ނަސަބުގެ ޢިލްމުތަރައްޤީގައި ދިވެހިރާއްޖެ ދަނީ ފަހަތަށްނޫންކަމަށް މީހުންބުނެއެވެ. އެހެން އެބުނަނީ ތަރައްޤީގައި ކުރިޔަށްދާތީ ކަމަށް ވެދާނެއެވެ. ގިނަ ކަންކަމުގައެވެ. ޢިލްމީ ގޮތުންނެވެ. ވިސްނުމުގެ ގޮތުންނެވެ. ހުނަރުގެ ގޮތުންނެވެ. ތަކެތީގެ ގޮތުންނެވެ. އުޅުމާއި ގުޅުމުގެގޮތުންވެސްމެއެވެ.


ނަމަވެސް އިހު އެވޭލާ ޒަމާނަށްވުރެ ފަހަތަށްދާ އެއްކަމެއް އެބަ އޮތެވެ. ބޭނުންތެރި ކަމެކެވެ. އެއީ ނަސަބުގެ ޢިލްމު ދިރާސާ ކުރުމެވެ. ނުވަތަ މީސްމީހުންގެ ނަސަބު ހޯދައި ބެލުމެވެ. އެކަން އެނގުމެވެ. ރާއްޖޭގެ ކުރިޔަށްދާ ތަރައްޤީގައި މިބައި ފަހަތަށްދަނީ އެބަޔަކީ މާއްދިއްޔަތުގެ ބަޔަކަށް ނުވާތީއެވެ. އެކަން ކުރާ މީހަކަށް މާބޮޑު މާލީ މަންފާތަކެއް ނުލިބޭނެތީއެވެ. މިހާރުގެ ގިނަމީހުންގެ ގާތުގައި އޭނާގެ މާމައަކީ ކާކުތޯ އަހައިފިނަމަ ބުނާނީ ނޭނގެއެވެ. ނުވަތަ ބުނާނީ މީހުން ބުނަނީ އެއީ ކޮންމެވެސް މަރިޔަމެއްތޯ ހައްވައެއްތޯ ފާތުމައެއްކަމަށެވެ. މިހާވަރުވީމާ އެއްކަލަ ތަރައްޤީގައި މިދަނީ ފަހަތަށް ނޫންކަމަށް ޤަބޫލުކުރަން ޖެހެއެވެ.

ރާއްޖޭގައި ތިއްބެވި ނަސަބުގެ ޢިލްމު ދިރާސާކުރެއްވި ގިނަފަރާތްތަކެއް ދުނިޔެ ދޫކުރައްވައިފިއެވެ. ބައެއް ފަރާތްތައް ޢުމުރާއި ޙާލުގެ ގޮތުން ދުނިޔެ ދޫކުރެއްވުމުގެ މަގުމަތީގައެވެ. އޭގެ ބަދަލުގައި އެފަދަ ފަރާތްތަކެއް އުފެދެމުން ނުދެއެވެ. އެހެންވުމުން މިބައި ނެތުމުގެތެރެއަށް ގޮސް ގެއްލި ނިމިދާނެއެވެ. މިދާގޮތަށްދާނަމަ އަދި ހަޔެއްކަ އަހަރުގެފަހުން މީހެއްގެގާތުގައި އޭނާގެ މަންމައަކީ ކާކުތޯ އަހައިފިނަމަ، ބުނާނީ އެކަން އެނގޭނީ ދައްތައަށް ކަމަށެވެ. ދައްތަކުރެން އަހާލައިފައި ބުނާނަމެވެ. މިހިސާބަށް މީހަކަށްދެވިއްޖެނަމަ އެ މީހަކު އެހެރީ ތަރައްޤީގެ އެންމެއުސް ކުންނުގައެވެ. ދެން ލަހެއްނުވެ އެ ތާކުން އެމީހަކު ވެއްޓި މައިބަނދަ ބިންދައިގެން ނުދިޔަނަމަ ނަޞީބެވެ.

ނަސަބުގެ ޢިލްމު ނުވަތަ ޖިނިއޮލޮޖީ އަކީ، ޢާއިލާތަކާއި ޢާއިލާތަކުގެ ތާރީޚާއި އަދި ޢާއިލާތައް ފެށިފައިވާގޮތް ހޯދުމަށްކުރެވޭ ސްޓަޑީއެކެވެ. ރަޙިމުގެގުޅުން ދެމިގެންއަންނަ މަގާއި ގާތްތިމާގެކަން ހުރިވަރު ދިރާސާކުރާ ޢިލްމެވެ. ޢާއިލާތަކުގައި ތިމާގެކަމުގެގުޅުން އައިސްފައި ހުންނަގޮތް ދައްކުވައިދިނުމަށްޓަކައި ޖިނިއޮލޮޖިސްޓުން ބޭނުންކުރަނީ ދޫދޫމަތިން އައިސް ހުންނަ ވާހަކަތަކާއި މީހުންގެ އާދަކާދައާއި ތާރީޚީ ރިކޯޑްސްތަކާއި ޖެނެޓިކް ހޯދުންތަކާއި އަދި މީގެއިތުރުންވެސް ލިބޭ އެހެނިހެން މަޢުލޫމާތުތަކެވެ. އެމަޢުލޫމާތުތަކުގެ އަލީގައި ޢާއިލާތަކާ ބެހޭގޮތުން އެމީހުންގެ އެއްކުރާ މަޢުލޫމާތުތައް ގިނަފަހަރު ހުންނަނީ ޗާޓުތަކެއްގެސިފައިގައި ނުވަތަ ދެކެވޭ ވާހަކަތަކެއްގެ ސިފައިގައި އެކުލަވާލައިފައެވެ.
                                              ----------------------

ޢަބުދުﷲ ޙިލްމީ
01 މޭ 2012މ.