ޢިލްމުވެރިއެއް ކަމަށް ދަޢުވާކުރާނީ ފައްކާ ޖާހިލެއް











އެއްޒަމާނެއްގައި އުޅުނު މީހަކު އޭނާއަކީ ޢިލްމުވެރިއެއް ކަމަށް ދަޢުވާކުރި އެވެ. އަދި އޭނާއާ އެއްފެންވަރު މީހަކު ދުނިޔޭގައި ނެތް ކަމަށްވެސް ދަޢުވާކުރި އެވެ. ދެން އޭނާއާ އެއްފަދަ މީހަކު ފެނޭތޯ އެއް ސަހަރުން އަނެއް ސަހަރަށް ދަތުރުކުރަން ފެށި އެވެ.

އެތައް ސަހަރަކަށް ދަތުރުކޮށްފައިވަނިކޮށް، އޭނާއާ މުނާޒަރާކޮށް ގޮންޖަހާލާނެ ކަމަށް ބުނާ މީހަކާ ދިމާވި އެވެ. ދެން ވަކި ދުވަހަކާއި ތަނެއް ކަނޑައަޅައި، އެތަނަށް މީހުން އެއްކޮށްގެން އެ ދެ މީހުންގެ ދެމެދުގައި މުނާޒަރާ ކުރެވެން ފެށުނެވެ. ނަމަވެސް ޢިލްމުވެރިއާއާ މުނާޒަރާކުރަން އައިމީހާއާ މެދު އެއްވެތިބި މީހުން ބުންޏެވެ.

އެއީ ކާކުހެއްޔެވެ؟
އެއީ މިރަށުގައި އުޅޭ ޖާހިލު މީހާ ނޫންހެއްޔެވެ؟
ޢިލްމުވެރިއަކާ ބައްދަލުކޮށް އޭނާއަށް ދެއްކޭނީ ކޮން ވާހަކައެއް ހެއްޔެވެ؟

ޖާހިލު މީހާއަށް ޢިލްމުވެރިއަކާ މުނާޒަރާ ނުކުރެވޭނެކަން އެއްވި މީހުންނަށް ރަނގަޅަށް އެނގެ އެވެ. އެމީހުން އެއްވީ ޢިލްމުވެރިއާގެ ކުރިމަތީގައި ޖާހިލު މީހާ ބޭޒާރުވާތަން ދެކި، މުނިފޫހިފިލުވާލުމަށްޓަކަ އެވެ.

މުނާޒަރާ ފެށުމުގެ ކުރިން، ޢިލްމުވެރިޔާ ޝަރުޠުތަކެއް ކަނޑައެޅި އެވެ. ވާހަކަދައްކަން ޖެހޭނީ އިޝާރާތުންނެވެ. ސުވާލެއް ކުރިޔަސް ކުރަންޖެހޭނީ އިޝާރާތުންނެވެ. ޖަވާބެއް ދިނަސް ދޭންޖެހޭނީ އިޝާރާތުންނެވެ. ދެމީހުން ތިބެންވާނީ، އެއްވެތިބި މީހުނަށް ރަނގަޅަށް ފެންނާނެހެން، އެކަކު އަނެކަކާ ކުރިމަތިލައިގެން ސްޓޭޖެއްގެ މަތީގައެވެ. ދެމީހުން މުނާޒަރާކުރަންވާނީ މުޅީންވެސް އިޝާރާތުންނެވެ.
 
މިޝަރުޠުތައް ޤަބޫލުކޮށް، ޖާހިލު މީހާ، ޢިލްމުވެރިޔާއާ ކުރިމަތިލި އެވެ. މީހުން އެއްވެ، މުނާޒަރާ ފެށުމުގެ ވަގުތު ޖެހިއްޖެ އެވެ.
އެހިނދު މުނާޒަރާ ފެށީ ޢިލްމުވެރިޔާ އެވެ.
ޢިލްމުވެރިޔާ: ކަނާތުގެ ޝަހާދަތް އިނގިލިން އެކެއް ރަމްޒުކޮށް އަތް އުފުލާލި އެވެ.
ޖާހިލު މީހާ: ކަނާތުގެ ޝަހާދަތް އިނގިއްޔާއި މެދު އިނގިލިން ދޭއް ރަމްޒުކޮށް އަތް އުފުލާލި އެވެ.
ޢިލްމުވެރިޔާ: ކަނާތުގެ ޝަހާދަތް އިނގިލިން އުޑަށް އިޝާރަތްކުރި އެވެ.
ޖާހިލު މީހާ: ކަނާތުގެ ޝަހާދަތް އިނގިލިން ބިމަށް އިޝާރަތްކުރި އެވެ.

ޢިލްމުވެރިއާއާއި ޖާހިލު މީހާގެ މި އިޝާރާތްތައް ފެނިފައި، އެއްވެ ތިބި މީހުން އަންތަރީސްވި އެވެ. އެމީހުން މުނިފޫހިފިލުވުމުގެ ނިޔަތުގައި އެތަނަށް ދިޔައެއްކަމަކު، މިހާރު އެމީހުން އެވަނީ ބޭސޯޚުވެފަ އެވެ. ޢިލްމުވެރިއެއްގެ ކުރިމަތީގައި ބޮޑު ޖާހިލަކު އެއްވެސް ޖެހިލުމެއްނެތި ހިފަހައްޓާލާތީ އެވެ. ޢިލްމުވެރިޔާ ކުރާ ކޮންމެ އިޝާރާތަކަށް، އޭނާ އެއްވެސް ޖެހިލުމެއްނެތި ރައްދުދޭތީ އެވެ.

ކުއްލިއަކަށް ޢިލްމުވެރިޔާ ސްޓޭޖުން ފައިބައިފި އެވެ. އަދި އެއްވެ ތިބި މީހުނާ މުޚާޠަބުކޮށް ބުނެފި އެވެ.
"މި ސަހަރުން އަޅުގަނޑާ ކުރިމަތިލެއްވި މިބޭފުޅާއަކީ، ދުނިޔޭގައި ހުރި އެންމެ ބޮޑު ޢިލްމުވެރިޔާ އެވެ!"

މީހުން ސުވާލުކުރި އެވެ. "އޭނާއަކީ ބޮޑު ޢިލްމުވެރިއެއްކަން އެނގުނީ ކިހިނަކުން ހެއްޔެވެ؟"
ޢިލްމުވެރިޔާ ޖަވާބުދިނެވެ.
"ތިމަންނާ، އޭނާއަށް ޝަހާދަތް އިނގިލިން އިޝާރަތްކޮށްފައި ބުނީމެވެ. ހަމަކަށަވަރުން މާތް ﷲ އީ އެއްކައުވަންތަ ރަސްކަލާނގެ އެވެ.
އެހިނދު އޭނާ ޝަހާދަތް އިނގިއްޔާއި މެދު އިނގިލިން ދޭކަށް ޢިޝާރާތްކޮށްފައި ބުންޏެވެ. މާތް ﷲ އާ ހަމަހަމަވެގެންވާ ދެވަނަ އެހެން އެއްވެސް ފަރާތެއް ނުވެ އެވެ.
ދެން ތިމަންނާ އިޝާރާތުން ބުނީމެވެ. މާތް ﷲ ހަތް އުޑު ޚަލްޤުކުރެއްވި އެވެ.
އޭނާ އިޝާރާތުން ރައްދުދެމުން ބުންޏެވެ. ހަމައެވަރަށް ބިންތައް ވެސް އެކަލާނގެ ޚަލްޤުކުރެއްވި އެވެ.
ނުހަނު ކުޅަދާނަކަމާއެކު އޭނާ ޖަވާބުދޭތަން ފެނުމުން، އޭނާއަކީ ތިމަންނާއަށްވުރެ ބޮޑު ޢިލްމުވެރިއެއްކަން އެނގިއްޖެ އެވެ. މިއީ، އޭނާއާ ތިމަންނާއާ ދެމެދު އިޝާރާތުން ވާހަކަ ދެއްކީމާ ވީވަރެވެ. ދުލުން ވާހަކަދައްކައިފިނަމަ، މިއަށްވުރެ މާ ފަސޭހައިން އޭނާ ތިމަންނާ ބަލިކޮށްލާނެކަން ކަށަވަރެވެ. އޭނާގެ ޢިލްމުވެރިކަމުގެ ބޮޑުކަމަށްޓަކައި، ސްޓޭޖް އޭނާއަށް ދީފައި ތިމަންނާ މިފޭބީ އެވެ. އޭނާއާ އެއްހަމައިގައި ތިމަންނާއަކަށް ފައިތިލަ ސާބިތެއް ނުކުރެވޭނެ އެވެ."

ދެން ބައެއް މީހުން ގޮސް، ޖާހިލު މީހާ ކުރެން އެއްސެވެ.
"ޢިލްމުވެރިޔާ ތިބާގެ ގާތުގައި ދެއްކީ ކޮންކޮން ވާހަކަތަކެއް ހެއްޔެވެ؟ އަދި ތިބާ ބުނީ ކީކޭ ހެއްޔެވެ؟"

ޖާހިލު މީހާ ކިޔައިދިނެވެ.
އޭނާ ބުންޏެވެ. "އެއް އިނގިލިން ތިބާގެ އެއްލޯ ތޮރުފާލާނަމެވެ."
ތިމަންނާ ބުނީމެވެ. "ދެ އިނގިލިން ތިބާގެ ދެލޯ ތޮރުވާލާނަމެވެ."
ދެން އޭނާ ބުންޏެވެ. "ތިބާއަށްވުރެ މާ މައްޗަށް ތިމަންނާ އަރައިފާނަމެވެ."
ދެން ތިމަންނާ ބުނީމެވެ. "ތިބާ މައްޗަށް އަރައިފިނަމަ، ތިބާ ތިރިކޮށް ބިންމައްޗަށް ގުޅައަކަށް ޖަހައިފާނަމެވެ."
މިއީ، ޢިލްމުވެރިއެއް ކަމަށް ދަޢުވާކުރަމުން، އެއް ސަހަރުން އަނެއް ސަހަރަށް ދިޔަ މީހާގެ ވާހަކަ އެވެ. ... ހަރުބަހެއްގައި ވަނީ ވަރަށްވެސް ބޮޑު ތެދެކެވެ. "ޢިލްމުވެރިއެއް ކަމަށް ދަޢުވާކުރާނީ ފައްކާ ޖާހިލެކެވެ."
              ---------------------

ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން
މަސްދަރު: http://islamrw3a.com/vb/showthread.php?p=67566