މަހާނަމަތީ ކަނޑިން ޖެހުންކުރުދީ ޤަބީލާގެ ބޭފުޅެއްކަމަށްވާ "ޔޫސުފް ޞަލާޙުއްދީން ބިން އައްޔޫބީ" އުފަންވެވަޑައިގަތީ މީލާދީން 1138 ގަ އެވެ. އޭނާގެ ޢާއިލާ ދިރިއުޅުއްވީ ޢިރާޤުގެ ރަށެއްކަމަށްވާ ތިކްރީތުގަ އެވެ. ޞަލާޙުއްދީނުގެ ބައްޕައަކީ ނަޖްމުއްދީން އައްޔޫބް އެވެ. ތިކްރީތުގައި ބަންދުގައި ބެހެއްޓުމަށްފަހު، ނަޖްމުއްދީން ދެން ބަދަލުކުރީ "މޫސަލް" އަށެވެ. އޭރު މޫސަލްގެ ވެރިއަކަށް ހުންނެވީ ޒަންގީ ދަރިކޮޅުގެ ބާނީ ކަމަށްވާ އިމާދުއްދީން ޒަންގީ އެވެ. ސަލާހުއްދީނު އޭނާގެ ތަޢުލީމުގެ ފަހުބައި ނިންމަވާލެއްވީ ދިމިޝްގުން ނެވެ. ދިމިޝްގަށް އޭނާ ފޮނުވީ، ޢިމާދުއްދީން އަވަހާރަވެ، އޭނާގެ ދަރިފުޅު ނޫރައްދީން އަށް ވެރިކަން ލިބިވަޑައިގަތުމުން ނެވެ. ސިފައިންގެ މީހެއްގެ ވަޒީފާ ދިނުމަށްފަހު 1171 ގައި އޭނާ މީސްރަށް ފޮނުވި އިރު އެތަން އޮތީ، ފާޠިމީ ޚިލާފަތުގެ ބާރުގެ ދަށުގަ އެވެ. މިސްރުގައި އޮތް އޮތް ފާޠިމީ ޚިލާފަތު ބަލިކޮށް، ބަޣުދާދުގައި އޮތް ޢައްބާސީ ޚިލާފަތުގެ ދަށަށް މިސްރު ގެނެސް، މިސްރާއި، ސީރިއާގެ ވެރިކަން ސަލާހުއްދީން އައްޔޫބީ އަށް ލިބިވަޑައިގަތުމަށް ފަހު، އެތަނުގެ އިޤްތިޞާދީ ޙާލަތު ހަމަމަގަށް އަޅުވައި، ސިފައިންގެ ސަފުތައް އަލުން ރުކުރުވާ ލެއްވި އެވެ. ހޮސްޕިޓަލްތަކާއި، އިސްކޫލުތަކާއި، އެނޫނަސް އެފަދަ ކިތަންމެ ކަމެއް އަލުން އިންތިޒާމްކުރެއްވި އެވެ. 


ހަނގުރާމައި މައިދާނުގައި ސަލާހުއްދީން ވަނީ ގިނަގުނަ ކާމިޔާބީތަކެއް ހޯއްދަވާފަ އެވެ. "ގެރިއްލާ ހަނގުރާމަ" އަކީ ވެސް އޭނާގެ ތަޢާރަފުކުރެއްވި ޙަރަކާތެކެވެ. މިޞްރާއި، ސީރިއާ އާއި އަދި މިނޫނަސް އެސަރަޙައްދުގެ އެތައް ތަނެއް އޭނާގެ ކޮމާންޑަރު ކަމުގެ ދަށުގައި ފަތަޙަކުރެއްވި އެވެ. އޭރު ޔޫރަޕް ގައި އޮތް މުސްލިމު އުންމަތުގެ ބިންތައް އޮތީ ޔަހޫދީންގެ ބާރުދަށުގަ އެވެ. އަދި އޭޝިއާ އަށް އެމީހުން ބާރު ހިންގަ އެވެ. މުސްލިމު ޤަވްމުތަކުގެ ވެރީން ތިއްބެވީ، އަޚްލާޤީ، ގޮތުންނާއި، މާއްދީ ގޮތުން ފަރަންޖީ ޤަވްމުތަކުގެ ކުރިމަތީގައި ބަރަހަނާ ޙާލުކޮޅެއްގަ އެވެ. އިސްލާމީ ޤަވްމުތަކުގެ ވެރީންނަކީ، ޔަހޫދީންގެ އަންހެންކުދީން ކުޅެން ގެންގުޅޭ ބޯޅަތަކެއް ފަދަ ބައެކެވެ. އަރާމާއި، މަޖަލުގައި އެބޭފުޅުން ތިއްބަވަނީ އަބަދުވެސް ދެލޯފުޅު ބަރުވެފަ އެވެ. އިސްލާމީ ޤަވްމުތަކުގެ ވެރީން ލައްވައި "ޔަހޫދީން" ނުކުރުވާ ފާޙިޝް ޢަމަލެއް ނެތެވެ. 

މިޒަމާނުގެ ޓެކްނޮލޮޖީގެ ޢިބާރާތުން ދަންނަވާ ނަމަ، ބަރަހަނާ ވީޑިއޯ އެއް ނުވަތަ އޯޑިއޯ ނެތް އެއްވެސް ބޭފުޅަކު މަދުންނޫނީ މުސްލިމުންތެރޭގައި ނެތްކަމުގައި ދެންނެވުން އެއީ ދޮގަކަށް ނުވާނެ އެވެ. އެޙާލަތު ދަށަށް ދަމުން ގޮސް އިސްލާމުންގެ މިސްކިތްތަކުގައި އިމާމުންގެ ގޮތުގައި ނަމާދުކޮށް، ދީނީ މަގުދައްކަން ތިބީ ވެސް ޔަހޫދީން ނެވެ. ޤުރުއާން ދަސްކޮށްގެން ނެވެ. ޙަދީސް ޢިލްމުގެ އަލީގަ އެވެ. ނަމަވެސް އިސްލާމީ ޢަޤީދާ އާއި، ވައްޓަފާޅި މުޅީން ބަދަލުކޮށްގެން ނެވެ. މުސްލިމުންގެ ޙާލަތު ދަށަށް ދިޔަ މިންވަރު ހާމަކޮށްދިނުމުގެ ގޮތުން މުއައްރިޚަކު ލިޔުއްވާފައި ވަނީ، ޔަހޫދީން އެކަން ކޮށްދިނިއްޔާ މެނުވީ، މުސްލިމުންނަށް ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ވެސް އެދުވަސްވަރު ނޯވެ އެވެ. ރޫޙާނީ ޢަޤީދާ ގެއްލި މާއްދީ ޢަޤީދާ އަށް އެންމެން ތިބީ ހެއްލުންތެރި ކުރުވާފަ އެވެ. ވަޙްޝީގޮތުންނާއި، އަޚްލާޤީގޮތުންނާއި، މާއްދީގޮތުން ހައްދުފަހަނަޅާފައިވާ "ޔަހޫދީ ދަލުގައި" މުސްލިމުން ޖެއްސުމަށް ފަހު، ޔަހޫދީން ކުރިއަރަމުން ދިޔައީ، މުސްލިމުންގެ ބިންތައް، ބިމަކަށްފަހު، ބިމެއް އަތްދަށަށް ގެނެސް އެތަންތަނުގެ އަހުލުވެރީން އެބިންތަކުން ފައްސާލަމުން ނެވެ. ނުވަތަ މަރައި ހުސްކުރަމުން ނެވެ. އެއަށްފަހު އެ ބިންތަކުގެ ބަލަދުވެރިކަން ވެސް ޔަހޫދީންގެ ނަންމައްޗަށް ބަދަލުކުރަމުން ނެވެ. ޢަރަބީންގެ މުއްސަނދި ދަނޑުބިންތައް ވަނީ، ޔަހޫދީންގެ އަމިއްލަ މިލްކިއްޔާތު ތަކަށް ހަދާފަ އެވެ. ޚާއްޞަކޮށް ފަލަސްޠީނުގެ އުސް ބިންތަކާއި، މިސްރުގެ ބިންތަކާއި، ޝާމުކަރައިގެ ބިން ތަކާއި އަދި މިނޫން ވެސް މިފަދަ ކިތަންމެ ބިންތަކަކަށް ޔަހޫދީން ވަނީ އަތްގަދަކޮށްފަ އެވެ. ޔަހޫދީންގެ އަތްދަށަށް ޕަލަސްތީނު ގެންދިޔުމަށް ފަހު، ޖަމާޢީ ޤަތުލު ޢާއްމެއް އެތަނުގައި އެމީހުން ހިންގި އެވެ. އެތަނުގެ ރަށްވެހީންގެ ތެރެއިން ފިރިހެނުން، މަސްޖިދުލްއަޤްޞާގެ އުސް މުންނާރުތަކަށް އަރުވައި، އެތަންތަނުން ފުންމާލުމަށް އެމީހުންނަށް މަޖްބޫރުކޮށް އެގޮތުން ވެސް އެތައްބަޔަކު ޝަހީދުކުރި އެވެ. މުއައްރިޚުން ލިޔެފައި ވަނީ، އެދުވަހު އަޤްޞާ މިސްކިތުގެ ގޯތިތެރެ މުސްލިމުންގެ ލެއިން ކަކޫތާ ފެނަށް، ފެންބޮޑުވި ކަމުގަ އެވެ.

އާދެ! ޞަލާޙުއްދީން އައްޔޫބީ އޭނާގެ ޖިހާދު ފެއްޓެވި އިރު މުސްލިމުންގެ ހާލަތު އޮތީ މިފަދަ ހިތާމަވެރި ދަރަޖައެއްގަ އެވެ. ޞަލާޙުއްދީން އައްޔޫބީގެ ލޯފުޅުން ކަރުނައަޅުއްވައި، މާތްﷲ އަށް ވަކީލުކުރައްވައި އެކާލާނގެ ޙަޟްރަތުން ވާގި އެދިވަޑައިގެން އޭނާގެ ޖިހާދު ފައްޓަވައިގެން ކުރިއަށް ގެންދެވީ "މަރު ނުވަތަ ކާމިޔާބު" މި ޢަޒުމްފުޅުގަ އެވެ. ގިނަގުނަ ގޮންޖެހުންތަކާއި، އެކު ބިމަކަށްފަހު، ބިމެއް އިސްލާމީ އުއްމަތަށް އަލުން އަނބުރާ ހޯއްދަވަމުން، ކުރިއަށް ވަޑައިގެން ފަލަސްޠީނަށް ވެދެވަޑައިގަތީ، މީލާދީން 1187 ގަ އެވެ. ޕަލަސްތީނަށް ވަޑައިގެން އެތަން އަތުލައްވައި، އެތަނަށް އަތްގަދަކޮށްގެން ތިބި އެންމެހައި ޔަހޫދީން އެއްތަނަކަށް ގެނެސް އެމީހުންނާ މުޚާޠަބުކުރައްވައި ޢިބްރަތްތެރި ތަޤްރީރެއް އޭނާ ކުރެއްވި އެވެ. އެދުވަހު އޭނާ ވިދާޅުވީ، މިތަނުގެ ޙާލަތު އާދެ! އިސްލާމުންނަށް ދީފައިވާ އަދި މިހާރު ވެސް ދެމުންގެންދާ ލާއިންސާނީ އަނިޔާތައް އަހަރެން އިޙްސާސް މިކުރަނީ، ލޮލުން ކަރުނަ އޮހޭ ޙާލަތުގަ އެވެ. (މުއައްރިޚުން ލިޔުއްވާފައި ވަނީ، ޙަޤީޤަތުގައި ވެސް އައްޔޫބީގެ ލޯފުޅުން ހިފެހެއްޓުމެއް ނެތި ކަރުނަ ފޮދު އޮހޮރުނު ކަމަށެވެ) މިއަދު އަޅުގަނޑު މިހުރީ ފުރިހަމައަށް ބަދަލު ހިފޭފަދަ ގަދަފަދަކަމާއެކުގަ އެވެ. އެހެން ނަމަވެސް އިސްލާމް ދީނަކީ، ބަދަލުހިފުމަށްވުރެ ބޮޑަށް މަޢާފުކުރުމަށް ޖާގަދީފައި ދީނެކެވެ. ކަލޭމެން އެންމެންނަށް މަޢާފު ދީފީމެވެ.

ނަޞާރާއިންނާއި، ޔަހޫދީން މުސްލިމުންގެ އަތުން ފޭރިގެންފައި ބިންތައް އަލުން އަނބުރާ މުސްލިމުންނަށް ހޯއްދަވައި ދެއްވި އިސްލާމީ ފާތިޙް (އަލްޣާޒީ) ޞަލާޙުއްދީން، މާރޗް 4، 1193މ. ގައި އަވަހާރަވެ، ފަސްދާނު ވަޑުވާފައިވަނީ، ސީރިއާގެ ވެރިރަށް ދިމިޝްގުގަ އެވެ. އައްޔޫބީ އަވަހާރަވީ ޚަބަރު ޔަހޫދީންނާއި ނަޞާރާއިންނަށް ލިބުމުން، ދުނިޔޭގެ އެކި ތަންތަނުގައި ތބި އެބައިމީހުންގެ އިސްމީހުންގެ ޖަމާޢަތެއް ސީރިއާ ގައި ހުންނަ އައްޔޫބީގެ މަޤްބަރާއަށް ގޮސް "މަހާނަމަތީގައި ކަނޑިން ޖެހުމަށްފަހު" ބުނީ "އޭ އައްޔޫބީ އެވެ. ޔޫރަޕްގައި ކަލޭގެ ނަން ތާއަބަދު ދެމިހުންނާނެ އެވެ. ކަލޭގެ މަތިން އަހަރުމެން ދުވަހަކު ވެސް ހަނދާން ނުނައްތާނަމެވެ. ކަލޭ ދެން ނިކަން އަހަރުމެންނާއި ހަނގުރާމަ ކުރަން އައިސްބަލާށެވެ."

އާދެ! ޙަސަދަވެރިކަމަކީ، ހަމަ ކަނުކަމެކެވެ. އެއީ ޙިއްޞުތަކުގެ އިޙްސާސްތަކުން ދިރުން ކަނޑުވާލާ ކަމެކެވެ. އެހެން ނޫންނަމަ، އަވަހާރަވެފައިވާ ޞަލާޙުއްދީނަށް އެ ބަސްތައް އެ މީހުން ރައްދެއް ނުކުރީ ހެވެ! (ނިމުނީ)
                 ---------------------

ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި
01 އޯގަސްޓް 2013