ވާރުލޫ ރައްޔިތުންގެ މާލިއްޔާއިން ރިހި ރުފިޔާތަކެއް ވަގަށްނެގިތާ ދުވަސްތަކެއްގެފަހުން އެކަންކުރި ވަގުކަލޭގެ ފަޅާއަރައިފިއެވެ. މިކަންފަޅާއެރީ އެވަގުކަލޭގެ ކޮންމެވެސް އަންހެނަކަށް ރިހި ރުފިޔާތަކެއްދިންކަން ބަޔަކަށް އެނގިގެންނެވެ. ދެން އެބަޔަކު މިވަގުކަލޭގެ ހިފައި ހައްޔަރުކޮށް ރަށުގެ ނައިބުގެޔަށް ގެންގޮސް ނައިބު މޫސާ ތަކުރުފާނަށް މިވައްކަމުގެވާހަކަ ނަންގަނެފޫއެވެ.
މިއަޑުއައްސަވައި ނައިބު ތަކުރުފާނު
ބުނުއްވިއެވެ.
އަހުރެން މިއަދު މިއުޅެނީ ކުޑާއިކޮށްބަލިވެޔޭ.
ތިޔަމީހަކު މާދަމާގެންނާން އަދަގޮނޑިޖަހާން ރަށްވެރިން(ރަށުގެވެރިމީހާ، ނުވަތަ ކަތީބު)ގާތަށް
ގެންދަހަރޭ. މާދަމާ ދޭވާނި ހުސޭނު ތިޔަކަލޭގެ ބަލައިދާނެޔޭ.
އަނެއްދުވަހު ވަގުކަލޭގެބަލައި
ދޭވާނި ހުސޭނު ގޮސް ވަގުކަލޭގެ ގެނެސް ނައިބު ތަކުރުފާނުގެ ކުރިމައްޗަށް ހާޒިރުކޮށްފިއެވެ.
ނައިބު ތަކުރުފާނު: (ވަގުކަލޭގެއަށް)
ކަލޭގެޔާއި ބެހޭގޮތުން މިދެކެވެނީ
ކޮންވާހަކައެއްތަ. މާލިއްޔާއިން ރިހިރުފިޔާތަކެއް ގެއްލުނުކަން ދެނަހުރީމުތަ.
ވަގުކަލޭގެ:
އެއީ ހުސްދޮގު. މާލިއްޔާއިން
ރިހިރުފިޔާތަކެއް ގެއްލުނުކަމެއް ނުދެނެހުރިން. ބަޔަކުދައްކާތީވެސް އެފަދަވާހަކައެއް
އެހި ހަނދާނެއްނެތް.
ވަގުކަލޭގެ މިހެންބުނުމުން ނައިބު
ތަކުރުފާނު ދޭވާނި ހުސޭނަށް އިޝާރާތެއްކޮށްލެއްވުމުން ނައިބުގޭގެ ބިތުގައި އަޅުވާފައިއޮތް
ދުއްރައެއް ނަގައިގެން ހުސޭނު ގޮސް ވަގަށްނެގި ރުފިޔާކޮބައިހޭ ކިޔައި ވަގުކަލޭގެ ފޫކޮޅުގައި
ވަރުހުރެގެން ހަޔެއްކަ އެތިފަހަރު ޖެހިތަނާ އެކަލޭގެ ރޮއިހޭރިގެންފައި ގޮވައިގަތެވެ.
ވަގުކަލޭގެ:
ނުތަޅަހަރޭ. ނުތަޅަހަރޭ. މާލިއްޔާއިން
ނެގީ ކާއްޓާއި ދިޔާހަކުރާއޭ. އެތަކެތި ދައްކާފާނަމޭ. ކާށިހުންނާނީ ތުނޑީކޮޅު ވަލުތެރޭގަޔޭ.
ދިޔާހަކުރުގުޅި ހުންނާނީ މަގޯތީ އައިމިނަގެ މައިފުނަގޭގެ ގިފިލިތެރޭގަޔޭ. މާލިއްޔާއިން
ރިހިރުފިޔާއެއް ނުނަގަމޭ. ނެގި ހަނދާނެއްނެތޭ.
ނައިބު ތަކުރުފާނު:
ތިޔަޖެހުނީ ބޮޑުތާނގަޔޭ. ނެގިކަމަށް
ތިޔަބުނާ ދިޔާހަކުރަކީ ފިސާރި އެއްޗެކޭ. އެޔަކީ މިރަށުގެ ރައްޔިތުންގެ އެއްޗެއްނޫނޭ.
އަދި ކިޔެއްތަ! އެއީ މާލޭގެ ރަސްކަމުގެ ރަސްބަޔަށް ނެގެވި ރަހުންގެ ފަތްތޫރައިން ސިއްކަގެހެވި
މިރަށުގެ ހުކުރު މާމިސްކިތުގެ ބޯގަޔަށް ދެއްވާފައިވާ އެއްޗެކޭ. ދެން ތިޔަބުނަނީ ރިހިރުފިޔާ
ނުނަގާވާހަކަޔޭ. ނެގި ހަނދާނެއްނެތޭ. ފަހެ، ހަނދާންނެތުމަކީ
ވެދާނެކަމެކޭ. އެޔަކީ ނުވާނެކަމެއްނޫނޭ. އެކަމަކު ހަނދާންކޮށްދިނުމަކީވެސް އެކަންކުރާން
މަތިކޮށްފައިތިބި ބަޔެއްގެމައްޗަށް އޮތްކަމެކޭ. ނެތްކަމެއްނޫނޭ.
ނައިބު ތަކުރުފާނު މިހެންބުނުއްވައި
ދޭވާނި ހުސޭނަށް އިޝާރާތެއްކޮށްލެއްވުމުން އޭނާގެ އަތުގައިއޮތް ދުއްރަ އަތަށް ހެޔޮވަރުކޮށް
ވަގުކަލޭގެއާއި ދިމާލަށް ހިނގައިގަތުމުން ..............
ވަގުކަލޭގެ:
ތަކުރުފާނޫ ތަކުރުފާނޫ ހަނދާންވެއްޖޭ.
ރިހިރުފިޔާނެގީ މަގޭބޭނުމަކުނޫނޭ މާލިއްޔާ ހިންގާ ކަތީބުގޯތީ ދާއޫދު ބުނެގެންނޭ. އެރުފިޔާދިނީ
އޭނާގެއަތަށޭ. އޭގެތެރެއިން މަނެގީ ދެރުފިޔާއޭ. އެދެރުފިޔާދިނީ އައްޑޫ ތައްޚާނުގެ ޒައިނަބަށޭ.
މިހިސާބުން ނައިބު ތަކުރުފާނު
ނައިބު ދާލައިން ތެދުވަންނަވައި ބުނުއްވިއެވެ. އަދުގެ ސަރިޔަތް މިހިސާބަށް މިނިމުނީއެވެ.
އެއަށްފަހު ވަގުކަލޭގެއަށް ތަކުރުފާނު ބުނުއްވިއެވެ.
ދޭވާނި ހުސޭނާއި މިތިބަމީހުންނާއި
އެކީގައި ކަލޭގެގޮސް ކާއްޓާއި ދިޔާހަކުރާއި ހުރިތަނެއްދައްކައި އެތަކެތި ގެންނާށެވެ. ކަލޭގެނެގި ރިހިރުފިޔާގެ ކަންތައް ނިންމާނީ ވާރުވެރިޔާ(އަތޮޅުވެރިޔާ)ގެ އަމުރުލިބިގެންނެވެ.
އެއީ ރަށުގެ ރަށްވެރި ގޮވައްޗާއި(ރަށުގެވެރިޔާ ނުވަތަ ކަތީބާއި) ކޮންމެވެސް ގުޅުމެއްހުރިކަމަކަށް ބެލެވޭތީ އެފަދަކަންކަން ނިންމާން އަންދުހު އާދައިން ހަމަޖެހިފައި އޮންނަގޮތުގެމަތިންނެވެ.
-----------------------
"ގަލެހިރި"