އިސްލާމްދީނުގައި ނަމާދުގެ މަޤާމާއި ނަމާދު އަޅައިފި މީހާގެ ޙުކުމް - 2










2. ނަމާދާމެދު ފަރުވާކުޑަކުރުމުގެ ސަބަބުން ނަމާދު އެޅުން
ނަމާދު ކުރުމަކީ، ވާޖިބެއް ކަމުގައި ޤަބޫލުކުރާ ޙާލު، ފަރުވާ ކުޑަކަމުން ނަމާދު އަޅާ މީހާއާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައި ވެއެވެ. (ފަރުވާ ކުޑަކަމުން ނަމާދު އަޅާ މީހުން، މުސްލިމުންގެ ތެރޭގައި ވަރަށް ގިނައެވެ.) 

ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ، ފަރުވާކުޑަކަމުން ނަމާދު އަޅާ މީހާ ކާފިރުވާނެ ކަމަށެވެ. އެބޭކަލުންގެ މި ވިދާޅުވުމަކީ، ޢަލީގެފާނުގެ އަރިހުން ރިވާވެފައިވާ ރައުޔެކެވެ. އަދި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ، ނަމާދު އަޅައިފި މީހާ ކާފިރު ނުވާނެ ކަމަށެވެ. ނަމާދު އަޅައިފި މީހާއާމެދު އިމާމު އަޙުމަދުގެ އަރިހުން ވާރިދުވެފައިވާ ދެ ރައުޔުންކުރެ، ޞައްޙަ ރައުޔުގައި ވަނީ، ނަމާދު އަޅައިފި މީހާ ކާފިރު ނުވާނެ ކަމަށެވެ. ޝާފިޢީ މަޛުހަބުގެ ބައެއް ބޭކަލުން ބުރަވެވަޑައިގަންނަވަނީ (އިމާމު އަޙުމަދުގެ) ޞައްޙަ ރައުޔަށެވެ. އަދި އަންނަނިވި އާޔަތުން އެ ބޭކަލުން ދަލީލު ދައްކަވަ އެވެ.

فَإِنْ تَابُوا وَأَقَامُوا الصَّلَاةَ وَآَتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ) (އައްތައުބާ: 11)،
މާނައީ، "ފަހެ، އެއުރެން ތައުބާވެ، ނަމާދު ޤާއިމުކޮށް، ޒަކާތް ދީފިނަމަ، ފަހެ، އެއުރެންނީ، ދީނުގައި ތިޔަބައިމީހުންގެ އަޚުންނެވެ."

މި އާޔަތުން ދަލީލު ލިބޭ ގޮތުގައި، މުސްލިމުންނާއި މުޝްރިކުންނާ ދެމެދުގައި، އުޚުއްވަތްތެރިކަން ސާބިތުވަނީ، (މުޝްރިކުން ޝިރުކު ކުރުން ދޫކޮށް) ނަމާދު ޤާއިމުކުރުމުންނެވެ. ނަމާދު ޤާއިމު ނުކުރާ މީހުންނީ، ދީނީ ގޮތުން ބަލާއިރު، މުސްލިމުންގެ އަޚުން ކަމުގައި ނުވެއެވެ.

މި ރައުޔުގެ ޢިލްމުވެރިން ދަލީލު ދައްކަވާ ޙަދީޘެއްގައި ވެއެވެ.
(بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكُ الصَّلاَةِ)
މާނައީ، "މީހާއާ، ޝިރުކާއި ކުފުރާއި ދެމެދުގައިވަނީ ނަމާދު އެޅުމެވެ."

މި ޙަދީޘުން އެނގޭ ގޮތުގައި، އިސްލާމްދީނުގައި ހުރުމާއި ކުފުރުވުމާއި ދެމެދުގައިވާ އިން ފާހަގަކޮށްދޭ ނިޝާނަކީ ނަމާދެވެ. ނަމާދު އަޅައިފި މީހާ، އިސްލާމް ދީނުން ބޭރުވެ ކާފިރުކަމުގެ ތެރެއަށް ހިނގައްޖެއެވެ.

އިމާމު މާލިކާއި އިމާމު ޝާފިޢީ އާއި ސަލަފީންނާއި ޚަލަފީންގެ ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ، ކަންނެތްކަމުން ނަމާދު އަޅައިފި މީހާ، ކާފިރަކު ކަމުގައި ނުވާނެ ކަމަށެވެ. އެކަމަކު އޭނާ ވާނީ ފާސިޤަކު ކަމަށެވެ. މި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އޭނާއަށް ތައުބާވުމަށް އިރުޝާދު ދީ ނަސޭހަތްތެރިވާން ޖެހޭނެއެވެ. އޭނާ ތައުބާ ނުވެއްޖެނަމަ، ޒިނޭކުރާ މުޙުޞަނަކު ފަދައިން އޭނާގެ މައްޗަށް ޙައްދު ޤާއިމްކުރުމުގެ ގޮތުން އޭނާ ޤަތުލުކުރެވޭނެއެވެ. އެކަމަކު، ޒިނޭކުރާ މުޙުޞަނާ ޚިލާފަށް، އޭނާ ޤަތުލުކުރެވޭނީ ކަނޑިންނެވެ.

އިމާމު އަބޫ ޙަނީފާ އާއި، ކޫފާގެ ޢިލްމުވެރިންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަލުން ވިދާޅުވެފައިވަނީ، ކަންނެތްކަމާއި ފަރުވާކުޑަކަމުން ނަމާދު އަޅައިފި މީހާ ކާފިރު ނުވާނެ ކަމަށެވެ. އަދި އޭނާ ޤަތުލުކުރަން ނުޖެހޭނެ ކަމަށެވެ. އެކަމަކު، އޭނާއަށް އޮތް އަދަބަކީ ތަޢުޒީރުކުރުމާއި ބަންދުކުރުމެވެ. އޭނާ ނަމާދު ކޮށްފުމަށް ދާންދެން ބަންދުގައި ބަހައްޓަން ވާނެއެވެ. މި ގޮތަށް ވިދާޅުވާ ބޭކަލުންގެ ދަލީލަކީ، މާތް ﷲ ގެ އަންނަނިވި ވަޙީ ބަސްފުޅެވެ. އެއީ،
(إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ) މިއެވެ. (އައްނިސާ: 48)،
މާނައީ، "ހަމަކަށަވަރުން، ﷲ، އެކަލާނގެއަށް ޝަރީކުކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ."

މި އާޔަތުގައި ބަޔާންކުރައްވާފައި މިވަނީ، މާތް ﷲ، ނުފުއްސަވާނެ ހަމައެކަނި ފާފައަކީ، އެކަލާނގެއަށް ޝަރީކުކުރުން ކަމެވެ. އެނޫން ހުރިހައި ފާފައެއް އެކަލާނގެ ފުއްސަވައެވެ. ނަމާދު ކުރުމާމެދު އިދިކޮޅު ހެދުމެއް ނެތި، ކަންނެތްކަމާއި ފަރުވާކުޑަކަމުން ނަމާދު އެޅުމަކީ، މާތް ﷲ އަށް ޝަރީކުކުރުމަށްވުރެ ކުޑަ ފާފައެކެވެ.

ކަންނެތްކަމާއި ފަރުވާކުޑަކަމުން ނަމާދު އަޅައިފި މީހާ ކާފިރު ނުވާނެ ކަމަށް ދަލީލު ލިބޭ ޙަދީޘެއްގައި ވެއެވެ.
(خَمْسُ صَلَوَاتٍ كَتَبَهُنَّ اللَّهُ عَلَى الْعِبَادِ فَمَنْ جَاءَ بِهِنَّ لَمْ يُضَيِّعْ مِنْهُنَّ شَيْئًا اسْتِخْفَافًا بِحَقِّهِنَّ، كَانَ لَهُ عِنْدَ اللَّهِ عَهْدٌ أَنْ يُدْخِلَهُ الْجَنَّةَ، وَمَنْ لَمْ يَأْتِ بِهِنَّ فَلَيْسَ لَهُ عِنْدَ اللَّهِ عَهْدٌ إِنْ شَاءَ عَذَّبَهُ وَإِنْ شَاءَ أَدْخَلَهُ الْجَنَّةَ)
މާނައީ، "އަޅުތަކުންގެ މައްޗަށް، ﷲ ފަސްނަމާދު ފަރުޟުކުރައްވާފައި ވެއެވެ. އެއިން ނަމާދަކާމެދު ފަރުވާކުޑަކުރުމެއްނެތި، ރަނގަޅުގޮތުގައި އެ ނަމާދުތައް އަދާކޮށްފި މީހާއަށް ﷲ ގެ ޙަޟުރަތުގައި ޢަހުދެއް ވެއެވެ. އެއީ އޭނާ ސުވަރުގެ ވައްދަވާނެ ކަމުގެ ޢަހުދެވެ. އަދި އެ ނަމާދުތައް އަދާ ނުކޮށްފި މީހާއަށް އެކަލާނގެ ޙަޟުރަތުގައި ޢަހުދެއް ނެތެވެ. އެކަލާނގެ އެދިވޮޑިގެންފިނަމަ، އޭނާއަށް ޢަޛާބު ދެއްވައިފާނެތެވެ. އަދި އެކަލާނގެ އެދިވޮޑިގެންފިނަމަ، އޭނާ ސުވަރުގެ ވައްދަވައިފާނެތެވެ."

ނަމާދު ނުކުރާ މީހާއާމެދު ގޮތެއް ނިންމެވުން އޮތީ މާތް ﷲ ގެ ޙަޟުރަތަށްކަން، މި ޙަދީޘުން އެނގެއެވެ. އަދި މި ޙަދީޘަކީ، އޭނާ ކާފިރު ނުވާ ކަމުގެ ދަލީލެކެވެ.
އެހެންވެ، މުސްލިމުން ދެމިތިބީ، ނަމާދު އަޅައިފި މީހާގެ ކިބައިން ވާރުތަވުމާއި އޭނާއަށް ވާރުތަކުރުން މަތީގައެވެ. އޭނާއަކީ، އޭނާގެ ފާފަ ނުފުއްސަވާނެ ކާފިރެއް ކަމުގައިވީނަމަ، ވާރުތަކުރުމާއި ވާރުތަވުން އޭނާއަކަށް ނޯންނާނެއެވެ.

އިމާމު ނަވަވީ ވިދާޅުވެފައި ވެއެވެ. "ނަމާދުކުރުމާމެދު ދެކޮޅު ވެރިވުމެއް ނެތި، ނަމާދު އަޅާ މީހުން ބެހިގެން ވަނީ ދެބަޔަކަށެވެ.
އޭގެތެރެއިން އެއް ބަޔަކީ، ނިދުމާއި ހަނދާން ނެތުން ފަދަ ކަމެއް ދިމާވެގެން ނަމާދު އަޅާ މީހުންނެވެ. މިބައިމީހުންނަށް އޮތީ ފާއިތުވި ނަމާދު ޤަޟާކުރުން އެކަންޏެވެ. އެކަން ކުރުމުގެ ވަގުތުވަނީ ތަނަވަސްވެގެންނެވެ. މިބައިމީހުންގެ މައްޗަށް އެއްވެސް ކުށެއް ނެތެވެ.
އަނެއް ބަޔަކީ، އެއްވެސް ޢުޒުރެއްނެތި، ކަންނެތްކަމާއި ފަރުވާކުޑަކަމުން، ނަމާދު އަޅާ މީހުންނެވެ. މިބައިމީހުން ފާފަވެރިވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. މިބައިގައި ހިމެނޭ މީހަކު، ނަމާދުކުރުމަކީ، ވާޖިބެއް ކަމާމެދު އިންކާރުކޮށްފިނަމަ، އޭނާ ޤަތުލުކުރުން ވާޖިބުވާނެއެވެ. މި ޙާލަތުގައި އޭނާ ކާފިރުވާނެތޯއެވެ؟ މި ސުއާލަށް ދެ ޖަވާބު ދޭ، ދެ ރައުޔު އެބައޮތެވެ.

އޭގެ ތެރެއިން ފުރަތަމަ ރައުޔުގައިވަނީ، އޭނާއަކީ، ކާފިރެއް ކަމުގައި ބަލަން ޖެހޭކަމަށެވެ. ދެވަނަ ރައުޔުގައިވަނީ، އޭނާއަކީ، ކާފިރެއް ކަމުގައި ބަލަން ނުޖެހޭނެ ކަމަށެވެ. ޢިލްމުވެރިންގެ ޖުމްހޫރުގެ ރައުޔަކީ މީގެ ތެރެއިން ޞައްޙަ ރައުޔު ކަމުގައިވާ ދެވަނަ ރައުޔެވެ.
އަންނަނިވި އާޔަތް، އިސްވެ ބަޔާންވެފައި ވާނެ އެވެ. މި އާޔަތުގެ މައްޗަށް ޢިލްމުވެރިން ދެ ގޮތަކަށް ނަޒަރު ހިންގަވާފައި ވެއެވެ.
(فَإِنْ تَابُوا وَأَقَامُوا الصَّلَاةَ وَآَتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ) މިއެވެ. (އައްތައުބާ: 11)،
މާނައީ، "ފަހެ، އެއުރެން ތައުބާވެ، ނަމާދު ޤާއިމުކޮށް، ޒަކާތް ދީފިނަމަ، ފަހެ، އެއުރެންނީ، ދީނުގައި ތިޔަބައިމީހުންގެ އަޚުންނެވެ."

ފުރަތަމަ ނަޒަރު

އިމާމު އިބްނު ޢަޠިއްޔާ ވިދާޅުވެފައިވެއެވެ.
މި އާޔަތުގައިވާ (تَابُوا) މާނައީ، "އެއުރެން ތައުބާވެ" މިއެވެ. މިބަސްފުޅުގެ މާނައީ، އެބައިމީހުން ތިބި ނޭދެވޭ ޙާލަތުން، ރަނގަޅު ޙާލަތަކަށް ބަދަލުވުމެވެ. އެބައިމީހުން ވާންޖެހޭ ތައުބާގައި އީމާންކަން ހިމެނެއެވެ. ނަމާދު ޤާއިމުކުރުމުގެ ކުރިން ޝަރުޠުކުރައްވާފައި އެވަނީ، ތައުބާވުމެވެ. އޭގައި އީމާންކަން ހިމެނެއެވެ. އެހެނީ، ނަމާދާއި ޒަކާތް ބަޔާންކުރެއްވުމުގެ ކުރިން، މާތް ﷲ ބަޔާންކުރައްވާފައި އެވަނީ، ތައުބާއެވެ. އެހެންވީމާ، ދީނުގައި އަޚުން ކަމަށް ޙުކުމްކުރުމުގެ ހަމައިގެ އަޞްލަކީ، ތައުބާއެވެ.
އައްޠަބަރީ ވިދާޅުވެފައި ވެއެވެ.

އަބޫޖަޢުފަރު ވިދާޅުވިއެވެ. މި އާޔަތުގައި މާތް ﷲ އަންގަވާފައިވާ ބަސްފުޅުގެ ދޭހައަކީ: ތިމަންރަސްކަލާނގެ އެބައިމީހުން ޤަތުލުކުރުމަށް ތިޔަބައިމީހުންނަށް އެންގެވި މުޝްރިކުން، އެއުރެންގެ ކުފުރާއި ޝިރުކުން އެއްކިބާވެ، އެކަންތައްތައް ދޫކޮށްލައި، ތިމަންރަސްކަލާނގެއަށާއި ތިމަންރަސްކަލާނގެ ރަސޫލާއަށް އީމާންވެއްޖެނަމަ، އަދި އިތުރު އެކަލޭގެފާނަށް ކިޔަމަންތެރިކަން އަދާކޮށް ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި ޤާއިމުކޮށް ޒަކާތް ދޭން ކަނޑައަޅުއްވާފައިވާ މީހުންނަށް ޒަކާތް ދީފިނަމަ، އެއުރެންނީ، ދީނުގައި ތިޔަބައިމީހުންގެ އަޚުންނެވެ. އެ ދީނަކީ، އެ ދީނަށް އުޅުމަށް ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް އެންގެވި ދީނެވެ. އެއީ އިސްލާމްދީނެވެ.

އައްޝައުކާނީ ވިދާޅުވެފައިވެއެވެ.
(فَإِنْ تَابُوا وَأَقَامُوا الصَّلَاةَ وَآَتَوُا الزَّكَاةَ)
މި އާޔަތުގައިވަނީ، ޝިރުކުކުރުމުން ތައުބާވާ ވާހަކައެވެ. ޤަތުލުކުރަން ޖެހޭ ސަބަބަކީ، ޝިރުކުކުރުމެވެ. އެމީހުން ތައުބާވި ކަން ސާބިތުކޮށް ދޭންވާނީ، އިސްލާމްދީނުގެ އެންމެ މަތިވެރި ރުކުން ކަމުގައިވާ ނަމާދު ޤާއިމްކުރުމުންނެވެ. ތައުބާވުމުގައި ހަށިގަނޑާ ގުޅިފައިވާ ބައި، މި ރުކުން އަދާކުރުމުން ފުދޭނެއެވެ. އަދި މުދަލާ ގުޅިފައިވާ ރުކުންކަމުގައިވާ ޒަކާތްދިނުމުން ތައުބާވެއްޖެކަން އެނގޭނެއެވެ. އެހެނީ، މުދަލާ ގުޅިފައިވާ އަޅުކަންތައް ވަނީ ޒަކާތް ދިނުމުގައެވެ. އެއީ، އެބާވަތުގެ އަޅުކަމުގެ ތެރެއިން އެންމެ މަތިވެރި އަޅުކަމެވެ.

ދެވަނަ ނަޒަރު

އާޔަތުގައި އެވަނީ، ނަމާދާއެކު ޒަކާތް ބަޔާންކުރައްވާފައެވެ. މިތަނުގައި އުފެދޭ ސުއާލަކީ، އެއުރެންގެ ތެރެއިން މީހަކު ތައުބާވެ، ނަމާދުކުރާ ކަމުގައި ވާ ޙާލު، ޒަކާތް ނުދީފިނަމަ، އޭނާއަކީ، މުސްލިމުންނަށް ލިބިގެންވާ ޙައްޤުތައް ލިބިގެންވާ އަދި މުސްލިމުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަންޖެހޭ، ދީނީގޮތުން މުސްލިމުންގެ އަޚެއްކަމުގައި ނުވާނެތޯއެވެ؟ މި ސުއާލުގެ ޖަވާބުގައި އޭނާއަކީ، ދީނީ ގޮތުން މުސްލިމުންގެ އަޚެއް ކަމުގައި މީހަކު ބުނެފިނަމަ، އަޅުގަނޑުމެން ބުނާނީ މިފަދައިންނެވެ. އާޔަތުގައި ނަމާދާއި ޒަކާތް ބަޔާންކުރައްވާފައި އެވަނީ އެކުއެކީގައި، ތައުބާއަށްފަހު، ތަރުތީބުންނެވެ. އާޔަތުގައި ނަމާދާއި ޒަކާތް ވަކިކުރައްވައިފައިވާ ކަމުގެ ދަލީލަކީ ކޮބައިތޯއެވެ؟ އަދި އޭނާއަކީ، ދީނުގައި އަޚެއް ނޫން ކަމަށް މީހަކު ބުނެފިނަމަ، އަޅުގަނޑުމެން ބުނާނީ މިފަދައިންނެވެ. ތިޔައީ ބާޠިލު ބަހެއްކަން ޔަޤީނެވެ. ތިޔަ ކަން ސާބިތުކޮށްދޭ އެއްވެސް ދަލީލެއް ނެތެވެ.

އިސްވެ ދިޔަ ޙަދީޘެއްގެ މާނަ

އަންނަނިވި ޙަދީޘް ވާނީ އިސްވެ ބަޔާންވެފައެވެ. އެ ޙަދީޘުން، ޢިލްމުވެރިން އެތައް މާނަތަކެއް ނެރުއްވާފައި ވެއެވެ. އެ ޙަދީޘަކީ،
(بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكُ الصَّلاَةِ) މިއެވެ.

މާނައީ، "މީހާއާ، ޝިރުކާއި ކުފުރާއި ދެމެދުގައިވަނީ ނަމާދު އެޅުމެވެ."
މި ޙަދީޘުން ދޭހަވާ މާނައީ:
1. ނަމާދު އަޅައިފި މީހާގެ މައްޗަށް ކާފިރުވުމުގެ ޢުޤޫބާތް ޙައްޤުވުމެވެ. އެ ޢުޤޫބާތަކީ، ޤަތުލުކުރުމެވެ.
2. ނުވަތަ އޭނާ އެ ޢުޤޫބާތް ޙައްޤުވާ މީހަކާ އެއްފަދަ ވެއްޖެއެވެ.
3. ނުވަތަ އޭނާ ނަމާދު އެޅުމުގެ ސަބަބުން ކާފިރު ކަމުގެ ތެރެއަށް ހިނގައިދާނެއެވެ.
4. ނުވަތަ އޭނާގެ އެ ޢަމަލަކީ، ކާފިރުންގެ ޢަމަލެކެވެ.

އިބްނު ޙިއްބާން ވިދާޅުވެފައި ވެއެވެ. މާތްﷲ ރުއްސުންލެއްވި، އަބޫ ޙާތިމް ވިދާޅުވެފައި ވެއެވެ. ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)، ނަމާދު އަޅައިފި މީހާ އަށް ކާފިރުކަމުގެ ނަން ދެއްވާފައިވަނީ، ނަމާދު އެޅުމަކީ، ކާފިރުވުމުގެ ފެށުން ކަމަށްވާތީއެވެ. އެހެނީ، މީހަކު ނަމާދު އެޅުން އާދަކޮށްފިނަމަ، އެއާ ވިދިގެން ދީނުގައިވާ އެހެން ފަރުޟުތައް އަދާކުރުން ހުއްޓާލާނެއެވެ. ފަރުޟުތައް އަދާކުރުން ހުއްޓާލައިފި މީހާ، އެއާމެދު އިންކާރުކުރާ ދަރަޖައަށް ހިނގައިދާނެއެވެ. ކަން މިހެން އޮތުމާއެކު، ކާފިރުވުމަށް ގެންގޮސްދޭ ފުރަތަމަ މަރުޙަލާ ކަމުގައިވާ ނަމާދު އެޅުމަށް ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ދެއްވާފައި އެވަނީ، އޭގެ އެންމެ ފަހު މަރުޙަލާގެ ނަމެވެ. މިއީ ޢަރަބި ބަހުގައި އޮންނަ ހަމައެކެވެ. ކަމެއް ކުރުމުން ވާޞިލުވާ ނަތީޖާގެ ނަމުން، އެކަމުގެ ކުރީކޮޅަށް ނަން ދިނުމަކީ، ޢަރަބި ބަހުގެ ޤަވާޢިދު ތަންދޭ ކަމެކެވެ.

ނިންމުން

މިކަންތައްތައް މިހެން ހުރުމާއެކު، ދީނީ ތަޢުލީމު ޙާޞިލުކުރަމުން ގެންދާ ދަރިވަރުންނާއި، އެނޫން މީހުންގެ މައްޗަށް ވާޖިބުވެގެންވަނީ، ނަމާދު އަޅާ މީހާއާމެދު ގޮތެއް ނިންމުމުގައި އަވަސްވެ ނުގަތުމެވެ. އޭނާ ކާފިރުވެއްޖެ ކަމަށާއި، އޭނާ މުރުތައްދު ވެއްޖެ ކަމަށް ބުނެ، އޭނާގެ މައްޗަށް އެންމެ ހަރުކަށި ބަހުން ބަސް ބުނުމަކީ، އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެނީ، މީހަކު އިސްލާމް ދީނަށް ވަދެއްޖެ ކަމަށާއި، މީހަކު އިސްލާމް ދީނުން ބޭރުވެއްޖެ ކަމަށް ބުނުން ޙައްޤުވެގެންވަނީ، ދުވާލުގެ އިރަށްވުރެ ބޮޑަށް ބަޔާންވެގެންވާ ދަލީލަކާއެކުގައެވެ.

ޞައްޙަ ސަނަދުން ސާބިތުވެފައިވާ ގޮތުގައި ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައި ވެއެވެ.
(أَيُّمَا رَجُلٍ قَالَ لأَخِيهِ يَا كَافِرُ، فَقَدْ بَاءَ بِهَا أَحَدُهُمَا)
މާނައީ، "މީހަކު (އެބަހީ: މުސްލިމަކު) އޭނާގެ އަޚާއާ ދިމާއަށް (އެބަހީ: އެހެން މުސްލިމަކާ ދިމާއަށް) "އޭ ކާފިރޭ" (އެބަހީ: މިފަދަ ޢިބާރާތެއް) ބުނެފިނަމަ، ފަހެ، ހަމަކަށަވަރުން އެ ދެ މީހުންކުރެ އެކަކު ވާނީ ކާފިރުވެފައެވެ."

ފަހެ، ނަމާދާމެދު އިންކާރުކުރާ ޙާލު، ނަމާދު އަޅައިފި މީހާ ވާނީ، އިސްލާމް ދީނުގެ މިއްލަތުން ބޭރުވެފައެވެ. ކަންނެތް ކަމާއި ފަރުވާ ކުޑަ ކަމުން ނަމާދު އަޅައިފި މީހާ ވާނީ، ވަރަށް ބޮޑު ނުރައްކަލެއްގެ މަތީގައެވެ. އޭނާ އެ ކުރީ، ބޮޑު ފާފަތަކުގެ ތެރެއިން ފާފައެކެވެ. އަދި އެއީ އޭނާގެ ދީން، އޭނާގެ އަތުން ބީވެގެން ހިނގައިދާ ވަރުގެ ކަމެކެވެ. އަޅުގަނޑުމެން މާތް ﷲ ގެ ޙަޟުރަތުގައި އެދެންވާނީ، އޭނާ، އެ ނުރައްކަލުން ސަލާމަތް ކުރެއްވުމަށާއި އޭނާއަށް ކުރެވުނު ކުށަށް ޢަފޫކުރައްވައި އޭނާގެ ފާފަ ފުއްސެވުމަށެވެ.
             -----------------------

ދާރުލް އިފުތާއިލް މިޞްރިއްޔާ
ތަރުޖަމާ: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން