ރާއްޖެއިން ތެޔޮ ފެނޭތޯ ބެލުން - 1
















މިދުވަސްވަރަކީ އެކިއެކި ވަޢުދުތަކުގެ ދުވަސްވަރެކެވެ. ރިޔާސީ އިންތިޚާބް ކައިރިވަމުން އަންނާތީއެވެ. މި ވަޢުދުތަކަކީ އިންތިޚާބުގައި ވާދަކުރައްވާ ބޭބޭފުޅުން، އެބޭބޭފުޅުންގެ ޤާބިލުކަމާއި، ކެރިފޯރުންތެރިކަން ހާމަކޮށްދެއްވުމަށްޓަކައި ވިދާޅުވަމުންގެންދަވާ ވާހަކަފުޅުތަކެއްކަމަށް ޤަބޫލުކުރައްވާ މީހުންވެސް މަދެއްނޫނެވެ. ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާގޮތުގައި ތެޔޮފެނިއްޖެނަމަ، ފަތުރުވެރިކަން ދަށަށްދާނެއެވެ
.

ނަމަވެސް އަޅުގަނޑުދަންނަވާނީ، ޤުދުރަތީވަޞީލަތްތަކާއި، މަސްނޫޢީ ވަޞީލަތްތަކުގެ ބޭނުމަކީ އިންސާނުން ތަރައްޤީވުމަށްޓަކައި ބޭނުންކުރާ ކަންކަމެވެ. ތަރައްޤީވުމަށްޓަކައި ބޭނުންކުރާ ކޮންމެ ވަޞީލަތަކީވެސް "އެވަޞީލަތެއްގެ ސަބަބުން" ދީނާއި ދުނިޔޭގެ މަޞްލަޙަތަށް ގެއްލުމެންނުވާނެ ކަމެއްކަމަށްވާނަމަ، މައްސަލައެއްއޮތް ކަމެއް ނޫނެވެ.

ޤުދުރަތީ ވަޞީލަތްތައް ހޯދުމަށްޓަކައި މަސައްކަތްކުރުމަކީ، ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއްކަމަށެވެ. އިންސާނުންނަށް ލާހިކު ކޮންމެކަމަކީވެސް ގަދައަޅާ މަސައްކަތްކޮށްފި ނަމަ، ކުރެވޭނެ ކަންކަމެވެ. ބުރަމަސައްކަތުން މެނުނީ ރަނަޅު ނަތީޖާއެއް ނުނިކުން ނާނެ އެވެ. ދުނިޔޭގެ އެއްވެސް ޤަވްމަކުން ދުނިޔޭގައި ލެއްވިހާ ވަޞީލަތްތަކެއް ލިބޭކަށް ނުހުރެއެވެ. އަދިހަމައެއާއެކު އެއްވަޞީލަތަކާ އެކު، ތާއަބަދު ދެމިއޮތް ޤަވްމުތައްވެސް ނެތެވެ. އެގޮތަށް ދެމިއޮވެވޭކަށްވެސް ނޯވެއެވެ. އެގޮތަށް އޮވެވޭނަމަ މިރާއްޖެ ތާއަބަދު ދެމިއޮތީހީ ބޮލީގެ ސިނާޢަތުގެ ނުވަތަ ކަނޑުމަހުގެ މަސްވެރިކަމުގެ ސިނާޢަތުގެ މަތީގަ އެވެ. ދުނިޔޭގެ ހުރިހާ ޤަވްމުތައް ދެމިއޮތީ ފަތުވެރިކަމުން ލިބޭ ނަފާއަށް ބަރޯސާވެގެންތޯ ނުވަތަ ނޫންތޯ ވިސްނާލަން އެބަޖެހެއެވެ. ޤުދުރަތީ ގޭހުގެ މުއްސަނދިކަން އޮތް ބަޔަކަށް ބޯޓްދެލީގެ މުއްސަނދިކަން ބޭނުންވާނެތޯއެވެ؟ ތެލުގެ މުއްސަނދިކަން އޮތް ބަޔަކަށް ރަންރިހީގެ މުއްސަނދިކަމެއް ބޭނުންވާނެ ތޯއެވެ؟

އާދެ! 1972 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި ފަތުރުވެރިކަމުގެ މުއްސަނދިކަމެއް ނެތެއްނޫންތޯއެވެ؟ އޭގެކުރިން އޮތީ ކަނޑު މަހުގެ މުއްސަނދިކަން ނޫން ތޯއެވެ؟ އެމެރިކާ މުއްސަނދިވީ ދުންފަތުގެ ސަބަބުންނެވެ. އެއީ ބްރައޯން ގޯލްޑް އެވެ. ގަލްފުގެ ޤަވްމުތައް މުއްސަނދިވީ ތެލުގެ ސަބަބުންނެވެ. އެއީ ބްލެކް ގޯލްޑް އެވެ. އޮސްޓްރޭލިއާ މުއްސަނދިވީ ރަނުގެ ސަބަބުންންވެ. އެހެން ނަމަވެސް ސިންގަޕޫރު މުއްސަނދިވީ މަސްނޫޢީ މަސައްކަތުންނެވެ. ދިވެހިރާއްޖެއަކީ އެއްބައްރުން އަނެއްބައްރަށް ދަތުރުފަތުރުކުރި މީހުން ހުރަސްކުރި ބަދަރުމަތީ ރަށްތަެކެވެ. މިރަށްތަކުގެ ފުރަތަމަ ވަޒަންވެރީންނަކީވެސް އެމީހުންވެ. ވުމާއެކު، މިއަދުވެސް ވަޔާއި، ކަނޑުގެ ދަތުރވެރީންނަށް ޚިދުމަތްތަކެއް ފޯރުކޮށްދީގެން މަސްނޫޢީ ސިނާޢަތެއް ޤާއިމުކުރެވިދާނެ އެވެ.

އަވައްޓެރި އިންޑިއާ އަކީވެސް ތެލާއި ދުރު ޤަވްމެއް ނޫނެވެ. އަދި ސިރިލަންކާ އަކީވެސް ތެލާމެދު އުންމީދުކުރެވޭ ޤަވްމެކެވެ. ނަމަވެސް އެޤަވްމަށް އޮތް ހުރަހަކީ ތެލާމެދު އުންމީދުކުރެވޭ އައްޓަކީ (ޕްލޭޓް) އިންޑިއާގެ ޕްލޭޓެއްކަމަށް ބުލެވޭތީ އެޅިފައިވާ ހިޔަންޏެވެ. މިރާއްޖެ އޮތީވެސް އިންޑިއާގެ އަށީގައެވެ. ވުމާއެކު ދިވެހިރާއްޖެ އުފެދުމާއި އަދި މިރާއްޖެއިން ތެޔޮފެނޭތޯ ކުރިން ކޮށްފައިވާ މަސައްކަތާމެދު ބަލާލަމާތޯއެވެ؟

އާދެ! "ރީ ޔުނިއަން" އަލިފާންފަރުބަދަ ގޮވުމާއި ދިވެހިރާއްޖެ އުފެދުމާމެދުމާމެދު ސައެންވެރިން ބުނަނީ، ގާތްގަނޑަކަށް މީގެ 136 މިލިއަން އަހަރުކުރިން ޕެންގިއާއީ ދެބަޔަކަށް ކެހިގެންގޮސް މާސިންގާ ބިޔަ ދެބައި އުފެދުނެވެ. އޭގެތެރެއިން އުތުރަށް އޮތް ބިޔަ އަދި ބޮޑުބަޔަށް ކިޔާ ނަމަކީ "ލޫރޭޝިއާ" އެވެ. ދެކުނުގަ އޮތް ބިޔަ އަދި ބޮޑު ބަޔަށް ކިޔާ ނަމަކީ "ގޮންޑްވަނަލޭންޑް" އެވެ. މިދެބައިގެ ދެމެދުގައި އޮތް މާސިންގާ ކަނޑަށް ކިޔާ ނަމަކީ "ޓެތީސް" އެވެ. ގޮންޑަވަނަލޭންޑް ބައިތަކަކަށްބައިވެ، އެޓްލާންޓިކް ކަނޑު  އުފެދި އެކަނޑު ބައިވެ، އެފްރީކާ ބައްރާއި، އެމެރިކާ ބައްރު އުފެދުނެވެ.

އަލިފާންފަރުބަދަ ގޮވައި އެއިން ފޭބި އޮލައަލިފާންކިސަޑް (ލާވާ) އިން އުދެނުނު ޓެކްޓޯނިކް އަދި ޖިއޮލޮޖިކް އަށި، ބިންގަނޑުގެ އަޑިން ގޮވި ގޮވުމަކާއި ގުޅިގެން އެދި އެޙަްރަކާތުގައި ކައްސާލި ކައްސާލުމެއްގެ ސަބަބުން ކަނޑުގެ ނުވަތަ ފެނު އަޑީގެ ތަރަހަ ސިފަވެގެން ދިޔައެވެ. ކުއްލިއަކަށް މެދުވެރިވި މިބޮޑު ޙަރަކާތާއި ގުޅިގެން ލޫރޭޝިއާ ކުދިކުދިވެ، މީގެ 66 މިލިއަން އަހަރު ކުރިން އުތުރު ބައްރު އުފެދި ފުރިހަމަވެފައި ވެއެވެ. އިންޑިއާ ކަނޑު އުފެދެންފެށީ މީގެ 150 މިލިއަން އަހަރު ކުރިންނެވެ. އެދުވަސްވަރު އިންޑިއާ އަކީ، ގޮންޑަވަނަލޭންޑް މާބައްރުގެ ދެކުނު ބައެކެވެ. އޭޝިއާ އަކީ، ލޫރޭޝިއާ ބިމުގެ އުތުރުގެ މާބައެކެވެ. އެދުވަސްވަރު ޓެކްޓޯނިކްސް ތަކަށް ލޮޅުންއައިސް އިންޑިއާ އެކުލެވޭ ބިމުގެ އަށި މަޑުމަޑުން އުތުރަށް ކައްސަމުން ދިޔައެވެ. އިންޑިއާ ކަނޑުގެ ތެރެއިން މިއަށި ހަރާތްކުރުމުންދިޔައިރު ހޫނުމާއްދާތަކާއި ގުޅި ލާމެހިގެން ދިޔައެވެ. މިހޫނު ކުނޑިތައް އެކުވެ، އުފެދިފައިވާ ބަޔަކީ، ގާތްގަނޑަކަށް މިހާރުގެ ރީޔުނިއަން އައިލެންޑެވެ. މިހޫނު ދަގުއިތައް ނުވަތަ ކުރިން ބުނެވިދިޔަ "ލާވާ" ތައް ދިވެހިރާއްޖެ އުފެދުމަށް (އާދަޔާޚިލާފް) ވަރަށްއިސް ދަވްރެއް އަދާކޮށްފައި ވެއެވެ.

ސައިންސުގެ ހޯދުންތަކުން ކަށަވަރުކޮށްދެނީ، އިންޑިއާގެ މައިވަންތަ އަށީގެ ބޮޅުތަކާއި ދިވެހި ރާއްޖޭގެ އަށީގެ ބޮޅުތައް ނުވަތަ ދިވެހިރާއްޖެ އުފެދިފައިވާ (RIDGE) ޗާގޯސްގެ ރަށްތަކުން ފެށިގެން އުތުރަށްގޮސް ދިވެހިރާއްޖޭގެ ރަށްތަކާއި އަދި ލަކްޝަދީޕް ވެސް ފަހަނަޅާ ހޮޓް ސްޕްޓްގެ ކުންނާއި ހަމަޔަށް  ވާސިލުވެފައިވާކަމެވެ. އަލިފާން ފަރުބަދައިން ފޭބި ދަގުއި އިން އުތުރަށް ދެމިގެންދިޔަ ބައިގައި އިންޑިއާގެ (އިންޑިއަން މައިވަންތަ) އަށި އުފެދި ހިމޭންވި އެވެ. އިންޑިއަން އަށި އުތުރަށް ކުރިދަތުރު ނިމިފައިވަނީ އޭޝިއާގެ ދެކުނު އައްޓާއި ހަމަޔަށެވެ.އެހިސާބަށް ދެމިގެން ދިޔަ ދިއުމުގައި އުފެދުނު ވަރަށްބޮޑު އަދި ބިޔަ ކުރުގެޅުމަކަށް ނިމުމެއް އައީ، ހިމާލިޔާ އަށީގެ ބޮޅުތަކާއި އެކުވެ، ހިނގި މުޑިއެރު މެއްގައެވެ.އެ ހަރަކާތުގައި އިންޑިއާ ކަނޑުގެ އަޑީގެ ތިލަވަތްގާ އުފެދި (ފަށަލަ ތަކެއްގެ ގޮތުގައި) އަނތުނަރު ނުވަތަ ގޮނޑުދޮށްތައް ސިފަވެފެ ނިމުމަކަށް އައެވެ.

މުސްކުޅި ރީޔުނިއަން އަލިފާން ފަރުބަދަ ގޮވައި އެއިން ފޭބި ލާވައިން ދިވެހިރާއްޖޭގެ ސިފަ އެކުލެވި ވަރަށް ދިގު މުއްދަތެއްގެތެރޭގައި (ވަރަށްވެސް ލަސްލަހުން) އުފެދި، އިންޑިއާ ކަނޑުގައި މާބަޑުވެ އެކަނޑަށް އުފަންވެ، މިހާރު މިއޮތްގޮތަށް މިރާއްޖެ ބުރުސޫރަ ކުރެވުނީއެވެ. އަލިފާން ފަރުބަދައެއްގެ މަތީގައި އޮތް ޓެކްޓޯނިކް ޕްލޭޓެއްގެ މަތީގައި އޮތް ދިވެހިރާއްޖޭގެ ރަށްތަކުގެ ބިންގަލުގެ އަސްލުކަމަށްވާ ފަރުބަދަ ލަސްލަހުން އިންޑިއާ ކަނޑަށް ޣަރަގުވެ، އެފަރުބަދަ މަތީގައި ކުނޑި އުފެދި އެފަރުބަދަމަތީގައި ތަތްވެ އެފަރުބަދައިގައި އުފެދުނު މަތީފަށަލަ އަކީ ދިވެހިރާއްޖޭގެ ބިމުގެ ބިންގަލުގެ އަޞްލެވެ. އޭގެ މިލިއަން އަހަރުތަކަށްފަހު، އިސްވެ ލިޔެފައިވާ ލޮނދި ފަށަލައިގެ ކުނޑިތަކަށް ދިރުންލިބި އެ ފަރުބަދަމަތީގައި އުފެދި ބޮޑުވި މުރަކައިގެ އަސްލަކީ (މުރަކައިން އުފެދިފައިވާ) މި ދިވެހިރާއްޖޭގެ ރަށްތަކެވެ. މުރަކައިން އުފެދެނީ ދޮންވެއްޔެވެ. ދިވެހިރާއްޖެއާއި މަލިކާއި އަދި ފޯޅަވަހީގައި ވަނީވެސް ދޮންވެލިން އުފެދިފައިވާ ޖަޒީރާތަކެކެވެ. (ދިވެހިރާއްޖެ ކުރިންއޮތީ އެހެން ސަރަހައްދެއްގައި ކަމަށްވާނަމަ، އަލިފާންފަރުބަދަ މަތިން ރާއްޖޭގެ އަށި މިވަނީ ކައްސާލާފައެވެ.) ލިޔެވިފައިނުވާ އަދި ހުސްކަމެއްގެ ތެރެއަށްގޮސް ގެއްލިފައިވާ ތާރީޚުން އެނގޭގޮތުގައި ދިވެހިރާއްޖެއޮތް އަށި އުފެދުފަހުން މިހާރު 225 މިލިއަން އަހަރަށްވުރެ ގިނަވެދާނެކަމަށް ބެލެވެއެވެ. (ރީޔުނިއަން އަލިފާފަރުބަދަ ހިމެނޭ ސަރަޙައްދަކީ މަޑަގަސްކަރައިގެ ދެކުނތަނޑީގައި މޮރިޝަސްގެ އިރުމަތީ ބިތުގައި އިންޑިއަން އޯޝަން އެވެ.)

ރާއްޖޭގެ ހަފަރާތަށް ބަލާލާއިރު ރާއްޖޭގެ އުތުރުގައި އޮތީ، ލަކްޝަދީޕް އައިލެންޑްސް އެވެ. ލަކަޑީވް އައިލެންޑްސްގެ އުތުރަކީ، އެރެ ބިއަން ސީ އެވެ. ލަކްޝަދީޕްގެ ހުޅަނގު އުތުރުން އެންމެ ފާހަގަކޮށްލެވޭތަނަކީ، ސުއްކަތުރާއެވެ. އެއީ ޔަމަނުކަރައިގެ ދާއިރާއެވެ. ލަކްޝަދީޕް އާއި ޖެހިގެން ދެކުނުގައި އޮތީ މަލިކެވެ. މަލިކާއި ޖެހި މަލިކު ކަނޑުގެ ދެކުނަށް އޮތީ ދިވެހިރާއްޖެ އެވެ. ދިވެހިރާއްޖޭގެ އިރުމަތީގެ ކަނޑަކީ ލަކަޑީވް ސީ އެވެ. ރާއްޖޭގެ ދެނުގައި އޮތީ ޗާގޯސްގެ ރަށްތަކެވެ. ޗާގޯސް އާއި ޖެހިގެން ދެކުނަށް އޮތީ ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވަސެވެ. އެ ދިމާއިން ދުރު ހުޅަނގުގައި އޮތީ ސީޝެލްސް އެވެ. ރާއްޖޭގެ ދެކުނުގައިއޮތީ، ފޯޅަވަހި ނުވަތަ ޑިއެގޯގާރސިއާ އެވެ. ރާއްޖެއާއި ޑިއެގޯ ގާރސިއާ އާއި އިދެމެދުގެ ދުރުމިނަކީ 420 ވަރަކަށް މޭލެވެ. ރާއްޖޭގެ އިރުމަތީ ބިތުގައި އޮތީ، އިންޑިއާ އެވެ. ހުޅަނގުބިތުގައި އޮންނަނީ، ސޯމާލިއާ އެވެ. ދިވެހިރާއްޖެ އޮތީ އީކްއޭޓަރުގެ ހަތްދިހަ ޑިގްރީގައެވެ. ރާއްޖޭގެ އަނެއްފަރާތަކީ، މާސިންގާ ޕެސިފިކް ކަނޑުގެމެދެވެ. އެއީ އީކްއޭޓަރުގެ އަނެއްފަރާތުގެ ސަތޭކަ ސާޅީސް ޑިގްރީއަށް ސީދާވާ ރޮގެވެ. އެއްވެސް ޤަވްމަކާއި ދިވެހިރާއްޖެ އާއި ބިމުގެގޮތުން ދިމާނުވެއެވެ. ޕެސިފިކް ކަނޑަކީ ބޮޑުމިނަކީ 000،000،181 އަކަކިލޯ މީޓަރެވެ. އެއީ ބިމުގެ ބޮޑުމިނުގެ ގާތްގަނޑަކަށް 3/1 އެވެ. އެކަނޑުގެ ދެކުނުބިތަކީ ދެކުނުސީ އެވެ. އެކަނޑުގެ ފުންމިނަކީ 15215 ފޫޓެވެ. ނަމަވެސް އެންމެ ފުން ނުކުތާއަކީ 36200 އަކަފޫޓުގެ މެރިއާނާ ޓްރަންޗެވެ. ހަވަނަ ފަރާތަކީ، ހުސްކަމެއްގެ ތެރެއަށްގޮސް ގެއްލިފައިވާ ހަވާ އެވެ.

އާދެ!  ރާއްޖޭގެ ބައެއް ރަށްރަށުގައި 1980 ގެ ކުރީކޮޅު ކުރި އާކިއޮލޮޖިކަލް ދިރާސާތަކަކަށްފަހު ނޯވޭގެ އާކިއޮލޮޖިސްޓް ތޯ ހައިދާލް ވިދާޅުވެފައިވަނީ ރާއްޖޭގައި މީހުން ދިރިއުޅެން ފެށި ތާރީޚް ވަރަށް ފަހަތަށް ދާކަމަށެވެ. ފ. ނިލަންދޫގައި ހުރި ވީރާނާވެފައިވާ ފައްޅިއެއްގެ ގާކޮޅެއް ލެބޯޓްރީގައި ތަހްލީލްކޮށް ބެލުމަށްފަހު ބުނެފައިވަނީ، އެއީ މީލާދީން 550 ގެ ތާރީޚެއްގެ ތަނެއްކަމަށެވެ. އަދި އޭނާ ނިންމެވި ގޮތުގައި ޔޫރަޕްގެ ގައުމުތަކުން އިންޑިއާ ކަނޑުގެ ސަރަހައްދަށް އައުމުގެ 1000 އަހަރު ކުރިން ވަރަށް ކުރިއަރާފައިވާ ހަޒާރަތެއް ރާއްޖޭގައި އޮތެވެ. އަދި ތޮއްޑޫން ވަނީ 90 ބީސީގައި ރޯމުގައި ބޭނުންކުރި ވައްތަރުގެ ފައިސާ ފޮއްޗެއްވެސް ފެނިފައެވެ. އަދި 2000 ބީސީގެ ކުރިން ޗައިނާ ފަދަ ގައުމު ނުވަތަ ސަގާފަތްތަކާއި ގުޅިފައިވާ ތަށި ފަދަ ތަކެތީގެ ބައިތައްވެސް ފެނިފައިވެއެވެ.  ރާއްޖޭގައި މީހުން ދިރިއުޅެން ފެށި ތާރީޚާ ބެހޭ ގޮތުން ލިބިފައިވާ މައުލޫމާތު ފިޔަވައި އިތުރު މައުލުމާތުތަކެއް އަދި އާއްމު ވެފައެއް ނެތެވެ. ރާއްޖެ، ގުރދުރަތީ ގޮތުން އުފެދިފައިވަނީ ކޮން އިރަކު ކިހިނެއް ކަމެއް އެހާ ބޮޑަކަށް ނޭނގެއެވެ. އެހެން ނަމަވެސް، ރާއްޖެ ޠަބިޢީ ގޮތުން އުފެދިފައިވާ ގޮތާއި އަދި އެންމެ ފުރަތަމަ ރާއްޖެ އުފެދުނުކަމަށް ލަފާކުރެވޭ ގޮތުގެ ދިރާސާ އެއް ވަނީ، އެމެރިކާގައި ހަދާފައެވެ.

ރާއްޖޭގައި ތެޔޮ ހުރިތޯ ބެލުމަށް ފަރަންސޭސި ވިލާތުގެ އެލްފް އަކުއިޓޭން އިން 1968އާއި 1978 އާ ދެމެދު އަދި ހޮލެންޑްގެ ރޯޔަލް ޑަޗް ޝެލް އިން  1989 އާއި 1991 އާ  ދެމެދު ކަނޑުގެ އަޑިން ބިން ތޮރުފައިގެން ހޯދި މާޢުލޫމާތު ދިރާސާކުރުމަށްފަހު އެމެރިކާގެ ދެ ސައެންސްވެރިއަކު ވިދާޅުވެފައި ވަނީ ރާއްޖެ އުފެދިފައި ވަނީ ގާތްގަނޑަކަށް މީގެ 50 މިލިއަން އަހަރު ކުރިން ކަމަށެވެ.