ކޮމާންޑްކުރުމާއި ކެމްޕޭންކުރުން










ރަޝިއާވަނީ އަފްޣާނިސްތާނުގެ ހަނގުރާމަވެރީންނާއި، ހަނގުރާމަކޮށް ހަނގުރާމައިގެ ކުރިއެރުން ނުލިބިފައެވެ. އަފްޣާނިސްތާނުގެ ހަނގުރާމަވެރިންގެ ކޮމާންޑް ސެންޓަރުތައް ހަދާފައި ހުންނަކަމަށް ބުނެވެނީ އުސް ފަރުބަދަތަކުގެތެރޭގައި ބިންމަތީގައެވެ. އެ ސެންޓަރުތައް ނުވަތަ އެ ޓެންޓުތަކުގެ އެއް ދެފަރާތަކީ، ފަރުބަދަވީ ފަރާތެވެ. އަނެއް ދެފަރާތުގެ ދެބިތާއި، މަތި ހިޔާކޮށްފައިހުންނަނީ "މާސޯބު" ނުވަތަ ފަލަރޮނގުދެމި އުއި ފޮތީންނެވެ. ދޮރު ނިވާކޮށްފައި ހުންނަނީ، ވައްޓާލައިފައިވާ މާސޯބު ފޮތިގަނޑަކުންނެވެ. ކޮއްޅަށްޖަހަން ބޭނުންކުރަނީ، ދެދަނޑިއެވެ. މަތީގައި ދިގުހުރަހަށް އަޅަށް ބޭނުންކުރަނީވެސް ދެ ދަނޑިއެވެ. ކޮމާންޑް ސެންޓަރެއްގައި ބޭނުންކުރަނީ، ޖުމްލަ ހަތަރުދަނޑި ފަނަރަ ވަރަކަށް ޔާޑު ފޮތްޗެވެ. އެތެރޭގައި ބަހައްޓާފައިހުންނަނީ ކޮޅުފިލާގޮނޑިއެކެވެ. ދެން ބޯފެން ހަމެކެވެ. ކޮމާންޑަރު ލައިގެން ހުންނަ ދިގުލިބާހުގެ އެއްފަރާތު ޖީބުގައި އޮންނަނީ އާޓާފުށުގެ ބޮޑު ރޮއްޓެކެވެ. އަނެއްފަރާތު ޖީބުގައި އޮނަނީ ވޯކީޓޯކީ އެކެވެ. ހަތިޔާރަކަށް ބޭނުންކުރަނީ، ކޮނޑުމަތީގައި އުފުލާ ރޮކެޓަކާއި، އޭކޭ-47 ގެ ރައިފަލެކެވެ. ސެންޓަރާއިދިމާއަށް އާދެވޭނީ، ކޮންމެވެސް އެއްފަރާތަކުން ފައިމަގުގައި ހިނގާފައެވެ. ވައިގެމަގުން ހަމަލަ ދެވޭނެގޮތެއް ނޯވެއެވެ.


ކޮމާންޑަރުގެ މައިގަނޑު މަސައްކަތަކީ، އަވަސްއަވަހަށް ވަދެނިކުތުމާއި، ބަޔަކު އަންނަކަމުގެ ހިލަމެއްވެއްޖެނަމަ، ކޮމާންޑް ސެންޓަރުދޫކޮށް، ފަރުބަދަތަކުގެ ނިވަލަށްވަދެ ފިލައި ހުރުމެވެ. ކޮމާންޑު ސެންޓަރުތަކުގެ ދޮރުހުންނާނީ ކޮންމެވެސްވަރަކަށް ފޮތިގަނޑު ކަހާފައެވެ، އެތެރެއިން ބައެއް ފެންނަގޮތަށެވެ. ބިތްތަކާއި، ފުރާޅުހުންނަނީ، ހިރަފުހުން ކަޅިވެފައެވެ. ކޮމާންޑް ސެންޓަރާއިހަމަޔަށް ދެވުމުން ހަނގުރާމަވެރީން ތިބޭނީ މުޅީން ހާމައަށެވެ. އޭރު ކޮމާންޑަރުހުންނާނީ އެމީހުންގެ ފަހަތުގައެވެ. ކޮމާންޑަރު ހަދާގޮތަކީ، ވަގުތުބަލާފައި ކޮނޑުމަތީގައި އޮންނަ ރޮކެޓް ފޮނުވާލަނީއެވެ. ދެން ވަކިވަކިން ތިބޭ ހަނގުރާމަވެރީންނަށް ބަޑިން ހަމަލަދީ އެންމެން މަރާލަނީއެވެ. އެއަށްފަހު، ކޮމާންޑް ސެންޓަރު ރޫޅާލައިގެން އެހެންތަނަކަށް ބަދަލުވަނީއެވެ. ހަނގުރާމަ ނިމުއިރުވެސް އެކަން ހިނގާގޮތެއް ރަޝިއާ ސިފައިންނަށް އޮތީ ނޭނގިފައެވެ. ރަޝިއާ ބަލިވީއެވެ.

އަފްޣާނިސްތާނުގެ ހަނގުރާމަވެރީން، ދެން ކުރިމަތިލާންޖެހުނީ އެމެރިކާ ސިފައިންނާއިއެވެ. އެއީ ބިންމަތީގެ ޙަމަލާތަކެއް ނޫނެވެ. އަފްޣާނިސްތާނުގެ ތަޖްރިބާގެ އަލީގައިވެސް މެއެވެ. ކޮމާންޑު ސެންޓަރުތައް އެމެރިކާސިފައިން ބަލަނީ ސެޓެލައިޓުގެ ޒަރީޢާއިން ނެވެ. ފޮޓޯތަކުންފެންނަނީ، ވަރުގަދަ ކޮމާންޑް ސެންޓަރަކާއި، ވަރަށްގިނަމީހުން އެތަނުގައި ޙަރަކާތްތެރިވާތީއެވެ. މިޙަރަކާތްތަކަކީ، ކޮމާންޑަރު އަވަސްއަވަހަށް ވަދެނިކުންނަ ޙަރަކާތްތަކެވެ. އެމެރިކާ ސިފައިން އެތަނަށް ޙަމަލަދެނީ، ކަނޑުމަތީގައި އޮންނަ އެއަރ ކްރާފުޓު ކެރިއަރަކުން ނުވަތަ ކަނޑުއަޑީގައި އޮންނަ ސަބްމެރީނަކުން ފޮނުވާ މިސައިލުތަކުންނެވެ. ސެޓްލައިޓުން އަމާޒުހިފައިގެން ފޮނުވާ މިއިން ކޮންމެ މިސައިލެއްގެ އަގަކީ 9 ނުވަތަ 12 ވަރަކަށް ހާސް އެމެރިކާ ޑޮލަރެވެ. މަރުވިއަސް މަރުވަނީ، ކޮމާންޑަރު އެކަންޏެވެ. އެމެރިކާއަށް އަފްޣާނިސްތާނުގެ ހަނގުރާމަވެރިން އަދިވެސް ބަލިނުކުރެވެއެވެ. އޭގެ ބައެއް ބޮޑެތިމީހުންނަށް ވީގޮތެއްވެސް ޔަޤީންކަމާއިއެކު ބުނާކަށް ނޭނގެއެވެ. އެމެރިކާ ސިފައިންނާއި، ގުޅިފައިވާ ލަޝްކަރުގެ އެތައްބަޔަކު މިހާރު މަރުވެއްޖެއެވެ. ޚަރަދުވި ފައިސާގެޢަދަދު އަންދާޒާކުރަން އެނގޭވަރަށްވުރެ މާގިނައެވެ. މިހާރު ވެފައިވާގޮތަކީ، އަފްޣާނިސްތާނުން ފޭބޭކަށްވެސް ނެތެވެ. ނުފައިބައި ތިބެވޭކަށްވެސް ނެތެވެ. ތޮށަލިތަކުރާއި ޖެހުނު ވިގަންޏަށް ވީގޮތް ގުޅިފައިވާ ލަޝްކަރަށް ވީކަހަލައެވެ.

ކެމްޕޭން ޓެކްނޮލޮޖީ އޭ މިދެންނެވީ އިންތިޚާބީ ކެމްޕޭނަށެވެ. މަޖިލީހުގެއިންތިޚާބުގެ ކެމްޕޭން އަދި އޮތީ ތަންކޮޅެއްފަހުގެ ތާރީޚެއްގަ އެވެ. ޑިސެމްބަރުގައި އޮތީ ކައުންސިލްތަކުގެ އިންތިޚާބީ ކެމްޕޭނެވެ. މިހާރު ހިނގަމުންމިދަނީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނެވެ. ވޯޓުލުންއޮތީ ސެޕްޓެމްބަރ 7، 2013 ގައި ކަމަށްވާތީ، ކެނޑިޑޭޓުން އުޅުއްވަނީ، ވަރަށް އަވަދިނެތިއެވެ. ސަޕޯޓަރުންއުޅެނީ، މަސައްކަތް ލަސްވެއްޖެނަމަ، ލައްވާނުލާފާނެކަމަށް ބިރުންނެވެ. ވޯޓުލާ ފޮށި ބަހައްޓާފައި ހުރިތަނަށް ނުފޯރަފާނެތީއެވެ. މިހާރު މަގުތައްމަތިން އެންމެގިނައިން ފެންނަނީ، ކުލަކުލައިގެ ފޮއްޗާއި، ދިދަ ފައްޗެވެ. މި މަސައްކަތަށް އެންމެގިނަ ލޭބަރުން ލިބެނީ، އެންމެދީލަތި ބަޔަކަށެވެ. މާލެއަށްބަލާއިރު ހެދިގޮނޑޮދުށުގައި ހުންނަ ހޮޅިދަޑިއަށް އެއްކޮޅުއައްސާ ދިދަފަތީގެ އަނެއްކޮޅު އައްސަނީ ސޯޝަލް ސެންޓަރުގެ ހުޅަނގު އަތިރީގައި ހުންނަ ހޮޅިދަނޑިއަށެވެ. އެއް ޕާޓީއެއްގެ ދިދަފައްޗާއި ޖެހިގެން އަނެއް ޕާޓީ އެއްގެ ދިދަފައްޗެވެ. މިމަސައްކަތް ހިނގާ ޚާއްޞަވަގުތަކީ، ފަތިހުގެ ވަގުތުތައްކަމަށް ވިއަސް އެނޫން ވަގުތުތަކުގައިވެސް ހުއްޓުމެއްނެތި މަސައްކަތް ހިނގައެވެ. މިހާރު މާލޭގެ މަގުތަކަށް އަވިދެނީ، ކޮކާ ހިޔަނި ގޮތަށެވެ. އެއްގޮތަކަށް ސީދާ އަތްވެއް ނުދެއެވެ. ވަރަށްފިންޏެވެ. ނަމަވެސް އެއަރކޯނުން ވާކަހަލަ ފިންޏެއްނޫނެވެ. 

ދެން ފެންނަ އަނެއް މަންޒަރުތަކަކީ، އެކި ތަންތަނުގައި ލާފައިވާ އެކިކުލަކުލައިގެ ކުލައެވެ. ނުވަތަ ކުލަ ދަވާދެވެ. ގޯތިގެދޮރުގެ މަގުމަތީ ފާރުތަކާއި، ގޯތިގެދޮރުގެ ބޭރާއި، ބައެއްގޭގޭގެ އެތެރޭގައެވެ. މިތަންތަނުގައި ކުލަލައި ހުސްވުމުން މިހާރު ކުލަލަނީ ބަނދަރުމަތީގެ އެއްގަމުތޮއްޓާއި، ކަނޑުތޮށީގައެވެ. އަދި ބިންމަތީގައި ކުލަލާފައިވަނީ ވަރަށްމަދު ތަނެއްގައެވެ. ކުލައާއި ދަވާދުގެކަންކަން ހިނގަމުންދަނީ ވަރަށްވެސް އެކުވެރި ޖައްވެއްގައެވެ. ސަބަބަކީ އެމަސައްކަތް އެއްބަޔަކު ކުރުމެވެ. މަސައްކަތްތެރީންގެ އިޚްލާޞްތެރިކަމާއި، އެކުވެރިކަން އޮންނާތީއެވެ. މިކަމުގެތެރެއިން ފެންނަ އަނެއް ރަނގަޅަކީ، ގޯނާކުރުން މަދުކަމެވެ. ކުރިން ގޯނާކުރަނީވެސް މަސައްކަތްކުރާ މީހުން ކަމަށްވާތީ، ދިދަ އަދި ފޮތިތައް ދެމެހެއްޓުން އެއީވެސް ބޯނަސްލިބޭ ކަމެއްކަމަށްވެސް ވެދާނެއެވެ. މާލޭގެފަޅުތެރެއިން ދިދަ ފެންނަނީ އުޅަނދުފަހަރުންނެވެ. ނަމަވެސް އަތޮޅުތަކުގެ ފަޅުތެރެއިން ފެންނަނީ ވިލު ނުވަތަ ފަޅުތެރޭގައި ދަގަނޑު ޖަހައި އެދަނގަޑުތަކުގައި ދިދަތައް އައްސާފައިވާތީއެވެ. އަދި މީގެއިތުރަށް މާލޭގެ އުސް ޢިމާރާތްތަކަށް ބޮޑެތިދިދަ ނަގާފައި ހުންނަގޮތަށް ރަށްރަށުގައި ހުންނަނީ، ދިގު ދަނގަޑުހޮޅި ޖަހައި އެހޮޅިތަކަށް ބޮޑު ދިދަތައް ނަގާފައެވެ. ޚަރަދުތަކަށްބަލާއިރު މިއީ ބިލިއަން ޑޮލަރުގެ ޚަރަދުތައް ނޫންކަމެއްވެސް ނޭނގެއެވެ. އެކަމަކު ވަރިހަމަތާއެވެ! ވެރިކަން ލިބިއްޖެނަމަ ޚަޒާނާ އަތްމަތިވާނެކަން މިއީ ތޯތޯ ވާހަކައެއްނޫނެވެ.

ދެން އޮތީ ކެމްޕޭން ޖަގަހަތަކުގެ ވާހަކައެވެ. ކެމްޕޭން ޖަގަހަތައް މިދުވަސްވަރު ވަރަށްގިނައެވެ. އެއީ ކެމްޕޭން ކޮމާންޑް ސެންޓަރުތަކެވެ. އެބަޔަކު ތާއީދުކުރާ ކުލައާއި، ފޮއްޗާއި ފޮޓޯތަކާއި، ގޮނޑިމޭޒާއި، ފައިވާނާއި، ގަހަނާއާއި އަންނައުނާއި، ފެހާމާނާއި މިނޫންވެސް މިފަދަ ތަކެތި އެތަންތަނުގައި ހުރެއެވެ. މި ސެންޓަރުތަކުގައި ގިނަބަޔަކު ޙަރަކާތްތެރިވާ ކަހަލަ މަންޒަރުތަކެއް ފެނުކަމަށްވިއަސް މީހުންގެ ޢަދަދު ގިނައެއްނޫނެވެ. މީހުންގިނަކަމަށް ދައްކަން ހަދާގޮތަކީ، ހޯލުތެރެ މުޅިން ހުސްކޮށް ބޭއްވުމަށްފަހު (އެތަނުގައިއުޅޭ މަދު މީސްކޮޅު) ނިކުމެ ތިބޭނީ ދުވާރުމައްޗާއި، މަގުމަތިވެސް އަތްދަށުލައިގެން ލޯޑުތައް ހިފައިގެންނެވެ.  ލޯޑުތަކުން މެނިފެސްޓޯގެ ވާހަކަވެސް ގޮވާނެއެވެ. އިސާހިތަކު ކޮޅުކޮޅުމައްޗަށް ޙަރަކާތްތެރިވާ މީހުންނާއި، އުޅަނދުތައް އެތަނުގައި ތޮއްޖެހި މީސްގިނަވެ، ބަރުގޮނުތަކުގެ އަޑުފަށްގަނޑު ގަދަވެ ވަރަށްބޮޑު އާބާދީއެއް ފެންނަން ފަށާނެއެވެ. އެވަގުތު ކޮންމެވެސްބަޔަކު މޫވީވެސް ކުރާނެއެވެ. އެމަންޒަރުތައް ފެނުމުން، އެހެން ޕާޓީތަކުގެ ހިތުގެހިނގުން މުޅިން ހުއްޓުމަކަށް އާދެއެވެ. ހަމައެއާއެކު ދެން ހިންގާ އަނެއްޙަރަކާތަކީ، ޕްލައިވުޑުފިލައެއްގައި ޕާޓީގެ ޝިޢާރު ބޮޑުއަކުރުން ލިޔެ ބައެއްފަހަރަށް ކެނޑިޑޭޓްވެސް ގޮވައިގެންބޮޑެތި މަގުތައްމައްޗަށް ނިކުމެ އެބައެއްގެ މެނިފެސްޓޯ އިޢުލާންކުރުމެވެ. ގިނައިރުތަކެއްނުވެ، މަގަށް ނުކުޅަދާނަވެ ބަރުގޮނުގެއަޑުތައް ގަދަވެ، މީސްގިނަވުމުން، މޫވީކުރާމީހުން އެކަން ކުރުމުން އެޙަރަކާތް އެހިސާބުން އެ ނިމުނީ އެވެ. ޕާޓީތަކުގެ މީހުން ރަށްރަށް އެރިޔަ ނުދީ، އެހިންގާ ޙަރަކާތަކީވެސް ކެމްޕޭން އިސްތިހާރުގެ ބައެއްކަމަށް ބަޔަކު ބުނެއެވެ. އެއީ މާބޮޑު ޚަރަދަކާއި ނުލައި މީޑިއާއިން ކުރުވާ ކެމްޕޭނެކެވެ.

ދެންއޮތީ ވޯޓްލުމެވެ. ވޯޓްލާދުވަހު ވޯޓުލައި ނިމޭއިރުވެސް ކެމްޕޭންތަކުގައި ޙަރަކާތްތެރިވި ގިނަމީހުންތިބޭނީ ވެފައިވާ ވަރުބަލީގައި ނިދާފައެވެ. އެމީހުންގެ ދައުރަކީ، އަގުބަނޑުދިނުމުން (ދިންބަޔަކަށް) އެއަށްވާވަރަށް މަސައްކަތްކޮށްދިނުމެވެ. އެއީ ސަޕޯޓެވެ. ބޮޑުމަންޒަރެވެ. އެކަމަކު އެއީ ވޯޓެއްނޫނެވެ. ވޯޓްލައިގެން ނަތީޖާނެރޭނީ، މިއިން އެއްވެސްކަމަކާއި ނޫޅެ، ފަރުދީ އަދި މާލީ އެހީތެރިކަމަކަށްވެސް ދަހިވެތިނުވެ މަޑުމަޑުން ތިބޭ މެދުފަންތީގެ މީހުންނެވެ. (ނިމުނީ)
             -------------------------

ލިޔުއްވީ: ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި