ޓީވީ އެމް ގެ "ވިސްނުން" ޕްރޮގްރާމަށް އާދަނުގެ ސިޓީއެއް










މީގެކުރިން ރަށުއޮފީހުގެ ކާތިބަކަށް އުޅުއްވި މޫސާ ނަޞީރަކީ ދިވެހިބަހަށް މޮޅު ލިޔުންރީތި ބޭކަލަކަށްވާތީ އެކި ބޭނުންތަކުގައި މީސްމީހުން އޭނާގެ ގާތަށް ސިޓީ ލިޔުއްވަން ދެއެވެ. އެކަމަކު މީސްމީހުންނާއި ސިޔާސީގޮތުން ދިމާކުރުމާއި ޙަގީގަތެއް ނެތް ކަންކަމާއި  ޝަކުވާގެ ސިޓީއާއި ދުނިޔެއަށް އުފަންނުވާ މީސްމީހުންގެ ނަމުގައާއި ނުހައްދަވާ ތަންތަނުގެ އެޑްރެހުގައި މޫސާ ނަޞީރު އެއްވެސްމީހަކަށް ސިޓީއެއް ލިޔެނުދެއްވާނެއެވެ. މިއީ އެންމެންވެސް ދަންނަ ކަމެކެވެ.


ބުދަދުވަހުގެ ޢަޞުރުނަމާދުން މޫސާ ނަޞީރު ފޭބެންނެވި އިރު އޭނާއާ އެކުއެކީ އާދަނު ވެސް މިސްކިތުން ފައިބައި ނަޞީރަށް ނަންގަތެވެ. ޓީވީއެމްގެ "ވިސްނުން" ޕްރޮގްރާމަށް ސިޓީއެއް ލިޔެދެއްވަން ވެއްޖެއެވެ. މިރާއްޖޭގެ ކިޔަވާކުދިންނާއި މީސްމީހުންގެ ސުލޫކާއި އަޚުލާގު ގޯސްވެ އިޙުތިރާމްކުރުން ގެއްލިގެން ދިޔުމަށް މެދުވެރިވި ކަންކަމަކީ ކޮބައިކަން ބަޔާންކޮށް އެ ޕްރޮގްރާމުގައި ބޭފުޅުންކޮޅެއް ވިދާޅުވަމުން ގެންދެވީ ކުދިންގެ ސުލޫކާއި އަޚުލާގު ގޯސްވެ އިޙުތިރާމްކުރުން ގެއްލުނީ ކުދިންނަށް އިވޭ ހިސާބުގައި އެ ކުދިންގެ ބެލެނިވެރިން މުދައްރިސުންނަށް އެއްޗެހި ކިޔުމާއި އަދި އެ ކުދިންނަށް އަޑުއިވޭ ހިސާބުގައި އެ ކުދިންގެ މައިންބަފައިން ގޭގައި ނޯކިރީންނަށް ގެންގުޅޭ މީސްމީހުންނަށް އެއްޗެހި ކިޔުމާއި މުދައްރިސުން ދަރިވަރުންނާއި ރިވެތިގޮތަށް މުޚާޠަބްނުކުރުމާއި މިކަހަލަ ކަންކަމެއް ހުރެގެންކަމުގެ ބައެއް ވާހަކަފުޅެވެ. ނަމަވެސް ތާރީޚުން އެނގެންނެތް ޒަމާނުއްސުރެ މި ދިވެހިރާއްޖޭގައި އޮތް އިޙުތިރާމްކުރުމާއި ރިވެތި އަޚުލާގާއި ސުލޫކު ހަލާކުކޮށް އެހާ ދަށު ދަރަޖައަކަށް ވެއްޓިގެން ދިޔަ ސަބަބެއް އެ ގޮތެއް އެއްވެސް ބޭފުޅަކު ވިދާޅުވީތީ ނުއިވެއެވެ. ނޫނީ އެ ބޭފުޅުން އެ ވާހަކަފުޅު ނުދެއްކެވީކަމަށް ވެސް ވެދާނެއެވެ.

މީގެ އެތައްސަތޭކަ އަހަރުގެ ކުރިން މިރާއްޖެ ދުރުވި އިބްނިބަޠޫޠާ ވެސް ލިޔުއްވަނީ މި ރާއްޖޭގެ މީސްތަކުންނީ ދީންވެރި އިމާންތެރި ހިތްނިޔަތް ތެދުވެރި ޞުލްޙަވެރި އަދި ޙަލާލުތަކެތި ކައިއުޅޭ ބަޔެއްކަމަށް ނޫންތޯއެވެ. އެބައިމީހުންނަކީ އެކަކުއަނެކަކާއި ބައްދަލުވެއްޖިއްޔާ "ﷲ ރައްބީ ވަ މުޙައްމަދު ނަބީ" މިފަދަ ބަސްތަކުން ހިތްހެޔޮކަމާއި އެކުވެރިކަން ފައުޅުކުރާ ބަޔެއްކަމަށް ނޫންތޯއެވެ. އެކަމަކު މިކަންކަން މިހާރު ކޮބައިތޯއެވެ. އެބަ އޮތްތޯއެވެ. ނެތިގެންދިޔައީ ކީއްވެތޯއެވެ. އޭގެ އެންމެބޮޑު ސަބަބަކީ "ޑިމޮކްރަސީ" އޭ ކިޔައިގެން މި ރާއްޖޭގައި ޖަހަމުންދިޔަ ނުބައި ސަކަރާތްގަނޑު ނޫންތޯއެވެ.


މި ރާއްޖޭގެ ކިޔަވާ ކުދީންގެ ސުލޫކާއި އަޚުލާގު ގޯސްވެ އިޙުތިރާމްކުރުން ގެއްލި އެ ކުދީން މުދައްރިސުންނަށާއި ބެލެނިވެރިންނަށާއި ބޮޑެތިމީހުންނަށް އިޙުތިރާމްކުރުން ގެއްލިގެންދިޔައީ "ޑިމޮކްރަސީ" އޭ ކިޔުނު އެއްޗެއް މި ރާއްޖެއަށް ލެއްގިފަހުން ކޮންމެ ދެމަފިރިއަކަށް ޕާޓީއެއް ހަދައި އެ އެއްޗެއްގެ ތެރެއަށް އެބައިމީހުން ޣަރަގުވުމުންނެވެ. އަދި އެ ގިލަންވެރިކަމެއްގެ ތެރެއަށް މުދައްރިސުންގެ ބަޔަކު ވައްދައި ކިޔަވާކުދީންނަށް އަޑުއިވޭ ހިސާބުގައި އެ މުދައްރިސުން ރަށުގެވެރިންނަށާއި ރާއްޖޭގެ ވެރިންނަށް މަލާމާތްކޮށް ހުތުރުއެއްޗެތި ގޮވާއަޑު ކިޔަވާކުދީންނަށް އިވޭތީއެވެ. މި ކަން މިހެންހުރި އިރު ބެލެނިވެރިންގެ ނަމުގައި ތިބޭ އާވާރާ ބަޔަކު ވެސް ސްކޫލްދޮށަށް ގޮސް އެ މީހުންގެ ޕާޓީ ފިކުރާ ދިމާނުވާ މުދައްރިސުންނާއި ވެރިން އެ ސްކޫލަކުން ބޭރުކުރުމަށް ގޮވައިހަޅޭއްލައި ސްކޫލް ގޭޓްގައި ޗޭނުއަޅުވައި ބޮޑުތަޅު އެޅުވުމުންނެވެ. 

ސްކޫލްދޮށުގައި ކުރާ މިކަހަލަ ކަންކަމުގައި އެންމެއިސްކޮށް ތިބޭތީ ފެންނަނީ ވެސް ކިޔަވާކުދީންގެ މަންމައިން ނުވަތަ ދައްތައިންނެވެ. އަދި ޚާއްޞަކޮށް އެ ރަށެއްގެ ފިރިހެނުން ބޭރު ރަށްރަށުން އިނދެގެން ގެނެސްފައި ތިބޭ އަންހެނުންގެ ކަންތައް އަދި ވަކީން ބޮޑެވެ. މީގެ ބައެއް މީހުން މުދައްރިސުންނާއި ވެރިންނަށް ހަޑިހުތުރު އެއްޗެހިގޮވައި ކޮރުލައްވަމުން ނަށައި ދެކޮޅުދެކޮޅަށް ދުވެ މުދައްރިސުންގެ ދޮޅިދަށަށް އަތްގަންނަވަނީ ވެސް ހަމަ އެ ކިޔަވާކުދީންގެ ކުރިމަތީގައި އެ ކުދިން ބަލަންތިއްބައެވެ. އަދި މިކަން ފިޔަވައި މެހެމާނުންނާއި ސަރުކާރުގެ ވަޒީރުންނާއި ސަރުކާރުގެ އެންމެމަތީ ވެރިޔާ އެ ރަށަކަށް ޒިޔާރަތްކުރެއްވުމުން ވެސް އެ ބޭފުޅުންގެ ފަސްފަހަތުން ހޯއްގޮވައި ބަޅުއޫރާއި އިސްތިޢުފާއަށް ގޮވަނީ ވެސް އެ އަޑުއިވޭ ހިސާބު ދާދިގާތުގައި ފޮތްތައް ހިފައިގެން ޔުނިފޯމުގައި ހަމަ އެ ކިޔަވާކުދީން ތިއްބައެވެ. މިވަރުވީމާ ސުލޫކާއި އަޚުލާގާއި އިޙުތިރާމެއް ނޯންނާނެއެވެ. އެ އެއްޗިއްސަށް އެ ވަނީ ވާންވީގޮތް ވެފައެވެ.


ސިޓީ ނިންމާލަމުން ލިޔުއްވާށެވެ. "ވިސްނުން" ޕްރޮގްރާމްގައި ތިޔަ ބޭފުޅުން ތިޔަ ކުރައްވަނީ ދަރުމަހުރި ނުހަނު ރަނގަޅު މަސައްކަތްޕުޅެކެވެ. ކޮންމެ ރަނގަޅުކަމަކަށް މަތިވެރި ﷲ ހެޔޮ ތައުފީގު ދެއްވާނެތެވެ. ކުރިޔަށް ވަޑައިގަންނަވާށެވެ. އަޅުގަނޑުގެ ބޭނުމަކީ މިރާއްޖޭގެ ކިޔަވާކުދިންނާއި މީސްމީހުންގެ ސުލޫކާއި އަޚުލާގު ގޯސްވެ އިޙުތިރާމްކުރުން ގެއްލިގެން ދިޔުމަށް މެދުވެރިވި އެންމެބޮޑު ކަންކަމަކީ ކޮބައިކަން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަތް ކަމަށް ވިޔަސް އެ ކަން އިތުރަށް ހަނދުމަފުޅުކޮށް އެރުވުމާއި އަދި ގެއްލިގެން ދިޔަ ރިވެތި ސުލޫކާއި އަޚުލާގާއި އިޙްތިރާމް އިޢާދަވޭތޯ ބެލުމެވެ.

            ----------------------


ފޮނުއްވީ: އިބްރާހީމް އާދަމް