ދުނިޔޭގައި ކަންކަން ހިނގާ
ދެގޮތެއް އޮވެއެވެ. އެއްގޮތަކީ އެކަމެއް އެގޮތަށް
ހިނގުމުގައި ދުނިޔޭގައިލެއްވި
މަޚުލޫގުން އަދާކުރާ އެއްވެސް ދައުރެއްނެތި ގުދުރަތުން ހިންގަވާ
ކަންކަމެވެ. އަނެއްގޮތަކީ އެކަމެއް އެގޮތަށް ހިނގުމުގައި ދުނިޔޭގައިލެއްވި މަޚުލޫގުން
އަދާކުރާ ދައުރެއްއޮވެގެން ހިނގާ ކަންކަމެވެ.
މިލިޔުމުގައި
ބަލާލެވިފައިވަނީ ދުނިޔޭގައިލެއްވި މަޚުލޫގުން އަދާކުރާ ދައުރެއްއޮވެގެން ހިނގާ ކަމަކަށެވެ.
އެއީ މާލޭގައި ހުންނަ ކަޅުވަކަރު މިސްކިތޭ ކިޔުނު ބިނާ އެއްތަނެއްގައި ހަރުލައި ނުހުރެ
އަނެއްތަނަށް ގެންދާކަމަށެވެ. މިބިނާ ހެދި މީހުންނަށް އެކަން ކުރެވިފައިވަނީވެސް ބިނާ
ރޫޅައިލައިގެން ގެންދެވޭ ގޮތަށެވެ. ބިނާކުރާ ޢާއްމު އުޞޫލުން ބަލާއިރު ގިނަ ބިނާތަކަކީ
އެއްތަނުން އަނެއްތަނަށް ގެންދެވޭގޮތަށް ހުންނަ ތަންތަނެއްނޫނެވެ. ނަމަވެސް
ކަޅުވަކަރު މިސްކިތޭ ކިޔުނު ބިނާ އެއްތަނުން އަނެއްތަނަށް ގެންދެވޭގޮތަށް ހުރެ
އެކަން ކުރެވުމަކީ އޭގައި ފޮރުވިފައިވާ ގުދުރަތުގެ ޙިކުމަތެއް އޮތުން އެކަށީގެންވާ
ކަމެކެވެ.
ވިސްނެވުން
އެދެވިގެންވެއެވެ. ކަޅުވަކަރު މިސްކިތޭ ކިޔުނު ބިނާ އެއްތަނުން އަނެއްތަނަށް
ގެންދާ ކޮންމެފަހަރަކު މީސްތަކުން އެވާހަކަ ދައްކާނެއެވެ. އަދި އެއީ ކާކު ކޮންތާކު
ކޮންއިރަކު ކޮންގޮތަކަށް ކީއްވެ ކުރި ކަމެއްތޯވެސް ވާހަކަދައްކާނެއެވެ.
ބުނާމީހުން
ބުނާނެތެވެ. އެއްތަނުން އަނެއްތަނަށް ގެންދާ މިސްކިތެއްގެ ނަމުގައިވާ އެބިނާގެ
ފެށުންއޮތީ ފާފަވެރި ބޮޑުވެގެންވާ ނުބަޔެއްގެ ތެރޭގައެވެ. އެއީ މަތިވެރި ﷲ ސުބްޙާނަހޫ
ވަތަޢާލާގެ ޙަޟްރަތަށް މީސްތަކުން ޢިބާދާތުކުރުމަށް އޮންނަ ހެޔޮވެގެންވާ މަގުން
ބިނާކުރި މިސްކިތެއްނޫނެވެ. އެހެނީ އެއީ ނުބައި ނުލަފާކަމާއި ޖައްބާރުކަމާއި އެކު މީހަކު ޝަހީދުކުރުމަށްފަހު އެމީހާގެ ގޯތިގެދޮރާއި މުދައުތައް ފޭރި އެބިމުގައި
އެތަކެތިން ހެދި ތަނެކެވެ.
ޙައްޖުގެ ދަތުރުފުޅަށްފަހު
ޣާޒީ މުޙައްމަދު ޣިޔާސުއްދީން ރަދުން ރާއްޖެއަށް ވަޑައިގަތުމުން ދިވެހި ރަސްކަމުގެ
ބޭނުމުގައި އެރަދުން ޝަހީދުކުޅައުމުގައި އިސްވެހުރި ގާތިލަކީ ހުރާގޭ މުޙައްމަދު މަނިކުފާނެވެ.
މިކަލޭގެއަކީ ދީނުގެ ކަންކަން އޮންނަ ނޯންނަގޮތެއް ނުދަންނަ ޖާހިލެކެވެ. ނޫންނަމަ މީހަކު
ޝަހީދުކުރުމަށްފަހު އެމީހާގެ ގޯތިގެދޮރާއި މުދައުތައް ފޭރި އެބިމުގައި އެތަކެތިން މިސްކިތެއް
ހެދުމަށް ތިމަންނާވަނީ ނަދުރެއްބުނެފަޔޭ ކިޔައި އެކަމެއް ނުކުރީހެވެ.
"ތާރީޚު އިސްލާމި ދީބާ
މަޙަލް" ގައި ލިޔެފައިވެއެވެ.
ދެން މި ރަސްގެފާނު (އައްސުލްޠާނު
މުޙައްމަދު ޝަމްސުއްދީނު2، ނުވަތަ ހުރާގޭ މުޙައްމަދު
މަނިކުފާނު) އައްސުލްޠާނު މުޙައްމަދު ޣިޔާޘުއްދީނު އިސްކަންދަރުގެ ގަނޑުވަރު (އެއީ
ބޮޑުގަނޑުވަރުގެ ދެކުނުގައިވާ ގަނޑުވަރެވެ.)
ތަޅައި މުގުރައިލުމަށް އަމުރު ކުރައްވައިފިއެވެ. (އެމީހުން އެ ގަނޑުވަރުގައިވާ
މޭވާއާއި ހިފައިގެންގުޅޭ ކަންވާރާއި ގަހަނާ ނެގިއެވެ.) އަދި އެ ބޭބޭފުޅުންގެ މައްޗަށް ވަޤުފުވެފައި
ހުރި ގެތަކާއި މާލޭގައިހުރި އެ ބޭބޭފުޅުންގެ މިލްކުގައިވާ ތަކެތި މި ރަސްގެފާނު ނަންގަވައި ހެއްދެވިއެވެ. އަދި އެ
ރަސްގެފާނު (އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީނު) ހިމެނިވަޑައިގަތީ ކުރީގެ ރަސްކަލުންގެ ގަނޑުވަރު މުގުރުއްވައި އަދި ތަފާތު
ޢިލްމުތަކުގެ ފޮތްތައް ޢިލްމު އުނގެނޭ ކުދީންގެއަތުން (އަނިޔާވެރިކަމުން) އަތުލައްވައި
މާލޭގައި ތިބި އެ ރަސްގެފާނުގެ އެކުވެރިން ނޫން މީހުން ޢިލްމު އުނގެނުން
މަނާކުރެއްވި ފުރަތަމަ ރަސްގެފާނު ކަމުގައެވެ.
މާތް ރަސްކަލާނގެ
ރުއްސުންލެއްވި ސަޢީދު ބުނު ޒައިދުގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު
ވިދާޅުވި އެވެ. ކީރިތި ރަސޫލާ ހަދީޘް ކުރައްވަނިކޮށް ތިމަން އެހީމުއެވެ.
”އަނިޔާވެރިކަމުން ބިމުން ތަންކޮޅެއް ވެސް އަތުލައިގެންފި މީހެއްގެ ކަރުގައި ހަތް ބިން އަޅުއްވާ ހުއްޓެވެ.“
މާތް ރަސްކަލާނގެ
ރުއްސުންލެއްވި އިބުނު މަސްޢޫދުގެ އަރިހުން ރިވާ ވެގެންވެއެވެ. ތިމަން ދެންނެވީމެވެ. އޭ اللهގެ ރަސޫލާއެވެ. އެންމެ އަނިޔާވެރިކަން ބޮޑު އަނިޔާއަކީ
ކޮބައިތޯއެވެ؟
ޙަދީޘް ކުރެއްވިއެވެ. "އިސްލާމަކު
އޭނާގެ އަޚާގެ ޙައްޤުން އުނިކުރާ ބަމައެއްހައި ބިންފޮތްޗެކެވެ. މީހެއްގެ
ބިމުންނަގާ ހިލަކޮޅަކަށްވެސް
ބިމުގެ ފުންމިނަށް ޤިޔާމަތް ދުވަހުން އެ މީހަކު ކަސްތޮޅު އަޅުއްވާ ހުއްޓެވެ.
ބިމުގެ ފުންމިން، ބިންހެއްދެވި الله މެނުވީ ދެނެވޮޑިގެނެއް ނުވެއެވެ."
ދެން ފަހެ އައްސުލްޠާނު
މުޙައްމަދު ޝަމްސުއްދީނު(ހުރާގޭ މުޙައްމަދު މަނިކުފާނު) ވިދާޅުވިއެވެ.
ދެކޮޅުވެރިކަން ހިނގި ރޭ އަހުރެން ނަދުރެއް ބުނީމެވެ. އެއީ މާތް ރަސްކަލާނގެ
އަހުރެންނަށް ރަސްކަން މިލްކުކޮށް ދެއްވައިފިއްޔާ އައްސުލްޠާނު މުޙައްމަދު
ޣިޔާޘުއްދީން (އިސްކަންދަރު)ގެ ގަނޑުވަރު ތަޅައިލައި އެ ތާނގައި އަހުރެން މިސްކިތެއް ބިނާ ކުރާ ހުށީމެވެ.
ދެންފަހެ މި ބަޔާންވެދިޔަ
ނަދުރުގެ މައްޗަށް ތަޅައިލެވުނު ގަނޑުވަރު ހުރި ތާނގައި މިސްކިތެއް ބިނާ
ކުރައްވައި އެ މިސްކިތަށް
ކަޅުވަކަރު މިސްކިތޭ ކިޔައި ނަން ދެއްވައިފިއެވެ. މި ކަން ހިނގީ އައްސުލްޠާނުލް
ޣާޒީ ޙަސަން ޢިއްޒުއްދީނުގެ ދަރިކަލުން އައްސުލްޠާނު ޙަސަން ނޫރައްދީނުގެ ރަސްކަމުގައެވެ. އިރާދަކުރެއްވިއްޔާ މީނާގެ
ވާހަކަފަހުން އެބަ އާދެއެވެ. ފިގުހު ފޮތް ފޮތުގައި ނަންގަނެވިގެންވެއެވެ.
އުރެދުމަކަށް ވާކަމެއްގައި ނަދުރުބުނުން ސައްޙައެއް ނުވާނެއެވެ. އެއީ، މުސްލިމުގައި ބަޔާން ވެގެންވާ މި ޙަދީޘަށްޓަކައެވެ.
لَا نَذْرَ فِيْ مَعْصِيَةِ اللهِ )މާތް
ރަސްކަލާނގެއަށް އުރެދުމަކަށް ވާ ކަމެއްގައި ނަދުރު ބުނުމެއް ނެތެވެ.)
އަލްއިމާމުލް ޣަޒާލީ (މާތް
ރަސްކަނލާގެ އެކަލޭގެފާނަށް ރަޙުމަތް ލައްވާށިއެވެ.) އެ ކަލޭގެފާނުގެ ”އިޙްޔާއު
ޢުލޫމުއްދީނި“ އޭ ކިޔުނު
ފޮތުގައި ވިދާޅުވެފައިވެއެވެ. ޣަޞްބުން ފޭރިގެންފައިވާ ބިމެއްގައި ނުވަތަ އެހެން
މިސްކިތަކުން ފޭރިގަނެގެން ހޯދި ލަކުޑިން ނޫންނަމަ މީހެއްގެ މިލްކުގައިވާ އެއްޗަކުން ފޭރިގަނެގެން މިސްކިތެއް
އަޅައިފިނަމަ، އެ މިސްކިތަކަށް ވަނުން އެއްގޮތަކަށް ވެސް ހުއްދައެއް ނުވާ ހުއްޓެވެ. ހުކުރު ނަމާދަށް ކަމުގައި
ވިޔަސް ވަރިހަމައެވެ. އިމާމު މީހާ ނަމާދުކުރަން ހުރެއްޖެނަމަ އިމާމުގެ ފަހަތުގައި ނަމާދު ކުރާ ހުށި ކަމެވެ. އެ ކަމަކު މިސްކިތުގެ
ބޭރުގައި ހުންނަ ހުށިކަމެވެ. އެހެނީ ޣަޞްބުން ފޭރިފައިވާ ބިމެއްގައި ނަމާދުކުރުމުގެ ފަރުޟުކަން ކެނޑިދާތީ އެވެ. ނަމަވެސް
އިޤްތިދާ ވެއްޖެނަމަ އެ ނަމާދު ކަމުދާނެ އެވެ. ޣަޞްބުން ފޭރިގެންފައިވާ ބިމެއްގައި ހުއްޓިހުރެ އެބިމުގެ ވެރިޔަކު ނޭނގޭ ބިމެއްނަމަ
ތަޤުވާވެރި ގޮތަކީ އެހެން މިސްކިތަކަށް ދިއުމެވެ. އެހެން މިސްކިތެއް ނުފެނުނުނަމަ ހުކުރު ނަމާދު ކުރުމާ ޖަމާޢަތުގައި
ނަމާދުކުރުން ދޫކޮށްނުލާހުށި ކަމެވެ. މިއީ ދިގު މައްސަލައެކެވެ. މިތާނގައި ކުރުކޮށް ބަޔާންކުރީއެވެ. މި ނަންގަނެވި ދިޔަ ވަރަށްވުރެ
އިތުރަށް ބެލުމަށް އެދޭ މީހަކު، އަލްޣަޒާލީގެ ފޮތް އިޙްޔާއު ޢުލޫމުއްދީނި ބަލާ ހުށިކަމެވެ. މާތް ރަސްކަލާނގެ އެކަލޭގެފާނަށް
ރަޙުމަތް ލައްވާށިއެވެ. އާމީން."
އެއްތަނުން އަނެއްތަނަށް
ގެންދާ މިސްކިތެއްގެ ނަމުގައިވާ އެބިނާގެ ފެށުންއޮތީ ފާފަވެރި ބޮޑުވެގެންވާ ނުބަޔެއްގެ
ތެރޭގައެވެ. އެއީ މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް މީސްތަކުން
ޢިބާދާތުކުރުމަށް އޮންނަ ހެޔޮވެގެންވާ މަގުން ބިނާކުރި މިސްކިތެއްނޫނެވެ. އެހެނީ އެއީ
ނުބައި ނުލަފާކަމާއި ޖައްބާރުކަމާއި އެކު މީހަކު ޝަހީދުކުރުމަށްފަހު އެމީހާގެ
ގޯތިގެދޮރާއި މުދައުތައް ފޭރި އެބިމުގައި އެތަކެތިން ހެދި ތަނެކެވެ.
-------------------------
ޢަބްދުﷲ ޙިލްމީ
17 ނޮވެމްބަރު 2020މ.