
ޖޭން ޖެކް ރޯސޯ (28 ޖޫން 1712 – 2 ޖުލައި 1778) އަކީ، ސްވިސްލޭންޑްގެ ފިލޯސަފަރެކެވެ. އޭނާ ދުނިޔޭގައި އުޅުއްވީ، ޔޫރަޕުގެ ބައްރަށް އައި ބުއްދީގެ ޒަމާނެވެ، ކިއުނު ޒަމާނުގަ އެވެ. އޭނާއަކީ އެޒަމާނުގައި އުފެދުނު އެންމެ މުހިންމު ލިއުންތެރިއާ އެވެ. ރޯސޯގެ ޢިލްމީ ތަރިކައިން ތަޢުލީމާއި ތަރުބިއްޔަތަށް ވަރަށް ބޮޑެތި ހެޔޮ އަސަރުތަކެއް ކޮށްފައިވެ އެވެ. އަދި އަދަބިއްޔާތުގެ މައިދާނަށާއި ސިޔާސީ މަސްރަޙަށް ވެސް އެދެވޭ ކުރިއެރުންތަކެއް އައިސްފައިވެ އެވެ.
ޔޫރަޕުގެ އަހުލުވެރިންނަށް ފުރިހަމަ މިނިވަންކަމެއް ހޯދައިދިން ފަރަންސޭސި އިންގިލާބަށް މަގުފަހިކުރީ ރޯސޯގެ ފަލްސަފާ އެވެ. ރޯސޯގެ އުސްތާޒުންގެ ތެރޭގައި ފަރުޙާން އަބޫ ޒައިދު ހިމެނިވަޑައިގަންނަވަ އެވެ. ފަރުޙާނަކީ ޔޫރަޕުގެ ބައްރަށް ހޭލުންތެރިކަން އައުމުގައި މުހިންމު ދައުރެއް އަދާކުރެއްވި މަޝްހޫރު ޤަދަރުވެރި ފުންނާބުއުސް މުސްލިމު ޢިލްމުވެރިއެކެވެ.
ތިރީގައި މިވަނީ،
ރޯސޯގެ ތަރުބަވީ ނަޒަރިއްޔާއިން ބައެއް ނުކުތާތަކެވެ. މިނުކުތާތައް ޚުލާޞާކުރެއްވީ،
ޑރ. ޒިޔާދުލްޙަކީމެވެ.
1. ތަރުބިއްޔަތުގެ ބޭނުމަކީ، އިންސާނާގެ ކިބައިގައި ހެޔޮކަންތައްތައް
އަށަގެންނުވުމެވެ. އިންސާނީ ޠަބީޢަތުގެ ފުނަށް އޭގެ މޫތައް ފޯރުކުރުވުމެވެ. މިކަން
ކުރެވޭނީ، އިޖުތިމާޢީ ތަރުބަވީ މުއައްސަސާތަކުންނެވެ.
2. އިންސާނާ އުފަންވަނީ، ހެޔޮލަފާ ކާއިނެއްގެ ގޮތުގަ އެވެ.
އޭނާގެ ޠަބީޢަތް ފަސާދަކޮށްލަނީ، މުޖުތަމަޢުގައިވާ ފިތުނަ ފަސާދަ އެވެ.
3. އިންސާނާގެ ޠަބީޢަތުގެ މިސާލަކީ، ހެދެމުންދާ ގަހެއްގެ
މިސާލެވެ. ގަހަށް ފެންދީ، ގަހާމެދު އަޅާލާ ފަދައިން ހެދިބޮޑުވަމުންދާ ކުދިންނާމެދު
ސަމާލުވެ އެކުދިންނަށް ފިކުރާއި ޚިޔާލުދީ، އެކުދިންނާ އަޅާލަން ޖެހޭނެ އެވެ. ކުދިން
ތަރުބިއްޔަތުކުރާ މުރައްބީއެއްގެ ދައުރަކީ މިއީ އެވެ.
4. އަޅުގަނޑުމެން ތަރުބިއްޔަތުކުރާ ތިން މުރައްބީން ވެ އެވެ.
(ހ) ފުރަތަމަ މުރައްބީ އަކީ، އަޅުގަނޑުމެންގެ ޠަބީޢަތެވެ.
ޠަބީޢަތް އަޅުގަނޑުމެންނަށް އުނގަންނައިދެނީ، އެތެރެފުށުގެ ހެދިބޮޑުވުމުންނާއި، އިޙުސާސްކުރެވޭ
ވޭނުންނާއި، ކުރިމަތިވާ މައްސަލަތަކުންނެވެ.
(ށ) ދެވަނަ މުރައްބީއަކީ، އެދުރެވެ. އަޅުގަނޑުމެންގެ ޠަބީޢަތުން
އަޅުގަނޑުމެން އުނގެނޭ ތަކެތިން މަންފާ ޙާޞިލުކުރާނެ ގޮތް ބުނެދޭނީ އެދުރެވެ.
(ނ) ތިންވަނަ މުރައްބީއަކީ، އެއްޗިއްސެވެ. އެކިއެކި އެއްޗެހިން،
އެކިއެކި މަޢުލޫމާތާއި ތަޖުރިބާ ލިބެމުންދެ އެވެ.
5. މި ތިންއެދުރުންގެ ކިބައިން އުނގެނޭ ތިންބާވަތުގެ ދަރުސްތައް،
އެކަތި އަނެކައްޗާ ފުށުއަރައިގެން ނުވާނެ އެވެ. އެކަމަކު އެތަކެތި ވާންޖެހޭނީ އެމުނިއެކުލެވެމުންދާ
ތިނެތި ކަމުގަ އެވެ.
6. ޠަބީޢަތް އަޅުގަނޑުމެންނަށް އުނގަންނައިދޭ އެއްޗެއްގެ
މައްޗަކަށް އަޅުގަނޑުމެންގެ ބާރެއް ނުފޯރަ އެވެ. ޠަބީޢަތް އުނގަންނައިދޭ އެއްޗަކުން
އަޅުގަނޑުމެންގެ އަމާޒަކަށްވަނީ، އެއެއްޗެއް އަޅުގަނޑުމެންނަށް ދެއްކި އަމާޒެކެވެ.
އަޅުގަނޑުމެންގެ ބާރުގެ ދަށުގައިވަނީ، އެދުރުން އުނގަންނައިދޭ އެއްޗެކެވެ. އެދުރުން
އުނގަންނައިދޭ އެއްޗެއް ވާންޖެހޭނީ، އިންސާނީ ޠަބީޢަތާ ފުށުނާރާ އެއްޗެއް ކަމަށެވެ.
އެހެން ނޫންނަމަ ފުށުއެރުން ވާނެ އެވެ. ރަސްމީ ސިފައެއްގައި ކުދިންނަށް ކިޔަވާދޭ ތަޢުލީމަކީ،
އިންސާނީ ޠަބީޢަތާ ފުށުއަރާ އެއްޗެއް ކަމުގައި ވެގެން ނުވާނެ އެވެ.
7. އަޅުގަނޑުމެންގެ ޝުޢޫރާއި، ޚިޔާލާއި، ބުއްދީގެ ބާރަކީ،
ޠަބީޢީގޮތުން އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކާ އެމުނިއެކުލެވޭ އެއްޗެއް ކަމުގައި
ވާންވާނެ އެވެ.
8. ކުޑަކުދިންގެ މަޢުޞޫމުކަމަށް އަޅުގަނޑުމެން އިޙުތިރާމުކުރަން
ޖެހޭނެ އެވެ. ކުޑައިރު އެކުދިންނަށް، ކުޑަކުދިންގެ ދިރިއުޅުން އުޅުމުގެ އުފާ ޙާޞިލުކޮށްދޭން
ޖެހޭނެ އެވެ.
9. އަމިއްލަ ނަފުސަށް އިޢުތިމާދުވުން (ޑިޕެންޑްވުން) ކުޑަކުދިންނަށް
ދަސްކޮށްދޭން ވާނެ އެވެ. އަމިއްލަ ނަފުސަށް އިޢުތިމާދުވުމުގެ ކުޅަދާނަކަން އެކުދިންގެ
ކިބައިގައި އިތުރުވި ވަރަކަށް، އެކުދިން އަނެކުންނަށް އިޢުތިމާދުވާ މިންވަރު ކުޑަވަމުން
ދާނެ އެވެ.
10. ދިރިއުޅުމުގައި ދިމާވާ ކަންތައްތައް ތަޙައްމުލުކުރުމަކީ،
ކުޑަކުދިން ޙިއްޞާކުރަން ޖެހޭނެ ކަމެކެވެ. އެކުދިން އަމިއްލަ ފައިމައްޗަށް ތެދުވާ ދުވަހަކުން
ދިރިއުޅެން އެނގޭނީ އޭރުންނެވެ. ނަމަވެސް އެކުދިން އެކިއެކި ހިތްދަތި ކަންތައްތައް
ޙިއްޞާކުރަން ޖެހޭވަރަށްވުރެ އިތުރަށް، ނުވަތަ އެއަށްވުރެ މަދުން އެކުދިން އެކަންތައްތަކަށް
ހުށަހަޅައިގެން ނުވާނެ އެވެ. އިތުރުވެއްޖެނަމަ އެކުދިން ހަރުކަށިވާނެ އެވެ. މަދުވެއްޖެނަމަ
އެކުދިން ސޮހޮލުވެދާނެ އެވެ.
11. ކުޑަކުދިންނާ ދިމާއަށް ގިނައިން ހަޅޭނުލަވާށެވެ! ގިނައިން
ހަޅޭލެވުމަކީ ކުޑަކުދިންގެ ކިބައިން މިނިވަންކަން ނިގުޅައިގަނެވޭ ކަމެކެވެ. އަދި އެކުދިންގެ
ކިބައިގައި އަޅުންގެ ސިފަ ޖެހޭނެ ކަމެއްވެސް މެ އެވެ. އެކުދިން ހިތުހުރި ކަމެއް ކުރަން
ދޫކޮށްނުލާށެވެ. އޭރުން ޚުދުމުޚުތާރުކަމާއި ޑިކްޓޭޓަރުންގެ ސިފަތައް އެކުދިންނަށް ލިބޭނެ
އެވެ. ފިޠުރަތުގެ ހަމަތަކުގެ ތެރޭގައި ކުޑަކުދިން ލައްވާފައިވަނީ، އެކުދިންދެކެ ލޯބިވާންޖެހޭ،
އަދި އެކުދިންނަށް އެހީތެރިވެދޭން ޖެހޭ ބަޔެއްގެ ގޮތުގަ އެވެ. އެކުދިންނަށް އަނިޔާވެރިވެ،
ނުވަތަ ކިޔަމަންވެ، ނުވަތަ އެކުދިންދެކެ ބިރުގަންނަންޖެހޭ ބަޔެއްގެ ގޮތުގައެއް ނޫނެވެ.
12. ކުޑަކުދިން ތަރުބިއްޔަތުކުރުމުގައި، ދަށުދަރަޖައިގެ
ޝުޢޫރުތައް ނުގެންގުޅޭށެވެ. އެފަދަ ޝުޢޫރުތަކުގެ މިސާލަކީ، ބިރުދެއްކުމާއި، ޙަސަދަވެރިވުމާއި،
ދަހިވެތިވުމާއި، ޣީރަތްތެރިކަމެވެ. ތަރުބިއްޔަތުކުރުމުގެ ވަސީލަތެއްގެ ގޮތުން މިއިން
ކަމެއްގެ ބޭނުން ނުހިފާށެވެ!
13. ކުދިން އަމިއްލައަށް ތަޖުރިބާކޮށްގެން އުނގެނި ދަސްކުރުމަށް
ދޫކޮށްލާށެވެ! އެކުދިންނަށް ސީދާ ގޮތެއްގައި ފިލާވަޅުދީގެން ދަސްކޮށްނުދޭށެވެ!
--------------------------
ތަރުޖަމާ: އަލްއުސްތާޛު ޢަބްދުލްމުޢީދު
ޙަސަން
މަޞްދަރު: ވިކިޕީޑިއާ