ނޯޓު:
މިސިލްސިލާގައި ލިޔާހުށީ ހައްދުންމަތީގައި އިހުގައި ހިނގާފައިހުރި ހާދިސާތަކުގެ
ވާހަކަތަކެވެ.
މިވާހަކަތައް
ކިޔައިދޭމީހާ މަސައްކަތްކުރި އޮފީހެއްގެ ގޮވަތިތެރޭގައި ހުއްޓާ އެއްދުވަހަކު
ކަޅައިދޫ ރާ ޢަބުދު ﷲ ބޭގެ ދަރިއެއް އައިސް ބުނެފޫއެވެ. އިހުގެ ވާހަކަތައް
ހޯދައިލިޔެ ހަދާއިރު ކައްދޫ ހަސަނު ހާ ބަންހެނޭ ކިޔައިއުޅޭ ވާހަކައެއް
އަހަމުހެއްޔެވެ؟ އަޅުގަނޑު ބުނެފީމެވެ. ނާހަމެވެ.
އޭނާ:
"އަހާށޭ ކައްދޫ ޙަސަނަކީ ތިމަންނާގެ މުނިކާފަޔާވީ މީހެކެވެ. އަހާފައިވާ
ގޮތުގައި ކައްދޫ ޙަސަނު ހާލެއް ހިފައިފައި ރޯނު ފޯއްޔަކުން ބަންނަންފަށައިފިއެވެ.
ހާބަނދެ ނިމުނީ ރޯނުފޯލި ހުސްވީއިރުއެވެ. އެވަރަށް ބަނދެލާފައި ބެހެއްޓި ހައު ކުޑަ
އިރުކޮޅަކުން ދޫވެއްޖެއެވެ. މިހާދިސާގެފަހުން، މީހަކު އެއްޗެއް
އެއްސުމަށް/ބަނުމަށް ނޭކަށޭނަ މިންވަރަށް ތަކެތި ބޭނުން ކޮށްގެން އެއްސުމުގައި
ހަރުދަނާކަމެއް ނެތްނަމަ މަލާމާތުގެ ގޮތުން ބުނެއުޅޭކަމުގައިވިޔެވެ. ތިޔަ އެއްސީ
ކައްދޫ ހަސަނު ހާބަންހެންނެވެ."
މިކައްދޫ ޙަސަނާވީ މީހުނަށް ތިބީ ކައްދޫ ޢަބުދުއްރަޙްމާނާއި ކައްދޫ މޫސާއެވެ. ކަޅައިދޫ ރާ ޢަބުދު ﷲ އަކީ ކައްދޫ ޢަބުދުއްރަޙްމާންގެ ކަދީދާގެ ބަނޑުން ރާގޭ ހުސޭނަށް ލިބުނު ޢަބުދު ﷲ ހުސައިނެވެ. ރާއަބުދު ﷲ އުފަންވީ 2 ޖޫން 1931މ. ގައެވެ. ނިޔައުވީކަމަށް ބެލެވެނީ 2004މ. ގައެވެ. މިއާއިލާއަކީ ކައްދޫ ފަޅުވުމުގެކުރީން ކައްދޫގައި ދިރިއުޅުނު ބައެއް ކަމަށް ބައެއްމީހުން ހީކުރެތެވެ. އެހެނެއް ނޫނެވެ. މިއާއިލާއަކީ ކައްދޫ ބެލެހެއްޓުމަށް ކައްދޫގައި އުޅުނު އާއިލާއެކެވެ. ވަރުވާއަށް ލިޔެގެން ކަމެއް ނުވަތަ ވަރުވާއަށް ލިޔެގެން އުޅޭ ބަޔެއްގެ އަތުން ހޯދައިގެން ކަމެއް އެނގޭކަށް ނެތެވެ. އެގޮތަށް ރަށް ބަލަހައްޓަން ތިބޭއިރު އެރަށެއްގައި ތިބެނީ ދަނޑިފަނުން ގެއަޅައިގެންނެވެ. މަޤްޞަދަކީ ރަށުން ރުކުއެޅުމާ ދަރުހޮވުމާ ދަނޑުވެރިކަންކުރުން ފަދަ މަސައްކަތްކޮށްގެން ނަފާނެރުމެވެ.
މިހާރު
ހައްދުންމަތީގައި އެއަރޕޯރޓެއް ހަދާފައިވާ ކައްދޫގައި މީހުން ދިރި އުޅުނު
ދުވަސްވަރަކީ މާކުރީ ޒަމާނެކެވެ. ޕޯޗުގީޒުންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި
އިރު އުތީމު ތަކުރުފާނުން މިރަށަށް ވަޑައިގަންނަވާ މިރަށް ފަޠަހަކުރެއްވިއެވެ.
ފެންނާންހުރި ތާރީޚީ ހެކިތަކަށް ބަލާއިރު ކައްދޫ ފަޅުވެފައިވާ ކަމަށް ބެލެވެނީ
ހިޖުރައިން 10 ވަނަ ޤަރުނުގެ ފަހުކޮޅުގައެވެ.
---------------------
މުޞަންނިފު:
ޠާހާ އަބޫބަކުރު ލ. ގަން
29
މޭ 2020
ލިޔުމުގައިވާ
ފޮޓޯ: ޙަސަން ނަޖުމީ