ހުރާގޭ މުޙައްމަދު މަނިކުފާނު ގެނައި ސިލްސިލާ ރަސްކަން


ސިލްސިލާވަމުން ދިޔަ ހުރަވީ ރަސްކަމުގެ ބާނީއަކީ ދޮންބަންޑާރައިން ކަމަށް ބުނުމަކީ ތާރީޚު އޮޅުވައިލުމެކެވެ. ކަންހިނގި މަގު ނޭންގުމެކެވެ. މިއީ ވަރަށްބޮޑު ގޯހެކެވެ. 

އެހެނީ، ކަމެއްގެ ނޫނީ އެއްޗެއްގެ ބާނީއަކީ އެކަމެއް ނޫނީ އެއެއްޗެއް އުފެއްދި ފަރާތެވެ. އުފެއްދި މީހާއެވެ. މިހެންވީމާ ސިލްސިލާވަމުން ދިޔަ ހުރަވީ ރަސްކަމުގެ ބާނީއަކީ ހުރާގޭ މުޙައްމަދު މަނިކުފާނެވެ. މިއީ ކަށަވަރު ކަމެކެވެ.

ދިވެހިރާއްޖެއިން ހޮޅިން ފައްސާލުމަށްފަހު، ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރިން ދޮންބަންޑާރައިން އަދާކުރެއްވީ ދިޔަމިގިލީ ރަސްކަން ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތެކެވެ. އޭގެފަހުން އެރަދުން  ރަސްކަމުގެ ތަޚުތުގައި އިންނެވި ރަސްކަމެކެވެ. މިކަންކުރެއްވީ ދިވެހިރައްޔިތުން އެދިގެންނެވެ. ކޮންމެހެން އެކަމުގެ އެއްވެސް ބޭނުންފުޅެއް އެރަދުންގެ އޮވެގެންނޫނެވެ.

އެއަށްފަހު އެރަދުން ފުރައުއްތަވީމާ ރަސްކަން ޙަވާލުކުރައްވާނެ ބޭފުޅަކީ މުޙައްމަދު ޣިޔާޘުއްދީންކަމަށް ކަނޑައެޅުއްވީ އެއިރު ހަމަޖެހިފައިއޮތް އުޞޫލާއި ހަމަތަކާއި އެއްގޮތަށް އެރަދުންނެވެ. މިކަން ނިންމެވުމަށްފަހު އެރަދުން ފުރައުއްތަވުމުން އެރަދުން ކުރެއްވި ރަސްކަން އެހިސާބުން ނިމުނީއެވެ. އެއީ ވިރާސީ ނޫނީ ސިލްސިލާވަމުން ދިޔަ ރަސްކަމެއް ނޫނެވެ.

ދޮންބަންޑާރައިންގެ ރަސްކަމަކީ ސިލްސިލާ ރަސްކަމެއްގެ ބޮޅެއްނަމަ އެބޮޅު ގުޅާލެވޭނީ ދިޔަމިގިލީ ސިލްސިލާ ރަސްކަމާއެވެ. ހުރާގޭ ރަސްކަމާ ނޫނެވެ. މީގެ ދަލީލަކަށް ބޭނުންވާނަމަ އެރަދުން ރަސްކަމަށް ވަޑައިގަތުމުގެ ކުރިން ރަސްކަން ބެލެހެއްޓެވި ދުވަސްވަރުގެ ކަންކަން ކުރެއްވިގޮތާއި އެރަދުންގެ ފަހަށް ރަސްކަމާއި ޙަވާލުވެވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައެޅުއްވިގޮތް ވެސް ފުދޭނެއެވެ.

ހުރާގޭ މުޙައްމަދު މަނިކުފާނަށް ހުރަވީ ސިލްސިލާ ރަސްކަމެއް ގެނެވުނީ ދޮންބަންޑާރައިންގެ ފަހަށް މުޙައްމަދު ޣިޔާޘުއްދީން ރަދުން ރަސްކަމުގައި ހުންނަވައިގެން 6 ނަވާއި 9 އޮޑީގައި ރާއްޖެ އަތުލައިގަތުމަށް އައި ޢަލީރާޖާގެ ލަޝްކަރު ބަލިކުރައްވައި ރާއްޖެ ސަލާމަތްކޮށްދެއްވި ފަހުން އެރަދުން ޙައްޖަށް ފުރާވަޑައިގަތުމުން ހުރާގޭ މުޙައްމަދު މަނިކުފާނު އިސްވެ ހުރެގެން ޣާޒީ މުޙައްމަދު ޣިޔާޘުއްދީންގެ ރަސްކަން ގަދަކަމުން އަތުލައި އެރަދުން ޝަހީދުކުރުމުންނެވެ. ޙަގީގަތަކީ މިއެވެ.

ދިވެހިރާއްޖެ އަތުލުމަށް ޢަލީރާޖާ އެފަދަ ބޮޑު ލަޝްކަރެއް އެފަހަރު ފޮނުވީ ވެސް ދޮންބަންޑާރައިން ފުރައުއްތަވީމާ ދެން އޭނާގެ ގަދަފަދަ ލަޝްކަރާއި މުގާބަލާކުރެވޭ ވަރުގެ ހުނަރުވެރިޔަކު ނުހުންނާނެ ކަމަށް ޔަގީންކޮށެވެ.

ދޮންބަންޑާރައިންގެ ފަހަށް ރަސްކަމަށް އިސްވެވަޑައިގަތީ އެރަދުންގެ ބޭފުޅުންގެތެރެއިން (20 އަހަރުފުޅު ހަމަނުވާ) ބޭފުޅެއްނަމަ ނަމަ ހޮޅީން އައިސް ފަސޭހަކަމާއެކު މާލެ އަތުލައި ދޮންބަންޑާރައިންގެ ބޭފުޅުން ވެސް ކަންނަންނޫރަށް ގެންދާނެއެވެ. އަދި އެބޭފުޅުންނާ އެކީ، ނަޛުރު މޮނިއުމެންޓްގެ ވެރިޔާ ހުރާގޭ މުޙައްމަދު މަނިކުފާނު ވެސް ގެންގޮސް ޖިސްމާނީ ބޮޑުވެގެންވާ އަނިޔާ  ވެސް ކުރާނެއެވެ.

ނިންމާލަމުން ވެސް ދަންނަވަމެވެ. ސިލްސިލާވަމުން ދިޔަ ހުރަވީ ރަސްކަމުގެ ބާނީއަކީ ދޮންބަންޑާރައިން ކަމަށް ބުނުމަކީ ތާރީޚު އޮޅުވައިލުމެކެވެ. ކަންހިނގި މަގު ނޭންގުމެކެވެ. މިއީ ވަރަށްބޮޑު ގޯހެކެވެ. އެހެނީ، ސިލްސިލާވަމުން ދިޔަ ހުރަވީ ރަސްކަމުގެ ބާނީއަކީ ހުރާގޭ މުޙައްމަދު މަނިކުފާނެވެ. މިއީ ކަށަވަރު ކަމެކެވެ.

          ----------------------

ޢަބުދުﷲ ޙިލްމީ

22 ނޮވެންބަރު 2020މ.