ރ.ކ. ކޮމެޓީތަކުގެ އެނބުރި އައުން - އެކެއް










އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖޭގައި އަލަށް ޤާއިމުކުރެއްވި ރ.ކ. ކޮމިޓީތައް އުވާލެއްވީ 1975 މ. ވަނަ އަހަރު އެވެ. މިދެންނެވި ކޮމިޓީތައް އުވާލެއްވި ބައެއް ސަބަބުތައް "ލޯކަލް ކައުންސިލް" މި ސުރުޚީގެ ދަށުން "ލިޔުންތެރިންގެ ގުޅުން" ވެބްސައިޓް ގައި އަޅުގަނޑު ލިޔެފައިވާނެ އެވެ. ކޮންމެއަކަސް ރައްޔިތުންގެ ދެފައިގައި ވާޖަހައި ދަމައި އެއްސަފަކަށް ގެނެސް އެއުރެންގެ ފައިހަމަކުރުމަށްޓަކައި މިހާރު މަސައްކަތް މިކުރާ ރ.ކ.ކޮމިޓީތައް އަލުންބަލުން ވުޖޫދުކޮށްފައި މިވަނީ، އެހެން ނަމެއްގައެވެ. ލޯކަލް ކައުންސިލް ނިޒާމުގެ ނަމުގަ އެވެ.

އާދެ! މިބަޔާން އަޅުގަނޑު މިލިޔަނީ، ވަކި އަތޮޅަކަށް، ވަކި ރަށަކަށް، ވަކި ބަޔަކަށް ނުވަތަ ވަކި ފަރުދަކަށް އަމާޒުކޮށްގެނެއް ނޫނެވެ. ކަން ހިނގަމުންދާ، ކަން އޮތް ގޮތަކީ މިއީ ކަމަށްވާތީ އެވެ.

މިހާރު ހިނގަމުން މިދާ 3 އަހަރުގެ 2 ވަނަ ދަވްރަކީ، މިހާރު ޢަމަލުކުރަމުން މިގެންދާ ޤާނޫނު އަސާސީން ބާރު ލިބިގެން ވުޖޫދުކުރި ނިޒާމެކެވެ. މިނިޒާމުގެ ފަހިކަމާއި،ފާގަތިކަން ރައްޔިތުންނަށް ވިސްނުވައި ދެއްވުމަށްޓަކައި މަސައްކަތްކުރެއްވި ބޭފުޅުންނާއި ކަލުންނާއި، ކަނބަލުން ވަރަށް ގިނަ އެވެ. ނަމަވެސް އެފަރާތްތައް މިހާރު އެވަނީ ފަޅުވެރިކުދިން ބުނާ ފަދަ ޙާލަތެއްގައި ނޫންކަމެއްވެސް ނޭނގެ އެވެ. "އަހަރުމެންނަށް އޮޑި އުނގުޅަށް ޖައްސާފައި އޭނާ އެއޮތީ ކަށްވަލުގައި ދެގައު ޖަހައިގެން ނެވެ. އޭނާ އަށް ވާ ތުރާލެއް ނެތެއްނޫން ހެއްޔެވެ؟" އެދުވަސްވަރުގެ އަޑުތަކަކީ އަހާލަން ނުހަނު ފަސޭހަ ހިތްގައިމު އަޑުތަކެކެވެ. ރަށްރަށުގެ ވެރީންނަށް ތިބީ، ޒަމާނީ ތަޢުލީމު ނެތް ބައެކެވެ. އެއިން މީހަކަށް ވައި 2 ކޭ ގެ ފިތަކަށް އޮބާލަކަށްވެސް ނޭނގެ އެވެ. އެމީހުންކުރާ ކަމަކީ ވޯޓުފޮށިމަތީގައި ބަނޑުއަޅައިގެން ތިބުމެވެ. ކަށުކަމާކެމީގެ ކަންކަންކުރާނީ، ކަށުކަމާކެމި ވެރިން ނެވެ. މިސްކިތްތަކުގައި ބަންގި ގޮވައި އިމާމުވެ ނަމާދުކުރާނީ، އެކަމުގެ އަހުލުވެރީން ނެވެ. ރައްޔިތުންގެ ގާތަށް އެވެރިން އެދަނީ، އަމިއްލަ މުހުތާދުތަކުގަ އެވެ. އެއީ ބޭކާރު ކަމެކެވެ. ބޭކާރު ބައެކެވެ. އެއިން އެކަކުވެސް އޮފީހެއް ތިބެގެން ނުވާނެ ކަމުގައި ހަރުއަޑުން ވަނީ ވަކާލުތުކޮށްފަ އެވެ. 

ހޮޅުއަށިތަކާއި، މަގުތަކާއި، ގޯޅިތަކާއި، ގެތަކާއި އަދި މިނޫންވެސް މިފަދަ ތަންތަނުގައި މިޒާތުގެ އެތައް ވާހަކަތަކެއް ދައްކައި، ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި ރައްޔިތުން ހޮވާފައި ތިބޭ ބަޔަކު ތިބުން އެއީ އެންމެ ކަމުދާ ގޮތް ކަމުގައި އަޑު އުފުލުމަށްފަހު، ލޯކަލް ކައުންސިލްގެ ގާނޫނު ވުޖޫދުކޮށް މިހާރު މިވަނީ، ހިންގަން ފަށާފަ އެވެ. ރައްޔިތުންނާއި ގާތުން ޚަރަދު ކުޑަކޮށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކަ އެވެ.

އާދެ! ނަޔާބަހާރު މި ނިޒާމު ޤާއިމުކޮށް ނިމި ހިންގަން ފެށުމުންވެސް، އެހެން ނަންނަމުގައި ކައުންސިލް އިދާރާތަކުގައި ކަތީބުން އެބަތިބޫ އެވެ. އެބުނާ ނުރައްކާތެރި އެޓޮލްސް މިނިސްޓްރީ އެއް ނެތެވެ. ހުރީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެކެވެ. ރައްޔިތުން މިތިބީ މައި މަރުވެފައިވާ ކުކުޅުފިޔޮއްތަކަށް ވެފަ އެވެ. ބައެއް ފިޔޮއްތައް ބުޅަލާއި، ކާޅުގެ ޝިކާރަތަކަށްވާ ބީދައިން ރައްޔިތުން މިދަނީ ހަނާވަމުން ނެވެ. އަޅާލާނެ އަދި އަޅާލެވޭނެ ފަރާތެއްވެސް މިއުޑުދަށަކު މިހާރަކު ނެތެވެ. ނަޢަމްސޫފިތައް ފަދައިން އެމީހަކާ އެމީހެކެވެ. ހިރުވާވަރަކަށް ހަމަ ހިރުވަންވީ އެވެ. ޤާނޫނެއް ނެތޭ ނުވަތަ ޤާނޫނީ ބާރުވެރިކަމެއް ނެތޭ ނުވަތަ ގެޒެޓް ނުކުރައްވައޭ ބުނެ، ކަހާލާނެ އަތެއްހާ ހިސާބުވެސް ނެތެވެ. ވަރިކައިވެންޏަށްވެސް ވަނީ، ހުއްޓުން އަރާފައި ނޫންކަމެއްވެސް ނޭނގެ އެވެ. ތަދުމަޑުކަމާއި، ބަލިމަޑުކަން އިތުރުވަމުންދާ މިންވަރު ދަނީ އަތުފަތު ނުޖެހި ހަމަރިޔަލުގައި ވައި އަޅުވާފައި ފައްސިއަށް ބާރަށް ހަމަ ކުރި އަށެވެ.

ސިވިލް ސާވަންޓުން ލިޔެގެން ގެންދާ ސިޓީއެއް ކިޔަން އެނގޭ ކައުންސިލަރުން ތިބިކަން ނުވަތަ ނޫންކަން އެނގޭނީ ވެސް އެވެރިން އޮފީސްތަކަށް ނުކުންނެވިނަމަ ނަމަ ނޫންތޯ އެވެ. ނުކުންނެވުމަށް ވުރެ ނުނިކުންނެވުން އެވެރިންނަށް މާރަނގަޅެވެ. ނުކުންނަވައިފިނަމަ ރައްޔިތުންނަށް އެވެރިންގެ ބުރަދަން އެނގިދާނެ ނޫންތޯ އެވެ. ނުބީހެންޏާ ކަނޑާ ހަމަ އެވެ. (ނުނިމޭ)
               ---------------------------

ލިޔުއްވީ: ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި
21 ޖުލައި 2014މ.