ޒަމާނީ ޑިމޮކްރަސީގެ ތެރެއިން ޒަވާޖީ ވަތުބަތާނައިގެ މަރުޙަލާ


ދިވެހިރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް އެކި ބާވަތުގެ އެއްޗެހިތައް ލައްގަމުންދިޔުމަކީ އާކަމެއް ނޫނެވެ. ނަމަވެސް މީގެ އަހަރުތަކެއްގެ ކުރިން ފެށިގެން ލައްގަމުންދިޔަ އެކި ކުލަކުލައިގެ ފިރުޢައުނު މުދާތައް އެއީ ޑިމޮކްރަސީގެ ނުހަނު ބޭނުންތެރި ސާމާނުކަމަށް ހީކޮށް އެތަކެތީގެ ބޭނުންކޮށް ފޮރުވައި ހެދުމުގައި ހައްޓަކު ހެޔެއްނެތް ބަޔަކު ދިވެހިރާއްޖޭގައި އުޅުނެވެ. އެއްބަޔަކު އަޑުގެކޮޅަށް ހަޅޭއްލައި ރަށުތެރޭގައި ގޮވަމުންދިޔައީ ފުރިހަމައަށް މިތަކެތީގެ ބޭނުންކޮށްގެން ނޫނީ އިންސާނުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަމާއި ނަޞީބެއް ނުލިބޭނެ ކަމަށެވެ. އަނެއްބަޔަކު އެކެއް އަނެކެއްގެ ގާތުގައި ސިއްރުސިއްރުން ބުނަމުންދިޔައީ މިތަކެތީގެ ބޭނުންކޮށްގެން ނޫނީ ޒަމާނީ ޑިމޮކްރަސީއާއި އެއްގޮތަށް ހެޔޮގޮތުގައި މަރުނުގަންނަވާނެ ކަމަށެވެ.

ރަށްރަށުގެ ގޮނޑުދޮށްތަކަށް ލެއްގި ތަކެތީގެ ތެރެއިން ބައެއް ރަށްރަށުގެ އަންހެންވެރިންނަށް ނެގުނީ މަދު އެތިކޮޅެކެވެ. އެއެތިކޮޅުވެސް ނެގުނީ ފަތިސް ދަޅައިގައި ތެލިދޮންނަން އަތިރިމަތިމައްޗަށް ދެވުނު ބަޔަކަށެވެ. އެނޫން އަންހެނުންގެ ބަޔަކަށް އެތިކޮޅެއް ލިބުނީ ނެގި ބަޔެއްގެ ހެޔޮކަމުން އެތިކޮޅެއް ދިނިއްޔާއެވެ. މީގެތެރެއިން ޒަމާނީ ޑިމޮކްރަސީގެ ނަމުގައި ބައެއް އަންހެނުންނަށް ލިބުނު އެކައްޗަކީ އެންމެފުރިހަމަ އެންމެ ނަޔާ ކަންނެތް ކަމެވެ. 

ޒަމާނީ ޑިމޮކްރަސީގެ ނަމުގައި ކަންނެތްކަން ލިބިގަތް އަންހެނުންނަކީ އަތުން ފައިން މަސައްކަތަކަށްވާ މަސައްކަތެއް ނުކުރާންވެގެން ލިބޭ މަދު ލާރިކޮޅުގެ ބޮޑުބަޔެއް ދީގެން ރާއްޖެއިންބޭރުން މީހަކު ގެއަށް ގެނެސްގެން އެމީހަކާއި ގޭގެ ހުރިހާކަމެއް ޙަވާލުކޮށްފައި ދެއިރު ދެދަޅައަށް ހިންދީ ކޮންމެވެސް ޑްރާމާއެއް ބެލުމުގައި މަޝްޣޫލުވެގެން ތިބޭ ބަޔެކެވެ. މީގެ ބައެއް އަންހެނުންނަކީ ޒަމާނީ ޑިމޮކްރަސީއާއި އެއްގޮތަށް ހެޔޮގޮތުގައި މަރުގަންނަވާތޯ ގޭގެ މަސައްކަތުގައި ގެންގުޅޭ ބަންގާޅު ފިރިހެންމީހާ ލައްވައި ނޫނީ އަމިއްލަ ޖަނގިއާ އާއި ބްރެޝިއަރ ވެސް ނުދޮންނަ ބަޔެކެވެ.

ދުވަސްކޮޅަކުން ދެންވާގޮތަކީ ޒަމާނީ ޑިމޮކްރަސީއާއި އެއްގޮތަށް އަންހެންމީހާގެ ފަޔެއްގައި ރިއްސާން ފަށަނީއެވެ. ގޭގައި ގެންގުޅޭ ބަންގާޅުމީހާ ލައްވައި ކޮންމެވެސް ކަހަލަ ކްރީމެއް ތެލެއް އެފައިގައި އުނގުޅީމާ ނޫނީ ނޭވާލާންވެސް ދަތިވަނީއެވެ. މިކަމެއް ކުރާތާ މަހެއްހާ ދުވަސް ފަހުން ދެން ވާގޮތަކީ ޑިމޮކްރަސީގެ އަޑިއަޑީގެ ޗެޕްޓަރާއި އެއްގޮތްވާ ގޮތުގެ މަތިން ފިރިމީހާ ދެކެ ބޮޑުވެގެންވާ ފޫއްސަކުން ފޫހިވާން ފަށަނީއެވެ. އެއޮޑި ބައުވެ މިއޮޑި އައުވަނީއެވެ. މިއޮޑީގެ ދަތުރު ނިޔާމަވަނީއެވެ. މިފެށުނީ ޒަމާނީ ޑިމޮކްރަސީގެ ތެރެއިން ޒަވާޖީ ވަތުބަތާނައިގެ މަރުޙަލާއެވެ. މިމަރުޙަލާއާއި ހަމައަށް ދަތުރުކުރާއިރު ރެޔާ ދުވާލު ފިރިމީހާގެ ބުރަމަސައްކަތުން ހޯދާފައިވާ އެންމެހައި ނަފާތައް ހުންނާނީ އެއްކަލަ ބަންގާޅުމީހާގެ މިލްކިއްޔާތަށް ވަދެ ހުސްވެފައެވެ. ޒަމާނީ ޑިމޮކްރަސީއާއި އެއްގޮތަށް ހެޔޮގޮތުގައި މަރުގަންނަވާތޯއެވެ.

ކަންކަން މިހިސާބަށް ދިޔަ ނަމަވެސް އަނބިމީހާގެ ކަންތަކުގައި ފިރިމީހާއަށް ޗުޕް ވެސް ބުނެވޭކަށް ނޯވެއެވެ. ދިވެހިންނަށް ލިބިފައިވާ ޒަމާނީ ޑިމޮކްރަސީގެ ތެރެއިން އަންހެނުންނަށް މިލްކުވެ ހިބަ ލިބިދީފައިވާ ޙައްގުތަކުގެ ބޮޑުކަމާއި އުސްކަމާއި ޙުރުމަތާއި އެ އެއްޗެއްގެ ފަތަރާސީ ކަމުގެ ބޮޑުކަމުންނެވެ.

ޒަމާނީ ޑިމޮކްރަސީގެ ތެރެއިން ޒަވާޖީ ވަތުބަތާނައިގެ މަރުޙަލާ ފެށުމުން ފިރިމީހާއަށް އޮންނާނީ ދެގޮތުން ކުރެ ގޮތެކެވެ. އެއްގޮތަކީ އާދައިގެ ބަހުރުވައިން އެބުނާގޮތަށް "ޒަމާނީ ޑިމޮކްރަސީއާއި އެއްގޮތަށް އަނބިމީހާ ހަދާނެ އެއްޗެއް ހެދިޔަދީގެން ބަނޑަށް ކުޅު ޖަހައިގެން" ހުރުމެވެ. އެހެންނޫނީ އެފިލާވަޅު ނިމި "ވައްސަލާމް" ކިޔައިފި ވާހަކަ ނައިބުކަލޭގެ އަށް އަންގާށެވެ.
             ------------------------

ލިޔުއްވީ: އިބްރާހީމް އާދަމް