ޢަބްދުﷲ ޢަފީފުގެ ބުރިހަންނެގުން- މުޙައްމަދު އަމީން ނާއިންޞާފުން ކުރެއްވި ކަމެއް



ބުރިހަންނެގުމަކީ، ބަނޑު ބިންމަތީޖައްސައިގެން ހަތަރުފަށް އެއްތެލުން ބުރިކަށީގައި ތެޅުމެވެ. މިއީ އިހުގައި ސިޔާސީ ކުށްކުށަށް ދައުލަތުން ދެއްވި އެންމެބޮޑު ޢުޤޫބާތެވެ.


ދުވަސްވަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. އައްޑުއަތޮޅަށް އިނގިރޭސި ސިފައިން ފައިބައިފިއެވެ. ކަނޑުގެ ސިފައިންގެ ބަޔަކު ކާނަލް ޖޯންސްގެ ވެރިކަމުގެ ދަށުގައި ފުރަތަމަ ފޭބީ އެއަތޮޅު ވިލިގިއްޔަށެވެ. އެއީ 29  ސެޕްޓެމްބަރ 1941 ގައެވެ.

ރޯޔަލް އެއަރފޯސް އާރު.އޭ.އެފްގެ މަރުކަޒު ހުރީ މާމެންދޫގައެވެ. މާމެންދޫއަކީ ހިތަދޫގެ ބައެކެވެ. ގަމަކީ އެއަތޮޅުގައި ގާއިމްކުރި ދިފާއީ ބާރުތަކުގެ ވެރިރަށެވެ. މަރަދޫގެ ހުޅަގުކޮޅަކީ ސިފައިންގެ "ކަބުރުގެ" އެވެ. ހިތަދޫ ކޯއްޓޭ ތެރޭގައި ވަނީ ސިފައިންތިބުމަށް ފޭލިގެތައް ޖަހާފައެވެ. ފެންމުލިމަތީގައި ބޮޑުބަޑީގެ ދެބަޑި ދުއްވާފަ އޮތެވެ. ފެންމުއްޔަކީ ހިތަދޫ އޮޑައްސަލު ތެރޭގައި އޮންނަ ސަރަހައްދަކަށް ކިޔާ ނަމެކެވެ. މީދޫގެ ފުއްޓަރުފަރާތު މާއެޅުވެސް އޮތީ ދިފާއުގެ ގޮތުން ތައްޔާރުކޮށްފައެވެ. ކުރުގޮތަކަށް ދަންނަވާނަމަ މުޅި އައްޑުއަތޮޅު އޮތީ ވަޔާއި ކަނޑުގެ ސިފައިންގެ މަރުކަޒަކަށެވެ. 

އެދުވަސްވަރު ސިލޯނުގައިހުންނެވި ދިވެހިދައުލަތުގެ ރެޕްރެޒެންޓެޓިވްއަކީ އފ. ކަކާގޭ ހުސެން ހިލްމީ ދީދީއެވެ. ނަމަވެސް ފަހުން އެމަގާމުގައި ހުންނެވީ - ހަމައެދުވަސްވަރު - އަލްއަމީރު ހަސަން ފަރީދު ދީދީއެވެ. 

މުޙައްމަދު އަމީން ލިޔުއްވައެވެ. "އަލްއަމީރު ހަސަން ފަރީދުގެ އަނެއް ބޭނުންފުޅަކީ އައްޑުއަތޮޅުގައި ހިގިކަމުގައި އޭނާއަށް އިވިވަޑައިގެންފައިވާ ގަޑުބަޑަކާމެދު ތަހުގީގު ކުރައްވައިގެން އެކަން ހަމަޖެއްސުމެވެ. (ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި)

މިދަތުރު ހަސަން ފަރީދު އައްޑުއަތޮޅަށް ވަޑައިގަތީ އެޗް.އެމް.އެސް "މާލޮއި" ކިޔާ އިނގިރޭސި މަނަވަރެއްގައެވެ. އޭނާގެ އަރިހުގައި ސިއްކަ އަލިމަނިކުފާނު ގެންދެވިއެވެ. މިދަތުރު އައްޑޫ ހިތަދުއަށްވަޑައިގެން މުޙައްމަދު އަމީން ވިދާޅުވާ ގަޑުބަޑު ހަމަޖައްސެވުމަށްފަހު ހަސަން ފަރީދު "މާލޮއި"ގައި ގަމުން ފުރާވަޑައިގަތީ ސީދާ ސިލޯނަށެވެ. ފުރާވަޑައިގަތީ ސަރުކާރުން ހިތަދޫގައި ބައިތިއްބާފައި ތިބި ބުޗާ ހަސަން ކަލޭފާނާއި, މައުލަވީ މުހައްމަދު ޙަސަން ނަދްވީ ގޮވައިގެންނެވެ. ބުޗާ ހަސަން ކަލޭފާނު ބަހައްޓާފައިހުރީ އައްޑުއަތޮޅަށް އިނގިރޭސިން ފޭބުމުން ދިވެހިންނަށް ސަރުކާރުން ހައްދަވާފައި ހުރި ގަވައިދުތައް ހިންގަވާށެވެ. މިދެބޭކަލުން ތިއްބެވީ އަތިރެއެޅެގެ- މިހާރުގެ "ސީވިއު"ގައެވެ. ހިތަދޫގައި ހިނގި ގަޑުބަޑަކީ ބުޗާ ހަސަން ކަލޭފާނެވެ. އޭނާ އަތޮޅުގެ ރައްޔިތުންނާމެދު ކަންތައްތައް ކުރައްވަމުން ގެންދެވި ހަރުކަށިގޮތެވެ. ލިބެމުންދިޔަ އަނިޔާއެވެ.

"މާލޮއި" ހައްދުންމަތިން ކޮޅުމަޑުލުގައި ޖައްސައި އަރިހުގައި ގެންނެވި ދެބޭކަލުން އެރަށަށް ބޭލުއްވީއެވެ. އަދި އެންމެ އަވަހަށް މާލެ ފުރާ އެއްޗަކުން އެދެބޭކަލުން މާލެ ފޮނުވުމަށް އަތޮޅުވެރިޔާއަށް އެންގެވުމަށްފަހު ފުރާވަޑައިގަތީއެވެ. "މާލޮއި" ކޮޅުމަޑުލުން ނުކުމެ ހައްދުންމަތީ މަތިން - ދެކުނުން - ހުވަދޫ ކަނޑުތެރެއަށް ގޮސް ހައްދުންމައްޗަށް ކައިރިކޮށް މިސްރާބުޖެހީ ސިލޯނަށެވެ. އައްޑޫން ފުރާވަޑައިގަތީ 1944ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.

އައްޑޫގައި ގަޑުބަޑެއް ހިނގިކަމަށް މުޙައްމަދު އަމީނު ލިޔުއްވި ނަމަވެސް އެހިނގި ގަޑުބަޑަކީ ކޮބައިކަމެއް ނުލިޔުއްވައެވެ. އެހިނގި ގަޑުބަޑު ރަނގަޅަށް ދަންނަމީހުން އެއަތޮޅު ހިތަދޫގައި މިހާރުވެސް އެބަތިއްބެވެ. އަދި ހިތަދޫ ސިއްކަގޭ ދޮންމަނިކުފާނު މިގަޑުބަޑާބެހޭ ގޮތުން ލިޔުއްވާފައިވެސްވެއެވެ. ދޮންމަނިކުފާނަކީ އެއަތޮޅުގެ ތާރީޚަށް ޚިދުމަތް ކުރެއްވި މުޙައްރިރެކެވެ. މިގަޑުބަޑުގެ ތަފްޞީލު ހޯދަން އަޅުގަނޑު ހިތަދޫގެ މުސްކުޅިންކުރެން އިތުބާރުހުރި އެތައް ބަޔަކާއި އިންޓަވިއުކުރީމެވެ.

ގަޑުބަޑެއް ހަމަހުރެފައެއް ނުހިނގައެވެ. ކޮންމެ ގަޑުބަޑެއްވެސް ހިނގަނީ ކަންތައްތަކެއް ދިމާވެގެންނެވެ. ގަޑުބަޑެއް ހިނގާއިރު އޭގެ ފަހަތުގައި ސަބަބުތަކެއް ހުރެއެވެ. ތާރީޚު ދިރާސާކުރުމަކީ އެސަބަބުތަކާއެކު ދިރާސާކުރުމެވެ.

ދުވަސްވަރަކީ ކުރިންވެސް ދެންނެވިހެން ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރެވެ. ރާއްޖެއޮތީ ބަޑަށް ޖެހިފައެވެ. ގަމަށް އަންނަ އިނގިރޭސި ބޯޓް ފަހަރުން ކާބޯތައްޗާއި އެނޫންވެސްތަކެތި އާދެއެވެ. ބޯޓްދޮށަށް ދިވެހިންދިއުން ސަރުކާރުން އޮތީ މަނާކޮށްފައެވެ. މިކަން ބަލަން ސަރުކާރުން ބަހައްޓާފައި ހުރީ ބުޗާ ހަސަންކަލޭފާނެވެ. ވަގަށް ނަމަވެސް އައްޑޫގެ ބައެއް މީހުން ބޯޓްދޮށަށް ގޮސް އެނޫންވެސް ބައެއްތަކެތި ހޯދައެވެ. ވިޔަފާރިކޮށް ހަދައެވެ. މިކަން އެނގޭއިރަށް އެބަޔަކު ގެނެސް ބަންދުކޮށް ތަޅާ ހަދައެވެ. މިކަން ކުރައްވަނީ ބުޗާ ޙަސަން ކަލޭފާނެވެ.

ބުޗާ ހަސަން ކަލޭފާނުގެ އަނިޔާވެރިކަމާ ހެދި އެއްދުވަހަކު ހިތަދޫގެބަޔަކު ނުކުމެ "އެޅެގެ" ހަސަންކަލޭފާނު ހުންނަވާ ގެއަށްގޮސް އެގޭ ގުދަނުގައި ހުރި 2 ގަޑުފޮށީގައި ހުރި ތަށިތައް ތަޅާލައި ލިޔެކިޔުންތައް ވީދާލައި ހަސަން ކަލޭފާނު ދުއްވަވާ ބައިސްކަލް ފުނޑުފުނޑުކޮށް ހެދިއެވެ. މިކަން ހިނގިއިރު ހަސަން ކަލޭފާނު ހުންނެވީ އާދަވެގެން އެއަތޮޅު ތެރެއަށް ކުރައްވާ ދަތުރުމަތީގައެވެ. މިކަން ހިނގިކަން ހަސަން ކަލޭފާނަށް އެންގެވީ މޫސާ އަލިދީދީއެވެ. މިޚަބަރު ލިބިލެއްވުމުން ޙަސަން ކަލޭފާނު އިންނެވި ބައްތެލި ގާތްކުރީ މާމެންދޫ ގަން ފަންނަށެވެ. ހިތަދުއަކަށް ނޫނެވެ.

ފަހުދުވަހު ހަސަން ކަލޭފާނުގެ އަނިޔާވެރިކަމާ ދެކޮޅަށްނިކުތީ ހިތަދޫ ރައްޔިތުންނެވެ. ލީޑަރަކަށް ހުންނެވީ ވާރުގޭ ޙަސަންދީދީއެވެ. މިމީހުން ފޭދުއަށްގޮސް ފޭދޫ މުޙައްމަދު ކަތީބު ހައްޔަރުކުރިއެވެ. އަދި ފޭދޫގައި ގަމު މީހުން ތިބޭ އަވަށްގަނޑުގައި ހުރި ގެއެއް ކަމަށްވާ "މާވަށްގެ"އަށް ގޮސް ހަސަން މަނިކުފާނު (ހަސަނާބެއާ) ހިތަދުއަށް ގެނެސް ތަނބެއްގައި ބަނެވެ. މިބައިގަނޑު އާރުއޭއެފް އަށް ގޮސް ބުޗާ ހަސަން ކަލޭފާނު ކޮބައިހޭ؟ އޭނަ ދޭށޭ ބުންޏެވެ. ނަމަވެސް އިނގިރޭސިން ހަސަން ކަލޭފާނެއް ނުދިނެވެ. ހިނގި ގަޑުބަޑަކީ މިއެވެ. ހަސަން ފަރީދުދީދީ އައްޑުއަށް ވަޑައިގަތީ މިގަޑުބަޑާ ގުޅިގެންނެވެ. ހިތަދުއަށް ވަޑައިގެން އޭނަ ފުރަތަމަވެސް ވަޑައިގަތީ "ފިނިފެންމާގެ" އަށެވެ. އެޅަދީދީގެ އަލިދީދީގެ ގެއަށެވެ. އެގޭ އުނދޯލީގައި އިށީދެވަޑައިގެން އިންނަވާ ވެރިންނާ ވާހަކަ ދެއްކުމަށްފަހު ގަން, ފޭދޫ ހިތަދޫ ތިން ރަށުގެ ފިރިހެނުން ހިތަދޫ ބޮޑުހަރުގޭ ކުރިމައްޗަށް އެއްކުރައްވައި އެމީހުންނާ ވާހަކަ ދެއްކުމަށްފަހު ހިނގާދިޔަ ގަޑުބަޑާ ގުޅިގެން އަތޮޅުގެ ރައްޔިތުންނަށް މާފު ދެއްވިއެވެ.

ހަސަން ފަރީދު ޝަހީދުވުމުން ހިތަދޫގެ ބަޔަކު ފިތުނަވެރި ހުޅުގަނޑެއް ރޯކޮއްލިއެވެ. މިކަމުގައި އިސްކޮށްހުރީ ސަގަރު އަލިތައްޚާނެވެ. އަލިތައްޚާނު ފެތުރުއްވި ޚަބަރަކީ ޢަބްދުﷲ ޢަފީފުމެން ހަސަން ފަރީދު އަވަހާރަކޮށްލަން ސިހުރު ހެދިއެވެ.

ޑަންގީގައި މުޙައްމަދު އަމީން ހުވަދުއަތޮޅަށް ވަޑައިގެން ދެ މަސްދޯނީގައި އައްޑުއަށް ވަޑައިގަތެވެ. އެއީ 26 ޖޫން 1944 ދުވަހު އިރުއޮއްސި އަނދިރިވީތަނާއެވެ. މުޙައްމަދު އަމީން ވަޑައިގަތީ ސީދާ މަރަދޫއަށެވެ. ސަގަރު އަލިތައްޚާނު ދޮންރަހާބެއާގެ އިބްރާހިމްދީދީ ބުގެ އަލިދީދީ މި މީސްމީހުން މިގަޑުބަޑުގެ ލީޑަރުންކަމުގައި މުޙައްމަދު އަމީނަށް ދެންނެވީ މީސްމީހުން މި މީސްމީހުންގެ ދޮގު ހެކިބަހުގެމައްޗަށް މުޙައްމަދު އަމީން މާލެ ގެންދެވިއެވެ.

މިމީސްމީހުން މުޙައްމަދު އަމީނަށް ދެންނެވި މީސްމީހުން މާލެ ގެންދަވައި ބަނޑޭރިގޭ އަށިގޭގައި ހައްޔަރުކުރެއްވުމަށްފަހު މި މީސްމީހުންގެމައްޗަށް ޝަރީޢަތް ހިންގުނެވެ. ޙުކުމްކުރީ އެއަހަރު ޝައްވާލް މަހުގެ 18 ވަނަ ދުވަހުއެވެ. މީލާދީގޮތުންނަމަ އެއީ 1944 ވަނަ އަހަރުގެ އޮކްޓޯބަރުން 6 އެވެ. ޙުކުމް ކުރެއްވީ ޢަބްދުﷲ ފަހުމީދީދީ އެވެ.

ބުރިން ހަންނަގާ އަރުވާލަން ޙުކުމް ކުރި މީސްމީހުންނަކީ  :


ޢަބްދުﷲ އަފީފު 26 އެތިފަހަރުން ތަޅައި 26 އަހަރަށް އަރުވާލުން ކ. ގާފަރަށް
 * އައްޝައިޚު ތުއްބީގެ އަލިދީދީ 26 އެތިފަހަރުން ތަޅައި 26 އަހަރަށް އަރުވާލުމަށް ފ. މަގޫދޫއަށް
ހިތަދޫ ކަތީބު ސިއްކަގޭ ޢަބްދުﷲ މަނިކުފާނު 26 އެތިފަހަރުން ތަޅައި 26 އަހަރަށް އަރުވާލަން ހއ. ތުރާކުނަށް
ޢަބްދުލް މަޖީދު އަލިދީދީ 26 އެތިފަހަރުން ތަޅައި 26 އަހަރަށް އަރުވާލުމަށް.
 * ކަތްދާފާނުގެ މުޙައްމަދު ސަލީމް 26 އެތިފަހަރުން ތަޅައި 26 އަހަރަށް އަރުވާލުމަށް

ތަޢުޒީރުކޮށް އަރުވާލުމަށް ޙުކުމް ކުރެވުނު މީހުން:
 * ފަޟީލަތުއް ޝައިޚު ހުސަން ރަހާ އަލްއަޒްހަރީ 2 އެތިފަހަރު 1 އަހަރާއި 6 މަހަށް އއ. ތޮއްޑުއަށް
 * އެޅަދީދީގެ އަލިދީދީ (އަފީފުގެ ބައްޕަ) 3 އެތިފަހަރު 3 އަހަރަށް ކ. ގުޅިއަށް
 * ހިތަދޫގެ އިސްކަތީބު އައްޝައިޚު މާވަޑިބެއްޔާގެ އިބްރާހިމްމަނިކު 8 އެތިފަހަރު 8 އަހަރަށް ހއ. ތުރާކުނަށް
 * އަބުދުލްމަޖީދު މުޙައްމަދު ދީދީ 8 އެތިފަހަރު 8 އަހަރަށް

އައްޝައިޚު މާވަޑިބެއްޔާގެ އިބްރާހިމް މަނިކު ބުނުއްވިކަމަށް ސިއްކަގޭ ދޮންމަނިކުފާނު ލިޔުއްވާފައިވެއެވެ.
"އެމީހުން ރަށަށް ފޮނުއްވިދުވަހު މުޙައްމަދު އަމީން ވިދާޅުވިއެވެ. 
"ކަލޭމެނަށް ސަރުކާރުން މިދެއްވި އަދަބަކީ ނުޙައްގު އަދަބެއްކަން އެނގުމުން ދޫކޮށްލީއެވެ. މިއީ ބަޔަކުފެށި ވަރަށް ބޮޑު ފިތުނައެއްކަން ސަރުކާރަށް ސާބިތުވުމުން ކަލޭމެން ދޫކޮށްލީއެވެ." އަދި އެންމެންގެ ކައިރިން މުޙައްމަދު އަމީނު ޙައްޤު ކެނޑުއްވިއެވެ."
             ---------------------------

މަސްދަރު: "ޖަޒީރާ ޑެއިލީ"
19 ފެބްރުއަރީ 2008 - 14:27