މީދޫ ކޯގަންނު ގަބުރުސްތާނު - 1ތަޢާރަފު
މީދޫ ކޯގަންނު ގަބުރުސްތާނަކީ އައްޑު އަތޮޅު މީދޫ ގައި ފުރަތަމަ އިސްލާމްދީން ޤަބޫލްކޮށްގެން ތިބި މުސްލިމުން މަރުވުމުން އެމީހުން ވަޅުލުމަށް ޚާއްސަކުރެވިގެން އުފެދުނު ތަނެކެވެ. އެއީ މީގެ 900 އަހަރު ކުރިން ކަމަށް ގަބޫލް ކުރެވެއެވެ. ކޯގަންނު ގަބުރުސްތާނު އޮތީ މީދޫގެ އުތުރު ބިތުގައެވެ. ބޯދާ ޒަމާނުގައި އެއީ ކޮންމެވެސް ވަރަކަށް ރަށާއި ވަކިން އޮންނަ ސަރަހައްދެއް ކަމަށް ބެލެވެއެވެ. މި ސަރަހައްދުގެ އުތުރު ފަރާތުގައި ވަނީ މޫދެވެ. ދެކުނާއި އިރުމަތީ ފަރާތުގައި ވަނީ ޗަސް ބިމެވެ. ހުޅަނގު ފަރާތުގައި އޮތީ މާކަންމަތީގެ ނަން ދެވިފައިވާ ކުރީގެ ކަށްބިމެކެވެ. މިސިފައަށް މިތަން އޮތަސް މިއަދު އެހިސާބަށް ޒިޔާރަތް ކުރާ މީހަކަށް އެއީ އިހު ވަކި ރަށެއް ނުވަތަ ވަކި ސަރަހައްދެއްކަމަށް ގަބޫލުކުރަން ފަސޭހައެއް ނުވާނެއެވެ. ކޯގަންނަކީ ބުނެވޭ ގޮތުގައި މީދޫ އިސްލާމްވުމުގެ ކުރިން ބުދު ދީނުގެ މީހުން މަރުވުމުން އެމީހުންގެ ހަށިތައް އެންދުމަށް ބޭނުންކުރި ވަކި ރަށެކެވެ. އޭރު މީދޫ މީހުން ދިރިއުޅުނީ ރަށުގެ އެންމެ އިރުމަތީ ފަރާތުން ވޭރާނޑު ނުވަތަ ވޭރުގަނޑު ސަރަހައްދުގައެވެ. އިސްލާމް ވުމަށް ފަހު އެސަރަހައްދު ދޫކޮށް ރަށުގެ އުތުރު ފަރާތާއި މެދުތެރެއަށް އެމީހުން ބަދަލުވެ ޖެހިގެން އޮތް ކޯގަންނު އިސްލާމުންގެ ގަބުރުސްތާނަކަށް ބަދަލުކޮށް އެތާގައި މީހުން ވަޅުލާން ފެށީއެވެ.

ކޯގަންނަކީ އެއްވެސް ޝައްކެއްނެތި ރާއްޖޭގައިވާ އެންމެ ގަދީމީ އިސްލާމީ ގަބުރުސްތާނެވެ. އެތަނަކީ މިއަދު ހިމާޔަތްކުރެވިފައިވާ ގައުމީ އާސާރެކެވެ. އެތަން އާސާރަކަށްވަނީ ކޮންމެހެން ގަބުރުސްތާނަކަށް ވެގެނެއް ނޫނެވެ. ހިރިގަލުގެ މަސައްކަތާއި ބިސްތާނުތަކުގެ ޑިޒައިނާއި މިސްކިތްތަކުގެ އަދަދާއި އެތަންތަނުގެ ތާރީޚު އަދި އައްޑު އަތޮޅާއި ރާއްޖޭގެ ދެކުނުގެ ރަށްތައް އިސްލާމް ދީނަށް އެނބުރުމުގެ ސަބަބުކަމަށް މެދުވެރިވި ބޭކަލަކުގެ ޒިޔާރަތް އެތަނުގައި ހުރުމަކީ ކޯގަންނުގެ މުހިއްމުކަން ބޮޑުވެގެންދާ ސަބަބުތަކެވެ. މިދެންނެވި ޒިޔާރަތަށް ކިޔަނީ މެދުޒިޔާރަތެވެ. މާލޭގައި ހުންނަ ބަރުބަރީގެ މަގުބަރާއަށް މެދު ޒިޔާރަތް ކިޔާފަދައިން ކޯގަންނުގައި ހުންނަ ޔޫސުފް ނާއިބުގެ މަގްބަރާއަށް ވެސް ކިޔަނީ މެދު ޒިޔާރަތެވެ.

ކޯގަންނު މެދުޒިޔާރަތުގައި ފަސްދާނު ލެވިފައިވަނީ ސުލެއިމާނު ޤާދިރު ކަލޭގެފާނުގެ ފުތް ޞޫރަތު ޤާދިރު ކަލޭގެފާނުގެ ފުތް ޢީސާ ޤާދިރު ކަލޭގެފާނުގެ ފުތް ފަޤީހު ވަރައުއްޒާހިދު އައްޝައިޚުލް ޢާލިމް ޔޫސުފް ނުވަތަ ޔޫސުފް ނާއިބް އެވެ. މި ބެއިކަލަކު އައްޑު އަތޮޅު މީދޫ އަށް ވަޑައިގެންނެވިއިރުވެސް އެރަށުގައި އިންސާނުން ދިރި އުޅޭތާ 2000 އަހަރަށްވުރެ ގިނަ ދުވަސްވެފައިވެއެވެ. މި ބެއިކަލަކުގެ އަތްޕުޅު މައްޗަށް އެރަށުގެ މީސްތަކުން މާތްﷲ އަށް އީމާންވެ ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް ޤަބޫލް ކުރިއެވެ. އެރަށުގައި އެންމެފުރަތަމަ މިސްކިތެއް ބިނާކޮށްދެއްވީ ވެސް މި ޔޫސުފް ނާއިބެވެ.

އައްޑުއަތޮޅާއި ފުވައްމުލައް އިސްލާމް ވުމާ ބެހޭ ގޮތުން ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން އަލްއިޞްލާޙު ނޫހުގައި ގައި ލިޔުއްވާފައި ވަނީ އައްޑޫ އަތޮޅު މީހުން އިސްލާމްވީ މާލެ އިސްލާމްވުމާއި ދާދި ގާތުގައި އެ އަތޮޅަށް ފިލައެއްގެ މަތީގައި ލެއްގި ބެއިކަލަކުގެ އަތްޕުޅު މައްޗަށް ކަމަށް އެ އަތޮޅުގެ މީހުން އިހު ޒަމާނުއްސުރެ ތަވާތުރު ގޮތް މަތީން ވާހަކަ ދައްކާ ކަމަށެވެ. އެބެއިކަލަކުގެ ނަމަކީ ޔޫސުފް ނާއިބު ކަލޭގެފާނެވެ. އެ ބެއިކަލަކުގެ ނަސަބާއި ޙަސަބު ވެސް އެރަށު މީހުން ކިޔައި އުޅެތެވެ. މި ޔޫސުފް ނާއިބް ކަލޭގެ ފާނު ފަސްދާނު ލެވިގެންވަނީ އައްޑޫމީދޫ ކޯގަންނު މެދުޒިޔާރަތުގައެވެ.

ރާއްޖޭގައި ހުރި އެންމެ ބޮޑު ދެ މަހާނަ ގަލާއި، ރާއްޖޭގައި ހުރި އެންމެ އެންމެ އެވޭލާ ސްޓައިލްގެ މަހާނަ ގާތަކާއި ޤަދީމީ ޒަމާނުގެ ކުރެހުން ތަކާއި ލިޔުންތައް ކޯގަންނު ގަބުރުސްތާނުން މިހާރުވެސް ފެންނަން އެބަހުއްޓެވެ. މި ގަބުރުސްތާނަކީ ރާއްޖޭގެ ގަދީމީ ގަބުރުސްތާނު ތަކުގެ ތެރެއިން އެންމެ ބޮޑު ގަބުރުސްތާނެކެވެ. ކުރީ ޒަމާނުގައި ކޯގަންނު ގަބުރުސްތާނުގައި 7 މިސްކިތާއި 2 ވެޔޮ އަދި ހިރިގަލުގެ މިންބަރެއް ހުއްޓެވެ.

ފާރު
އެންމެ ފުރަތަމަ ކޯގަންނު ގަބުރުސްތާނުގައި މީހުން ވަޅުލާންފެށިއިރު އެތާގެ ވަށައިގެން ފާރެއް ނެތެވެ. ކޯގަންނުގައި އެންމެ ފުރަތަމަ ފާރެއް ރާނާފައި ވަނީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ތެރޭގައެވެ. އެފާރު ވީރާނާވެ ހަލާކުވުމުން މިހާރު ހުރި ފާރު ރާނާފައިވަނީ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީމަރުކަޒުން ޚަރަދު ކޮށްގެންނެވެ. ކޯގަންނު ވަށައިގެން ރާނާފައިވަނީ ގާތްގަނޑަކަށް 1311 ފޫޓު ދިގުމިނުގައި ހަތަރު ފޫޓު އުސް ފާރެކެވެ.

ބޮޑު ވަޅު
ކޯގަންނު ގަބުރުސްތާނުގައި މިހާރު ހުރި ވަޅަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސް ވަރު އިނގިރޭސިން މީދޫ އުތުރު ފަރާތުން ހުދުވެލިގަނޑު ފަންނާއި ދިމާލުގައި ބަހައްޓާފައި ހުރި ވަޅެކެވެ. އިނގިރޭސިން ފޭބުމުން އޭރު މީދޫ ކަތީބަކަށް ހުރި ދެށިނާގެ އިބްރާހިމް ދީދީ ރައްޔިތުން ގޮވައިގެން ނުކުމެ އެވަޅު ލުއްސާލައިގެން ގޮސް ކޯގަންނު ފަނޑިޔާރު މިސްކިތުގެ ވެޔޮ ހުރިތާގައި އެވަޅު ބެހެއްޓީއެވެ. މިވަޅަކީ ކޮންކްރީޓް ސިމެންތިން ހަދާފައިހުރި ވަޅެކެވެ.

ކޯގަންނު މިސްކިތުގެ ވަޅު
ކޯގަންނު މިސްކިތުގެ ވަޅު ނުވަތަ މެދު ޒިޔާރަތު ވަޅަކީ ވަރަށް ކުރީ ޒަމާނުގައި ބަހައްޓާފައި ހުރި ހިރިގަލުގެ ވަޅެކެވެ. މިވަޅުގެ ފެނަކީ ވަރަށް މީރު ފެނެއްކަމަށާއި މި ވަޅުގެ 4 ކަނުގެ ފެނުގެ ރަހަ ތަފާތު ކަމަށް ބައެއް މީހުން ބުނެ އުޅެއެވެ.

މިސްކިތްތައް
ބޯދާ ޒަމާނުގައި ކޯގަންނު ގަބުރުސްތާނުގައި 7 މިސްކިތް ހުއްޓެވެ. އެ މިސްކިތް ތަކަކީ ކޯގަންނު މިސްކިތާއި ބޯދާ މިސްކިތާއި ރާވެރީން މިސްކިތާއި އަތަރާ މިސްކިތާއި ކިލެގެ މިސްކިތާއި ދެށިނާ މިސްކިތާއި ފަނޑިޔާރު މިސްކިތެވެ. މިހާރު ނެތިގެންގޮސްފައިވާ މިސްކިތް ތަކަކީ ރާވެރީން މިސްކިތާއި ކިލެގެ މިސްކިތާއި ދެށިނާ މިސްކިތެވެ.

ކޯގަންނު މިސްކިތް
ބޯދާ ޒަމާނުން ފެށިގެން ކޯގަންނު މިސްކިތުގެ ރުއްބަހަނީ ފަސް ފުރާޅަށެވެ. އެގޮތުން ދެކުނު ފުރާޅު ކަޅު ކަމަނާރާއި އަބޫގެ ދޮން ޙައްވާގެ ދަރީންނަށެވެ. އުތުރު ފުރާޅު ދޮރުތީބީގެ އަށާއި މާވަގެދަރަށެވެ. ހުޅަނގު ފުރާޅު އުހުނިއަރަށެވެ. އިރު ފުރާޅު ކެއުޅާރާއި ކަޅިހާރާއި ދެމީހުންނަށެވެ. އުތުރު ފުރާޅު ހެނެއިކަމަނާރަށެވެ.
މި މިސްކިތުގެ ދޮރުތަކާއި ދޮރުއަށިތައް މަހްމޫދު ނާއިބު ކަލޭގެ ފާނަށެވެ. މި މަހްމޫދު ނާއިބުކަލޭގެފާނުގެ ބައި ބަހަނީ ހެނެއި ކަމަނާރުގެ ދަރީންނަށާއި ކެއުޅާރާއި ކަޅިހާރަށެވެ. އުތުރު އަށި މާވަގެ ދަރަށެވެ. ދެކުނު އަށި އަބޫގެ ދޮން ޙައްވާގެ ދަރީންނަށެވެ.

ބޯދާ މިސްކިތް
ބޯދާ މިސްކިތުގެ ހުޅަނގު ފުރާޅު އުހުނިއަރަށެވެ. ދެކުނު ފުރާޅު ރަންފުތު ފަނޑިޔާރުކަލޭގެ ފާނުގެ މަންމަ ދޮން މަރިޔާގެއަށެވެ. އިރު ފުރާޅު ކަޅިހާރާއި ކެއުޅާރާއި ދެމީހުންނަށެވެ. އުތުރުފުރާޅު ހެނެއިކަމަނާރަށެވެ. އިރުފުރާޅާއި ދޮރުއަށި ދޮންމަރިޔަމްބޫގެ ދޮން ޢަލީކަލޭގެއަށެވެ. އަނެއް އަށި މުލަކު ޚަޠީބު ކަލޭގެއަށެވެ. (ނުނިމޭ)
                         ------------------------------
ލިޔުއްވީ: "މީދޫޓީމް"
http://www.meedhoo.com/?p=557