ރޭގަނޑު ދަންވަރު އައްޑުއަތޮޅު މީދުއަށް ބަކަރި އަރަނީ



ރޭގަނޑު ދަންވަރު މީސްތަކުން ނިދައި ހިލަވަޅު އޮބުނީމާ އައްޑުއަތޮޅު މީދުއަށް ބަކަރީގެ ސިފައިގައި ތިބޭ ކޮން މަޒުހަބެއްގެ ޙައިވާނުންތަކެއް ކަމެއް ނޭނގޭ ޙައިވާނުން އަރަން ފަށައިފިއެވެ. މިފަދަ ނުބައި ސިއްރިޔާތުގެ ގޮތަކަށް އެރަށަށް އަރާ މި ޙައިވާނުން ގޮސްއުޅޭ ހުރިހާ ތަނެއް ނޭނގުނު ނަމަވެސް އެރަށުގެ ކޯގަންނު ގަބުރުސްތާނަށް މި ޙައިވާނުން ވަދެ އެތާނގައި ހުންނަ އާސާރީ މަހާނަގައުތަކަށް ވަރަށްބޮޑެތި ގެއްލުންތައް ދެމުން އެބަ ގެންދެއެވެ.

މަހާނަގައުތައް ބިންދައި މައްޔިތުންނަށް ނުފޮރުއްޕާން ކުރުމަކީ މީގެ ގިނަ އަހަރުތަކެއްގެ ކުރިން މާލޭގައި ވެސް ހިނގި ކަމެކެވެ. އެކަން ކުރަމުންދިޔައީ އެދުވަސްވަރު މާލެތެރެއަށް ޢާއްމުކޮށް ދޫކޮށްފައިވާ ބަކަރިތަކެވެ. ޙައިވާނުންނަކީ ބުއްދި މަދު އުޑެއް ބުޑެއް ނުދަންނަ އެއްޗެކެވެ. އެހެންނޫންނަމަ ގަބުރުސްތާނުތަކަށް ވަދެ ދުނިޔެ ދޫކޮށްފައިވާ މައްޔިތުންނަށް އެކަހަލަ ނުފޮރުއްޕާނެއް ނުކުރާނެއެވެ. އެހެނީ އެކަންކުރަނީ ކޮން ފަރާތަކުންކަން އެ މައްޔިތުންނަށް ވެސް އެނގޭނެކަން އެ ޙައިވާނުން ދަންނާނެއެވެ.



މާލެތެރެއަށް ޢާއްމުކޮށް ބަކަރި ދޫކޮށްފައިވަނީ އޭގެ އަހަރުތަކެއްގެ ފަހުން ރާއްޖެއަށް ވެސް މިނިވަންކަން ލިބޭނެތީވެ އެ ބަކަރިތަކަށް ވެސް މިނިވަންކަން ދިނުމުގެ ބޭނުމުގައި ކަމަށް ވެދާނެއެވެ. ބަކަރިތަކަށް ދިން މިނިވަންކަމުގެ ބޭނުން އެ ސޮރުމެން ހެޔޮގޮތުގައި ނުހިފުމުން އެ މިނިވަންކަން ވަނީ ނިގުޅައިގެންފައެވެ. ހިތަށް އެރިގޮތަކަށް ހިތަށްއެރި ކަމެއްކޮށް އުޅޭން ފެށުމުން އެސޮރުމެން ގެންގޮސް އެސޮރުމެންނަށް ޚާއްޞަކޮށްފައިވާ ކުޑަގޮޅިއަށްލީއެވެ.



ދިވެހިރާއްޖެ މިދެކެނީވެސް ކޮން މަޒުހަބެއްގެ ޑިމޮކްރަސީއެއް ކަން ނޭނގޭ ނުހަނު ޅަފަތުގައި އޮތް ފާޑެއްގެ ޑިމޮކްރަސީއެކެވެ. މި އެއްޗެއް އަދި ހަރެއް ނުވެއެވެ. މިހެންވީމާ ޅަފަތުގައި ހަރުނުވެ ޑިމޮކްރަސީ އޮންނައިރު ރޭގަނޑު ދަންވަރު މީސްތަކުން ނިދައި ހިލަވަޅު އޮބުނީމާ އައްޑުއަތޮޅު މީދުއަށް ބަކަރީގެ ސިފައިގައި އެ އަރާ ކޮން މަޒުހަބެއްކަން ނޭނގޭ ޙައިވާނުންތައް އަތުލައި ޙައިވާނު ކޮއްޓަކަށް ލާން ވެސް އެހާ އުނދަގުލެއް ނުވާނެއެވެ. މިއީ ވެދާނެ ކަމެކެވެ. އެ ޙައިވާނުންތައް އަތުލުމަށް ފަހު، މައްޔިތުންނަށް ގޯނާކުރަން ނުކެރޭނޭ ކަހަލަ ޓްރެއިނިންގ ޕްރޮގްރާމެއް އެ ތަކެއްޗަށް ހިންގިދާނެއެވެ. އޭގެ އިތުރަށް އެ ތަކެތީގެ މަޒުހަބުތައް ވަކިވަކިން ކެޓަގަރައިޒް ވެސް ކުރެވި ދާނެ އެވެ. 

"އެނިމަލް ހަޒްބެންޑަރީ ޓްރެއިނިންގ ޕްރޮގްރާމް 2012" ގެ ނަމުގައި ކުކުޅު އަދި ބަކަރި ގެންގުޅެން ދަސްކޮށްދޭ ޕްރޮގްރާމެއް ހދ.ހަނިމާދޫގައި ވެސް ހިންގާފައިވެއެވެ. މި ޕްރޮގްރާމުގައި ވަނީ ބަކަރި އަދި ކުކުޅު މެނޭޖްކުރާނެ ގޮތާއި އެސޮރުމެންނަށް ކާންދޭނެ ގޮތާއި ދިމާވާ މައްސަލަތަކާއި، އެސޮރުމެންނަށް ޖެހޭ ބަލިތައް ދެނެގަންނާނެ ގޮތާއި، އަދި އެ ބަލިތަކުގެ ފަރުވާއާބެހޭ މަޢުލޫމާތު ވެސް ދީފައެވެ.

މީގެ އިތުރަށް ސ. ހިތަދޫ އޮޑައްސައު ސަރަހައްދުގައި ވެސް ބޮޑު ބަކަރި ކޮއްޓެއް ހަދައިގެން އެ ތަކެތި ގެންގުޅުމުގެ މަސައްކަތް ވެސް އެ ކުރީތާއެވެ. އެހެންވީމާ ރޭގަނޑު ދަންވަރު މީސްތަކުން ނިދައި ހިލަވަޅު އޮބުނީމާ ސ. މީދުއަށް ބަކަރީގެ ސިފައިގައި އެ އަރާ ކޮން މަޒުހަބެއްގެ ޙައިވާނުންތަކެއް ކަމެއް ނޭނގޭ ޙައިވާނުންތައް ވެސް އަތުލައި ކޮއްޓަކަށްލައި އެ ޙައިވާނުންގެ ނުބައިކަމުން މައްޔިތުން ސަލާމަތްކުރެވިދާނެއެވެ.


ރޭގަނޑު ދަންވަރު މީސްތަކުން ނިދައި ހިލަވަޅު އޮބުނީމާ ސިއްރިޔާތުގެ ގޮތަކަށް ގަބުރުސްތާނުތަކަށް ވަދެ މައްޔިތުންނަށް ގޯނާކުރާ ބަކަރީގެ ސިފައިގައިވާ ޙައިވާނުންތައް އަތުލައި އެ ތަކެތި ހަމަމަގަށް އެޅުވުމުގެ ޓްރެއިނިންގ ޕްރޮގްރާމެއް ނުހިންގޭނަމަ ދެން ކުރަން އޮތް ކަމަކީ ގަބުރުސްތާނުގައި ހުންނަ މަހާނަގައުތައް ބޮޑެތި ޙައިވާނުންގެ ކިބައިން ޙިމާޔަތްކުރަން މަހާނަ ވަށައި ފުޅައް އެޅިގޮތަށް ފުޅައް އަޅަންވީއެވެ. މިރާއްޖޭގެ އިހުގެ ދުވަސްވަރެއްގައި މިކަން ކޮށްފައިވެއެވެ. މައްޔިތުންގެ މަހާނަވަށައި ފުޅައް އަޅާފައިވެއެވެ. އެހެންނޫނީ ރޭގަނޑު ސިއްރިޔާތުގައި މައްޔިތުންނަށް ގޯނާކުރާ ކޮން މަޒުހަބެއްގެ ޙައިވާނުންތަކެއް ކަމެއް ނޭނގޭ ޙައިވާނުންގެ ކިބައިން މައްޔިތުން ސަލާމަތްވާނޭ އެއްވެސްގޮތެއް ނެތެވެ.




އައްޑުއަތޮޅު މީދޫ ކޯގަންނު ގަބުރުސްތާނުގައި ފަސްދާނުލެވިފައިވާ މުހިންމު ޝަޚުޞިއްޔަތުތަކުގެ ތެރޭ މެދުޒިޔާރަތުގައި ފަސްދާނުލެވިފައިވާ އަލްޢައްލާމާ ޔޫސުފް ނާއިބް ކަލޭގެފާނާއި އެ ކަލޭގެ ފާނުންގެ މަދަދު ވެރީންނާއި، ޔަހުޔާ ނާއިބުގެ ޚަދީޖާބޫ އާއި މަހުމޫދު ނާއިބް ކަލޭގެފާނާއި، ކެއުޅާރާއި، ކަޅިހާރާއި، ހެނެއިކަމަނާރާއި، އައްނާއިބް ޙަސަން ރަނަހަމާދި ތަކުރުފާނާއި، ކެއުޅާރު ހަނދެއިގިރި ތަކުރުފާނާއި، ބޮޑު ރަނަހަމާދި ތަކުރުފާނާއި، ކުޑަ ރަނަހަމާދި ތަކުރުފާނާއި، ވަތަބަނޑޭރި ތަކުރުފާނާއި، ކަޅިހާރު އަބޫބަކުރު ޚަޠީބާއި، ކަޅިހާރު ދޮންބުއި ނާއިބު ކަލޭގެފާނާއި، މަޝްހޫރު ބޮޑުފަނޑިޔާރު ތަކުރުފާނު އަލްޤާޟީ މުހައްމަދު ޝަމްސުއްދީނުލް ކަބީރާއި، އެ ތަކުރުފާނުގެ ބައެއް ދަރިދަރިކަލުންނާއި، އަލްވަޒީރުލް ކަބީރު މުޙައްމަދު ބޮޑުފުތް ތަކުރުފާނާއި، އައްނާއިބް އިބްރާހިމް ތަކުރުފާނާއި، ކުދުރަނިއަ އާއި ކުޑައިބީފާނާއި، ކުދުރަނިއަގެ ކުދު އެދުރު ކަލޭގެފާނާއި، އާމިނާބީގެ ދެށެމިނާ ތަކުރުފާނާއި، ކުޑައިބީފާނުގެ ޢާއިޝާބީފާނުގެ ދޮން ކަދީދާފާނާއި، ގަނޑުވަރު ދޮން ޙުސައިން ތަކުރުފާނާއި، ރަސްގެދަރު އީސާ ބަންޑާރައިންގެ ވަޒީރުއްޞަޢީރު ޢަލީ (ކަޅުކައްޗެ ޢަލީ ތައްޚާނު) އާއި، ގެދަރު ޢަލީ ތަކުރުފާނާއި، އެދުރުގޭ އަލްޚަޠީބު ދޮން ޢަލީ ތަކުރުފާނާއި، އައިސާބީގެ ދޮން ޙުސައިން ތަކުރުފާނާއި، ދިހަވަނަ ޙަސަން ރަސްގެފާނުގެ އިބްރާހިމް މަނިކުފާނުގެ ޙުސައިން މަނިކުފާނާއި، އަލްފަޤީހް މޫސާ (އެދުރުތައްކާނު) ޢާއި، މީދޫ ގަނޑުވަރު އައްނާއިބު މުހައްމަދު ތަކުރުފާނާއި، ގަނޑުވަރު ޙުސައިން ތަކުރުފާނާއި، ފަންނިޔަރު ދޮން ޢީސާ ކިލެގެފާނާއި އަލްޤާޟީ މޫސާ ބަދުރުއްދީން އާއި، އައްސުލްޠާނު މުޙައްމަދު ޣިޔާސުއްދީން ގެ ދަރިކަލުން އިބްރާހިމް ފާމުލަދޭރި ކިލެގެފާނުގެ ދަރިކަނބަލުން އައްނަބީލާ އާއިޝަތު ދީދީ އާއި އެ ކަމަނާގެ ދެ ދަރިކަލުން މީދޫ ގަނޑުވަރު ޙަސަންދީދީ އާއި، ގަނޑުވަރު އަޙްމަދުދީދީ  ހިމެނޭކަމަށް  http://www.meedhoo.com/?p=557 ގައި ލިޔެފައިވެއެވެ. 

މީގެ އިތުރުންވެސް އައިސާދަރު ދޮންބެއްޔާއާއި، އަލްޤާޟީ އިސްމާއީލް ބަހާއުއްދީނާއި، އަލްޢައްލާމާ ނާއިބުގޭ އަހުމަދުދީދީ އާއި އައްޝައިޚު ޢަލީ ދީދީ (ދޮންދީދީގެ ޢަލި ދީދީ) އާއި އައްޝައިޚު ދެށެނާގެ މުޙައްމަދުދީދީ (ފެންނާމަނިކުފާނު) އާއި މީގެ އިތުރުންވެސް ދިޔަމިގިލީދަރިކޮޅާއި އިސްދޫދަރިކޮޅަށް ނިސްބަތްވާ އެތައް ބޭފުޅުންނާއި، ގިނަ އަދަދެއްގެ ޢިލްމްވެރި ބޭކަލުންނާއި ޤުރުއާން ހިތުދަސް އެތައް ހާފިޡުންނެއް އެތާގައި ފަސްދާނު ލެވިފައިވެއެވެ. އަދި ރާއްޖޭގެ އެއް ޤަބްރުސްތާނެއްގައި ދީނީ ޢިލްމުވެރި ބޭކަލުން އެންމެ ގިނަ ޢަދަދަކަށް ފަސްދާނުލެވިފައިވާ ތަނަކީވެސް މީދޫ ކޯގަންނު ގަބުރުސްތާނެވެ.  (ނިމުނީ)

                ---------------------

ޢަބުދުﷲ ޙިލްމީ
20 ޑިސެމްބަރ 2014މ.