ކުކުޅުފުއްޓަށް ދިޔަ މަކަރުވެރި ބުޅާ













އައްޑަނަފުއްޓަކީ، މީހުން ދިރިއުޅޭ ރަށެކެވެ. އެރަށާއި ޖެހިގެން ދާދިގާތުގައި، ވެލީގެ ހަނިހަނި ރޮނގަކުން ގުޅިފައި ދެން އޮންނަނީ، ކުކުޅުފުއްޓެވެ. ކުރިން ކުކުޅުފުއްޓަށް ކިޔާ ނަމަކީ، ތިލަމާފުއްޓެވެ. ދެން ބުޅަލުގެ ވާހަކަ ވިދާޅުވެލައްވާށެވެ. 

ކުކުޅު ނުވަތަ ކުކުޅުފިޔޮއް ކާ ބުޅަލަކީ، އާދަޔާ ޚިލާފަށް މޫނު ދުޅަވެފައިވާ ހަށިގަނޑު ބިޔަ ޖަނަވާރެކެވެ. އޭތީގެ ދެލޯ ކައިރި ދުޅަވެފައިހުންނާތީ، ދެލޯ ފެންނަނީ ވަޅުވަދެފައިވާތީއެވެ. ބުޅަލަކީ، އޭތީގެ ޒާތުގައި ރޭގަނޑު ހަތަރުދަމު ހޭލާ އުޅުމަށްފަހު، ދުވާލުދާ ހަތަރުދަމު ނިދާފައި އޮންނަ ޖަނަވާރެކެވެ. ރޭގަނޑުގެ ފުރަތަމަ ދަން ހުސްވުމުން ހޭލައިގެން އޭތި ދެން މަސައްކަތްކުރަނީ، އޭތީގެ ޝިކާރަ ހޯދުމަށެވެ.  އޭރު ކުކުޅުހާތައް ތިބެނީ، ނިދަން އަރައެވެ. ފީކުކުޅު ނުވަތަ ވިހައިގެން އުޅޭ ކުކުޅުތައް ތިބެނީ ހާލީގައެވެ. އޭތީގެ ދަރިންތައް ނުވަތަ ކުދި ފިޔޮއްތައް ތިބެނީ ކުކުޅުގެ ބަނޑުދަށުގައެވެ. ކުކުޅަކީ، ވަރަށްވެސް ނިދިބުރަ އަދި އަމިއްލަ ދިފާޢުގައިވެސް މާބޮޑުކަމެއް ކުރެވޭ ސޫތްޕެއްނޫނެވެ. ނަމަވެސް ކުކުޅުހާލަކީ. އުދުހޭ ސޫތްޕެކެވެ.

ކުކުޅު ނިދިބުރަވެފައި އޮންނައިރު ބުޅާ ހަދާގޮތަކީ، ސިއްރުސިއްރުން ކުކުޅުގެ ބަނޑުދަށަށް އަތްކޮށްޕާލައި ފިޔޮކެއް ދަމައިގަނެގެން ގެންގޮސް ކާލަނީއެވެ. ކުކުޅަށް ރޭކާލާގޮތްވަނީ، ކުޑަކުޑަ ފިޔޮއް ރޯއަޑަށެވެ. އެހެންނަމަވެސް ރޮނީ އޭތީގެ ދަރިކަމެއް ކުކުޅަކަށް އިހްސާސް ނުކުރެވެއެވެ. މިގޮތަށް ފިޔޮއް ޝިކާރަކުރުމުގައި ބުޅާވެސް އަދި އެހެން އުކުޅެއް ބޭނުންކުރެއެވެ. އެއުކުޅަކީ، ކުކުޅުތަކަށް ކުޑަނަމަވެސް ޙިމާޔަތެއްދޭން ތިބޭ ބޮޑެތި ހާތަކަށް އެހީތެރިކަން ފޯރުކޮށްދީ ހައްލާލާފައި ބެއިތިއްބުމެވެ. ހާތައް ހައްލާލުމަށްޓަކައި ހަދާގޮތަކީ، ގޭގެއިން އުކާލާ މަސްކަށިތަކާއި، އުނޑަލި ނުވަތަ ކުދިކުދި ކާށިކޮޅުތައް އެއްތަނަކަށް ޖަމާކޮށް ހާލަށް ދަޢުވަތު ދިނުމެވެ.

ކޮންމެއަކަސް ފިޔޮއްތައް މަދުވާކަން ކުކުޅުތަކަށް އެނގި، އެކަމާއި، މަޝަވަރާކުރުމުން ހާ ދިން ޖަވާބަކީ، ތިއީ ހަމަ ހީވާގޮތް ކަމަށެވެ. ނަމަވެސް ކުކުޅުތައް އެކަން ޤަބޫލުނުކޮށް، ނިންމީ ޖެހިގެން އޮތް ތިލަމާފުއްޓަށް ބަދަލުވާށެވެ. ކުކުޅުތައް އެރަށަށް ބަދަލުވެ، ދެރަށް ގުޅިފައިވާ ވެލިފަށަލަ ކޮނެ އެދެމެދުން ފެން ދަތުރުކުރާގޮތަށް ހަދައި އެރަށުގައި ދިރިއުޅެން ފެށީއެވެ. ދެރަށް ދެމެދުން ފެން ދެމޭތީ، އެތަން ހުރަސްކުރުމަކީ ބުޅަށް އެހާ ލާހިކުކަމަކަށް ނުވިއެވެ. އަދި ބުޅާ ހިކި އަނަރޫފަވާންވެސް ފަށައިފިއެވެ. މިކަމާއިމެދު ފިކުރުކޮށް، ބުޅާ އެހެން ބުއްދިއެއް ކޮށްފިއެވެ. އެބުއްދިއަކީ، އަނެއްކާވެސް ހާލުގެ އެހީ ހޯދުމެވެ. މިފަހަރު ހެދިގޮތަކީ، އިހަށްވުރެ މާބޮޑަށް ހާލާއި ގައިގޯޅިވެ، ގިނަގުނަ އެހީތައް ފޯރުކޮށްދޭން ފެށުމެވެ. ހާލުގެކިބައިން ބުޅާ އެދުނީ ހަމައެކަނި އެންމެ ކަމެކެވެ. އެކަމަކީ، އެ ދެރަށް ދެމެދު އަލުން ގުޅާލަ ދިނުމެވެ. އަދި މީގެއިތުރަށް ބުޅާ، ފިޔޮއްތައް ޝިކާރަކުރުންވެސް ހުއްޓާލައިފިކަން ކުކުޅުތަކަށް ވިސްނުވާދިނެވެ. އަދި ބުނީ ބުޅާތައް ފިޔޮއް ޝިކާރަކުރުން ހުއްޓާލުމުގެ ހެއްކަކީ، އޭތީގެ، ބުރުސޫރަ ރީތިވެފައި ވުމެވެ. ކޮންމެއަކަސް މިކަން ކުކުޅުތަކަށް ވިސްނުވައިދިނުމުގެ ގޮތުން، ދެރަށް ގުޅުމަކީ، ކެއިންބުއިންވެސް ތަނަވަސްވާނެ ކަމެއްކަމަށް ބުނެ އެވެ. މިފަދަ ހާސަރުތަކަށް ހެއްލި މޮޔަ ކުކުޅުތައް އަލުން އެދެރަށް ވެލީގެ ފާލަމަކުން ގުޅުވައި ދީފިއެވެ.

ދެ ރަށް ގުޅުނުތާ މާގިނަ ދުވަހެއްނުވެ، ފިޔޮއްތައް މަދުވާން ފަށައިފިއެވެ. ރޭގަނޑު އޭތީގެ ގިސްލުމުގެ އަޑުވެސް އިވޭން ފަށައިފިއެވެ. ނަމަވެސް ބުޅާ އެކަންކުރަނީ، ވަރަށް ސިއްރުންކަމަށްވާތީ، އެރަށުން ބުޅާ ނުފެނެއެވެ. ބުޅާ ނާރާ ކަމާއިމެދު ހާ ގެންދަނީ ފާޅުގައި ވަކާލާތު ކުރަމުންނެވެ. ނަމަވެސް މިފަހަރު އެކަން ކުކުޅުތައް ޤަބޫލެއް ނުކުރިއެވެ.

ހާ ނޫޅޭ ވަގުތެއްބަލާފައި، ކުކުޅުތައް އެއްތަނަކަށް ޖަމާވެ، ސައްލާއެއް ކޮށްފިއެވެ. އެސައްލާގައި ނިންމީ، ކުކުޅުފުއްޓާއި، އައްޑަނަފުއްޓާއި ދެމެދު ގުޅިފައިވާ މަގުގެ ރަށާވީ ފަރާތުގައި ބޮޑުވަޅުގަނޑެއް ކޮނެ އެތަނުގެ މަތި ލުއިގޮތަކަށް ބަންދުކޮށް، ރަށާވީ ފަރާތުގައި ކުކުޅުތައް ނިދަން ތިބުމަށެވެ. އަދި އިރުއިރުކޮޅާ ފިޔޮއްތައް ރޮއްވުމަށްވެސް ނިންމިއެވެ. އެއީ ބުޅަލަށް އަޑުއިއްވަން ވެގެންނެވެ. ދެން ކުރި އަނެއްކަމަކީ، ހާލު ސޮރަށް (ހާލަށް) ދައުވަތު ދީގެން ގެނެސް ކުކުޅުތަކުގެ މަޅީގައި ޖައްސައި ރަށުގައި އޭތި ހިފެހެއްޓުމެވެ.

މިކަން މިގޮތަށް ނިންމައިގެން ތިއްބާ، ބުޅާ އެއައިގޮތަށް އައިސް ފިޔޮއްތައްތައް ރޯ އަޑުވެސް އިވި، ނުހަނު ޝަވްގުވެރިކަމާއި އެކު، އެއްކަލަ ވަޅުގަނޑު ހުރަސްކުރަނިކޮށް އެތަނަށް ވެއްޓުނީއެވެ. ވަޅުގަނޑު ކޮނެފައިވާ ގޮތުން އެވަޅުގަނޑުން ބުޅަލަށް އެރޭނެގޮތެއް ނުވިއެވެ. އަދި އެތަނަށް އެއްކަލަ ހާ ގެންގޮސް އެސޮރަށް ބުޅާ ދެއްކުމަށްފަހު، ވަޅުގަނޑުތެރެއަށް ހާވެސް ކޮއްޕާލައިފިއެވެ. އެވަގުތު އައި ރުޅީގައި ބުޅާ ފުންމައިގެން އައިސް ހިފީ ހާލުގެ ކަރުގައެވެ. އެކާރޫބާރޫގެ ތެރޭގައި ބުޅާ އުޅެނިކޮށް، ހުރިހާ ކުކުޅުތައް އެކީ އެއްފަހަރާ ހާވައިގަތްގަތީނުން ފަސްއަޅައި، އެވަޅުގަނޑު މުޅީން ފުރާލައިފިއެވެ. (ނިމުނީ)
              ------------------

ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި