ފަންސަތިރީސް އަހަރު ފަސް - 1













އާދެ! އެރަށަކީ، ހަތަރުފަރާތުން ކަނޑުއޮތް "ހިކިފަސްބިން" ވަރަށްކުޑަ ރަށެކެވެ. އެރަށަށް، އެންމެ ފުރަތަމަ އަޅުގަނޑު ދިޔައީ ގުޅީތުއްތުމަނިކު އާއެކު 1977މ. ވަނަ އަހަރު އެވެ.

 (އޭނާއަކީ، އަލްމަރްޙޫމް ޢަބްދުލްޙަކީމު ޙުސައިންމަނިގެ އަނބިކަނބަލުންގެ ބޭބެ އެވެ.) ބިންހިއްކައިގެންވެސް ބިން ބޮޑުކުރެވެން ނެތް އެރަށަކީ، ހަނަފަސް ރަށެކެވެ. ރަށުތެރޭގެ ވެލިގަނޑު ހަރަކާތްކުރަނީ ވަޔާއެކު "ދެއްސަޅަށް" ފަހިކޮށެވެ. ރަށުގެ އާބާދީގެ ކުޑަކަމާއެކު އިޤްތިޞާދީ، ތިޖާރީ، ތަޢުލީމީ އަދި ޢިމްރާނީ ދުޅަހެއުކަން އެންމެއެދެވޭ މިންވަރަށް ފައްކާވެފައި ނުވިކަމަށް ވިއަސް، އެއެރަށުގެ "ހުކުރުމިސްކިތް" ވަރަށް ތަނަވަސްކަމުގައި ދަންނަވަން ޖެހެއެވެ.


އިސްވެ މިދެންނެވި ކަންކަން އެގޮތަށް ހުރިކަމަށްވިއަސް އެރަށަށް ނިސްބަތްވާ ތާޖަރުންނާއި، ޝާއިރުންނާއި، މުއައްރިޚުންނާއި، ޢިލްމުވެރީންނާއި، ސިޔާސީ މުދައްބިރުންނާއި އަދި އެހެނިހެން ފަންތިތަކާއި، ގިންތިތަކުގެ ބޭފުޅުން މަދެއް ނޫނެވެ. އެހެންނަމަވެސް އެފަދަ ފަރާތްތަކުގެ ޚިދުމަތްތައް ފާހަގަކުރެވިފައިވަނީ، މާލޭގެ ފަސްގަނޑުންނެވެ. އާދެ! އަޅުގަނޑު ދެކޭގޮތުގައި، ދިވެއްސެއްގެ ޚިދުމަތް ދިވެހި ރާއްޖޭގެ ކޮންމެ ފަސްގަނޑަކުން ލިބުނުކަމަށްވިއަސް އެޚިދުމަތަކީ، އެންމެހާ ދިވެހީންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކެކެވެ. އެކަމުގައި ފަސްގަނޑަށް ބަރޯސާވުމަކީ، މުހިންމެއް ނޫނެވެ.

މުޙައްމަދު ފަރީދު ވަޑައިގެން "ޤާނޫނު އަސާސީ" ހަވަރަށް ދެއްވައިފިއެވެ. އެވަޤުތު ފުންމައިގެންއަރާ އެންމެ ފުރަތަމަ ޤާނޫނު އަސާސީގައި ހިއްޕެވީ، ގަލޮޅުގޭ އިބްރާހިމް ދީދީއެވެ. ދެން ގުޅީއީސާ ކަލޭފާނާއި، ކަޅުބެހޮއްކޮއާއި، އެންމެންވެގެން މިއީ ޤާނޫނޫ އަސާސީތޯ ރަނގަޅަށް ބަލާށޭ ގޮވަމުން ދިޔައެވެ.} (ވިހިވަނަ ޤަރްނުގެ ތެރޭގައި ދިވެހިރާއްޖެ 1 ޞ:30)

މިއީ އެރަށާއި ގުޅިގެން ފާހަގަކުރެވޭ ސިޔާސީ ޝަޚްޞިއްޔަތެކެވެ. މީލާދީން 1903 ން 1934 އާއި ދެމެދު ރަސްކަންކުރެއްވި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނު (3ވަނަ) ގެ ރަސްކަމުގެ ދުވަސްވަރު ރާއްޖޭގެ ސިޔާސީ ދާއިރާއިން ފާހަގަކުރެވުނު އެންމެބޮޑު އެއްމަހުޖަނަކީ، އަލްމަރުޙޫމް ގުޅީއީސާ ކަލޭފާނެވެ. އޭނާއަށްދެއްވި "ސިޔާސީ" އަދަބަކީ، މާލޭގައިހުރި އޭނާގެ ގޯތިގެދޮރާއި، މުޅިމުދާ ނީލަންކިއުމަށްފަހު، އައްޑުއަތޮޅަށް އަރުވާލުމެވެ. ގދ.ތިނަދޫ / މާކޯނި ޢަބްދުއްޞަމަދު ޙުސައިން ބުނުއްވީ، އޭނާގެ މިލްކިއްޔާތުގެތެރެއިން އޭނާއަށް ލިބުނީ، ހަމައެކަނި އަވިކުޑައަކާއި، ލޮލޮގައިއަޅާ އައިނުކަމަށާއި، ކުޑައިގެ މުއްގަނޑާއި އައިނުގެ ދުނިގަނޑު ހަދާފައިވަނީ ޚާލިޞް ރަނުން ކަމަށާއި، އޭނާ ބޭނުންކުރައްވަނީ ރަންކަސަބު ފަށަކުން ވިޔެ ޖަރީކޮށްފައިވާ ފޮއްޗަކުން ފަހާފައިހުންނަ ބަނޑުފެޅިލިބާހެވެ. ލަންޑަނުގައި އުފައްދާ އެލިބާސްތައް ރާއްޖެއަށް ގެންނަނީ، ކޮޅުބުންނެވެ.  ނީލަންކިޔާފައިވާ އޭނާގެ ގޯތިތައް މާލޭގައި މަދެއް ނޫނެވެ.

ބޯރާވިޔަފާރިވެރިން، ރާއްޖޭގައި ވިޔަފާރިކުރި ދުވަސްވަރު، ވިޔަފާރީގެ ގޮތުން، ދިވެހި އުޑުދަށުން، އެންމެ ބޮޑަށް ފާހަގަކުރެވުނު ދިވެހި ބޭފުޅަކީ، ގަލޮޅުގޭ އަލްމަރުޙުމް އަލިދޮށިމޭނާ ކިލެގެފާނެވެ. އޭގެފަހުން ދެން ފާހަގަކުރެވުނު އަނެއް ބޭފުޅަކީ، އަލްމަރުޙޫމް ގުޅީއީސާ ކަލޭފާނެވެ. އޭނާއަކީ، އަލްމަރުޙޫމް އައްޝޭޚް ޢުމަރު ޢީސާގެ ބައްޕައެވެ. ތަރުޖަމާ ކުރެއްވުމަށް ކުޅަދާނަ ޢުމަރު އީސާ އަކީ، މޮޅު ލިޔުން ތެރިއެކެވެ. ލޯބީގެ ޖަޒްބާތުގެތެރެއިން ސިޔާސީ ވެއްޓެއް ދައްކުވައިދޭ ވާހަކައެއްކަމަށްވާ "ކައުންޓް އޮފް ދަ މައުންޓް ކްރިސްޓޯ" އެ ފޮތަކީ ޢުމަރު ޢިސާގެ ތަރުޖަމާ އެކެވެ. އެފޮތް ވިދާޅުވެލައްވައިފިނަމަ، ޢުމަރު ޢިސާ އާއި ބެހޭގޮތުން އަޅުގަނޑު މިދެންނެވި ބަހުގެ ހެއްކަކަށް ފުދޭނެއެވެ. ނޮވެލްޓީ ޗާޕްޚާނާއިން ނެރޭ އިހުގެ އަދީބުންގެ ލިޔުއްވުން" ގެ ބައެއް ފޮތްތަކުންވެސް އޭނާގެ ލިޔުންވުންތައް ފެނިވަޑައި ގަންނަވާނެއެވެ. ޢުމަރު ޢީސާއަކީ، އަދަބީ، ސިޔާސީ އަދި ޢިލްމީ ރޮނގުން ފާހަގަކުރެވޭ ބޭފުޅެކެވެ.

އާދެ! އައްޝޭޚް ޢުމަރު ޢިސާ ފިޔަވައި ދެން އަޅުގަނޑަށް ފާހަގަކުރެވޭ އަނެއް ބޭފުޅަކީ، ގުޅީ އަލްމަރުޙޫމް މުޙަންމަދު ވަސީމު (ޖީ.އެމް.ވަސީމު) އެވެ. އޭނާގެ ލިޔުއްވުންތަކާއި، ޅެންތައް "ފަތްތޫރަ" ތަކުން އަޅުގަނޑު ދުށީމެވެ. އަޅުގަނޑު ދަންނަވާނީ އޭނާއަކީވެސް އަދަބިއްޔާތުގެ އުސްތާޒެއް ކަމުގައެވެ. އެހެންނަމަވެސް އެނާ އާއި ބެހޭގޮތުން މަޢުލޫމާތު އަދި އަޅުގަނޑު ހޯދާފައި ނުވާތީ، ވަކިއެއްޗެއް ދަންނަވާކަށް ނޭނގެއެވެ. ހަމައެކަނި އަޅުގަނޑަށް އެނގޭ މިންވަރަކީ، އޭނާއަކީ "ޝާޢިރާނާ ފަތިހެއް" ކަމާއި އަދި އޭނާ އަކީ "ފަރިހި" ހެއްދެވުމަށް ކުޅަދާނަ ފަންނާނެއް ކަމެވެ. އެގޮތުން، ޖޭމުދޮންކަމަނަގެ ޖާޒުބީ އަޑުން ކިޔާފައިވާ "މިފަހަރުކުރިދަތުރުގެ ޠޫފާނުން ހިތް ކުދިކުދި އަދުވެއްޖޭ ދެން" މިއީ ޖީ.އެމް.ވަސީމު ހައްދަވާފައިވާ ފަރިއްސެއްކެވެ.

މިފަހަރުކުރިދަތުރުގެ ޠޫފާނުން ހިތް ކުދިކުދިއަދުވެއްޖޭދެން

މިފަހަރުކުރިދަތުގެ ހެނދުނާ ދަތުރަށްނުހަދާ އޮނަވިހިމީހުންލައިގެން
(ހެނދުނާ ދަތުރަށްނުހަދާ އޮނަވިހިމީހުންލައިގެން)
އެދުވަހުއުފަލުންނޭ މާފުށި ގުރައިދޫ ދަތުރަށްއެދިފެއްޓީމެ
(އެދުވަހު އުފަލުންނޭ މާފުށި ގުރައިދޫ ދަތުރަށްއެދިފެއްޓީމެ)
މިފަހަރުކުރިދަތުރުގެ ދުވެފާކަނޑުދެބަޔަށްދެން ހުއްޓާނެގިފުސްކޮޅަކުން
(ދުވެފާކަނޑުދެބަޔަށްދެންހުއްޓާނެގިފުސްކޮޅަކުން)
ދުވެލީގާ ހަރުކޮށްދީލާފާގޮސް ބޮޑުހުރަޔަށް ޖެއްސީމެ
(ދުވެލީގާ ހަރުކޮށްދީލާފާގޮސް ބޮޑުހުރަޔަށް ޖެއްސީމެ)
މިފަހަރުކުރިދަތުރުގެ ތިއްބާބޮޑުހުރަޔަށްގޮސް ފުސްގަނޑުމަޑުހަނުވީމާ
(ތިއްބާބޮޑުހުރަޔަށްގޮސް ފުސްގަނޑުމަޑުހަނުވީމާ)
މިންޖުވެވޭތޯމިކަމުން ގުޅިއަށްދާންދަތުރުނަގާއައިފީމެ
(މިންޖުވެވޭތޯ މިކަމުން ގުޅިއަށްދާންދަތުރުނަގާއައިފީމެ)
މިފަހަރުކުރިދަތުގެ ކަނިހަމަޔަށް އަނބުރާފާ ދުއްވާފާދިނުކޮށްދެން
(ކަނިހަމަޔަށް އަނބުރާފާ ދުއްވާފާދިނުކޮށްދެން)
މަނިއަފަރަށް އެވަގުތުބަންޑުންވީމާ ގިސްލާފާރޮއިލީމެ
(މަނިއަފަރަށް އެވަގުތުބަންޑުންވީމާ ގިސްލާފާރޮއިލީމެ)
މިފަހަރުކުރިދަތުރުގެ އެވަގުތުއައިސްހަމަކޮށްލީ މާފުށިބޮޑުމަސްދޯންޏަށް
(އެވަގުތުއައިސްހަމަކޮށްލީ މާފުށިބޮޑުމަސްދޯންޏަށް)
އެވަގުތުއެންމެން ރޮއިފާ މިކަމުން ބަލަ މިންޖުކުރާށެގޮވީމެ
(އެވަގުތު އެންމެންރޮއިފާ މިކަމުންބަލަ މިންޖުކުރާށެގޮވީމެ)
މިފަހަރުކުރިދަތުރުގެ ނަމަވެސް އެއިންމީހަކުދެން މިވަނީކީއްތޯނުބަލާ
(ނަމަވެސް އެއިންމީހަކުދެން މިވަނީކީއްތޯނުބަލާ)
ހަމަރިޔަލަށް ވައިއަޅުވާލާފާ ދިއުމުން ހިއްދަތިކޮށްލީމެ
(ހަމަރިޔަލަށް ވައިއަޅުވާލާފާ ދިއުމުން ހިއްދަތިކޮށްލީމެ)
މިފަހަރުކުރިދަތުރުގެ ލަސްނުވެފެންނަށްއެފެށީ ފެންމަތިވީ ޤަބުރުތަކޭ
(ލަސްނުވެފެންނަށްއެފެށީ ފެންމަތިވީ ޤަބުރުތަކޭ)
އަސްތާއޭގޮވަމުންފަތަމުންގޮސްއެންމެންއެއްކޮށްބަނދެލީމެ
(އަސްތާއޭ ގޮވަމުންފަތަމުންގޮސްއެންމެންއެއްކޮށްބަނދެލީމެ)
މިފަހަރުކުރިދަތުރުގެ ތިންގަޑިއިރުފަހުގާދެން މިންޖުވެގެންމިކަމުންގޮސް
(ތިންގަޑިއިރުފަހުގާދެން މިންޖުވެގެންމިކަމުންގޮސް)
ތިންހަތަރުޤަބުރުގުޅިއަށް ގެންގޮސްމިސްކިތްދޮށުގާވަޅުލީމެ
(ތިންހަތަރު ޤަބުރުގުޅިއަށް ގެންގޮސްމިސްކިތްދޮށުގާވަޅުލީމެ)
މިފަހަރުކުރިދަތުގެ ގެއްލުނުތިންމީހުންނަށް ލެއްވުންއެދިގެން ރަޙްމަތް
(ގެއްލުނުތިންމީހުންނަށް ލެއްވުންއެދިގެން ރަޙްމަތް)
ދެންމިފަދަ މުސީބާތެއް ނުމެދެއްކެވުމަށްމަދުޢާކޮށްލީމެ
(މިފަހަރުކުރިދަތުރުގެ.......................)  (ނުނިމޭ)