ދިވެހިރާއްޖޭގެ ވަޟީފާތައް ޙިޞާރުކުރުންދިވެހިރާއްޖެއަށް ޕާޓީ ސިސްޓަމް ތަޢާރަފްވުމާއި ގުޅިގެން ރައްޔިތުންގެ ގިނަބަޔަކަށް ވަމުންދާ އެންމެބޮޑު ދައްޗަކީ ވަޟީފާގެދައްޗެވެ. އެ ވަޟީފާއަކަށް ޤާބިލް އެ ކަމުގެ ތަމްރީނާއި ހުނަރުލިބިފައިވާ ބަޔަކަށް އެ ވަޟީފާ ނުލިބިގެން ކޮޅުކޮޅަށްދުވެ އުޅެންޖެހޭ ދައްޗެވެ. މިއީ ގިނަ ގޮތްގޮތުން ބަލާއިރު އިންޞާފުން ބޭރުން ބަޔަކަށް ދޭ ވަރަށްބޮޑު އަނިޔާއެކެވެ. އެ ވަޟީފާއެއްގެ ވެރިފަރާތުގެ ޕާޓީ ސިސްޓަމްގައި ޙިއްޞާއެއްނުވާ ގިނަ ދިވެހިންނަކީ މިކަން ތަޙައްމަލު ކުރަމުންދާ ބަޔެއްކަން މިއީ އެ ކަމުގެ ޙަޤީޤަތެވެ. ސަރުކާރާއި އަމިއްލަ ބައެއް ފަރާތްތަކުން ވެސް މިކަންދަނީ މިގޮތަށް ފެންނަމުންނެވެ. އަމިއްލަ ފަރާތްތަކުގެ ވަޟީފާތަކަކީ އެ ފަރާތްތަކަށް ބޭނުންވާބަޔަކު އެ ކަމަށް ހަމަޖެއްސި ނަމަވެސް އެ ކަމާއި މާބޮޑު އެއްޗެއް ބަޔަކަށް ބުނެވެން ނެތް ކަމެއްކަމުގައި ވެދާނެ އެވެ. ނަމަވެސް ދިވެހި ކޮންމެ ރައްޔިތެއްގެ ފުރިހަމަ ޙިއްޞާވާ ދިވެހިދައުލަތުގެ ވަޟީފާތަކަކީ އެ ހިނދަށް އެ ދައުލަތެއްހިންގުމާއި ޙަވާލުވެތިބި ބަޔަކު ޖަހާނެހާ ގޮތަކަށް ޖަހާނެ ބޯޅައަކަށް ވެގެން ނުވާނެއެވެ. އެއީ އެއްގޮތަކަށް ވެސް ކުރެވިގެންވާނޭ ކަމެއްނޫނެވެ. މިއީ ބަޔެއްގެ ވަރަށްބޮޑުޙައްޤަކާއި އަމާނާތެއްކަން ހިނދުކޮޅަކަށް ވެސް ހަނދާންނައްތައިލައިގެން ނުވާނެ އެވެ. 

ދިވެހިދައުލަތުގެ ބައެއް ފަރާތްތަކުން ވަޟީފާއަކަށް ނުވަތަ ވަޟީފާތަކަކަށް އިޢުލާންކުރުމުން އެ ކަމަށް ބޭނުންވާބަޔަކު އެ ކަމަށް އެދި ކަމާއިބެހޭ ސިޓީއާއި ފޯމްތަކާއި ލިޔުންތައް ހުަށަހެޅީމާ މިހާރު މިވާގޮތް ދެކިވަޑައިގެން ބައްލަވާށެވެ. ކުރިން ދެންނެވިގޮތަށް އެ ވަޟީފާއަކަށް އެދި ސިޓީއާއި ފޯމްތަކާއި ލިޔުންތައް ފޮނުވިފަރާތްތަކުގެ ތެރޭ އެ ކަމަށް އެންމެއެކަށޭނަ އެ ކަމުގެ ފެންވަރު ހުރެގެން ވަޟީފާޙައްޤުވާ އެންމެ ޤާބިލްފަރާތަކީ ތިމާމެންގެޕާޓީއަށް ނުވަތަ ތިމާމެންގެ ޕާޓީސިސްޓަމްގެ ކޯލިޝަންގައި ނުހިމެނޭ ފަރާތެއްކަމަށްވާ ނަމަ އެ ދެން އެ ހިސާބުން އެ ކަން އެ ނިމުނީއެވެ. އެ ވަޟީފާއެއްގެ ޚަބަރެއް ދަބަރެއް ނުވާނެއެވެ.

ވާނީ ވެސް އެހެންތާ އެވެ. ތިމާމެންގެޕާޓީއަށް ނުވަތަ ތިމާމެންގެ ކޯލިޝަނަށް ނިސްބަތްވާ ބަޔަކު ކޮންމެހެން ވެސް ގެންގުޅެން ޖެހިގެން އެ ބަޔެއްގެ ބަލަދުއަރައިފައި ވާތީ އެ ބަޔަކަށް ބޮޑު ލާރިގަނޑެއް ދޭނޭ ވަޟީފާއެއް ދިނުމަށްޓަކައި ޖަހައިލި މަޅިއެއްވިއްޔާ އެވެ. މިހިރީ ދިވެހިޤައުމުގެ މިއަދުގެ ޙާލަތެވެ.

މިހާރު އިވެނީ އެކި ފަރާތްތަކުގެ ވަޢުދުގެ ލިސްޓުގެ އަޑެވެ. އެންމެނަށް އަސާސީ ހަމަހަމަކަން ހޯދައިދޭނެ ކަމުގެ އަޑެވެ. ނަމަވެސް ކަން ނިމިގެންދާނީ ކިހިނެއްތޯއެވެ. ވެރިކަމަށް އަންނަ ބަޔަކު ބުނާނީ ރައްޔިތުން ވެރިކަން ދިނީ ތިމަންނާމެންނަށް ކަމަށެވެ. އެހެންވީމާ ތިމަންނާމެންގެ ވެރިކަމެއްގައި ދިރިހުރުމާއި ދިރިއުޅުމާއި މަރުވުމަކީ ވެސް ތިމަންނާމެންގެ ޙައްޤެކެވެ. މި 5 އަހަރަކީ ތިމަންނާމެންގެ 5 އަހަރެވެ. ކެތްކޮށްލާށެވެ. އެ ނިމުނީއެވެ.

ދިވެހިރާއްޖެ މިދެކޭ ފަދަ ޕާޓީ ސިސްޓަމާއި ތަރައްޤީއެއްގައި އުޅުމަށް މި ދުނިޔޭގެ އެހެން އަޅުތަކުންނަށް ނުޖައްސަވާށި އެވެ. އާމީން!
          ---------------------------

ލިޔުއްވީ: މީމު ނޫނު
21 ޖުލައި 2013މ.