ވަރަށް ހެދުނާ އަޅުގަނޑު
ދިޔައީ، ޑޮކްޓަރަށް ދައްކަން ނަންބަރެއް ނަގަން އައިޖީއެމް ހޮސްޕިޓަލުގައި ކިއުގަ ޖެހޭށެވެ.
ދިޔައިރުވެސް ގިނަ ގޮނޑިތަކުގައި އެކަމަށް އެދޭ މީހުންތިއްބެވެ. އަޅުގަނޑަށް ޖާގަލިބުނީ،
އެންމެ ފަހަތު ބަރިންނެވެ. ނަންބަރު ދޫކުރަން އޮތީ، ދޮޅުގަޑިއިރު ފަހުންނެވެ. މަހަކީ،
ރޯދަމަހެވެ. ވަރަށް ފޫއްސެވެ. ނަމަވެސް އަޅުގަނޑުގެ ފޫހިފިލާގޮތްވީ، ކުރީ ގޮނޑިބަރީގައި
ތިބި ދެމީހެއްގެ މަޝްވަރާ އަޑުއިވެން ފެށުމުންނެވެ. ފުރަތަމަ އަޅުގަނޑުގެ ހިތަށް އެރީ
ހުރިހާ ތަނެއްގައިވެސް މިއޮތީ މިވާހަކަތާއެވެ. އެކަމަކުވެސް ސަމާލުކަންނުދީއެއް ނުވިއެވެ.
ވާހަކަހުރިގޮތުންނެވެ. އެކަކު ބުނަނީ ތިރީސްހާސް ގަނޑު ގަނެވިދާނެ ކަމަށެވެ. އަނެއްމީހާބުނީ
އާއެކޭ ގަނޑަކަށް ދިހަހާސް ރުފިޔާވެސް ދެވިދާނެއެވެ. އެކަމަކު ޔަގީންކަމެއް ނޯންނާނެއެވެ.
އަނެއްމީހާބުނީ، ފައިސާދޭނީ ފަހުންކަމަށެވެ. އަކަންކުރާގޮތް އަދި ކޮށްފައިވާގޮތަކީ،
ކޮންމެ ފޮއްޓަކުން ގަންނާނީ ގާތްގަނޑަކަށް ވިއްސަކަށްގަނޑެވެ. އެއްގަނޑު ގެއްލޭގޮތަށް،
ނަވާރަގަނޑު ފައިދާވާގޮތަށެވެ. އެ ވިއްސަކަށް މީހުންދާނީ ދޭތެރެދޭތެރެއިންނެވެ. ފުރަތަމަމީހާ
ދާނީ އެ ބޮޑުމިނުގެ ކަރުދާސްކޮޅެއް ހިފައިގެންނެވެ. އެތަނުން އިލެކްޝަނުގެ ގަނޑު ދިނީމާ
ފާހަގަޖަހާ ކޮށިގަނޑު ކައިރިއަށް ގޮސް، އެގަނޑު ޖީބަށްލައި، އަނެއްގަނޑު ފަށްޖަހައި
ފޮއްޓަށްލައި، ހުސްގަނޑު ގެނެސް ދިނުމުން ފައިސާ ދޭނެއެވެ. ދެވަނަ މީހާއަތަށް ދޭނީ
ފާހަގަޖަހާފައިވާ އިލެކްޝަނުގެ ގަނޑެވެ. އެމީހާ އެގަނޑު ފޮއްޓަށްލައި، ހުސްގަނޑު ގެނެސްދިނުމުން
އޭނާއަށްވެސް ފައިސާ ދޭނެއެވެ.
މިދިޔަ މަޖިލިސް
އަދި ކައުންސިލު އިންތިޚާބުގައިވެސް ވަރަށްގިނަ ފޮށިތަކުގައި ހުސް ގަނޑުތައް ހުންނާނެއެވެ.
އެއީ އެގޮތަށް ގަނެފައިވާ ގަނޑުތަކުގެ ފެށުމެވެ. އެމީހާ މިހެން ބުނުމުން އަނެއްމީހާ
ވަރަށް ސީރިއަސްވެއްޖެއެވެ. ތިއީ ވަރަށްބޮޑުކަމަކެވެ. ތިޔަކަން ހައްލެއްވެސް ނުވާނެއެވެ.
އަނެއްމީހާބުނީ އާނ! ކޮށިގަނޑުގެ ފަހަތުގައި ވޯޓުލާމީހާގެ ޙަރަކާތްތައް ބަލަން މީހަކު
ނެތީސް މިފަހަރު ޙައްލުނުވާނެއެވެ. ކަރުދާސް އެހުރީ ޗާޕްކޮށްފައެވެ. އެކަމަކު މިއަންނަފަހަރު
ޙައްލުކުރެވިދާނެކަމަށެވެ. އެކަން ހުއްޓުވޭނީ، ފާހަގަލުމަށްފަހު، ކަރުދާސްކޮޅު ފަށްޖަހައިގެން
ވޯޓުލާ ފޮށިކައިރިއަށް އައިސް އޮފިޝަލުންގެ ކުރިމަތީގައި އެއްކޮޅުގައި ކަނޑާގޮތަށް
(ދެކޮޅަށް އަރާގޮތަށް) ކޮމިޝަނުގެ ތައްގަނޑު ޖަހާފައިވާ ތަންކޮޅެއް ބަހެއްޓުމުން އެތަންކޮޅު
ކަނޑާފައި އެމީހުންނާއި ޙަވާލުކުރާގޮތަށް ހެދުމުންނެވެ. ތިއީ ވަރަށްފައްކާ ގޮތެއްކަމަށް
އަނެއްމީހާ ބުންޏެވެ. ހާހެއްހާ ފޮއްޓަށް ވޯޓުލާން ތިރީސްހާސްމީހުން ގަތުމުން، އޮނަތިރީސްހާސް
ގަނޑު ވޯޓު ލިބޭނެކަމަށެވެ.
އެ ދެމީހުން ރާގުބަދަލުކޮށް
ހަމައެމައުޟޫއުގައި ދެން ވާހަކަދެއްކީ އައިޑީކާޑު ގަންނަގޮތުގެ ވާހަކައެވެ. އެއީވެސް
އަމާޒުކުރެވޭ ވަކިބައެކެވެ. ކާޑު އަތުލާފައިވާމީހުން ހެދުނުހެދުނާ އެމީހުންގެގާތަށް
ދިއުމުން ސައިދީފަ ކާޑުދީފަ ވޯޓުލާން ފޮނުވައެވެ. އަދި އެހެންގޮތެއްވެސް ހަދައެވެ.
އެގޮތަކީ މުސްކުޅި މައިންބަފައިންގެ ކާޑު ފޮރުވުމެވެ. ދަރިން ބުނާގޮތަށް އެމީހުން ވޯޓު
ނުލާނެތީއެވެ. ކާޑުފެންނާނީ ފޮށި ބަންދުކުރުމުންނެވެ. އެނޫންމީހުންނަށް ހަދާގޮތަކީ،
ދެ ދުވަސްކުރިން ގަނެގެން ކާޑު ގެންދާނީއެވެ. ވޯޓުނުލެވޭގޮތް ހެދުމަށްޓަކައެވެ. އަދި
މިނޫން އެހެން ގޮތެއްވެސް ހަދައެވެ. ފަނަރަވަރަކަށް މިނިޓުފަހުން ފޮހެވޭ ނުވަތަ ފޭދޭ
ދެލި ބޭނުންކޮށްގެން ހަދާފައިހުންނަ ގަލަން ގެންގޮސް ކޮށިގަނޑުތަކުގައި ބާއްވާފައި،
އެތަނުގައި އޮންނަ ކޮމިޝަނުގެ ގަލަން ގެންދަނީއެވެ. މިކަންކުރާ ބައިގެ މީހުން ވޯޓުލަނީ،
ފޮރުވައިގެން އެމީހުން ގަލަމުންނެވެ. އެމީހުންގެ ކޮންމެ މީހަކުވެސް ގަލަމެއް ގެންދާނެއެވެ.
މިހާތަނުން
ހޮސްޕިޓަލްގެ ނަންބަރު ދޫކުރާ ކުދިން އަތުވެއްޖެއެވެ. މިހެންވީމާ އެހާތަނުން އެ ވާހަކަ
ނުއްޓުނީއެވެ. (ނިމުނީ)
---------------------------------
ލިޔުއްވީ: "ގަލަންދޫ"
27 އޯގަސްޓް
2013