ފަލަސްޠީނުގެ ރައީސް މަޙުމޫދު ޢައްބާސް










ނަން
ބައެއް މަޞްދަރުތައް ބުނާ ގޮތުގައި، ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް (محمود عباس) ގެ ނަމަކީ، މަޙުމޫދު މިރުޒާ ޢައްބާސް (محمود ميرزا عباس) އެވެ. ވިކިޕީޑިއާ ބުނާ ގޮތުގައި، އޭނާގެ ނަމަކީ، މަޙުމޫދު ރިޟާ ޢައްބާސް (محمود رضا عباس) އެވެ.

ކުންޔާ
މަޙުމޫދު ޢައްބާސްގެ ކުންޔާ ނުވަތަ އޭނާ މަޝްހޫރުވެފައިވާ ނަމަކީ، އަބޫމާޒިން (أبومازن) ގެ ނަމުންނެވެ.

އުފަންރަށް
މަޙުމޫދު ޢައްބާސް އުފަންވީ، ފަލަސްޠީނުގެ ޞަފަދު (صفد) އެވެ، ކިއުނު ރަށުގަ އެވެ. އޭރު ފަލަސްޠީނު އޮތީ، އިނގިރޭސިވިލާތުގެ ޙިމާޔަތުގެ ދަށުގަ އެވެ. އޭނާގެ އުފަން ތާރީޚަކީ، 26 މާޗް 1935 އެވެ.

ބައްޕަ
މަޙުމޫދު ޢައްބާސްގެ ބައްޕައަކީ، އީރާނުގެ ދަރިކޮޅަކަށް ނިސްބަތްވާ ވިޔަފާރިވެރިއެކެވެ. ނަމަކީ، މަޙުމޫދު ރިޟާ ޢައްބާސް (محمود رضا عباس) ކަމަށް ސަމާ ނިއުސް ގައި ބަޔާންކޮށްފައިވެ އެވެ.
1948 ވަނަ އަހަރު، އިސްރާއީލުން ފަލަސްޠީނު ހިފުމާވިދިގެން، ޢާއިލާ ގޮވައިގެން، މަޙުމޫދު ޢައްބާސްގެ ބައްޕަ ސީރިއާ އަށް ހިޖުރަކުރި އެވެ.

މަންމަ
މަޙުމޫދު ޢައްބާސްގެ މަންމައަކީ، ފަލަސްޠީނު އަންހެނެކެވެ.

ރައީސްކަން
މަޙުމޫދު ޢައްބާސް އަކީ، ފަލަސްޠީނުގެ ތިން ވަނަ ރައީސެވެ. އޭނާ ރައީސްކަމަށް އިސްވީ، 15 ޖެނުއަރީ 2005 ގަ އެވެ. އޭނާގެ ރިއާސީ ދައުރު ވަނީ، 9 ޖެނުއަރީ 2009 ގައި ނިމިފަ އެވެ. އެހެނަސް މިއަދާ ހަމައަށް ވެސް ރައީސް ކަމުގެ މަޤާމުގައި ދެމިހުރީ އޭނާ އެވެ.

އެ މަޤާމުގައި ދެމިހުރުމަށް ދައްކާ ބަހަނާ އަކީ، އިސްރާއީލާއި ޣައްޒާ އާ ދެމެދުގައިވާ ހަނގުރާމައިގެ ޙާލަތު ދެމިއޮތުމެވެ. 11 ނޮވެމްބަރ 2004 އިން ފެށިގެން ފަތަޙަ ޖަމާޢަތުގެ ލީޑަރުގެ މަޤާމުގައި ހުރީ ވެސް މަޙުމޫދު ޢައްބާސް އެވެ.

ފަލަސްޠީނުގެ ސަރުކާރުގެ ފުރަތަމަ ބޮޑުވަޒީރަކީ ވެސް މަޙުމޫދު ޢައްބާސް އެވެ. އެ މަޤާމަށް އޭނާ ޢައްޔަންކުރެވުނީ، 19 މާޗް 2003 ގަ އެވެ. އޭނާއާއި، ޔާސިރު ޢަރަފާތާ ދެމެދު ދެބަސްވުން އުފެދި، އެކަމުގެ ނަތީޖާއެއްގެ ގޮތުން، 2003 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު، އިސްތިޢުފާ ހުށަހެޅި އެވެ. މިކަމާގުޅިގެން، ޔޫއެސްއޭ އިންނާއި، އިނގިރޭސިވިލާތުން ބަދުނާމުކޮށްފައިވަނީ، ޔާސިރު ޢަރަފާތެވެ.

ތަޢުލީމީ ޙަޔާތް
މަޙުމޫދު ޢައްބާސް އިބްތިދާއީ ތަޢުލީމު ޙާޞިލުކޮށްފައިވަނީ، ފަލަސްޠީނުގެ ޞަފަދުގަ އެވެ. ސީރިއާ އަށް ދިއުމަށްފަހު، ދެ އަހަރު ވަންދެން ތަޢުލީމު ޙާޞިލުކުރުން މެދުކެނޑުނެވެ. އޭރު އޭނާގެ ޢުމުރަކީ، 13 އަހަރެވެ. އެއަށްފަހު ކިޔަވަންފެށީ ގޭގަ އެވެ. 1958 ވަނަ އަހަރު، ޖާމިޢަތު ދިމަޝްޤު (جامعة دمشق) އިން ޤާނޫނީ ރޮނގުން އިޖާޒާ (ފުރަތަމަ ޑިގްރީ) ޙާޞިލުކުރި އެވެ. 1982 ވަނަ އަހަރު، މޮސްކޯގެ ޔުނިވަރސިޓީއަކުން ޕީއެޗްޑީ ޙާޞިލުކުރި އެވެ. ތީސީސްގެ މައުޟޫޢަކީ، "ސިޙުޔޫނީ ޙަރަކާތާއި، ޖަރުމަނުވިލާތުގެ ނާޒީންނާ ދެމެދުގައިވާ ސިއްރު ގުޅުންތައް" އެވެ.

ޢިލްމީ މަސައްކަތްތައް
60 އަށްވުރެ ގިނަ ފޮތް އެކުލަވާލާފައިވާ ކަމަށް، މަޙުމޫދު ޢައްބާސްގެ ވެބްސައިޓުގައި ވެ އެވެ. އެ ސައިޓްގައި ބަޔާންކޮށްފައިވާ، 21 ފޮތުގެ ތެރެއިން ދެ ފޮތަކީ، ސީދާ ޞިހުޔޫނީންނާބެހޭ ގޮތުން ލިޔެފައިވާ ދެފޮތެވެ. އެއިން އެއް ފޮތަކީ، "ޞިހުޔޫނީ ޙަރަކާތް ފެށުމާއި ނިމުން" (الصهيونية بداية ونهاية) އެވެ. އަނެއް ފޮތަކީ، "ލެނިންގެ އަދަބިއްޔާތުގައި ސިޙުޔޫނީ ޙަރަކާތް" (الحركة الصهيونية في أدبيات لينين) އެވެ.

ނަސަބު
މަޙުމޫދު ޢައްބާސް ގެ ކާފައަކީ، ޢައްބާސް އަފަންދީ (عباس افندي) އެވެ. އޭނާއަކީ، ބަހާއީ ދީނުގައި މަތީ މަޤާމެއް ލިބިފައިވި މީހެކެވެ. އެހެނީ، އޭނާއަކީ، ބަހާއުﷲ (بهاء الله) ގެ ލަޤަބު ދެވިފައިވާ މިރުޒާ ޢަލީ މުޙައްމަދުއް ޝީރާޒީ (ميرزا علي محمد الشيرازي الملقب)، (1819 ـ 1850م) ގެ އެންމެ އަރިސް ދަރިވަރުންގެ ތެރެއިން ދަރިވަރެކެވެ.
ޢައްބާސް އަފަންދީގެ ލަޤަބަކީ، ޢަބްދުލްބަހާއު (عبد البهاء) އެވެ. އޭނާއަކީ، ބަހާއީ ދީން ފެތުރުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތްކުރި މީހެކެވެ.

ބަހާއުﷲ މަރާލަން ޙުކުމްކުރެވުނީ، މާއްދީ ގޮތުންނާއި ރޫޙާނީ ގޮތުން މާތް ﷲ ގެ ޒާތުފުޅު، އޭނާގެ ހަށިގަނޑުގައި ޤަރާރުވެއްޖެ ކަމަށް އޭނާ ދަޢުވާކުރަންފެށުމުންނެވެ. އޭނާއަކީ، އިނގިރޭސީން އަޑީގައި ތިބެގެން ނެރުނު މީހެއް ކަމަށް ބުނެވެ އެވެ. ފަލަސްޠީނުގެ ބިމުގެ 80 އިންސައްތަ، ޔަހޫދީންނަށް ދޫކޮށްލި، އޯސްލޯ އެއްބަސްވުމުގެ މޭސްތެރިއަކީ، މަޙުމޫދު ޢައްބާސް އެވެ.

ފަލަސްޠީނުގެ ވެރިކަމަށް އިސްވުމަށްޓަކައި، މަޙުމޫދު ޢައްބާސް ވަނީ، އޭނާއަކީ ސުންނީ މުސްލިމެއް ކަމަށް ބުނެ، ބަހާއީ ދީނުން ބަރީއަވެގެންފަ އެވެ. އެހެނަސް އޭނާގެ ހުރިހައި ޢަމަލުތަކަކުން ފެންނަނީ، ބަހާއީންގެ ކުލަވަރުތަކެވެ.

ބަހާއީންގެ ކުރު ތަޢާރުފެއް
ބަހާއިއްޔާ (البهائية) އަކީ، އިސްލާމްދީނުން ބޭރުވެފައިވާ ފިރުޤާތަކުގެ ތެރެއިން ފިރުޤާއެކެވެ. އެ ފިރުޤާ އަކީ، ބައިނަލްއަޤުވާމީ ޞިހުޔޫނިއްޔަތުގެ ދޮން އަންހެން ދަރިފުޅު ކަމަށް ލިއުންތެރިން ސިފަކުރެ އެވެ. އަދި އެއީ މާސޫނިއްޔާ (الماسونية) ނުވަތަ ފްރީމޭސަނަރީ (Freemasonry) ގެ ކޮއްކޮ ކަމަށް ބައެއް ލިއުންތެރިން ސިފަކުރެ އެވެ. އެހެނީ، މިފަދަ މިއްލަތްތައް ފެށިގެން އަންނަނީ، ކުފުރުވުމާއި، އިސްލާމްދީނާ ހަނގުރާމަކުރުމުގެ މައިދާނުންނެވެ. އަދި މިފަދަ މިއްލަތްތަކުގެ އަމާޒަކީ، ޔަހޫދީންނަށް ޚިދުމަތްކުރުމާއި، މަގުފުރެދުން އިޝްތިހާރުކުރުމާއި، ފަސާދަ ފެތުރުމެވެ.

ބަހާއީ ޢަޤީދާ ދިރާސާކުރާ މުސްލިމު ލިއުންތެރިން ބުނާ ގޮތުގައި، އެ ޢަޤީދާ ގޮވާލަނީ:
އިސްލާމްދީން މަންސޫޚުވެއްޖެ ކަމަށާއި،
އިސްލާމީ ޝަރީޢަތާ ދެކޮޅުހެދުމަށާއި،
އާޚިރަތް ދުވަހަށް އިންކާރުކުރުމަށާއި،
ސުވަރުގެއާއި ނަރަކައަށް އީމާންނުވުމަށާއި،
އަންހެން ކަނބަލުން ބުރުގާ އަޅަން ނުޖެހޭނެ ކަމަށާއި،
މުތުޢާ ކާވެނި ހުއްދަ ކަމަށާއި،
އަންހެންކަނބަލުންނާއި މުދާ އާންމުކުރުމަށާއި،
މައްކާއަށް ޙައްޖަށް ނުދިއުމަށާއި،
ބަހާއުﷲ ވަޅުލެވިފައިވާ ފަލަސްޠީނުގެ ޙައިފާ އަށް ޙައްޖުވުމަށާއި،
ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، ނަބީކަން ޚަތިމްނުކުރައްވާ ކަމަށެވެ.

ބަހާއީންގެ ނަމާދަކީ، ދުވާލަކު ތިންފަހަރު ކުރެވޭ ނުވަރަ ރަކުޢަތެވެ.
އެމީހުން ވުޟޫކުރަންޖެހެނީ މާފެނުންނެވެ.
އެމީހުންގެ އިޢުތިޤާދުގައި، ޖިހާދުކުރުމާއި، ދުޝްމަނުންނާ ދެކޮޅަށް ހަތިޔާރު އުފުލުމަކީ، ޙަރާމްކަމެކެވެ.
ފަލަސްޠީނުގެ ބިމަށް ޔަހޫދީން ވެރިވުމަކީ، ބަހާއީން ލޮލުންބޮލުން ޤަބޫލުކޮށް، ހިތުގެ ފުންމިނުން ތާއީދުކުރާ ކަމެކެވެ.

1968 ވަނަ އަހަރު ޤުދުސްގައި ބޭއްވުނު ބަހާއީންގެ މަހާސިންތާ ނިންމާލި އިޙުތިފާލުގައި އިޢުލާންކޮށްފައިވަނީ، "ޔަހޫދީ ޙަރަކާތާއި، ބަހާއީ ޙަރަކާތަކީ، އެއް ޙަރަކާތް އަނެއް ޙަރަކާތް ފުރިހަމަކޮށްދޭ ދެ ޙަރަކާތް ކަމަށާއި، ވަރަށް ގިނަ ކަންކަމުގައި އެ ދެ ޙަރަކާތް އެއްގަލަށް އަރާ ކަމަށެވެ."
             --------------------------

ލިޔުއްވީ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން
24 ޑިސެމްބަރ 2014މ.