މަންތިރި ނުވާ މަނާ



މުޅި ދުނިޔޭގައި ވެސް ސިޔާސީ ކަންކަމުގައި އުޅޭ ފަރާތްތަކުގެ ތެރެއިން ސިޔާސީގޮތުން އެނގެންޖެހޭ ފަންނީ މަޢުލޫމާތު އުނގެނެނީ ވަރަށް ވެސް މަދު ބައެކެވެ. ފަންނީ މަޢުލޫމާތުގެ އިތުރުން، އެނގެންޖެހޭ އަސާސީ މަޢުލޫމާތު ވެސް އުނގެނެނީ މަދު ބައެކެވެ. އަދި ޚާއްޞަކޮށް ރައްޔިތުން މި ކަންކަމުގެ މަޢުލޫމާތު ހޯދައި އުޅޭލެއް ވަރަށްވެސް ކުޑަ އެވެ. ސިޔާސީ ކަންކަން ނޭނގުން ނުވަތަ "ސިޔާސީ ކޮށިކަމާއި" ބެހޭގޮތުން 2006 ވަނަ އަހަރު އެމެރިކާގެ ކްރިޓިކަލް ރިވިއު ފައުންޑޭޝަން އިން ކުރި ދިރާސާއެއްގައި ބުނަނީ ސިޔާސީ ކަންކަމުގައި އުޅޭ ގިނަ ބަޔަކަށް ސިޔާސަތުތަކާއި ބެހޭ މަޢުލޫމާތު ނޭނގޭ ކަމަށެވެ. އަދި އެކަން ހޯދާ ބަލަން މަސައްކަތްކުރަނީ ވަރަށް މަދުބައެއް ކަމަށެވެ. އަދި ހަމަ އެހެންމެ އެކަން ދަންނަ މީހުންގެ ތެރެއިން ވޯޓު ދިނުމުގައި އެކަންކަމަށް ވިސްނަނީ ވެސް ވަރަށްމަދު ބައެއް ކަމަށެވެ. ކަން މިހެން އޮތްއިރު މި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ އަނެއް މުހިއްމުކަމަކީ ސިޔާސީ ކަންކަމުގައި ޙަރަކާތްތެރިވާ މީހުން ސިޔާސީ ގޮތުން އުނގެނެންޖެހޭ ކަންކަން އޮޅުންފިލުވަން ނުވަތަ އެނގެން ވެސް ބޭނުން ނުވާކަމެވެ. 

ދިވެހިރާއްޖޭގައި ވެސް މިކަން ވަރަށްބޮޑަށް ފާހަގަ ކުރެވެ އެވެ. ދައުލަތުގެ ބާރުތައް ބެހިގެން އަންނަނީ ކޮންގޮތަކަށް ކަމާއި އެ ބާރުތަކުގައި ހިމެނޭ ގުނަވަންތަކާއި އެހެނިހެން ކަންކަން ބެހިގެން ދަނީ ކޮންގޮތަކަށް ކަން ޚުދު މި ކަންކަމުގައި އުޅޭ ގިނަ މީހުންނަށް ވެސް ނޭނގެ އެވެ. ޚާއްޞަކޮށް ޑިމޮކްރަސީ އެއްގައި ރައްޔިތުންގެ އެންމެހާ ކަންކަން ރައްޔިތުންގެ ކިބައިން ނިންމަން ޖެހޭއިރު އެ ކަންކަން ކުރުމަށް ކަނޑައަޅާފައި ތިބޭ ބައެއް މަންދޫބުންނަށް ސިޔާސީ ގޮތުންނާއި އަދި ސިޔާސީ ދާއިރާގައި އުޅުއްވުމަށް ބޭނުންވާ އެހެން އަސާސީ ކަންކަން ވެސް ނޭނގޭކަން ހިތާމައާއި އެކީ ފާހަގަކޮށްލަން ޖެހެ އެވެ.
 
"ޕޮލިޓިކަލް އެކްޓްވިސްޓުން" ނާއި "ޕޮލިޓިކަލް ޕްލެޔާސް" މިއީ ތަފާތު ދެ ބައެކެވެ. ނަމަވެސް އަޅުގަނޑުމެންނަށް ގިނަ ފަހަރު ފެނިގެންދަނީ އެކްޓްވިސްޓުން ޕްލެޔާސް ގޮތުގައި އުޅޭ ތަނެވެ. އެއީ މަނައެއް، މަންތިރި ނުވަނީސް މުޅި ބޯޑުގައި ތެޅި ބޭލުމެވެ. ތެދެކެވެ! ބަލަން ތިބޭ މީހުންނަށް ކުޅީގެ ޤަވާޢިދު ނޭގެންޏާ، ޚާއްޞަކޮށް ކުޑަ ކުޅިއެއް ބޯޑުގައި ކަންކުއްޗަށާއި އަރި-ހުރަހަށް ދުވަންޏާ ކަމުގޮސްދާނެ އެވެ. 

މަޢުލޫމާތާއި ޢިލްމާއި ތަފާތު:

މިއަދަކީ މަޢުލޫމާތުގެ ޒަމާނެވެ. ނަމަވެސް މާޢުލޫމާތު ހުރެފައި އެއްވެސް ޢިލްމެއް ނެތިއްޔާ އެ މަޢުލޫމާތު ތިމާގެ ޒަމީރު ދެކޭނީ ބައެއްފަހަރު އެއްވެސް އަސްލެއްނެތް އެއްޗެއްގޮތުގަ އެވެ. އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ މުޅިން ވެސް ޚަބަރުތަކުގެ ސުރުޚީ ކިޔައިގެން ސިޔާސީ ޕޯޑިއަމްތަކަށް އަރައި ތިބެ އިޖްތިމާޢީ ރައްކާތެރިކަމާއި، އިޤްތިޞާދީ ދުޅަހެޔޮކަމާއި، ސިއްޙީ ސިޔާސަތާއި، ތަޢުލީމީ އޮނިގަނޑާއި އަދި މިނޫން ވެސް ފަންނީ އެތައް ކަމަކާއި ބެހޭ ގޮތުން ދެތިން ޖުމްލަ ބުނެފައި އަނެއް ހަ ޖުމްލައިގައި ހެއްދެވި ނުހެއްދެވިއަށް ގޮވައި ހަދާ ތަނެވެ. މިހެން މި ދިމާވަނީ ސިޔާސީ ކަންކަމުގައި އުޅޭ ގިނަ ފަރާތްތަކަކީ ޢިލްމީގޮތުން ކަންކަން އެހާ ބަލަން ބޭނުން ނުވާ، ނަމަވެސް ސިޔާސީ ގޮތުން ޙަރަކާތްތެރި ވާން ބޭނުންވާ ފަރާތްތަކަށްވާތީ އެވެ.

މިހެން ދެންނެވިއަސް ސިޔާސީ ޕާޓީތަކުގެ އިސްސަފުގައި އަދި އެނޫން ވެސް ގޮތްގޮތަށް ޢިލްމީ ބޭފުޅުން އެ ބޭފުޅެއްގެ ދާއިރާއިން ކަންކަން ރާވާ ހިންގާކަން ފާހަގަ ކޮށްލެވެ އެވެ. ނަމަވެސް މިކަންކަން އޭގެ ތަޢައްޞަބުން ގެއްލިގެން ދަނީ މަންތިރި ނުވަނީސް ތެޅިބޭލޭ މަނާތަކުގެ ސަބަބުންނެވެ. މި ދެންނެވި މަނާ ތަކުގެ ސަބަބުން އަޅުގަނޑުމެންގެ މުޅި މުޖްތަމަޢު މިވަނީ ޖާހިލިއްޔަތުގެ ތެރެއަށް ގޮސްފަ އެވެ. ހުރިހާ ކަމެއްގެ އަޞްލު އޮޅުވާލައި ކަރަޕްޝަނާއި ޖަހާލަތާއި އަނިޔާވެރިކަން މިވަނީ މި ކުޑަކުޑަ މުޖްތަމަޢު ތެރޭގައި ނުރައްކާތެރި ދަރަޖައަކަށް ފެތުރިފަ އެވެ. މި މަނާތައް ދަންނަންވީ ކަމަކީ ފަހަރަކު ގޮޅިއަކުން ކުރިއަށް ގޮސް ބޯޑުގެ "އަނެއް" ކޮޅަށް ނުދެވެނީސް މަންތިރި ނުވާނެ ކަމެވެ. ސިޔާސީ ކަންކަމުގައި ނޫނަސް އަދި އެހެން ކަމެއްގައި ވިއަސް، އެ ކަމެއްގެ ފަންނީ ޢިލްމާއި މަޢުލޫމާތު ނުހޯދައި އެ ކަމެއްގެ އެންމެ އިސް ކުންނަށް ދިއުން ބުއްދިވެރިއެއް ނޫނެވެ.

"ބައެއް ފަހަރު ހުރިހާ އެންމެން މޮޔަހެއްދި ދާނެއެވެ. އަދި ބައެއް މީހުން ހުރިހާ ފަހަރަކު މޮޔަހެއްދި ދާނެ އެވެ. ނަމަވެސް ހުރިހާ އެންމެން ހުރިހާ ފަހަރަކު މޮޔައެއް ނުހެއްދޭނެ އެވެ." މިއީ އެމެރިކާގެ ކުރީގެ ރައީސެއް ކަމަށްވާ އަބްރަހަމް ލިންކަން ވިދާޅުވެފައިވާ ޙިކުމަތްތެރި ވާހަކަފުޅެކެވެ. މަންތިރި ނުވާ މަނާ ތަކަށް މިއީ ފިލާވަޅެއްކަމަށް ބަލަމުން ނިންމާލާނަމެވެ.
       ---------------------------------------------

ލިޔުއްވީ: ޙަސަން ޢަބުދުﷲ ޙިލްމީ
19 ޖޫން 2013
http://havaruonline.com/1103