގެ ގައިގައި އެއްވެސް މިލައެއް ނުވާނެއެވެ. އިތުރު
އެކަލޭގެފާނު (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިއެވެ. ފަސް ނަމާދުގެ މިސާލަކީ
އެއީއެވެ. ﷲ އެއިން ފާފަތައް ފޮއްސަވައިލައްވައެވެ." (ނުނިމޭ)
----------------------
ދާރުލް އިފުތާއިލް
މިޞްރިއްޔާ
ތަރުޖަމާ: އަލްއުސްތާޛު
ޢަބްދުލްމުޢީދު ޙަސަން