ދިވެހިބަހުގެ އެކެޑަމީ އިން ނެރުއްވާފައިވާ "ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން"(2010) ގެ ފުރަތަމަ ޗާޕުން ފެށިގެން މިފޮތުގެ 4 ވަނަ ޗާޕު (2022) ކުރެއްވި އިރުވެސް އެފޮތުގައި ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅުގެ ނަންފުޅެއްކަމަށް ލިޔުއްވާފައިވަނީ "ކަކުނިދިޔޯ"އެވެ. މިހެންވުމާއެކު އެކަމަނާއަކީ ކޮންބޭފުޅެއްކަން އެނގިވަޑައިގަންނަވާ ބައެއް ބޭބޭފުޅުން އެސުވާލު އުފައްދަވައެވެ.
މިހެންވެފައިވަނީ، މީގެ
އަހަރުތަކެއްގެ ކުރިން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން
ނެރުއްވި ފަތްތޫރައިގެ ނަމްބަރެއްގައި ފުންނާބު އުސް ދިވެހި މުއައްރިޚަކު، އޭނާއަށް އެހާތަނަށް
ހޯއްދެވުނު މަޢުލޫމާތުގެ މައްޗަށް ބިނާކުރައްވައި ލިޔުއްވި ލިޔުއްވުމަކާއި
ގުޅިގެންކަމަށް ވެދާނެއެވެ. ކުރީގެ ދިވެހި މުއައްރިޚުންނަކީ ވަރަށްބޮޑެތި އުނދަގޫ
އުފުއްލަވައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުފުޅު ކުރައްވައި އެހިނދަށް
ފެނިވަޑައިގަންނަވަން ހުރި އެކި ލިޔުންތައްވެސް ބައްލަވައި ދިރާސާކުރައްވައި އުޅުއްވި
ޝުކުރު ޙައްގު ބޭބޭފުޅުންނެވެ.
ކުރިންވެސް ދެންނެވިގޮތަށް ފަތްތޫރައިގެ
އެނަންބަރަށް ދިވެހި މުއައްރިޚު ލިޔުއްވާފައިވަނީ އޭނާއަށް އެހާތަނަށް ހޯއްދެވުނު
މަޢުލޫމާތުގެ މައްޗަށް ބިނާކުރައްވައިގެންނެވެ. އެލިޔުއްވުމުގައި ދެއްވަދޫ
ރަސްގެފާނުގެ މަންމައަކީ "ކުރަމަތީ އަބޫބަކުރުގެ ދޮންކަނބުލޯ، ނުވަތަ ދޮން މަރިޔަމް
ކަނބުލޯ(ކަކުނިދިޔޯ)" މިގޮތަށް އޮތުމުން މަރިޔަމް ކަނބުލޯއާއި ޖެހިގެން
ބްރެކެޓްގެ ތެރޭގައި އޮތް "ކަކުނިދިޔޯ" ރަހުންނާއި ރަނީންގެ ފޮތުގައި
ލިޔުއްވުނީކަމަށް ވެދާނެއެވެ. ނަމަވެސް ދޮންމަރިޔަމް ކަނބުލޯއަކީ ދެއްވަދޫ
ރަސްގެފާނުގެ މަންމާފުޅެއްނޫނެވެ.
އަދި ކުރިންލިޔުނު އެއްވެސްނަމެއްގެ ތެރޭ
ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅުގެ ނަންފުޅު ނެތެވެ. އެނަމަކީ އައިސާ ނުވަތަ
ޢާއިޝާއެވެ. މިހެންދެންނެވީ ދިވެހިބަހުގެ އެކެޑަމީއާއި ގައުމީ އަރުޝީފުގައި ހުރި
ދިވެހިރާއްޖޭގެ ކުރީގެ ފަތްކޮޅުތަކުގެ ތެރޭގައި ހިމެނޭ ފަތްކޮޅެއްކަމަށްވާ
ދެއްވަދޫ ރަސްގެފާނު ދެއްވަދޫއަށް ދެއްވި ވަގުފު ފަތްކޮޅެއްގައި އެރަދުންގެ
މަންމާފުޅުގެ ނަންފުޅު ސާފުކޮށް ލިޔުއްވާފައިވާތީއެވެ. އެއީ "އައިސާބީ"
(ޢާއިޝާ) އެވެ.
1 ޖުމާދިލް އައްވަލް 1106ހ. (ދެއްވަދޫ
ރަސްގެފާނުގެ ރަސްކަމުގެ 3ވަނަ އަހަރު) ގައި އެ ރަސްގެފާނު ދެއްވަދުއަށް ދެއްވި
ވަގުފުފަތްކޮޅެއްގައި [ތިމަން ރަދުންގެ ކާބަފައި އަބޫބަކުރު
ފަޑިޔާރުކަލޭގެއަށް އުފަން ތިމަން ރަދުންގެ މައި އައިސާބީގެ ދަރީގެދަރި މިރިމީންގެ
ކިބައަށް............] މިގޮތަށް ލިޔުއްވާފައި އޮތީމާ ދެއްވަދޫ
ރަސްގެފާނުގެ މަންމާފުޅުގެ ނަންފުޅަކީ އައިސާބީ ކަން
އޮޅުމެއްނެތި އެނގެއެވެ. މިފަތްކޮޅު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ
މަރުކަޒުގައި (މިހާރު ދިވެހިބަހުގެ އެކެޑަމީގައި) އެބައޮތެވެ. އަދި މީގެ ކޮޕީއެއް
އެތަނުގެ އިސްވެރިއަކު އަޅުގަނޑަށްވެސް ދެއްވިއެވެ.
އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ އަންހެން
ބޭފުޅުންގެތެރޭ ޢާއިޝާ ނުވަތަ އައިސާބީ ފިޔަވައި ދެން
ތިއްބެވި ދެ ބޭފުޅުންނަށްވެސް ޢަރަބިނަން ކިޔާފައިވެއެވެ. ދެއްވަދޫ ރަސްގެފާނުގެ
ރަސްކަމުގެ ތިންވަނައަހަރު ޛުލްޙައްޖު މަހު ފަނަރަވަނަ ދުވަހު ދެއްވަދޫގެ
ކުޑަމިސްކިތަށް އެ ރަދުން ލިޔެދެއްވި ވަގުފުފަތްކޮޅެއްގައި [ތިމަން ރަދުންގެ
ކާބަފައި އަބޫބަކުރު ފަޑިޔާރު ކަލޭގެޔާއި، މިކަލޭގެ އުފަން ދޮންމަރި
ދޮންކަބުލޯގެއާއި، މި ކަލޭގެ ތިބި ދޮންއާމިނާ ކަބުލޯގެޔާއި ..........] މިގޮތަށް
އެބަ އޮތެވެ. ދޮންމަރި ދޮންކަބުލޯއަކީ މަރިޔަމް އެވެ. ދޮންއާމިނާ ކަބުލޯއަކީ
އާމިނަތު އެވެ. މި ފަތްކޮޅުވެސް ދިވެހިބަހުގެ އެކެޑަމީގައި އެބަ އޮތެވެ. އަދި މީގެ
ކޮޕީއެއް އެތަނުގެ އިސްވެރިއަކު އަޅުގަނޑަށްވެސް ދެއްވިއެވެ.
ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅު
މަޝްހޫރުވެފައިވަނީ "އައިސާދިޔޯ"ގެ ނަންފުޅުންކަމަށް ވިޔަސް އެކަމަނާގެ
ދަރިކަލުން ދެއްވަދޫ ރަސްގެފާނުގެ ފަތްކޮޅެއްގައި އެރަދުންގެ މަންމާފުޅުގެ
ނަންފުޅަކަށް "އައިސާދިޔޯ" ބޭނުންފުޅު ނުކުރައްވާނެކަމަށް ބެލެވެއެވެ.
އެއީ "އައިސާ"ގެ ފަހަތަށް އަންނަ "ދިޔޯ"ގެ ސަބަބުންނެވެ.
ދިވެހިބަހުގައި "ދިޔޯ"ގެ މާނައަކީ "ރީތި އަންހެނާ" އެވެ.
"އައިސާދިޔޯ"ގެ މާނައަކީ "ރީތި އަންހެނާ ޢާއިޝާ" އެވެ.
މިހެންވުމުން ދެއްވަދޫ ރަސްގެފާނު އެ ރަދުންގެ މަންމާފުޅުގެ ނަންފުޅަކަށް
ބޭނުންފުޅުކުރެއްވީ "އައިސާބީ" އެވެ. އައިސާބީ، އާމިނާބީ، ޚަދީޖާބީ ފަދަ
ނަންތަކަކީ ކުރީގެ ދުވަސްވަރު ރާއްޖޭގައި ބޭނުންކުރި ނަންތަކެވެ.
ކުރީގެދުވަސްވަރު "ދިޔޯ"ގެ ކުރިއަށް
"ކަކުނީ" ގެނެސްފައިވަނީ އެއަންހެނެއްގެ ލޮލުގެ ކަޅިރަވައިގެ
ތޫނުކަމަށްޓަކަ އެވެ. ކަޅިރަވަ ތޫނުވުމަކީ ލޮލުގެ ބުރުޞޫރަ ރީތިކަމާއެކު
އަސަރުގަދަވުމެވެ. މިފަދަ ބައެއް އަންހެނުންނަކީ ހެދިހުރި ހަށިގަނޑުގެ
ބުރުޞޫރައިގެވެސް ފުރިހަމަކަމާއެކު އާދަޔާއި ޚިލާފު ރީތިކަމެއް ލިބިފައިވާ
ބަޔެކެވެ.
(ދިޔޯގެ ކުރިއަށް "ކަކުނީ" މިބަސް
ބޭނުންކޮށްފައިވަނީ ބައެއްކަހަލަ ކަކުންޏަކީ އޭގެލޮލުގެ ވިދުވަރު ގަދަ އަދި
ކަޅިރަވައިގައި އާދަޔާއި ޚިލާފު ރީތިކަމެއް ހުންނަ އެއްޗަކަށްވުމުން އެއަށް
ނިސްބަތްކޮށްކަމަށް ބުނެވެއެވެ. ދިވެހިބަހުގައި ކަޅިރަވަ ކިޔަނީ ލޮލުގެ
ބުރުޞޫރައަށެވެ.)
ހުވަދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ
ދަރިކަނބަލުން އައިސާބީއަކީ އެކަމަނާއަށް ޤުދުރަތުން ހަދިޔާކުރެއްވި
ނިޢުމަތެއްކަމަށްވާ އާދަޔާޚިލާފު ރީތިކަމަށްޓަކައި "ދެއްވަދޫ ރީތި
އަންހެންބޭފުޅާ" (ދެއްވަދޫ ކަކުނީދިޔޯ)ގެ ނަންފުޅުންވެސް މަޝްހޫރުކަން
ލިބިވަޑައިގަތް ބޭފުޅެކެވެ. މިހެންވީ ނަމަވެސް އެއީ އެކަމަނާގެ ޚާއްޞަ
ނަންފުޅެއްނޫނެވެ. އެކަމަނާގެ ޚާއްޞަ ނަންފުޅަކީ ޢާއިޝާ އެވެ. ނުވަތަ އައިސާ އެވެ.
މިއީ ޢަރަބި ކަލާމް ދެނެވަޑައިގަންނަވާ އަދި ޢަރަބި ނަންފުޅަކުން (އަބޫބަކުރު)
މުޚާޠަބްކުރާ ރާއްޖޭގެ މަޝްހޫރު ފަނޑިޔާރެއްގެ ދަރިކަނބަލަކަށްވީމާ އެކަމަނާގެ
ޢަރަބި ނަންފުޅެއް ނެތި ހަމައެކަނި "ކަކުނިދިޔޯ ނުވަތަ ކަކުނީދިޔޯ"
ނުކިޔާނެކަމީ ގަބޫލުކުރަންޖެހޭ ކަމެކެވެ.
------------------
ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ
/ ގދ. ތިނަދޫ
26 މޭ 2022މ.