ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުން – 1










ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމުގެ ބޭނުމަކީ ހަމައެކަނި ރައްޔިތުންނާއި ގާތުން އެބައިމީހުންނަށް ޚިދުމަތް ދިނުން އެކަނިކަމަށްވާނަމަ، އެކަން އެގޮތަށް އޮތުމުން އެނިމުނީއެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. އެހެންނަމަވެސް ލާމަރުކަޒީ އުޞޫލުގެތެރެއިން ރާއްޖޭގެރަށްތައް ހިންގުމުގެތެރޭ ރައްޔިތުންނަށް ގެއްލުންވާގޮތަށް، ރައްޔިތުންގެ ބައިތުލްމާލު ސުންނާފަތިވާ ގޮތަށް، ރައްޔިތުންގެ ޙައްގު ގެއްލޭގޮތަށް، ރައްޔިތުންގެ މަޞްލަޙަތާއި އަމާންކަމަށް ބުރޫއަރާގޮތަށް ކަންތައްތަކެއް ހިނގާނަމަ އެވާހަކައަކީ ނުދައްކަންޖެހޭ ވާހަކައެއްނޫނެވެ. ދައްކަންޖެހޭ ވާހަކައެކެވެ. އެކަންކަން ޙައްލުވާނީ އޭރުންނެވެ. ބޭނުމަކީވެސް އެފަދަ ކަންކަން ޙައްލުވުމެވެ. ކޮންމެހެން ލާމަރުކަޒީ އުޞޫލު ނައްތައިލުމެއް ނޫނެވެ.


ރައްޔިތުންނަށް ގެއްލުންވާ ނުވަތަ ރައްޔިތުންގެ ބައިތުލްމާލު ސުންނާފަތިވާ ކަމަކަށް މިލިޔުމުގައި ބަލައިލަމާތޯއެވެ. އާބާދީމަދު ދެތިން ސަތޭކައެއްހާ މީހުން އުޅޭ ރަށެއްގައިވެސް ހަތަރު ފަސް ކައުންސިލަރުން ބައިތިއްބަން އެބަޖެހެއެވެ. އެއީ އޭގެކުރިން ކަތީބުން ކުރި މަސައްކަތްކުރުމަށް ކަމަށް ބުނާތީ އިވެއެވެ. ކޮންމެމީހަކަށް އެކިގޮތްގޮތުން މަދުވެގެން ދިހަ ބާރަހާސް ރުފިޔާގެ އުޖޫރަލިބޭއިރު ކުރިންތިބި ކަތީބުންވެސް އެބަ ތިބެއެވެ. އެކިކަހަލަ ނަންނަމުގައެވެ. އޭގެ އިތުރަށް މުޅިން އަލަށް އެތަންތަނަށް ލައްވާ ޑިރެކްޓަރުންނާއި އެކިކަހަލަ އޮފިސަރުންނާއި އެކިނަންނަމުގެ މީހުންވެސް ދުވަހުންދުވަހަށް ގިނަވަމުން ދެއެވެ. މީގެ ކޮންމެމީހަކަށް އެކިގޮތްގޮތުން މަދުވެގެން އަށެއްކަހާސް ރުފިޔާގެ އުޖޫރަޔާއެކުގައެވެ. މިހެންވީމާ ނުކުންނަ އެއްނަތީޖާއަކީ ކަށަވަރުންވެސް ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއްވުމެވެ. ނުވަތަ ރައްޔިތުންގެ ބައިތުލްމާލު ސުންނާފަތިވުމެވެ.

މިދެންނެވި ކަންކަން އެގޮތަށް އޮތްއިރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އަށެއްކަ އަތޮޅު ކައުންސިލަރުން ނުވަތަ އަށެއްކަ އަތޮޅުވެރިން އެބަ ތިބެއެވެ. އެއީ އޭގެކުރިން އެންމެ އަތޮޅުވެރިޔަކު ކުރި މަސައްކަތްކުރުމަށެވެ. އޭގެ އިތުރަށް ކުރިން އެތާނގައި ތިބި އެހީތެރިންނާއި އޮފިސަރުންނާއި އެހެން ނަންނަމުގެ މީހުންގެ އިތުރަށްމުޅިން އަލަށް އެތަންތަނަށް ލައްވާ ޑިރެކްޓަރުންނާއި އެކިކަހަލަ އޮފިސަރުންނާއި އެކިނަންނަމުގެ މީހުންވެސް ދަނީ ގިނަވަމުންނެވެ. މިހެންވީމާ ނުކުންނަ އެއްނަތީޖާއަކީ ކަށަވަރުންވެސް ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއްވުމެވެ. ނުވަތަ ރައްޔިތުންގެ ބައިތުލްމާލު ސުންނާފަތިވުމެވެ.

ކައުންސިލަރުން ހަމަޖެހުމުގެތެރޭ އެމީހަކު އުފުލަންޖެހޭ މަސްއޫލިއްޔަތަށް ގާބިލުނޫން ފަރާތައް އިންތިޚާބުވުމަކީ އެއޮފީހެއްގައިވެސް އަދި އެރަށެއްގެ ޢާއްމުންގެތެރޭވެސް އެކަމުގެއަޑު ވަރަށްގަދަ ކަމެކެވެ. މިކަމާއެކުމެ، ކައުންސިލަރުންގެ ތެރޭ އެމީހަކު އުފުލަންޖެހޭ މަސްއޫލިއްޔަތަށް ގާބިލުފަރާތައް އިންތިޚާބުވެގެންދާތީ ފެންނަނީވެސް މަދުންކަން ފާހަގަކުރެވެއެވެ. އެންމެބޮޑު ހިތާމައަކީ ބައެއް ކައުންސިލަރުން މަހަކު ދެތިން ދުވަހުވެސް އެއޮފީހަކަށް ޙާޒިރުނުވާކަމުގެ ޝަކުވާގެ އަޑެވެ. މިއަޑުވެސްއިވެނީ އެއޮފީހެއްގެ ތެރެއިންނާއި ރަށުގެ ޢާއްމުންގެތެރެއިންނެވެ.

ޙައްގާއި ބާޠިލުގެ މަގުން ވިޔަސް ކައުންސިލަރުން ހޮވިފައި ތިބެނީ ރައްޔިތުންގެ ވޯޓުންނެވެ. މިގޮތް ރަނގަޅުކަމަށްވާނަމަ ރަނގަޅެވެ. ގޯހެއްނޫނެވެ. އެހެންނަމަވެސް ކައުންސިލަރެއްގެ ދަށުން ކައުންސިލަރުން އަންގާ މަސައްކަތެއް ކައުންސިލަރު ކައިރީ ހުރެގެން މީހަކު ކުރާއިރު އެމީހަކު އެކުރާކަމެއް އެކުރަނީ ކައުންސިލަރު އެންގިގޮތަށްތޯ ނުވަތަ ނޫންތޯ މިވަރު ނޭނގޭ މިވަރު ނުދަންނަ ކައުންސިލަރުން އިންތިޚާބުވަމުންދާނަމަ އެއީ ވަރަށްބޮޑު މައްސަލައެކެވެ. ކުޑަކުޑަ މައްސަލައެއް ނޫނެވެ. އަޅުގަނޑަށް މަޢުލޫމާތުލިބިފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ވެރިކަމުގެދުވަސްވަރު ރާއްޖޭގެ އަތޮޅުކޮމިޓީތައް ނުވަރޭ ފެނުތެރޭ ފަސްތަނުން ބަނދެ ކަފުންކޮށް ވަޅުލީވެސް މިކަހަލަ އެތައްކަމެއް މެދުވެރިވެ، ރައްޔިތުންނަށް އޭގެ ދުއްތުރާ ބޮޑުވެގެންނެވެ.

ކޮންމެއަކަސް ބޭނުމީ ލާމަރުކަޒީ އުޞޫލުގެތެރެއިން ރާއްޖޭގެރަށްތައް ހިންގުމުގެތެރޭ ރައްޔިތުންނަށް ގެއްލުންވާގޮތަށް، ރައްޔިތުންގެ ބައިތުލްމާލު ސުންނާފަތިވާ ގޮތަށް، ރައްޔިތުންގެ ޙައްގު ގެއްލޭގޮތަށް، ރައްޔިތުންގެ މަޞްލަޙަތާއި އަމާންކަމަށް ބުރޫއަރާގޮތަށް ކަންތައްތަކެއް ހިނގާނަމަ އެވާހަކަތައް ދައްކައި އެކަންކަން ޙައްލުވުމެވެ. ކޮންމެހެން ލާމަރުކަޒީ އުޞޫލު މުޅިން ނައްތައިލުމެއް ނޫނެވެ. ކަމާއިބެހޭ ފަރާތްތަކުން މިކަންކަމަށް ވިސްނައި ރާއްޖެއާއި ރާއްޖޭގެ މީސްތަކުންނަށް ފައިދާހުރި ހެޔޮގޮތަކަށް ލާމަރުކަޒީ އުޞޫލު ބަދަލުވެގެން ދިޔުމެވެ.
           ------------------------

ލިޔުއްވީ: އިބްރާހީމް އާދަމް
20 ޖުލައި 2014މ.