ވަންހަނާކަމުގެ ބަޙުސުގެ ތެރެއިން "ފިޔަވަޅު" ގެ ބަޙުސާ މެދު











ތަޢާރަފު:

"ވަންހަނާކަމަކީ" ނުވަތަ ފިޔަވަޅުގައިވާ "ވަންހަނާގޮތަކީ" އިނގިރޭސި ބަހުގައި ނަމަ ޕެސިވް ވޮއިސް – އެވެ. ޢަރަބި ބަހާއި އުރުދޫ ބަހުގައި ކިޔާ މަޖުހޫލު ފިޢުލެވެ. ދިވެހިބަހުގެ ގަވާއިދާ މެދު ލިޔުއްވި ޢިލްމުވެރިންގެ ތެރެއިން ވަންހަނާކަން ގަވާއިދުގައި ފާހަގަކުރައްވައި އެކަމުގެ ބަހުސު ކުރެއްވީ އައްޝައިޚުލް އުސްތާޒު މުޙައްމަދު ޖަމީލު ދީދީއެވެ. އެއީ 1970މ. ވަނަ އަހަރު ލިޔުއްވި ދިވެހިބަހުގެ ގަވާއިދާ ބެހޭ ފޮތް ފިޔަވަޅު2 ގައެވެ. އެ ބަހުސު ފުރިހަމައެއް ނުވެއެވެ. އަދި އޭގައި ހަމަ ނުޖެހޭ ވާހަކަތަކެއް ވެސް އެބަހުއްޓެވެ.

މި މަޒުމޫނަކީ ވަންހަނާކަމުގެ މައްޗަށް ލިޔެވިފައިވާ މަޒުމޫނެއް ނޫނެވެ. އެހެންކަމުން ވަންހަނާކަމާމެދު ފުރިހަމައަށް ބަހުސް ކުރެވިފައެއް ނުވާނެއެވެ. އަދި ކިއެއްތަ، މި މަޒުމޫނަކީ ވަންހަނާކަމާ ބެހޭ ގޮތުން ފިޔަވަޅުގައިވާ ބަހުސާ މެދު ލިޔެފައިވާ ތަޙުލީލުގެ ބަޔާނެކެވެ.

ވަންހަނާކަމުގެ ޖުމުލަ ޢަރަބި، އުރުދޫ، އިނގިރޭސި- މި ތިން ބަހުގައި ވެސް ބޭނުން ކުރެވެއެވެ. ޢަރަބިބަހާއި އުރުދޫ ބަހުގައި ވަންހަނާކަމުގެ ޖުމުލައިގައި "ކަންކުރާ"(ފިޔަވަޅުގައި ބުނާ "ކުރާ") ބޭނުމެއް ނުކުރެވެއެވެ. އަދި ކިއެއްތަ، "ވަންހަނާކަމޭ" (މަޖުހޫލު ފިޢުލު) ކިޔަނީ ވެސް ކަންކުރާ ނޯންނާތީއެވެ. ނަމަވެސް އިނގިރޭސި ބަހުގައި ވަންހަނާކަމުގެ ޖުމުލައިގައި ވެސް ކަންކުރާ (ސަބްޖެކްޓް) ބޭނުން ކުރެއެވެ.

"ފިޔަވަޅު" ގެ ބަހުސް

1- ފިޔަވަޅުގައި ފުރަތަމަ ވެސް ދައްކަވަނީ ވަންހަނާ ގޮތާއި ފައުޅު ގޮތާ- މި ދެ ގޮތުގެ ދެ މިސާލެވެ.
     1. ދޮންތުއްތު ބަތް ކައިފި (ފައުޅު ގޮތް)
     2. ބަތް ކެވިއްޖެ (ވަންހަނާ ގޮތް)

(ފިޔަވަޅު2، ޞ.12)
·    ދެވަނަ މިސާލުގައިވާ، ކެވިއްޖެ- (ވަންހަނާ ގޮތް) މި ގޮތަށް ކަން ބަދަލުވުމުން ކަމުގެ މާނައަށް އަންނަ ބަދަލުގެ ވާހަކައެއް ނުދައްކަވައެވެ.
·   ދެވަނަ މިސާލުގައި "ކަންކުރާ"އެއް ނެތެވެ. ދިވެހިބަހުގައި ކަން ވަންހަނާ ގޮތުގައި އަންނަ ޖުމުލައިގައި  ވެސް "ކަންކުރާގެ ބާވާތެއް" އާދެއެވެ. އަދި ކަންކުރާނެތި ޖުމުލަ "ޖުމުލައަކަށް" ނުވެއެވެ.

ދައްކާ ވާހަކައެއްގެ ތެރޭގައި، އަތުވެއްޖެ- ބޭނުން ކުރާއިރު ވާހަކައިގެ ސިޔާޤުން (ކޮންޓެކްސްޓް) ކަންކުރާ އެނގެއެވެ. އެއީ ހަމައެކަނި ވާހަކަދެއްކުމުގައި ހުރިހައި ބަހެއްގައި ވެސް ގޮތެވެ. ބަހުގެ ގަވާއިދުގެ ހަމައިން، ...އަތުވެއްޖެ- ބުނާއިރު އެތާނގައި "ކަންކުރާ" ފޮރުވިފައި އެބައޮތެވެ. އެއީ ޟަމީރެކެވެ. ނުވަތަ ފާޅުގައި އޮތް ނަމެކެވެ.
އެހެންކަމުން، ބަތް ކެވިއްޖެ- މި ތަން ޖުމުލައަކަށް ވާނީ: (ދޮންތުއްތުއަށް) ބަތް ކެވިއްޖެ- މިހެން ބުނުމުންނެވެ. ބަތް ކެވިއްޖެ- މިއީ ޖުމުލައެއް ނޫނެވެ. ޖުމުލައެއްގެ ފަޅިއެކެވެ.

2- ބޭރު ބަސްބަހުގައި ރައްދުވާކަމުން ނޫނީ ވަންހަނާކަމުގެ ޖުމުލައެއް ނެހެދެއެވެ. ނަމަވެސް ދިވެހިބަހުގައި ކަން އޮތީ މިހެނަކުން ނޫނެވެ. ރޮވިއްޖެ، ހެވިއްޖެ... މި ފަދަ ކަން ލައިގެންވެސް ވަންހަނާކަމުގެ ޖުމުލަ ހެދެއެވެ.

3- ފިޔަވަޅުގައި ބަހުސް ނިމޭތާނގައި ވެއެވެ. "ވަންހަނާ ގޮތަށް ބަދަލުވެފައި ހުންނަ ކަމުގެ "ކުރާ" ގެ ނަން ބައެއް ފަހަރަށް ގެނެވެއެވެ."...

ދެން ލިޔުއްވަނީ އޭގެ މިސާލެވެ. އެއީ:
1. ދޮންތުއްތުއަށް ބަތް ކެވިއްޖެ
2. އިބްރާހީމަށް އާދެވިއްޖެ

(ފިޔަވަޅު2، ޞ.12)

ފުރަތަމަ ޖުމުލައިގައި، ބަތް- އަކީ "ރައްދުވާ" އެވެ. ކެވިއްޖެ-އަކީ ކަމެވެ. ކައިރި މާޒީގެ ކަމެވެ. ކަން މި އޮތީ ވަންހަނާ ގޮތުގައެވެ. ދެވަނަ ޖުމުލައިގައި، އާދެވިއްޖެ- އަކީ ކަމެވެ. ކައިރި މާޒީގެ ކަމެވެ. އޮތީ ވަންހަނާ ގޮތުގައެވެ. މިއީ ރައްދު ނުވާ ކަމެކެވެ.

4- ކަން ކުރާގެ ބަދަލު

އިސްވެ ދިޔަ ދެ ޖުމުލައިގައި "ދޮންތުއްތުއަށް"  އާއި "އިބްރާހީމަށް" އަކީ "ކަންކުރާ" އެއް ނޫނެވެ. އެހެނީ މި ދެ ޖުމުލައިގައި އެ ދެފަރާތް ކަމެއް ކުރަނީއެއް ނޫނެވެ. ކުރި ކަމެއް އެ ދެ ފަރާތަށް ނިސްބަތް ވަނީއެވެ. "ކަން" ނިސްބަތްވާ ފަރާތަށް ފިޔަވަޅުގައި ނަމެއް ނެތެވެ.!
·      ދޮންތުއްތު ބަތް ކައިފި
މި ޖުމުލައިގައި ދޮންތުއްތު ކަމެއް ކުރީއެވެ.  އެ ކުރި ކަމަކީ ކެއުމެވެ. އެހެން ކަމުން ގަވާއިދުގެ ގޮތުން ދޮންތުއްތުއަކީ "ކުރާ" (ފާޢިލު) އެވެ.
1. ދޮންތުއްތުއަށް ބަތް ކެވިއްޖެ
2. އިބްރާހީމަށް އާދެވިއްޖެ

ކަން ވަންހަނާ ގޮތުގައި ބޭނުން ކުރެވޭ، ކަމުގެ ކޮންމެ ޒަމާނެއްގެ ޖުމުލައެއްގައި ވެސް ކަން ނިސްބަތްވާ ފަރާތަކީ: ކަންކުރާގެ ބަދަލު - އެވެ. އިސްވެދިޔަ ދެ ޖުމުލައިގައި، ދޮންތުއްތު- އާއި އިބްރާހީމު- އަކީ ކަންކުރާގެ ބަދަލެވެ.

ވަންހަނާކަމުގެ ބަހުސްގައި ފިޔަވަޅުގައިވަނީ މުޅިންވެސް "ކައިރި-މާޒީ"(ނިމުނުކަން)ގެ ކަމުގެ މިސާލެވެ. ނަމަވެސް "ވަންހަނާކަމަށް" ކަން ބަދަލުވަނީ އެކަނި ކައިރި މާޒީގެ ކަމެއް ނޫނެވެ. އަދި މާޒީ އެކަންޏެއް ވެސް ނޫނެވެ. މި ފަދަ ހާލަތުގައި ވަންހަނާކަމުގެ މާނަ ބަދަލުވެއެވެ.

ފިޔަވަޅުގައި ވާ ވަންހަނާކަމުގެ ގޮތާމެދު އަޅުގަނޑު ކުރި ތަޙުލީލުގެ ބަހުސް ނިމުނީއެވެ. އެހެނަސް ވަންހަނާކަމުގެ ބަހުސް ނިމުނީއަކީ ނޫނެވެ. ފިޔަވަޅުގައިވާ ބަހުސަކީ ފެށުމެކެވެ. އެ ބަހުސު ފުރިހަމަ ކުރުން- އެއީ އަދުގެ ޢިލްމުވެރިންގެ ކަމެކެވެ. އާދެ، ބޯޅަ އޮތީ މިހާރު މި ކޮޅުގައެވެ.
                    ----------------

މުޞަންނިފު: އަލްއުސްތާޛު މުޙައްމަދު ވަޙީދު ނަދްވީ

މަޢުލޫމާތު:
މުޙައްމަދު ޖަމީލު: ފިޔަވަޅު1 ، 2، 3 ނޮވެލްޓީ ޕްރެސް 1970
ޢަރަބި، އުރުދޫ، އިނގިރޭސި މިތިން ބަހުގެ ގަވާއިދުގެ ފޮތްފޮތް