މީދޫ ކޯގަންނު ގަބުރުސްތާނު - 2



އަތަރާ މިސްކިތް
އަތަރާ މިސްކިތަކީ އައްޑޫ މީދޫ ކޯގަންނު އުތުރު ފަރާތުގައި ހުރި މިސްކިތެކެވެ. މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވައި މި މިސްކިތް އެންމެ ފުރަތަމަ ބިނާކުރެއްވީ ސ. މީދޫ ފަންނިޔަރު ދޮން ޢީސާކިލެގެފާނާއި މާވަޑިތަކުރުފާނާ ދެކަލުންނެވެ. ދޮން އީސާކަލޭގެފާނާއި މާވަޑިތަކުރުފާނާއި ދެ ބޭކަލުން އަތާރާ މިސްކިތް ބިނާކުރުމަށްފަހު ގަސްތުކުރެއްވީ މިސްކިތް ބަލަހައްޓަން ފަސޭހަކަމާއެކު ގިނަދުވަހު ދެމިހުރުމަކަށް، މި މިސްކިތް ބާރަ ބަޔަށް ބަހައިގެން މިސްކިތް ބެލެހެއްޓުމަށެވެ. އެ ގޮތުން ފަންގެ ޖަހައި ހިޔާ ކުރުމަށް ފަހު ދޮން އީސާކިލެގެފާނާއި މާވަޑިތަކުރުފާނާ ދެކަލުން، ކޮންމެ މީހަކަށް 2 ބައެވެ. އަދި އެއިން ކޮންމެ މީހަކަށް ބައެކެވެ.

މި ބާރަބައި ހަމަޖެއްސަވައި ނިންމެވިގޮތަކީ، މުޙައްރަމް މަސް ފަންނިއަރު ދޮންއީސާ ކަލޭގެފާނަށެވެ. ޞަފަރުމަސް މަރިޔަމްބީފާނު އަށެވެ. ރަބީޢުލްއައްވަލް މަސް މާވަޑިތަކުރުފާނަށެވެ. ރަބީޢުލްއާޚިރު މަސް ދޮންބީގެ މުޙައްމަދު ޚަޠީބު ތަކުރުފާނަށެވެ. ޖިމާދުލްއައްވަލް މަސް ދޮން އައިސާބީގެ ޚަޠީބު އަލީތަކުރުފާނަށެވެ. ޖިމާދުލްއާޚިރާ މަސް ދޮންތަކުފާނަށެވެ. ރަޖަބު މަސް ސަންފާބީގެ އަލީތަކުރުފާނަށެވެ. ޝައުބާން މަސް މުލަކު ޚަޠީބު ކަލޭގެފާނަށެވެ. ރަމަޟާން މަސް އަލީ ފަނޑިޔަތް ތަކުރުފާނަށެވެ. ޝައްވާލުމަސް އަބޫބަކުރު ޚަޠީބުތަކުރުފާނަށެވެ. ޒުލްޤައިދާމަސް މުކުރި ކަލޭގެފާނަށެވެ. ޒުލްހިއްޖާ މަސް ކުޑައިބީފާނަށެވެ .



ކިލެގެ މިސްކިތް

ކިލެގެ މިސްކިތަކީ އީސާ ހެމަތާރިކަލޭގެ އާއި އަޑަފިކަލޭގެ އާއި ދެމީހުން އެރުވި މިސްކިތެކެވެ. މި މިސްކިތުގެ ތަކެތި ބަހަނީ ހަތަރު ބަޔަށެވެ. އެއީ އީސާ ހެމަތާރިކަލޯ އަށް ދެ ބައި، އަޑަފިކަލޭގެ އަށް ދެބައި މިއެވެ.
އަޑަފިކަލޭގެޔަށްވީ ދެ ބައިން އެއްބައި ފަނޑިޔައް ކަލޭގެއަށެވެ. އަނެއްބައި ކުޑަރަނަހަމާދިތަކުރަށެވެ. މި އީސާ ހެމަތާރިކަލޯ އަށްވި ދެ ބައިން އެއް ބައި ވައްލިއަރި މުރާދަކަލޭގެއަށެވެ. އަނެއްބައި ވައްލިއަރު ދޮންބުބޫ އަށެވެ.
މި އީސާ ހެމަތާރި ކަލޭގެ އަށް އުފަންދަރިއެއްނެތެވެ. މި ކަލޭގެ ހެއި ބުއްދި ހަމަވެ ތަސައްރަފު ފުދޭ ހެޔޮ ހާލުގައި ހުރެ ބުނިބަހީ ތިމަންނައަށް މި މިސްކިތުންވީބައި ވަޅާއި އެނޫނަސް ތިމަންނައަށް މިލްކުވެގެންވީ ކޮންމެ އެއްޗެއް މުރާދުކަލޭގެއާއި ދޮންބުބޫ ދެމީހުންނަށް ދީފީމުއެވެ.

ދެށެނާ މިސްކިތް
ދެށެނާމިސްކިތަކީ އާމިނާބީގެ ދެށެމިނާތަކުރުފާނު އެރުވި މިސްކިތެކެވެ. މި މިސްކިތުގެ މޫލަވެރިންނަކީ މިތަކުރުފާނުންގެ ދަރިކޮޅުމީހުންނެވެ. މި މިސްކިތުގެ ވެސް ބައިދީފައި އޮތީ ބާރަ ބަޔަށެވެ.

ފަނޑިޔާރު މިސްކިތް
ފަނޑިޔާރު މިސްކިތް ބިނާކުރެއްވީ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން (އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނު) އާއި އެތަކުރުފާނުގެ މީދޫ ބަނޑު ތިން ފިރިހެން ބޭފުޅުންނެވެ.
ފަނޑިޔާރު މިސްކިތުގެ ހުޅަނގު ފުރާޅު އައްނާއިބު އިބްރާހިމް ފަނޑިޔައްތަކުރުފާނަށެވެ. ދެކުނުފުރާޅު ބޮޑުއަހްމަދު ނާއިބު ތަކުރުފާނަށެވެ. އިރުފުރާޅު ބޮޑު ފާތުމާފާނަށެވެ. އުތުރު ފުރާޅު ޙުސެން ފަނޑިޔާރު ތަކުރުފާނަށެވެ.
ތިން އަށި ނިއުފަން ތިން ދަރިކަލުންނަށެވެ. އެތިން ދަރިކަލުންނީ ދޮންބުއި ނާއިބު ކަލޭގެފާނާއި ދޮން ޢީސާ ނާއިބު ކަލޭގެ ފާނާއި ދޮން ކަދީދާ ބޫ އެވެ.

ރާވެރީން މިސްކިތް
ރާވެރީން މިސްކިތުގެ ބާރަ ބައި ދަންނައެވެ. ރަމަޟާން މަސް ކައްޓިޔަރި ދޮންމޫސާ ކަލޯއަށެވެ. ޝައްވާލު މަސް މީދޫ އީސާކަލޯއަށެވެ. މިކަލޯގެ ދަރިންނީ ބިއްދަރިގޭ ކޮއްޔާކަލޯ އާއި  އެޅެދިޔަ އައިސާއެވެ. ޛުލްޤައިދާމަސް ދޯބޮރާގެ މާލިމީއަށެވެ. ޛުލްޙިއްޖާމަސް މާކޮޑައު( މާކޮޑާ) އަދެއްލަ ކަލޭގެއަށެވެ. މާކޮޑައު އަދެއްލަކަލޯގެ ދަރިންނީ ފައިވަޅު މުހައްމަދުގެ ދަރީންނެވެ. މިއީ އަބޮކޮރާގެ ދަރީންނެވެ. އަބޮކޮރާގެ ދަރިންނަކީ އަބޮކޮރާގެ ކައިދަގެ ހުސެންކަލޭގެ ދަރި އެދުރުއަލި ކަލޭގެ ދަރި ދޮހޮވާގެ ހަސަނާއެވެ. މީނާގެ ދަރި އިހުބުނި މީދޫ އީސާކަލޯއެވެ.

ވެޔޮ
ބޯދާ ޒަމާނުގައި ކޯގަންނުގައި ހުރީ ކިތެއް ވެޔޮ ކަމެއް ކަނޑައެޅިގެން ދަންނަވަން ނޭގުނުކަމުގައި ވިޔަސް ދެވަނަ ބޮނޑު ހަނގުރާމައިގެ ދުވަސް ވަރާއި ހަމައަށް ބޮޑު ތިން ވެޔޮ ހުއްޓެވެ. އެއީ ފަނޑިޔާރު މިސްކިތުގެ ވެވާއި އާއި އަތަރާ މިސްކިތާއި ދެށެމިނާ މިސްކިތަށް ބޭނުން ކުރި ވެވާއި ކޯގަންނު މިސްކިތުގެ ވެވެއެވެ.

މިންބަރު
ފަނޑިޔާރު މިސްކިތުގެ ދެކުނު ފަރާތުގައި ހުރި ހިރިގަލުގެ މިންބަރަކީ ކޮންޒަމާނެއްގައި ބަހައްޓަފައި ހުރި މިންބަރެއްކަން ނޭގުނު ކަމުގައި ވިޔަސް އެ މިންބަރުގެ ދެކުނު ފަރާތު ތިރީގައި ތާރީޚެއް ޖަހާފައިވެއެވެ. ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކާއި ހަމައަށް ވެސް އެ ތާރީޚް ރީއްޗަށް ކިޔަން އެނގެއެވެ. އެއިގެ ފަހުން 1990އިގެ އަހަރުތަކުގައި މި މިންބަރުގައި ބަޔަކު އެއްވެސް ދިރާސާއެއް ވިސްނުމެއް ނެތި ތަށިމުށިތަކެއް ޖެއްސެވެ. އެ ތަށިމުށީގެ ސަބަބުން މިންބަރުގެ އާސާރީ ހައިބަތާއި ހިރިގަލުގެ ޑިޒައިނަށް ގެއްލުންވާކަމަށް ފެނިގެން މާގިނަ ދުވަސްތަކެއް ނުވަނީސް އެތަށިމުށިތައް ތަޅައި ސާފުކުރިއެވެ. އެ ސާފުކުރުމެއް ނިމުނުއިރު އެއްކަލަ ތާރީޚު އޮތީ ކިޔަން ނޭގޭވަރުވެ ހިރިގަލުގެ ބޭރުފަށަލައިގެ ރީތިކަންވެސް ގެއްލިގެންގޮސްފައެވެ.

މެދު ޒިޔާރަތް
މެދު ޒިޔާރަތަށް މެދު ޒިޔާރަތޭ ކިޔަނީ އެ ޒިޔާރަތް ކޯގަންނުގެ މެދުގައި ހުންނާތީއެއް ނޫނެވެ. އަދި މީދޫގެ މެދުގައި ހުންނަ ޒިޔާރަތަކަށް ވާތީއެއް ވެސް ނޫނެވެ. މަޝްހޫރު ތާރީޚު ޢިލްމުވެރިޔާ އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ ވިދާޅުވާ ގޮތުގައި މާލޭ މެދު ޒިޔާރަތަށް، މެދު ޒިޔާރަތޭ ކިޔާއިރު މި ކަލިމައިގައި އޮންނަ “މެދު” މި ލަފްޒުގެ މާނައަކީ އެއްޗެއްގެ މެދު މި މާނައެއް ނޫނެވެ. މި ތަނުގައި މެދު ބޭނުންކޮށްފައި ވަނީ މުހިންމު އަދި އެންމެ މަރުކަޒީ މި މާނައިގައެވެ. މި ގޮތުން މީދޫ އާއި މާލޭގައި މެދު ޒިޔާރަތުގެ ނަމުން ނަން ދެވިފައިވާ ޒިޔާރަތެއް ހުރެފައި މި ދެ ޒިޔާރަތް ވެސް ގުޅިފައިވަނީ އިސްލާމް ކުރެއްވި ބޭކަލަކާ ކަމުން، މެދު ޒިޔާރަތް ކިޔައިފައިވާ ސަބަބު ވަރަށް ރަނގަޅަށް އެނގިގެންދާ ކަމަށް ލުތުފީ ޚިޔާލު ފާޅު ކުރައްވައެވެ.
ކޯގަންނު މެދު ޒިޔާރަތުގައި ވާ ހައިވަކަރު ދިދަދަނޑިއަކީ އެ ޒިޔާރަތާ ދިމާއިން ކޯގަންނު ފަންނަށް ލެއްގި ދަނޑިއެއް ކަމަށް ބުނެވެއެވެ. މިއީ ވެސް އެ ޒިޔާރަތުގެ ކަރާމާތުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށް އެރަށުގެ މީހުން ދެކިއުޅެތެވެ. ދޫދޫ މަތިން ކިޔެމުން އަންނަ ގޮތުގައި އެ ދިދަ ދަނޑިއަކީ މެދު ޒިޔާރަތަށް ދިދަ ދަނޑިއެއް ހަދާން ވެގެން ނިރޮޅުން ދިދަ ދަނޑިއެއް ހެދުމުގެ މަސައްކަތުގައި އުޅެނިކޮށް ހަމަ ކުއްލިއަކަށް ލެއްގި ދަނޑިއެކެވެ.

އައްޑު އަތޮޅާއި ފުވައްމުލަކުގެ އިތުރުން ހުވަދު އަތޮޅު އިސްލާމް ކުރެއްވި ޔޫސުފް ނާއިބް ކަލޭގެފާނާއި އެކަލޭގެފާނުންގެ މަދަދު ވެރީން ފަސްދާނުލެވިފައިވަނީ މީދޫ މެދު ޒިޔާރަތުގައެވެ. މެދުޒިޔާރަތުގައި ޔޫސުފް ނާއިބް ކަލޭގެ ފާނުގެ އިތުރުން ތިން ބެއިކަލަކާއި ދެ އަންހެން ކަނބަލެއް ފަސްދާނު ލެވިފައިވެއެވެ. ލަފާ ކުރެވޭގޮތުގައި މި ޒިޔާރަތުގެ ހުޅަނގުފަރާތު ދޮރުކޮޅާ ކާރީގައި ވަނީ ދެ ފިރިހެން ބެއިކަލެކެވެ. ދެން އަންހެން ކަނބަލެކެވެ. އެއަށްފަހު އަނެއްކާވެސް ދެ ފިރިހެން ބެއިކަލެކެވެ. ދެން އަންހެން ކަނބަލެކެވެ. މިގޮތަށް ލަފާކުރެވެނީ ޖަހާފައި ހުރި މަހާނަ ގާތަށް ހުރި ގޮތުންނެވެ. (ނުނިމޭ)
                         --------------------------------------
ލިޔުއްވީ: "މީދޫޓީމް"

http://www.meedhoo.com/?p=557