ތާރީޚުގެ ވަރަށްކުރީކޮޅުން ފެށިގެން (2000 ބީސީ ގައި) އިންޑިއާ ކަނޑުގައި ޤަދީމީ 12000 ރަށް އޮތްކަމަށާއި، އެ ރަށްތަކަށް "ލަކްޝަދީޕް" ކިޔާކަން ތާރީޚީ ލިޔުންތަކުން އެނގެ އެވެ. މީލާދީން 1191 ގައި "ހަނދުވަންހައި" އިން ރަސްކަން ކުރެއްވި އައްސުލްޠާން "ދިނެއި ކަލަމިންޖާ" ގެ ރަސްކަމުގައި ލިޔެވުނު "އިސްދޫ ލޯމާފާނާއި" ދަނބިދޫ "ލޯމާފާނު" ގައި އެރަދުންނަކީ "ޝަވަލަކްޝަދީޕް" ރައްކާތެރި ކުރައްވައި އެތަނުގެ މީހުން ބަލަހައްޓާ "ރަދުން" ކަމުގައި ބަޔާން ކުރައްވާފައި ވެއެވެ. ލޯމާފާނުގައިވާ ގޮތުން "ޝަވަލަކްޝަދީޕް" އަކީ، އެރަދުންގެ ރަސްކަމުގެ މުޅި ސަރައްހައްދެވެ. އެއީ މިހާރުގެ ދިވެހިރާއްޖެ އާއި، މަލިކު އޮތް އަތޮޅާއި އެކުގަ އެވެ. ނަމަވެސް މިހާރުގެ "ލަކްޝަދީޕް" އަކީ، އިންޑިއާގެ ޔޫނިއަން ޓްރިޓޮރީގައި ހިމެނޭ (ރާއްޖޭގެ އުތުރުގައި އޮތް) ރަށްތަކެވެ. (އެރަދުން ރަސްކަންކުރެއްވީ މީލާދީން 1192 ން 1198 ށެވެ.( މުޚްތަޞަރު ތާރީޚް ދީބާ މަހަލް، ޞ 4) ރާއްޖޭގެ ތަޚްތުގައި ރެދަލި ކުރެއްވި ފުރަތަމަ ދަރިކޮޅު ކަމަށްވާ "ތީމުގޭ ދަރިކޮޅުން" ރަސްކަންކުރެއްވި ރަސްރަނީންގެ ޚިދުމަތްކާމެދު "ޤަވްމިއްޔަތު ބިނާކުރުމާއި، ފަނާކުރުން" މިސުރުޚީގެ ދަށުން ދެތިން މަޒުމޫނެއް "ލިޔުންތެރީން.އޯއާރްޖީ" އަށް އަޅުގަނޑު ލިޔެފައިވާނެ އެވެ. އެދަރިކޮޅުގެ ގުޅިފައިވަނީ، ސިލޯނާއި އެވެ. އެދަރިކޮޅުން ރަސްކަން ކުރެއްވި ރަސްރަނީންގެ ފަރާތްޕުޅުން (ތާރީޚުން) ފެންނަށް އޮތީ، އެބޭބޭފުޅުން ރާއްޖެއަށް ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތް ތަކެވެ.
މީލާދީން 1120
ން 1142 ށް ރަސްކަން ކުރެއްވި މަހާބަރަނަ މަހާރަދުންގެ ރަސްކަމުގައި (ކުރިން
ބީވެފައިވާ) މަލިކު އަތޮޅާއި، ތިލަދުންމަތި އަތޮޅު އަލުން ހޯއްދަވައިދެއްވައި
(މަލިކު އަތޮޅާއި، އައްޑުއަތޮޅު) މަލިކައްޑޫ މިދެމެދު އެއީ ދިވެހި ރާއްޖޭ ކަމުގައި
ހަމަޖެއްސެވި ވާހަކަ (ކުރިން ދެންނެވި) "ޤަވްމިއްޔަތު ބިނާކުރުމާއި،
ފަނާކުރުން" މިސުރުޚީ ދަށުން ލިޔެފައިވާ ފުރަތަމަ ބަޔާނުގައި ލިޔެފައި ވާނެ
އެވެ. އެހެން ނަމަވެސް އޭގެ 112 އަހަރު ފަހުން (މީލާދީން 1232 ވަނަ އަހަރު)
ފެށުނުއިރު މަލިކުއަތޮޅު އޮތީ، ރާއްޖޭގެ ބައެއްގެ ގޮތުގައި ނޫންކަން ދިވެހި
ތާރީޚުން އެނގެ އެވެ.
"މީލާދީން 1752 އަހަރު ނިމުނު އިރު މަލިކު އަތޮޅު ވަނީ، ތިންވަނަ ފަހަރަށް
ރާއްޖެއިން ބީވެފަ އެވެ. މިފަހަރު އެކަންކުރީ، ދިވެހީންގެ ބަޔަކު އިސްވެތިބެގެން
(ދެކުނު އިންޑިއާގެ) މަލާބާރީން ނުވަތަ ހޮޅީން ނެވެ. އެކަމުގެތެރޭގައި އެމީހުން
އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން އަވަހާރަކޮށްލި އެވެ. ނަމަވެސް
ދެވަނަ ފަހަރަށް މަލިކު އަތޮޅު ބީވެގެން ދިއުމަށް މެދުވެރި ސަބަބުތަކާއި، އަލުން
ލިބުނު ގޮތެއް ދިވެހި ތާރީޚުން އެނގޭކަށް ނެތެވެ."
މީލާދީން 1232
ން 1257 ށް ރަސްކަން ކުރެއްވި އައްސުލްޠާން ސިރީ ވައްލަދިޔޯ ރަސްކަން ކުރެއްވި
ދުވަސްވަރު ދިވެހި ރާއްޖޭގެ ވެރިކަން އޮތީ، ކެލައައްޑޫ (ކެލަ އާއި، އައްޑޫ އާއި)
މިދެމެދު އެވެ. (ކެލަ އަށްވުރެ އުތުރުގައި ހުރި އެއަތޮޅުގެ ރަށްތަކުގެ ބާރު އޮތް
ފަރާތެއް އެނގޭކަށް ނެތެވެ.) ސިރީ ވައްލަދިޔޯ (ސިރީ ރާދޭސްވަރަ މަހާރަދުން) ގެ
ރަސްކަމުގައި ލިޔެފައިވާ ކުޑަހުވަދޫ ލޯމާފާނުގައި ދިވެހި ރާއްޖެއަށް
ނިސްބަތްކޮށްފައިވާ ނަމަކީ "ޕަނަންދީޕު" އެވެ. އަދި ބޮޑުގަލު މިސްކިތު
ލޯމާފާނުގައި ވެސް މިނަން ލިޔެފައިވަނީ، މިފަދައިން ނެވެ. {މިހާރު މިކިޔާ
"ދީބު" އެއީ "ދީޕު" ކަމަށް ވެދާނެ އެވެ.}
ލަކްޝަދީޕުގެ
ރަށްތައް އޮންނަނީ، ދިވެހިރާއްޖޭގެ އުތުރުގަ އެވެ. އެއީ ލަކަޑީވް އައިލެންސް އެވެ.
އެރަށްތަކަށް ދިވެހީން ކިޔާ ނަމަކީ، ލަކުޑިދީބު އެވެ. އައްސުލްޠާން ދިނެއި
ކަލަމިންޖާގެ ރަސްކަމުގައި "ޝަވަލަކްޝަދީޕު" ގެ ނަމުން ފާހަގަ
ކޮށްފައިވާ ޖުމްލައިގައި ޝަވަލަކްޝްދީޕު އެއީ ދެޖުމަލަ އެވެ. ވުމާއެކު، ޝަވަ އެއީ
ސުވާދީބު ކަމަށްވާނަމަ، އެޖުމްލައިގައި އެވަނީ އެދުވަސް ވަރުގެ ދިވެހިރާއްޖެއަކީ،
ލަކްޝަދީޕުން ފެށިގެން ސުވާދީބާއި މިދެމެދު ކަމަށް ފެނެވެ." ކުރީގެ ދިވެހިރާއްޖެއަކީ،
ލަކްޝަދީބާއި، މަހަލްދީބާއި، ސުވާދީބެވެ.
ނަމަވެސް މިހާރުގެ ދިވެހިރާއްޖެއަކީ، މަހަލްފީބާއި ސުވާދީބެވެ. ސުވާދީބުގެ
ދެކުނަށް އޮންނަ އަންޑަމަށް ޖަޒީރާތަކާއި، ނިކޯބާއި، ފޯޅަވައްސަކީ، ދިވެހިރާއްޖޭގެ
ބައެއްކަން އެނގޭނެ އެއްވެސް ލިޔުމެއް އަދި ފެނިފައެއް ނުވެ އެވެ. ރާއްޖޭގެ
އިރުމަތީގައި އޮންނަނީ، އަސޭކަރަ އެވެ. ހުޅަނގުގައި އޮންނަނީ ކަޅުކުދިންގެކަރަ
(އެފްރިކާބައްރު) އެވެ. (ނުނިމޭ)
-----------------------
ލިޔުއްވީ: ޢަލީ
ނަޞީރު ޒޫރިޔާގެ/މަޑަވެލި