މީދޫ ކޯގަންނު ގަބުރުސްތާނު - 3



ޒިޔާރަތްތަކާއި ބިސްތާނުތައް
ބައެއް ބިސްތާނު ތަކުގައި ޤުރުއާން ހިތުދަސް ޙާފިޒުންނާއި ޢިލްމުވެރީން ވަޅުލެވިފައިވެއެވެ. ބައެއް ބިސްތާނުތަކުގެ ތެރެއިން ގުރުއާން ކިޔަވާ އަޑުއިވޭ ކަމަށް އިހުޒަމާނުގައި ބުނެ އުޅެއެވެ. މިސްކިތްތައް ބަލަހައްޓަމުން އައީ ތަފާތު އާއިލާތަކުންނެވެ. ގަބޫލު ކުރެވޭ ގޮތުގައި އެއީ ވަގުފު މިސްކިތްތަކެކެވެ. ޝަމްސުއްދީން ރަދުންނާ ހަމައަށް ވަގުފް ފަތްތައް ހުރިކަމަށްވެއެވެ. އެއިގެ ފަހަށް އޭގެ ފަތެއް ފޮތެއް ދުށް މީހަކު ނެތެވެ. މިހާރު ފެންނާން ހުރި މިސްކިތްތަކުގެ ތެރެއިން ބޯދާ މިސްކިތް ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެގެން އުޅެނީ ގަނޑުވަރު ހަސަން ދީދީގެ އިބްރާހިމް ދީދީގެ އަބްދުﷲ ދީދީގެ އައުލާދުގެ މީހުންނެވެ. ކުރީގައި އެ މިސްކިތުގެ މުދިން ކަލޭގެއަށް އުޖޫރަ ދެނީ ވެސް މި އާއިލާއިންނެވެ. އެކަމަކު މިސްކިތް މިސްކިތުގެ މުދިމުންނަށް ސަރުކާރުން މުސާރަދޭން ފެށުމާއެކު އާއިލާތަކުން އުޖޫރަ ދިނުން ވަނީ އުވިގެން ގޮސްފައެވެ.


އެހެނިހެން މަހާނަ ގާތައް


މިހާރު ކޯގަންނުގައި ހުރި ގިނަ އަދަދެއްގެ މަހާނަ ގާތައް ވަނީ ތަޅާލެވިފައެވެ. ބައެއް ގާތަށް ވަނީ ނުބެލެހެއްޓި ވީރާނާވެގެން ގޮސްފައެވެ. ރާއްޖޭގެ އެންމެ ދުވަސްވީ މަހާނަ ގާތަކާއި ޤުރްއާން ހިތުދަސް ޙާފިޒުންގެ މަހާނައިގައި ޖަހާޒާތުގެ “ކަންފަތް ގާ” މިހާރުވެސް އެތާގައި ގިނަ ޢަދަދަކަށް އެބަހުއްޓެވެ.

ބޮޑު ދެ ގާ
ކޯގަންނު ގަބުރުސްތާނުގައި ހުރި އެންމެ ބޮޑު ދެ މަހާނަ ގަލަކީ މުލީގެ ދޮން ޙަސަން މަނިކުފާނު (އައްސުލްޠަނު ޙަސަން ޢިއްޒުއްދީން) ގެ ދެބޭފުޅުން ކަމުގައިވާ އައްސުލްޠާނު ޙަސަން ނޫރައްދީން (އެކެއް) އާއި އައްސުލްޠާނު މުޙައްމަދު މުޢިއްޒުއްދީން (ކަޅުބަންޑާރައިން) ގެ މައިދައިތާ ކަމަނާ ދޮން ޚަދީޖާ ބީ ނުވަތަ ދޮންކަދީދާ ބީ ގެ މަހާނައިގެ ދެގަލެވެ. މި ދެ ރަސްކަލުންވެސް އައްޑު އަތޮޅަށް އަރުވާލެވިފައި ތިއްބަވާފައި އެނބުރި މާލެ ވަޑައިގެންނެވި އިރު މިކަމާނާގެ ދެ ކަނބަލުންނާއި ތިއްބެވީ ކައިވެނި ބައްލަވައިގެންނެވެ.
މި ދޮން ކަދީދާބީ އަކީ އަލްގާޟީ މުހައްމަދު ޝަމްސުއްދީނުލް ކަބީރުގެ ބޮޑު އަޙުމަދު ނާއިބުގެ ކުޑައިބީފާނުންގެ ދި އާއިޝާބީފާނާއި، އަލްގާޟީ މުހައްމަދު ޝަމްސުއްދީނުލް ކަބީރުގެ ޙުސައިން ފަނޑިޔާރު ތަކުރުފާނުގެ މުޙައްމަދުލް ކަބީރު ބޮޑުފުތް ތަކުރުފާނުގެ އައްނާއިބު ޙަސަން،  ކައިވެނި ބައްލަވައިގެން ލިބުނު ޙައްވާބީ ފާނުގެ ދި ދޮންކަދީދާ އެވެ. މި ބޮޑު ދެ ގާ ހަދާފައިވަނީ ހިރިގަލުންނެވެ.

ފަސްދާނުލެވިފައިވާ މުހިންމު ޝަޚުޞިއްޔަތުތައް
ކޯގަންނު ޤަބުރުސްތާނުގައި ފަސްދާނުލެވިފައިވާ މުހިއްމު ޝަޚްޞިއްޔަތްތަކުކުގެތެރޭގައި، މެދުޒިޔާރަތުގައި ފަސްދާނުލެވުފައިވާ އަލްއައްލާމާ ޔޫސުފް ނާއިބް ކަލޭގެފާނާއި އެކަލޭގެ ފާނުންގެ މަދަދު ވެރީންނާއި، ޔަހުޔާ ނާއިބުގެ ޚަދީޖާބޫ އާއި މަހުމޫދު ނާއިބް ކަލޭގެފާނާއި، ކެއުޅާރާއި، ކަޅިހާރާއި، ހެނެއިކަމަނާރާއި، އައްނާއިބް ޙަސަން ރަނަހަމާދިތަކުރުފާނާއި، ކެއުޅާރު ހަނދެއިގިރި ތަކުރުފާނާއި، ބޮޑު ރަނަހަމާދިތަކުރުފާނާއި، ކުޑަ ރަނަހަމާދި ތަކުރުފާނާއި، ވަތަބަނޑޭރިތަކުރުފާނާއި، ކަޅިހާރު އަބޫބަކުރު ޚަޠީބާއި، ކަޅިހާރު ދޮންބުއި ނާއިބު ކަލޭގެފާނާއި، މަޝްހޫރު ބޮޑުފަނޑިޔާރުތަކުރުފާނު އަލްޤާޟީ މުހައްމަދު ޝަމްސުއްދީނުލް ކަބީރާއި، އެތަކުރުފާނުގެ ބައެއް ދަރިދަރިކަލުންނާއި، އަލްވަޒީރުލް ކަބީރު މުޙައްމަދު ބޮޑުފުތްތަކުރުފާނާއި، އައްނާއިބް އިބްރާހިމްތަކުރުފާނާއި، ކުދުރަނިއަ އާއި ކުޑައިބީފާނާއި، ކުދުރަނިއަގެ ކުދު އެދުރު ކަލޭގެފާނާއި، އާމިނާބީގެ ދެށެމިނާ ތަކުރުފާނާއި، ކުޑައިބީފާނުގެ ޢާއިޝާބީފަނުގެ ދޮންކަދީދާފާނާއި، ގަނޑުވަރު ދޮން ޙުސައިންތަކުރުފާނާއި، ރަސްގެދަރު އީސާ ބަންޑާރައިންގެ ވަޒީރުއްޞަޢީރު ޢަލީ (ކަޅުކައްޗެ ޢަލީ ތައްޚާނު) އާއި، ގެދަރު ޢަލީ ތަކުރުފާނާއި، އެދުރުގޭ އަލްޚަޠީބު ދޮން ޢަލީ ތަކުރުފާނާއި، އައިސާބީގެ ދޮން ޙުސައިންތަކުރުފާނާއި، ދިހަވަނަ ޙަސަން ރަސްގެފާނުގެ އިބްރާހިމް މަނިކުފާނުގެ ޙުސައިން މަނިކުފާނާއި، އަލްފަޤީހް މޫސާ (އެދުރުތައްކާނު) ޢާއި، މީދޫ ގަނޑުވަރު އައްނާއިބު މުހައްމަދު ތަކުރުފާނާއި، ގަނޑުވަރު ޙުސައިން ތަކުރުފާނާއި، ފަންނިޔަރު ދޮން ޢީސާކިލެގެފާނާއި އަލްޤާޟީ މޫސާ ބަދުރުއްދީން އާއި، އައްސުލްޠާނު މުޙައްމަދު ޣިޔާސުއްދީން ގެ ދަރިކަލުން އިބްރާހިމް ފާމުލަދޭރިކިލެގެފާނުގެ ދަރިކަނބަލުން އައްނަބީލާ އާއިޝަތު ދީދީ އާއި އެކަމާނާގެ ދެ ދަރިކަލުން މީދޫ ގަނޑުވަރު ޙަސަންދީދީ އާއި، ގަނޑުވަރު އަޙްމަދުދީދީއެވެ. މީގެ އިތުރުންވެސް އައިސާދަރު ދޮންބެއްޔާއާއި، އަލްޤާޟީ އިސްމާއީލް ބަހާއުއްދީނާއި، އަލްޢައްލާމާ ނާއިބުގޭ އަހުމަދުދީދީ އާއި އައްޝައިޚު ޢަލީ ދީދީ (ދޮންދީދީގެ ޢަލި ދީދީ) އާއި އައްޝައިޚު ދެށެނާގެ މުޙައްމަދުދީދީ (ފެންނާމަނިކުފާނު) އާއި މީގެ އިތުރުންވެސް ދިޔަމިގިލީދަރިކޮޅާއި އިސްދޫދަރިކޮޅަށް ނިސްބަތްވާ އެތައް ބޭފުޅުންނާއި، ގިނަ އަދަދެއްގެ ޢިލްމްވެރި ބޭކަލުންނާއި ޤުރުއާން ހިތުދަސް އެތައް ހާފިޒުންނެއް އެތާގައި ފަސްދާނު ލެވިފައިވެއެވެ. އަދި ރާއްޖޭގެ އެއް ޤަބްރުސްތާނެއްގައި ދީނީ އިލްމް ވެރިބޭކަލުން އެންމެ ގިނަ އަދަދަކަށް ފަސްދާނު ލެވިފައިވާތަނަކީ މީދޫ ކޯގަންނު ގަބުރުސްތާނެވެ.

ގުޅިފައިވާ ބައެއް އާދަކާދަ
ކުރީގައި މީހަކު މަރުވެގެން އެމީހާ ކޯގަންނު މިސްކިތެއްގެ ސަރަޙައްދުގައި ވަޅުލާން ބޭނުންނަމަ ޢާއިލާގެ މީހުންގެ ފަރާތުން ކަށްވަތަށް ރުކެއް ދޭނެއެވެ. މި ގޮތުން ކަށްވަތަށް ދެވޭ ރުއްތަކުގެ ބޭނުމަކީ މިސްކިތްތައް މަރާމާތުކޮށް ބަލަހައްޓާން ބޭނުންވާ ވަސީލަތް ހޯދުމެވެ. ކައްވަތައް ރުކެއް ނުދެވޭ ފަރާތްތައް ވަޅުލަނީ ކޯގަންނުން ބޭރުގައި މާކަންމަތި ސަރަޙައްދުގައެވެ.
ރަށްރަށުން އައިސް އެޒަމާނުގައި ކޯގަންނަށް ޒިޔާރަތްކުރަނީ ނަދުރުބުނެގެން މީހުން ކިރުވުމަށެވެ. ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކާއި ޖެހެންދެން ކިރުވުމާއި ފޮރުވުމުގެ އާދަކާދަ ތައް ދެމި އޮތެވެ. އަދި ކޯގަންނުގައި ހުންނަ މަހާނަތަކުގައި ވަޅުލެވިފައިވާ މީސްމީހުންގެ އާއިލާތަކުން ވަރަށް ފަހަކާހަމައަށް ކޮންމެ އަހަރެއްގެވެސް ޝައުބާން މަހުގެ ފަނަރަ ވަނަ ދުވަހު މަހާނަތަކަށް ދޮންވެލި ލައި، ވިނަނޮޅައި އުޅުނެވެ. މިހާރު މިކަމެއް ނޯވެއެވެ.

ކުރީ ޒަމާނުގައި ރާއްޖޭގެ ދެކުނާއި އުތުރުން އެތައް ބަޔަކު މީދޫ ކޯގަންނު ގަބުރުސްތާނަށް ޒިޔާރަތް ކުރިއެވެ. އަދި ރާއްޖޭގެ ބައެއް ރަސް ރަސްކަލުންނާއި ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ހަތަރު ރައީސުން ވެސް ކޯގަންނަށް ޒިޔާރަތްކޮށް އެތަނުގެ ތާރީޚާއި ބެހޭގޮތުން މަޢުލޫމާތު ހޯދިއެވެ. އަދި ބައެއް ރައީސުން މީދޫ ރައްޔިތުންނަށް ކޯގަންނުގެ މުހިއްމުކަން ބޮޑުކަން އިހުސާސްކުރެވޭތީ ކޯގަންނާއި ގުޅުވައިގެން ސިޔާސީ ވާހަކަތައްވެސް ދައްކާފައިވެއެވެ.

ނޯޓް:
މިސްކިތްތަކުގެ ކައްވަތާއި ދަރިކޮޅުތައް ބޯދާ ޒަމާނުއްސުރެ މީދޫ މީހުން ފަތްފޮތުގައި ލިޔެރައްކާ ކުރިއެވެ. މީގެތެރެއިން ކުދުރަނިޔަގެ ކުދުއެދުރުކަލޭގެފާނު އޮނުފޮތަކުން މީދޫ ދަރިކޮޅު ފޮތް ލިޔުއްވިއެވެ. ކުދުރަނިޔަގެ ކުދުއެދުރު ކަލޭގެފާނު ލިޔުއްވި ފޮތް މިހާރުގެ ތާނަ އަށް ބަދަލު ކޮށް އައިސާދަރު އަހުމަދު ދީދީ ލިޔުއްވިއެވެ. އެއީ ހިޖްރައިން 1317 ވަނަ އަހަރު ތެރޭގައިކަމަށް ބުނެވެއެވެ. މިއަށްފަހު މިފޮތުގެ ނަކަލް ދެ ފަހަރެއްގެ މަތީން ލިޔެވުނެވެ. އެ ފަހަރު މި ފޮތުގެ ނަކަލް ލިޔުއްވީ ކުދުރަނިޔަގެ އަލްޚަޠީބު މޫސާ ތައްޚާނުގެ ދަރިކަލުން މުޙައްމަދު މަނިކުފާނާއި ޙައްވާ ރަނިޔަގެ މޫސާމަނިކާ އާއި ދެބެއިކަލުންނެވެ. މިހާރު މިފޮތްވަނީ ޑިޖިޓަލް ކޮށް ލިޔެ ރައްކާ ކުރެވިފައިވެއެވެ.
                     --------------------------------------------
ލިޔުއްވީ: "މީދޫޓީމް"
http://www.meedhoo.com/?p=557