ދީވީ ތަރިކަ - ދެވަނަބައި










1941މ. ން 1975މ. ނިޔަލަށް ދެފަހަރެއްގެމަތިން އިނގިރޭސިން އައްޑު އަތޮޅުގައި ތިބުމާއެކު އެދުވަސްވަރު ހިނގާ ފައިވާ އެތައްކަމެއްގެތެރެއިން އެންމެބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ އައްޑު އަތޮޅުގައި "ޔުނައިޓެޑް ސުވެލްޑިވް އައިލެންޑްސްގެ" ނަމުގައި އިޢުލާންކުރި ޣައިރުޤާނޫނީ ސަރުކާރެވެ. އެ ސަރުކާރު ޢިއުލާންކުރީ 01 ޖެނުއަރީ 1959 ގަ އެވެ. އެ ސަރުކާރު ދެމި އޮތީ 03 ޖަނުއަރީ 1959 ން 23 ސެޕްޓެމްބަރ 1963 ވަނަ އަހަރުގެ ނިޔަލަށެވެ.

އައްޑު އަތޮޅަކީ ވެސް ކުރިން ދަނޑުވެރިކަމާއި، މަސްވެރިކަންކުރި އަތޮޅެކެވެ.

ސްވަލްދީބްގެ 3 އަތޮޅަކީ ވެސް މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އުފެއްދުންތެރިކަން ވަރަށްބޮޑަށް ކުރިއަރާފައިވާ 3 އަތޮޅެވެ. އެ 3 އަތޮޅު މީހުންނަކީ، ތަރައްޤީއާ ދިމާއަށް ހިޖްރަކުރުމަށް އަވަސްވެގަންނަ ބައެކެވެ. ނަތީޖަ ޙާޞިލުކުރުމަށްޓަކައި ފަސްޖެހޭ ބައެއް ނޫނެވެ.
                                                 
ފެށުން

އިންޑިއާ ކަނޑުގެ ދަތުރުފަރުތަކަށް ބަލާއިރު މީލާދުގެ 6000 ބީސީ އާ 3000 ބީސީ އާ ދެމެދު، އިންޑިއަން އޯޝަން އާއި ރެޑް ސީ އާއި ދެމެދު އެންމެ ފުރަތަމަ ދަތުރުކުރަންފެށި ބަޔަކީ ސޫމާރީންކަމަށް އިންޓަނެޓުގައި ފާހަގަކޮށްފައިވެ އެވެ. ސޫމާރީ ރަސްމަތިފުށުގެ ކިތައްމެބަޔަކު އެދުވަސްވަރު ރެޑް ސީ ހުރަސްކޮށްފައިވެ އެވެ.

އޭގެ އިތުރަށް މީލާދުގެ 6000 ބީސީ އާ 2000 ބީސ ީއާ ދެމެދު އާޝޫރިން ވެސް ހަމަ އެގޮތަށް އެ ދަތުރުތައް ކޮށްފައިވެ އެވެ. މި ދެބައިމީހުންނަކީ މެސޮޕޮޓޭމިއާގެ ފާރޓައިލް ކްރެސެންޓުގައި އެންމެ ފުރަތަމަ ދަނޑު ވެރިކަންކުރަން ފެށި މީހުންނެވެ.

ރެޑް ސީ ހުރަސް ކުރުމުގައި މި ދެބައިމީހުން ވެސް އެފްރިކާގެ ޒެންޒިބާރުގައި ބަދަރުކޮށްފައިވެ އެވެ. ދިވެހި ރާއްޖޭގެ ރަށްތައް އެތުރިފައި އޮތީ، ޒެންޒިބާރުން އިންޑިއާއަށް ދަތުރުކުރުމުގެ މަގުމަތީގައި (ބައެއް މޫސުމުގައި) ދެއްސަޅު ދިމާވާ ނުކުތާ އެއްގަ އެވެ. އެމީހުންގެ (އާޝޫރީންނާ، ސޫމާރީންގެ) އާދަކާދަތަކާ އަދި ދީނީ ޢަޤީދާތައް ޒެންޒިބާރުގައި ރަނގަޅަށް އަށަގެންފައިވެ އެވެ. 

އާސޫރީންނާ، ސޫމާރީންގެ ތެރެއިން އިންޑިއާގައި ރަށްވެހިކަން ޤާއިމުކުރި މީހުންނަކީ، ދަނޑުވެރީން ނެވެ. (ކަނޑުމަހުގެ މަސްވެރިކަން އެމީހުން ނުދަނެއެވެ.) ސޫމާރީންގެ ރަށްވެހިމުގެ ޒަމާނާއެކު، އިންޑިއާ، ކަޒަޚަސްތާން، ކޮރެއާ، ކިރްޣިސްތާން، މޮންގޯލިއާ އަދި މޯލްޑިވްސްގައި ވެސް އެމީހުންގެ ރަށްވެހިކަން ފެށިފައިވާކަމަށް މުއައްރިޚުން ލަފާކޮށްފައިވެ އެވެ. (ކިންގްޑަމް އޮފް ސޫމޭރިއަން.ކޮމް)

ބޭރުދުނިޔެއިން ދިވެހި ރާއްޖޭގެ ޚަބަރު

ދިވެހި ރާއްޖެއާ މެދު އެންމެ ފުރަތަމަ ލިޔެވިފާކަމަށް އެނގިފައިވާ ލިއުމަކީ، ރޯމުގެ ތާރީޚްގެ ތެރެއިން ފެންނަ ލިއުމެކެވެ. މީލާދީ ސަނަތުގެ 320 ވަނަ އަހަރާ 390 ވަނަ އަހަރާ ދެމެދު އުޅުއްވި އެމީއާނަސް މާރސެލިނަސް ލިޔެފައިވާ ގޮތުގައި ރޯމުގައި ރަސްގެފާނު އެމްޕެރާ ޖޫލިއަން އަރިހަށް، މީލާދީން 362 ވަނަ އަހަރު ޑިވިސް (މާލްޑިވްސް) ގެ ވަފުދެއް ވެދުން ބަރުތީލަ ކުރުމަށް ޒިޔާރަތް ކުރިއެވެ. ޗައިނާގެ ތާރީޚުން އެނގޭގޮތުގައި މީލާދީން 649 ވަނަ އަހަރާއި 683 ވަނަ އަހަރާއި ދެމެދު ޓެންގ ދަރިކޮޅުން ރަސްކަންކުރެއްވި އެމްޕެރާ ކާއޯ ޓސަންގ ބަލަޑިޓިއާގެ އަރިހަށް، ދިވެހި ރާއްޖޭގެ ރަސްގެފާނު ބަލަޑިޓިއާ ދެ ފަހަރެއްގެ މަތީން ވެދުން ބަރުތީލަ ކުރެއްވި އެވެ. އެއީ މީލާދީން 658 ވަނަ އަހަރު އަދި 662 ވަނަ އަހަރުގަ އެވެ. މީލާދީން 11 އަދި 12 ވަނަ އަހަރު މެދުއިރުމަތީގެ ސައްޔާހުން ވެސް ދިވެހި ރާއްޖެއަށް ޒިޔާރަތްކޮށްފައި ނުވަތަ ރާއްޖެއާ މެދު ލިއުއްވާފައިވެ އެވެ. އެމީހުންގެ ތެރޭގައި ސުލައިމާނާއި، އަބޫ ޒައިދީއާ، އަލްމަސްއޫދީއާ، އަލް ބައިރޫނީއާ އަދި އަލް އިދްރީސް ފާހަގަކޮށްލެވެ އެވެ.

މީލާދީ 985 ވަނަ އަހަރާ 1014 ވަނަ އަހަރާ ދެމެދު،  ދެކުނު އިންޑިއާގައި ޗޯލާ ދަރިކޮޅުން ރަސްކަންކުރި،  ޗޯލާ ކިންގްރާޖާ ރާޖާ (1) މީލާދީގެ 10 ވަނަ އަހަރާ 11 ވަނަ އަހަރާ ދެމެދު، އިންޑިއާ ކަނޑުގައިވާ ދިވެހި ރާއްޖޭގެ ބައެއް ރަށްތައް  އޭނާގެ ބާރުގެދަށަށް ގެނެސް އަޅުވެތި ކުރެއްވި އެވެ. ބުނެވޭގޮތުގައި އޭރު ދިވެހި ރާއްޖޭގައި އޮތީ، ތީމުގޭ (ސިވާސްތްރީ/ބޮޑު ރަސްގެފާނު) ނުވަތަ މަހާކަލަމިންޖާގެ ނުވަތަ ސިވާ ދަރިކޮޅަށް ނިސްބަތްވާ ރަސްރަސްކަލުންގެ ރަސްކަމެކެވެ. އެއީ ބުދުދީނުގެ "ސިވާ" ކަލާނގެއަށް ނިސްބަތްވާ ސިލޯނުގެ ދަރި ފަސްކޮޅެއްކަމަށް ވެސް، ދޫދޫމަތިން އައިސްފައިވާ ވާހަކަތަކުގައިވެ އެވެ. އަތޮޅު ތަކުގެ ނަމުގެ ފަހަތަށް މަތި ހިމަނައިގެން ނަންތައް ހަމަޖެއްސީ ވެސް އެދުވަސްވަރުގައި ކަމަށް ވާރިދުވެފައި ވެއެވެ. މިސާލަކަށް: ސިވަދޫ، ސިވަދުންމަތި، ހައްދޫ، ހައްދުންމަތި، އައްޑޫ، ތިލަދޫ، ތިލަދުންމަތި އެވެ. ބައެއް އަތޮޅުތަކަކީ، އެމީހުންގެ ދަރިސަފްކޮޅުގެ ބޭބޭފުޅުންނަށް ޚާއްޞަ ކުރެވިފައިވާ އަތޮޅުތަކެއް ކަމަށް ވެސް ބުނެވެ އެވެ. އެގޮތުން ހުވަދުންމައްޗަކީ، ސިވާއަށް ޚާއްޞަ ޖިޒީއެއް އެރުވޭ އަތޮޅެކެވެ. ހައްދުންމަޗަކީ ވެސް، އެ ދަރިކޮޅުގެ ކޮންމެ ވެސް (ކަލާނގެވަންތަ) ބޮޑުބޭފުޅަކަށް ޖިޒީ ފޮނުވާ އަތޮޅެކެވެ. އެ ސަބަބައްޓަކައި މި ރާއްޖޭގެ ބަޔަކު ޗޯލާ ރަސްގެފާނަށް ދަންނަވައިގެން ރާއްޖޭގެ ބައެއްރަށްތައް (އޭރު ތަޚުތުގައި ރެދަލިކުރެއްވި) ކަލަމިންޖާ ރަސްގެފާނުގެ ވެރިކަމުގެ ދަށުން ފިރުކައިގަތްކަމަށް ބުނެވެ އެވެ. އެ ދުވަސްވަރު ތަޚްތުގައި ރެދަލިކުރެއްވީ ބުދުދީނުގެ "ރާނީ" އެއްކަމަށްވާ، ދަންޏަން ދަންޔާ ކަމަށް ބުނެވެ އެވެ. އެއީ ރާއްޖޭގެ މީހުން އިސްލާވުމުގެ ކުރީގެ ތާރީޚެކެވެ.

ދިވެހި ރާއްޖެއާ ބެހޭ ލިއުންތައް

ސްރިލަންކާގެ މަހާވަންސާގައި އެވޭލާ ޒަމާނުގެ  ދެކުނު އިންޑިއާގެ ލިއުންތަކާއި، ސިރިލަންކާގެ ވާހަކައާއި، ދިވެހި ރާއްޖޭގެ ވާހަކަ ވެސް ބަޔާންކޮށްފައިވެ އެވެ. އީސާއީ ސަނަތުގެ 500 އަހަރު ކުރިން ސިލޯނުގެ ޕްރިންސެއްކަމަށްވާ ވިޖެޔާ ކުރެއްވި ދަތުރެއްގައި މަހިލަޑްވިޕިކާ (މޯލްޑިވްސް) އަށް ޒިޔާރަތްކުރި ކަމަށް މަހާވަންސާގައި ބަޔާންކޮށްފައިވެ އެވެ. އެދުވަސްވަރު ވެސް މި ރާއްޖޭގެ މީހުން ސިލޯނަށް ދަތުރުފަތުރުކޮށް އުޅެ އެވެ. އަދި މީލާދުގެ ފުރަތަމަ ޤަރްނުގައި އުޅުއްވި މާލިމީއެއްކަމަށްވާ ''ޕެރިޕުލްސް މާރިސް އެރިތުރީ'' އާއި މީލާދުގެ ދެވަނަ ޤަރުނުގައި އުޅުއްވި ގްރީކުގެ މަޝްހޫރު ފަލަކީ ޢިލްމާއި، ހިސާބު ޢިލްމާއި، ޖުޢުރާފީ ޢިލްމުގެ މާހިރެއްކަމަށްވާ ޕޓޮލޮމީ ވެސް އޭނާގެ ޖުޢުރާފީ ފޮތުގައި ދިވެހި ރާއްޖޭގެ ރަށްތައް ފާހަގަ ކޮށްފައިވެ އެވެ.

ދިވެހި ރާއްޖޭގައި ބުދުދީން

ކާށިދޫ ކުރުހިންނަ ތަރާގަނޑުން ލިބޭ މަޢުލޫމާތުން އެނގޭގޮތުގައި މީލާދީން ދެވަނަ ނުވަތަ ތިންވަނަ ޤަރުނުގައި ދިވެހި ރާއްޖޭގައި ބުދުދީން އޮތްކަން އެނގެ އެވެ. ބުދުދީން ދިވެހި ރާއްޖެއަށް އައި ދުވަސްވަރަކީ، މީލާދުގެ 238 ވަނަ އަހަރާއި 265 ވަނަ އަހަރާ ދެމެދު އިންޑިއާގެ މަޝްހޫރު ރަސްކަލެއްކަމަށްވާ ''އަޝޯކާ'' އޭޝިއާގެ އެކި ގަވްމުތަކަށް ބުދުދީން ފަތުރަން ފޮނުއްވި ދީނީ އިމާމުންގެ ދުވަސްވަރުކަމަށް ބެލެވެ އެވެ. އެމީހުން ދިވެހި ރާއްޖެއަށް އައިސް މިތަނުގައި ވެސް ބުދުދީން މުޑުވައްކުރިކަމަށް ބެލެވެ އެވެ. ނިލަންދެ އަތޮޅު ނިލަންދުއަކީ ވެސް އެކަމުގެ ހެކި ވަރަށްގަދަޔަށް ލިބެންހުރި ރަށެކެވެ. ކާށިދޫ ކުރުހިންނަ ތަރާގަނޑު ދަށުން ފެނުނު އިންސާނެއްގެ ކަށިގަނޑުގެ ކާބަންޑޭޓު ހެދުމުން އެނގުނގޮތުގައި އޭނާ މަރުވެފައި ވަނީ، މީލާދުގެ 10 ވަނަ ޤަރުނުގަ އެވެ. އެއީ ރާއްޖެ އިސްލާމް ވުމުގެ ކުރީގެ ތާރީޚެކެވެ. ރާއްޖޭގެ މީހުން އިސްލާމް ދީން ޤަބޫލުކުރީ 1153 މ. ގަ އެވެ. އޭރު ތަޚްތުގައި އިންނެވި ރަސްގެފާނު އިސްލާމް ނަންފުޅަކީ، އައްސުލްޠާން މުޙަންމަދު ބިން ޢަބްދު ﷲ އެވެ. އެއީ ދަރުމަވަންތަ ރަސްގެފާނެވެ. (ދިވެހި ތާރީޚް)

ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވީ ކޮންބައެއްތޯ؟ ކުރެވޭ ސުވާލުގެ ޖަވާބު އަދި ވަނީ މާޒީގެތެރޭގަ އެވެ. ބައެއް މުއައްރިޚުން ލިއުއްވާފައި ވަނީ، މީލާދުގެ ކުރީގެ 5 ވަނަ ޤަރުނުގައި ވެސް މި ރާއްޖޭގައި މީހުން ދިރިއުޅުނު ކަމަށެވެ. ނަމަވެސް އެއީ ކޮންބައެއްކަމެއް ބަޔާންކޮށްފައި ނުވެ އެވެ. ބައެއް މުއައްރިޚުން ބުރަ ވަނީ، މި ރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި މީހުންގެ އަސްލު ފެށިފައި ވަނީ، އާރިއަން ދަރިފަސް ކޮޅުން ކަމަށެވެ. (އާރިއަނުންނަކީ، އަވައްޓެރި ސިރިލަންކާ އާއި، އިންޑިއަން ސަބްކޮންޓިނެންޓުން އައި ބައެކެވެ.) ބައެއް މުއައްރިޚުން އެގޮތަށް ބުރަވާ ސަބަބަކީ، ދިވެހި ބަހުގެތެރޭގައި ސިނގަޅަ، ތަމަޅަ، ސާންސްކްރިތު، އުރުދޫ، ފާރިސީ އަދި ޢަރަބި ބަސް އެކުލެވިފައި ވާތީ އެވެ. (ތޯހައިދާލް ލަފާކުރާގޮތުގައި ރާއްޖޭގެ ރަށްވެހިކަމުގެ ތާރީޚް މީލާދުގެ 5000 ބީސީ އާ ހަމައަށް ދެ އެވެ.) (ނުނިމޭ)
             -----------------------

ލިޔުއްވާފައިވަނީ: ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި