ދެކުނު އަވަށު ހޮޅުއަށީގެ ރޯދަ ކުރުކުރުން


އާދަނު މާލެދިޔަ ބޯޓު ފުރުމުގެ ކުރިން މާލެ ފުރަބަންދު ކުރީމާ ރަށަށް ދެވޭނޭ ގޮތެއް ނެތި ދުވަސްތަކެއް ވެފައި އެނބުރި ރަށަށް ދެވުނީ ރޯދަމަހުގެ ފުރަތަމަ ފޮއިދުވަސް ފަހަނައެޅި ފަހުންނެވެ. އެރަށަކީ ކޮންމެ އަހަރެއްގެ ރޯދަ މަހުގައި ވެސް މުނިފޫހި ފިލުވަން އެކި ކަންކަން މިހާތަނަށް ވެސް ބާއްވަމުން ގެންދިޔަ ރަށެކެވެ. ޚާއްޞަކޮށް ދެކުނު އަވަށު ހޮޅުއަށީގައި އޮންނަ މިކުޅިވަރުތަކުގައި އެންމެ ފޯރިނަގާ އެކަކީ އާދަނެވެ. ވާހަކަ ކިޔުމާއި ރާޒުވާ ކުޅުމާއި ތިންހަމަ ކުޅުމާއި ތާސްކުޅުމާއި މިކަހަލަ އެކި ކަންކަން ފިރިހެންވެރިން ކުރާއިރު ހޮޅުއައްޓާއި ކައިރި ހިސާބުން ގަސްތަކުގެ ހިޔަލުގައި އޮށްވަޅު ކުޅެން ބައެއް އަންހެންވެރިން ތިބެއެވެ. 

ނަމަވެސް މިއަހަރުގެ ރޯދަ މަހުގައި އެއްވެސްކުޅިވަރެއް ނެތި އެހޮޅުއަށިވެސް ވަނީ ފަޅުވެފައެވެ. މިހެންވެފައި ވަނީ މިހާތަނަށް ވެސް އެތާނގައި ކުޅެމުން ދިޔަ ކުޅިވަރުތަކަކީ ގައި ކައިރިކޮށް ތިބެ ކުޅެމުން ގެންދިޔަ ކުޅިވަރުތަކަށް ވެފައި މިފަހަރު ގައި ދުރުކޮށް ތިބެގެން ނޫނީ އެފަދަ ކުޅިވަރެއް ވެސް ކުޅެވެން ނެތީމައެވެ. އޭގެ އެންމެބޮޑު ސަބަބަކީ މިހާރު މުޅި ދުނިޔެއަށް ފެތުރިގެން އުޅޭ ކޮރޯނާ ބަލިމަޑުކަމެވެ. 

އާދަނު ރަށަށް ދިޔަ ދުވަހުގެ އަނެއް ދުވަހު މެންދުރު ނަމާދުގެ ފަހުން އޭނާގެ ރައްޓެހި އަދި ހޮޅުއަށީގެ ކުޅިވަރުތަކުގައި ވެސް ބައިވެރި ވަމުން ދިޔަ ބައެއް މީހުންނަށް ފޯނުން ގުޅާލައި މުނިފޫހި ފިލުވަން މިފަހަރު ކުރެވިދާނެ ކަމަކާ މެދު ވާހަކަ ދެކެވި އެއްބަސް ވެވުނީ މިފަހަރު ހޮޅުއައްޓަށް ނުގޮސް ހޮޅުއަށީގެ ކުޅިވަރެއްގެ ގޮތުގައި ފޯނު މެދުވެރިކޮށް އެކަމަށް ބޭނުންވާ ބައެއްގެ ތެރޭ ސުވާލު މުބާރާތެއް ބޭއްވުމަށެވެ. އަދި މިގޮތުން ކުރާ ސުވާލާއި އެއަށް ދޭ ޖަވާބުތައް ހޮޅުއަށި ކައިރީ ހުންނަ މޫސާ މަނިކުގެ އަދަރާދަގޭ ގޯތިތެރޭ ހުންނަ އަޑުގަދަކުރާ މެދުވެރިކޮށް އެހިސާބުގަނޑަށް އިވޭ ގޮތް ހެދުމަށާއި އަދި މިމުބާރާތުގެ ސުވާލުތައް ހުށަހަޅާ މީހަކަށް އާދަނު ހަމަޖެއްސުމަށެވެ.

ސުވާލު މުބާރާތުގެ ފުރަތަމަ ދުވަސްކަމަށްވާ 10ރަމަޟާން އާދީއްތަ ދުވަހުގެ ޢަޞުރުގެ ފަހުން ހޮޅުއަށި ފެންނަ ހިސާބުގެ އަރިއަރި މަތިން މަދު މީސްކޮޅެއް ފެންނަން ތިބި ނަމަވެސް އެބަޔަކު ތިބީ މިހާރު ހަމަޖެހިފައިވާ ގައި ދުރުކޮށް ތިބުމުގެ އުޞޫލަށްވުރެ ވެސް ދުރުކޮށެވެ. ހީވާ ގޮތުން އެބަޔަކު ތިބީ އަދަރާދަގޭ އަޑުގަދަކުރާއިން ފޮނުވާ އެއްޗެއް އަޑުއަހާށެވެ. މިހެން ތިއްބައި ގަޑިން 4ގަޑި ބައިވުމާއެކު ކޮންމެވެސް މީހެއްގެ ފޯނުން ހަޔެއްކަ ފަހަރު ރިންގު ވުމާއި ފޯނު ނެގިހެން ހީވުމާއި އޭގެ ފަހުން ވާހަކަ ދައްކަން ފެށިއަޑު އަދަރާދަގޭ އަޑުގަދަކުރާއިން އިވެން ފެށިއެވެ.

السلام عليكم ورحمة الله وبركاته - މީ ލަންސިމޫގޭ އާދަން ޔޫސުފު އިނގޭތޯ! ތިޔައީ ކޮން ބޭފުޅެއްތޯ؟

ފޯނުން: وعليكم السلام ورحمة الله وبركاته  މީ ކަނީރުމާގޭ ރުގިއްޔާ.

އާދަނު:

ހޮޅުއަށީގައި ބާއްވަމުން ގެންދިޔަ ރޯދަ ކުރުކުރުމުގެ ކަންކަން ކޮރޯނާގެ ސަބަބުން މިހާރު ބޭއްވެން ނެތީމާ ހަމަޖެހިފައިވަނީ މިއަހަރު ފޯނުމެދުވެރިކޮށް ސުވާލު މުބާރާތެއް ބޭއްވުމަށް. މިކަން ކުރިޔަށްދާނެ ގޮތް ލިޔެފައިވާ ކަރުދާސްތައް މިހާރުވާނީ މިރަށުގެ ގޭގެއަށް ފޯރުކޮށް ދެވިފައި. އަނެއްކާ ތިޔަ ގެއަށް މިކަރުދާސް ލިބުނުތޯ؟

ރުގިއްޔާ:

ޅަވަރުގެ ސޮރަކު މިގޭ ގޯތި ތެރެއަށް ވަދެގެން ގެއާއި ހަމަޔަށް އައިސް ގޭގެ ބޮޑު ދޮރުގެ ދޮރުފަތުގެ ދަށުން ގޭތެރެއަށް ވެއްދި ފާޑެއްގެ ކަރުދާސްގަނޑެއް މިގޭ ކުދިވެރިން ނަގައިގެން އުޅުނު ވާހަކަ ދައިތަ ބުނި. އެޔެއް އަޅުގަނޑެއް ނުދެކެން.

އާދަނު: ތިޔަވާނީ އެކަރުދާހަށް. އެކަމަކު ވެސް މިމުބާރާތް ކުރިޔަށްދާނެ ގޮތް މިހާރުވާނީ ސާފުވެފައި ކަމަށް ހީކުރަން. މިގޮތުން މިއަދު ފޯނުން ގުޅާލެވޭ ކޮންމެ ބޭފުޅަކާ ވެސް ކުރާނީ 4 ސުވާލު. ކޮންމެ ސުވާލެއްގެ ޖަވާބު ދެއްވުމަށް ހަމަޖެހިފައިވަނީ 15 ސިކުންތު. ކުރިޔަށް ދާނަން އިނގޭތޯ؟

ފުރަތަމަ ސުވާލު: 

ދިވެހިރާއްޖެ އޮންނަނީ އިންޑިއާ ކަނޑުގައިހޭ، ނުވަތަ ބަޙުރު ހިންދުގައިހޭ؟  

ޖަވާބު: 

އިންޑިއާ ކަނޑުގައި.

(ޖަވާބު ރަނގަޅު)

ދެވަނަ ސުވާލު: 

ތުއްފާށަނާގެ މެޔަށް ކަނބާ އައިސާ ޚަންޖަރު ގޯޅާ ލެއްވުމުން އެކަލޭގެ ވެއްޓުނީ މަރުވެގެންހޭ، ނުވަތަ ވެއްޓިފައި އޮއްވާ މަރުވީހޭ؟

ޖަވާބު: 

ވެއްޓިފައި އޮއްވާ މަރުވީ.

(ޖަވާބު ރަނގަޅު)

ތިންވަނަ ސުވާލު: 

ގާފަރު ސްކޫލު ހުންނަނީ ނައިފަރުގައިހޭ، ނުވަތަ ދަރަވަންދޫގައިހޭ؟

ޖަވާބު: 

ތީގެތެރޭ ގާފަރު ސްކޫލު ހުންނަ ރަށެއް ނުހިމެނޭ. 
(
ޖަވާބު ރަނގަޅު)
ހަތަރުވަނަ ސުވާލު: 

ޕޯޗްގީޒުން ދިވެހިރާއްޖޭގެ ވެރިކަން ކުރި ދުވަސްވަރު ބާރަށުގައި އުޅުނު ވިޔަޒޯރުގެ ތުނބުޅި ބާލަން ގެންގުޅުނީ އޭނާގެ އަމިއްލަ ކުރަފަތެއްހޭ، ނުވަތަ ޕޯޗްގީޒު ދައުލަތުގެ ނިޝާން ޖެހި ކަތިވަޅިއެއްހޭ؟

ޖަވާބު: 

އޭނާގެ އަމިއްލަ ކުރަފަތެއް

(ޖަވާބު ރަނގަޅު)

މިހާ ހިސާބުން ރުގިއްޔާ އާއި ކުރަންޖެހޭ 4 ސުވާލާއި އޭގެ ޖަވާބުތައް ނިމި ދެން ސުވާލު ކުރަން ފެށުނީ މިރިހިމާގޭ މޫސާ ޖަމާލާއި އެވެ.
ފުރަތަމަ ސުވާލު: 

އަނދިރިއަނދިރިން ކުޑައިރު ލައިގެން އުޅުނީ ހަރުވާޅުހޭ، ނުވަތަ އަނދެގެން އުޅުނީ މުންޑުހޭ،

ޖަވާބު: 

އަނދިރިއަނދިރިން ކުޑައިރު ދުވާލު އަންދަވަނީ އޭނާގެ ދޮންބަފާ ގާފަރު ކަޅުއުނބުށޭމު ބޭނުންކޮށްފައި ހުންނަ ބަރުމާޕީސް ބައު މުންޑެވެ. ރޭގަނޑު ނިންދަވަނީ އޭނާގެ އަމާ ކާންޒީކަމަނާގެ ކަޅު ކަނޑިއްކެއް އަންދަވާފައެވެ.

(ޖަވާބު ރަނގަޅު)

ދެވަނަ ސުވާލު: 

ދިވެހިރާއްޖެ އިސްލާމުވުމުގެ ކުރިން މާލެއަށް އެރިކަމަށް ބުނާ ރަންނަމާރި އަތުލައިގަނެ އެސޮރު ބަންދުކުރީ:

(ހ) ތޯލާ ފުޅިއެއްގައިހޭ؟

(ށ) ގެރިކިރު ހުސްކުރި ދަޅެއްގައިހޭ؟

(ނ) 2500 ލިޓަރުގެ ކަޅު ހަމެއްގައިހޭ؟

ޖަވާބު: 

2500 ލިޓަރުގެ ކަޅު ހަމެއްގައި.

(ޖަވާބު ނުބައި. ރަންނަމާރި ބަންދުކުރީ ރޯނުން ބަނދެފައި 1 ތޯލާ (12 ގްރާމް) ފުޅިއެއްގައި.)
ތިންވަނަ ސުވާލު: 

މީލާދީ 1819 ވަނަ އަހަރުގެ ޖޫން މަހުގައި ދިވެހިރާއްޖޭގައި ތިބީ އައިމިނަ ކިޔާ ކިތައް އަންހެނުންހޭ؟

ޖަވާބު:

ޖޫން މަސް ފެށުނުއިރު ތިބީ އައިމިނަ ކިޔާ 50 އަންހެނުން. އެކަމަކު އެމަސް ނިމުނުއިރު ތިބީ 40 އަންހެނުން. އެއީ އެމަހުގެ މެދުތެރޭ ހުންއައިސްފައި އެކަކު މަރުވީމާ.

(ޖަވާބު ނުބައި. 50 އިން 1 އުނިވީމާ ދެން އޮންނަނީ 40 ކަމަށްވާނަމަ ސަލާމަތެއް ނެތެއްނު؟ އެވަނީ ކިހިނެއް؟ މިއީ ދުނިޔޭގެ ކޮންތަނެއްގައި ބޭނުންކުރާ ހިސާބުގެ ވައްތަރެއްތަ؟ މުޅިން ނުބައި މަރުގޯސް. ސަކަރާތް ސަކަރާތް.)

ހަތަރުވަނަ ސުވާލު:

ދިވެހި ރަސްކަމުގެ ބޭނުމުގައި އެއްބަފާ ކޮއްކޮއާއި ދެފިރިން ގަތުލުކުޅަ ކަމަށް ބުނެވޭ އަންހެނަކީ .............

(މިހާ ހިސާބުން ކަރަންޓުގެ މައްސަލައެއް ދިމާވެ މުޅިރަށުން ކަރަންޓު ކެނޑިފައި ދެން ކަރަންޓު ލިބުނީ 5 ގަޑި ބަޔާއި ކައިރިވަނިކޮށެވެ. ކަރަންޓު ލިބުމުން މޫސާ ޖަމާލާއި ކުރަން އުޅުނު 4 ވަނަ ސުވާލު ފުރިހަމަ ކުރުމަށް އޭނާއާއި ގުޅަން އުޅެއުޅެ ނުގުޅުނީމާ ދެން ގުޅަން އުޅުނީ އެދުވަހުގެ އެންމެފަހު ބައިވެރިޔާ ކަނބުރުގޭ ކުޑަތުއްތުއާ އެވެ. މީނާ މަޝްހޫރުވެފައި ވަނީ ހުއްތޭބޭގެ ނަމުންނެވެ. ކުރީގައި ކުދިންނަށް ކިޔަވައި ދެއްވައި އުޅުއްވި ބޭކަލެކެވެ. ނަމަވެސް ހުއްތޭބެ އާއި ވެސް ގުޅޭގޮތެއް ނުވީމާ އެދުވަހުގެ ސުވާލާއި ޖަވާބުގެ ކަންތައް ނިންމާލީއެވެ.)

އެދުވަހުގެ ރޭގަނޑު 9.30

މާލޭގައި ހުރި ރައްޓެއްސަކާއި އާދަނު ފޯނުން ގުޅައިގެން އުޅެނިކޮށް ހުއްތޭބޭ އޭނާއާއި ގުޅާކަން އެނގުނީމާ ރައްޓެހި މީހާއަށް އެކަން އަންގާލައި އެފޯނު ކަނޑާލައި ހުއްތޭބޭގެ ފޯނާއި ގުޅާލިއެވެ.

އާދަނު: 

السلام عليكم - ހުއްތޭބެ ކިހިނެއްތޯ؟

ހުއްތޭބެ: 

وعليكم السلام ورحمة الله وبركاته - ٱلْحَمْدُ لِلَّٰهِ - ހުއްތޭބެ ހަމަ ރަނގަޅު. ކުދިވެރިން ވެސް އެކަހަލަ ގޮތެއް. ހުއްތޭބެ މިގުޅާލީ އާދަނުމެން ކުދިން މުނިފޫހި ފިލުވަން ތިޔަކުރާ ކަންކަމަށް ހިތްވަރުދީ އެކަން ކުރިޔަށް ގެންދިޔުމުގައި ހުއްތޭބެއަށް ފެންނަ ރަނގަޅު ގޮތެއްގެ ވާހަކަ ވެސް ބުނެލަން ކަމަށް.

އާދަނު:

ޝުކުރިއްޔާ. ހުއްތޭބޭ. މިކަހަލަ ކޮންމެ ކަމެއްގައި ވެސް ހުއްތޭބެއާ ވާފިރުބެއާ ހުސެންބެ މެންގެ އެހީތެރިކަމާ މަގު ދެއްކުން އަޅުގަނޑުމެން އަބަދު ވެސް ބޭނުންވާނެ އިނގޭތޯ!

ހުއްތޭބެ:

މިރޭ ވާހަކަ ދައްކާލާނީ އާދަނުމެން މިހާރު ފަށައިގެން އުޅޭ ސުވާލު މުބާރާތާއި ދޭތެރޭ. ޢާއްމުކޮށް ހަމަ ހުރިހާ އެންމެންގެ މެދުގައި ބާއްވާ މިކަހަލަ މުބާރާތެއްގެ ސުވާލާއި ޚާއްޞަކޮށް އޭގެ ރަނގަޅު ޖަވާބު ވާންޖެހޭނީ ބިނާ ކުރަނިވި ބޭނުންތެރި އަދި ފައިދާ ކުރަނިވި އެއްޗަކަށް. އަދި އެނގިފައ ިއޮތުން އެންމެނަށް ވެސް ބޭނުންތެރި އެއްޗަކަށް. މިސާލަކަށް މިއަދު ކަނީރުމާގޭ ރުގިއްޔާއާއި އާދަނު ކުރި އެއްސުވާލަކީ ގާފަރު ސްކޫލު ހުންނަނީ ނައިފަރުގައިހޭ ނުވަތަ ދަރަވަންދޫގައިހޭ. މިއީ އެހާ ބޭނުންތެރި ސުވާލަކަށް ނުވޭ. އެއީ ގާފަރު ސްކޫލު ހުންނާނީ އެނަމާއި އެއްގޮތަށް ގާފަރުގައި ކަން އެނގޭނެ. އަދި އެހެން ނޫނަސް އެވެނި ސްކޫލެއް ހުންނަނީ މިވެނި ތަނެއްގައި ކަން ސުވާލު ކުރެވޭ މީހާއަށް އެނގުމުގެ އެއްވެސް ބޭނުމެއް ނެތް ސްކޫލެއް ނަމަ އެސުވާލުގެ ބޭނުމެއް ވެސް ނޯންނާނެ. މިސާލަކަށް ޖަލާލުއްދީން ސްކޫލު ހުންނަ ތަނެއް އެންމެންނަށް އެނގެން ނުޖެހޭ. އެނގުމުގެ ބޭނުމެއް ވެސް ނޯންނާނެ. އެއީ އެންމެންނަކީ އެސްކޫލުގެ ބޭނުމެއް ހިފަންޖެހޭ ބަޔަކަށް ނުވާތީ.

(މިހިސާބުން ހުއްތޭބެ ކަރުކެހިލައިފައި)
މިސާލަކަށް އަލްއަމީރު ޙަސަން ފަރީދު ދީދީ އަވަހާރަވީ ދުވަހަކާއި، ކާށިދޫ ކަނޑުގެ ފުންމިނާއި، ކޮޅުމަޑުލާއި މާލެއާއި ދޭތެރޭގައި ހުރި ދުރުމިނަކާއި، މާލޭ ހުކުރު މިސްކިތުގެ ދެކުނު ދޮރޯށި ނެގި ދުވަހަކާއި، ބުންބާ މީހުން މާލޭގައި ނަމާދު ކުރި މިސްކިތަށް މިހާރު ކިޔާ ނަމަކާއި، މިނޫނަސް މިޒާތުގެ ކަންކަމަކީ އެންމެނަށް ކޮންމެހެން އެނގެންޖެހޭ ކަންކަމެއް ނޫނެވެ. އެނގުމުގެ މާބޮޑު ބޭނުމެއް ވެސް ހުރި ކަންކަމެއް ނޫނެވެ. އެހެނެއް ނޫނެވެ. ސާފުތާހިރު ވުމާއި، ހަށިގަނޑަށް ފައިދާ ކުރަނިވި ކާނާއާއި، ހަށިގަނޑަށް ގެއްލުން ދެނިވި ކަންކަމާއި، ބަލިބަލިން ސަލާމަތްވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި، މަގުމަތީގެ އަދަބު ތަކާއި، މީސްތަކުންނަށް އަޅާލައި ބޭނުން ޖެހިފައިވާ މީސްމީހުންނަށް ވެދެވެން އޮތް އެހީތެރިކަމެއް ދެވިދާނެ ގޮތްތަކާއި، މިހިރަ މިހިރަ ކަންކަމަކީ ހަމަ އެންމެނަށް ވެސް ބޭނުންތެރި ކަންކަމަށް ވާތީ އެކަހަލަ ކަންކަމަށް ބިނާކޮށް ސުވާލުތައް ހުށަހެޅުމަކީ ރަނގަޅު ކަމަކަށްވާނެ ކަމަށް ހުއްތޭބެއަށް ފެންނާތީ މިވާހަކަ ބުނެލީ.

އާދަނު:

ވަރަށް ރަނގަޅު މަޢުލޫމާތުކޮޅެއް ތިޔަ ދެއްވީ. ބޮޑަށް ވާގޮތަކީ ބައެއް އެހެން ތަންތަނުން ވެސް ރޯދަ ކުރުކުރަން ކުރާ ބައެއް ސުވާލުތަކަކީ އެންމެނަށް އޭގެ ޖަވާބެއް ކޮންމެހެން އެނގެން ވެސް ނުޖެހޭ ސުވާލުތަކަށް ވެފައި ކޮންމެވެސް ހެއްވާ ގޮތަކަށް ބައެއް ސުވާލުތައް ހުންނާތީ އަޅުގަނޑުމެންނަށް ވެސް އެކަހަލަ ގޮތަކަށް ސުވާލުތައް ބައްޓަން ކުރެވެނީ. އިރާދަކުރެއްވިއްޔާ ދެން އެހެން ނުވާނެ. ހުއްތޭބެ، ވާފިރުބެ، ހުސެންބެ މެންގެ ޚިޔާލާއި މަޝްވަރާ ހޯދާނަން. ވަރަށްބޮޑަށް ޝުކުރިއްޔާ.

ހުއްތޭބެ: މަރުޙަބާ. 

             ---------------------

ޢަބްދުﷲ ޙަސަން ހުޅުދުމައިގެ

06/05/2020