މަޑަވެލީ މޫސިޔާގެ ޢާއިލާއިން - ދެވަނަބައި














ދޮންނެއިގެ ޢާއިލާ މަޑަވެލީގައި

މޫސިއާ މަޑަވެއްޔަށް ހިޖްރަކުރި ދުވަސްވަރު މަޑަވެލީގައި އުޅެނީ (މަހަށްދިއުމުގެ ބޭނުމުގައި) ބަނޑަހަ ޖަހައިގެން ތިބި ދޮންނެއިގެ 7 ފިރިހެން ކުދީން ނެވެ. މަޑަވެލީގައި އެންމެ ފުރަތަމަ މިސްކިތެއް ބިނާކުރެއްވީ މި 7 ބެއިން ނެވެ. އެ މިސްކިތް ބިނާކުރީ، ގާތްގަނޑަކަށް 1880މ. (1297ހ.) ގެ އަހަރު ތަކުގަ އެވެ. (އެ މިސްކިތް ޢިމާރާތް ކޮށްފައިވަނީ، މާލޭ ކަޅުވަކަރު މިސްކިތާ އެއްސިފަޔަކަށް، ހަމަ އެ ބޮޑުމިނުގައި ހިރިގަލުން ނެވެ.) މިހާރުގެ ވަޠަނިއްޔާ އެންޓެނާގެ އިރުދެކުނުގައި (ނިކަގަނހާ ދިމާއިން 10 ވަރަކަށް ފޫޓު ހާތަން ހުޅަނގު ދެކުނުގައި) ޢިމާރާތް ކޮށްފައިވާ، އެ މިސްކިތް ރޫޅާލީ 1980މ. (1400ހ.)ގެ އަހަރު ތަކުގަ އެވެ. މި 7 ބެއިން ވަޅުލާފައިވަނީ ވެސް އެ މިސްކިތާއި ޖެހިގެން 10 ވަރަކަށް ފޫޓު އުތުރުގަ އެވެ.


މޫސާ މާލިމީއަށް ވާރުވެރިޔާ އެންގެވީ، ކެރަމިންތާއިން ފޭބުމަށާއި، ރުހުމުގައި ނުފައިބިނަމަ، ނުރުހުމުގައި ވެސް ބާލާނެކަމަށާއި، އަދި ހޯނޑެއްދޫގައި ވަޒަންވެރިވުމަށެވެ. ކޮންމެއަކަސް ވާރުވެރިޔާގެ މި އަމުރަށް ތަބަޢަވާންޖެހި، ނަމަވެސް އޭނާގެ ދިރިއުޅުން ބަދަލުކުރީ މަޑަވެއްޔަށެވެ. މަޑަވެލީގައި މިހާރު ދިރިއުޅޭ ގިނަމީހުންނަކީ، މި ދެޢާއިލާއަށް ނިސްބަތްވާ މީހުންނެވެ. މަޑަވެލީ މޫސިއާއަކީ، މޫސާ މާލިމީގެ މަޑަވެލީ އިސްމާޢީލް ކަލޭގެ މޫސިއާ (މޫސާ) އެވެ. މަޑަވެލީ އިސްމާޢީލް ކަލޭގެ، އެގޮތަށް، ނިސްބަތްވަނީ، މަޑަވެއްޔަށް އޭނާ އުފަންވުމުންކަމަށް ބުނެވެ އެވެ. މަޑަވެއްޔާގުޅޭ މިޙާދިޘާ ހިނގާފައިވާކަމަށް ބުނެވެނީ، 1840މ. (1255ހ.) ވަނަ އަހަރުގަ އެވެ.

މީލާދީން 1836 (1251ހ.) ވަނަ އަހަރު މަޑަވެއްޔަކީ، މީހުން ދިރިނޫޅޭ ރަށެއްކަމަށް ކެޕްޓަން މޮރަސްބީ ލިއުއްވާފައިވެ އެވެ. (ޖޯގްރަފީގެ ވަނަވަރު،ޞ197) އޭރު ސަރުކާރުގެ ދަފުތަރުގައި އެ ރަށް ރަޖިސްޓްރީ ކޮށްފައި ނެތްކަމަށް ވިއަސް އެރަށާ ގުޅުންހުރި އެކިއެކި ކަންކަމަށް ރިޢާޔަތްކުރާއިރު މޮރަސްބީ އެވިދާޅުވާ ދުވަސްވަރުގައި ވެސް ކޮންމެވެސް ބަޔަކު އެރަށުގައި ދިރި އުޅޭނެކަމުގެ ހެކި ލިބެ އެވެ. އަލްއުސްތާޒް މުހަންމަދު އިބްރާހީމް ލުޠުފީ ލަފާކުރައްވާފައިވަނީ، މަޑަވެލީގައި ދިރިއުޅެނީ ކާޑެއްދޫ ފަޅުކުރުމަށްފަހު، މަޑަވެއްޔަށް އައި މީހުން ކަމަށެވެ. އެހެން ނަމަވެސް ކާޑެއްދުއަށް ނިސްބަތްވާ އެއްވެސް ޢާއިލާއެއް، އެ ރަށުގައި ފާހަގަ ކުރެވިފައި ނުވެ އެވެ. މަޑަވެލީގައި ފާހަގަ ކުރެވޭ ޢާއިލާތައް ހިޖްރަކޮށްފައި ވަނީ، ކޮނޮންޓާ، ކެރަމިންތާ، ކާށިހުޅުދޫން ކަމަށް ބުނެވެ އެވެ. މި ދެންނެވި ރަށްރަށުން ހިޖުރަކުރި މީހުންގެ ކާފަދަރީން މިހާރު ވެސް އެ ރަށުގައި އެބަތިބޫ އެވެ.

މޫސާ މާލިމީ ކެރަމިންތާގައި

އެއްދުވަސްވަރެއްގައި ކެރަމިންތާގައި ޢަލީ މާވަޑިއާގެ ދަރި މޫސާ މާލިމީއޭ ކިޔާ މީހަކު އޭނާގެ އަނބިދަރީންނާއި، ބައެއް އެކުވެރީންނާއެކު އުޅެމުން އައެވެ.  މިގޮތަށް މީނާ އުޅެމުންދަނިކޮށް، މުޙަންމަދު ޢިމާދުއްދީން (4 ވަނަ) ގެ ރަސްކަމުގެ ކުރީކޮޅު ގާތްގަނޑަކަށް 1839މ. (1254ހ.) ގައި ހުވަދު އަތޮޅުގެ އަތޮޅުވެރީން، މި މޫސާ މާލިމީ އެ ރަށުން ބާލައިފި އެވެ. ދެން މީނާ މިކަން ބޮޑުވެގެން މާލެ އަތުވެއްޖެ އެވެ. މޫސާ މާލިމީ މާލެއައިސް ފަނޑިޔާރު މަނިކުފާނު އަރިހު ދެންނެވި ގޮތުގައި މީނާ ވިހާ ބޮޑުވީވެސް އެރަށުގަ އެވެ. އަދި އެރަށުގައި ގަސް، ރުއް އިންދައި، ވަރަށްފަސޭހަ ދިރިއުޅުމެއް އުޅެނިކޮށް އަތޮޅުވެރީން އެރަށް އޭނާއާއި ވަކިކޮށް އަދި އެނާގެ އަތުގައިހުރި މުދާވެސް ފޭރިގަތީ އެވެ. އެހެންކަމުން މީނާ ފަނޑިޔާރުމަނިކުފާނު އަރިހުން އެދެނީ މިވާހަކަ ރަސްގެފާނަށް ދަންނަވައި ދެއްވައިގެން އެ ރަށް އަނެއްކާ ލިބޭތޯ ބައްލަވައި ދެއްވުމަށެވެ. އަދި މޫސާ މާލިމީގެ އަހުލު އިޔާރުން ގިނަކަމާއި ވިއްސަކަށް މީހުން ތިބިކަމަށް ދެންނެވި އެވެ. ފަނޑިޔާރު މަނިކުފާނު މިވާހަކަތައް އައްސަވައި މިވާހަކަ ރަދުންނަށް ދަންނަވައިފި އެވެ. އަދި އެރަށް މޫސާ މާލިމީއަށް ދެއްވުމުގެ މައްޗަށް މަޝްވަރާ ދަންނަވައި ރަދުން އެރަށް އޭނާއަށް ދެއްވައި އިހުވެސް އެރަށުގައި އުޅުނު ފަދައިން އުޅެންދާން މޫސާ މާލިމީއަށް އެންގެވި އެވެ. ދެން އަނެއްކާވެސް މި މާލިމީ އޭނާއާއި އެކުގައިވާ ބަޔަކު ގޮވައިގެން ގޮސް އެ ރަށުގައި އުޅެން ފަށައިފި އެވެ. އަދި އެރަށުގައި މަސައްކަތްކޮށް ރަށް ޢިމާރާތްކުރަމުން ގެންދިޔަ އެވެ.

މިހިސާބަށް ދިޔަތަނާ އަތޮޅުގެ އަތޮޅުވެރިކަން ބަދަލުވެއްޖެއެވެ. އަދި މާކަނާ ބަނޑޭރީގެ އިސްމާޢީލް ކަލޭގެ އާދަމް ކިޔާ މީހަކަށް އަތޮޅުގެ އަތޮޅުވެރިކަން ލިބިއްޖެއެވެ. މި އާ އަތޮޅުވެރީން އަތޮޅަށްގޮސް، މީހުންނަށް ބިރުގަންނަވާ، ގަދަބަސްބުނެ ހަދާފައި މޫސާ މާލިމީ ކެރަމިންތާއިން ބާލަން މީހުން ފޮނުވައިފިއެވެ. އަތޮޅުވެރީން ފޮނުވި މީހުން ގޮސް މާލިމީއާއި، އޭނާގެ އަނބިދަރީން ކުރެ ހަމީހުން އެރަށުން ބާލާ އެރަށުގެ ފަޅުގައި އޮތް ހުރާގަނޑަކަށް ލައިފިއެވެ. މާލިމީއާއި، އޭނާގެ އަނބިދަރީން މި ލީ ހުރާ ގަނޑުގެ ޙާލަކީ، ދިޔަވަރު ބޮޑުވީމާ ހުރާގަނޑު މަތިން ފެން އަރައެވެ. ދިޔަވަރު ހިކުނީމާ، ހިކިތަން އޮވެއެވެ.  ދެން މާލިމީ އާއި އޭނާގެ ޢާއިލާ މި ހުރާގަނޑުގައި ތިބީއެވެ. އިރުއަރާ ހޫނުގަދަވީމާ މޫދަށް އެރެނީއެވެ. އިރު އޮއްސުނީމާ އެއްގަމަށް އަރަނީއެވެ.

މިފަދަ ޙާލުގައި މާލިމީއާއި، އޭނާގެ އަނބިދަރީން ތިބޭތާ ދެރޭ ދެދުވާވީފަހުން މާލިމީގެ ރައްޓެއްސަކު ކަނދުފަތިގަނޑެއް ހިފައިގެން އައިސް އެމީހުން ގަސްހުރި ކުޑަ ރަށްގަނޑަކަށް ގެންގޮސްފި އެވެ. މި ރަށްގަނޑުގައި މާލިމީގެ ޢާއިލާއަށް ކާންލިބެނީ ހަމައެކަނި މަހެވެ. މިދަތިޙާލުގައި މޫސާ މާލިމީއާއި އޭނާގެ އަނބިދަރީން މަސްދުވަސްވަންދެން ތިބުމަށްފަހު، މިމީހުން ކަނަންދުއަށް ހިގައްޖެ އެވެ. ގޮސް އެ ރަށުގައި ލައްކަ ދުވަސް ވަންދެން އުޅުނެވެ. މި ދުވަސްވަރު އަތޮޅުވެރީން އަންގާފައި ވަނީ، މޫސާ މާލިމީ އެއްވެސް އޮޑިއެއް، ދޯންޏަކަށް ނޭރުވުމަށެވެ. މިހެން އެންގީ މި މާލިމީ އެނާގެ ޚަބަރު ރާއްޖޭގެ ފަނޑިޔާރު މަނިކުފާނަށް އަންގާ ފާނެތީ އެވެ. ކޮނެމެއަކަސް ކުޑަދުވަސްކޮޅެއް ވީތަނާ، ވަގުތުބަލާ ބަހައްޓާފައި މޫސާ މާލިމީ ކުޑަދޯންޏެއްގައި ސިއްރުން ފުރައިގެން މާލެ އަތުވެއްޖެ އެވެ.

މާލިމީއަށް މާލެ ދެވުމުން މީނާކުރި މަސައްކަތަކީ، ރައިވަރުފޮތެއް ލިޔުމެވެ. މީނާއަކީ، ރައިވަރުހަދަން ވަރަށް ކުޅަދާނަ މީހެކެވެ. މީނާގެ ރައިވަރުފޮތުގައި އޭނާއަށް ދިމާވެފައިވާ ދަތިޙާލުގެވާހަކަ ވަރަށް ބަލާޣާތްތެރިކަމާއެކު ސިފަކޮށްފައިވެ އެވެ. އަދި އެނާ އުޅެބޮޑުވި ރަސްގަނޑު ލިބުމަށް އެދިފައިވެ އެވެ. މި ރައިވަރުފޮތް ލިޔެނިންމާފައި، މޫސާ މާލިމީ މިފޮތް ރަދުންގެ ޚާދިމަކާއި ހަވާލުކޮށް ރަދުންގެ އަތްޕުޅަށް އަރުވައިފި އެވެ. މާލިމީ ލިއުނު އަސަރުގަދަ ރައިވަރު ފޮތް ވިދާޅުވުމަށްފަހު، ރަދުން އަނެއްކާ މާލިމީއަށް ކެރަމިންތާ ދެއްވައިފިއެވެ. މިފަހަރު ރަށްދެއްވީ ރަށުގެ ވަރުވާއަށް އަހަރަކު ސާޅީސްކޮއްޓޭ ބޮލި ބޮޑު ބަނޑޭރި ގެއަށް ދޭގޮތަށެވެ. މާލިމީ ވެސް މިގޮތާއި ޤަބޫލުވެގެން ރަށް ލިޔެގެން އެބުރި އަތޮޅަށް ދިޔަ އެވެ. އަދި ކެރަމިންތާގައި އަލުން އުޅެންފެށި އެވެ. މިމޫސާ މާލިމީ ކެރަމިންތާގައި އުޅުނީ ކިހާ ދުވަހަކުކަން އޮޅުންފިލާކަށް ނެތެވެ. (ކުރީގެ ހުވަދު އަތޮޅު ޞަފްޙާ 20،22)

މޫސާ މާލިމީ މަޑަވެލީގައި

ކެރަމިންތާގައި މޫސާ މާލިމީގެ ޢާއިލާ އުޅެމުންދަނިކޮށް އަހަރުތަކެއް ވީފަހުން އަނެއްކާ ވެސް އެމީހުން އެރަށުން ބާލައިފިއެވެ. އެފަހަރު ބޭލީ މަދުބަޔަކު އެކަނިމާއެކަނި މާރަށެއްގައި އުޅޭތީ، އެއީ ރައްކާތެރިގޮތެއްކަމަށް ނުފެންނާތީ އެވެ. އެފަހަރު އެމީހުންނަށް އެންގިކަމަށް ބުނެވެނީ، ހޯނޑެއްދޫގައި ވަޒަންވެރިވުމަށެވެ. އެދުވަސްވަރު އަތޮޅުވެރިކަން ކުރަނީ ހޯނޑެއްދޫގަ އެވެ. ކޮންމެއަކަސް ކުރިން ތަކުރާރުވެފައިވާ ޙާދިސާތަކުގެ ސަބަބުން މޫސާ މާލިމީގެ ހިންހަމަނުޖެހުން ބޮޑުވެފައިވާތީ، އަތޮޅުވެރީން އެންގެވި ރަށެއްގައި ވަޒަންވެރި ނުވާންވެގެން އޭނާ ވަޒަންވެރިވީ މަޑަވެލީގައެވެ. އޭރު އެރަށުގައި އެހެންބަޔަކު ދިރިއުޅެއެވެ. މޫސާ މާލިމީ މަޑަވެއްޔަށް އައީ 1840މ. އާއި 1850މ. (1255ހ.1266ހ.) އާއި ދެމެދުގެ ދުވަސްވަރެއްގައިކަމަށް ބުނެވެ އެވެ.

ސަރުކާރުން މަޑަވެއްޔަށް ވެރިއަކު (ޚަޠީބަކު) ހަމަޖެއްސެވީ 1890މ. (1307ހ.) ގެ އަހަރުތަކުގެ ފަހުކޮޅުގަ އެވެ.  ބަރުތީލަކުރި ފަތްކޮޅަކުން އެންމެފުރަތަމަ ކަތީބުކަމަށް ހަމަޖެއްސެވީ މަޑަވެލީ ދޮންނެއިގެ އަލިފުތުގެ މުހަންމަދެވެ. ފަހުން އޭނާއަކީ، މުޙަންމަދު ކަތިއަކަލޭގެ އެވެ. (ބަރުތީލަ ކުރުމަކީ، ފަތްކޮޅުގައި ލާއިން ރަދުން ސިއްކައެއް ޖެއްސެވުމެވެ. އެއީ ރަދުންނަށް އަގު ދެއްވާފައި ގަންނަންޖެހޭ ލިއުމެ ކެވެ.) ޚަޠީބުކަމާއި، އެފަތްކޮޅުގެކަންތައް ހަމަޖައްސަވައި ދެއްވުމަށް އިސްކޮށް ޙަރަކާތްތެރިވެލެއްވީ ހޯނޑެއްދޫ ބޮޑުކަލޭފާނުކަމުގައި ބޮޑުގޭ އާދަމް ފުތު އަޅުގަނޑު ގާތު ބުނެފައިވެ އެވެ. ޢުމުން 100 އަހަރަށްވުރެ ގިނަ ދުވަސް ވެފައި ވަނިކޮށް 2011މ. ވަނަ އަހަރު ފެށުނުތަނާހެން ނިޔާވި ހޯނޑެއްދޫ ބޮޑުގޭ އާދަމް ފުތަކީ، ބޮޑުކަލޭފާނުގެ ދަރިއެކެވެ.

ބޮޑުކަލޭފާނަކީ، ދަވްލަތް ހިންގެވުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނާއި، ވަރަށްގާތް ގުޅުމެއްއޮތް ބޭކަލެކެވެ. ހުވަދު އަތޮޅުގެ ޗާޓް ކުރެހި ކެޕްޓަން މޮރަސްބީއާއެކު އަތޮޅުތެރޭގައި އުޅުއްވި މާލިމީއަކީ (ކޮނޑޭ ބޮޑުދޮންމަނިކާގެ ރައްކަލާ) ބޮޑުކަލޭފާ ނެވެ. އޭނާއަކީ، ވަރަށް މަޝްހޫރު ކަރަވެއްސެކެވެ. އޭނާގެ އެހީތެރިކަން ފާހަގަކުރައްވައި ކަލޭފާނުކަމާއި، އަދި ވަރުވާއެއް ނުނަން ގަވައި، ހުވަދު އަތޮޅުގެ ދެ ފަޅުރަށް ކަމަށްވާ ކެނދެރާއި، ފެނެހުއްޓާ ވެސް ވަނީ އޭނާއަށް ސަރުކާރުން ދެއްވާފައެވެ. އެ ދެރަށް އެޢާއިލާއިންވަކިވީ އިބްރާހީމް ނާސިރުގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރު ވުޒާރާތައް އުފައްދަވައި އެގްރިކަލްޗަރ މިނިސްޓްރީގެ ދަށަށް ފަޅުރަށްތައް ގެނެސް ވަރުވާއަށް ލިޔާގޮތަށް ހަމަޖެއްސެވުމާއި ގުޅިގެންނެވެ. އާދެ! ޒޫރިޔާގެ ޢަލީ އިބްރާހީމުގެ މަންމައަކީ ގދ. ކަނަންދޫ (މިހާރު ފަޅުރަށެއް) ނެވިގޭ ދަލޭކަ (ޒުލޭޚަ) ގެ މަރިޔަމްއެވެ. މި ޒުލޭޚާ ކަނަންދޫއިން މަޑަވެއްޔަށް ހިޖްރަކުރީ 1890މ. ވަނަ އަހަރު އެވެ. އޭރު މަޑަވެލީގެ އާބާދީއަކީ، ގާތްގަނޑަކަށް ސަތޭކަ ވިއްސަކަށް މީހުން ނެވެ. (ޢަލީ އިބްރާހީމް/ ޒޫރިޔާގެ، މަޑަވެލި)
(ނުނިމޭ)