ދިވެހިރާއްޖެއަށް
އިސްލާމްދީން ތަޢާރަފުވީ 1153މ. ގަ އެވެ. އެ ދުވަސްވަރު ރާއްޖޭގައި ހުރި ބުދުދީނުގެ އެންމެބޮޑު
"އެދުރުގެ" ހުރީ އަތަމަނަހުރާ އަތޮޅު ނުވަތަ މާލެއަތޮޅު ކާށިދޫގަ އެވެ. މިޒަމާނުގެގޮތުން ނަމަ އެއީ
ޔުނިވަރސިޓީއެކެވެ. އެތަނުން ކިޔަވައިދެނީ ބުދުދީނެވެ. އިސްކޮށްތިބެނީ، ރަތްލާޖެހި
ބޮޑެތި ހާމުދުރުންނެވެ. ބުދުދީނުގެ ދަންނަބޭކަލުންނެވެ. ނުވަތަ ފިލޯސަފަރުންނެވެ.
މިވާހަކައިގައި
ކިޔާގޮތުން އެ ދުވަސްވަރު ބުދުދީން ކިޔަވައިދޭން ރާއްޖޭގައި ތިބި ބޮޑެތި އުސްތާޛުންނަކީ،
އެހާތަނަށް ރާއްޖޭގައި ރަސްކަންކުރެއްވި ރަސްރަސްކަލުންނާއި ތިމާގެ ބޭފުޅުންނަށްވީމާ
ރާއްޖެ އިސްލާމްވުމަކުން ވެސް އެ މީހުންނަށް އެއްވެސްގޯނާއެއް ނުކުރެ އެވެ. ޚާއްޞަކޮށް
އިސްލާމްދީނަކީ އަނިޔާވެރިކަމަށް ހިތްވަރުދިނުގެ ބަދަލުގައި އޯގާތެރިކަމަށް
ހިތްވަރުދޭ ދީނަކަށް ވާތީ ނޭއްގާނިގޮތަކަށް އެ މީހުންނާއިމެދު ކަންތައްތަކެއް
ނުހިނގަ އެވެ. އެ މީހުން ތިބިގޮތަކަށް ތިބެ، ނެތެމުން މުޅީން ހުސްވަންދެން ވެސް އެ
މީހުންތިބީ ރާއްޖޭގަ އެވެ.
އިސްވެދިޔަގޮތަށް
ކަންކަން ހުރުމުގެސަބަބުން އެންމެފަހު ދުވަހާއި ހަމަޔަށްވެސް ކާށިދޫގައި އެ މީހުންތިބި
ހިސާބުގަނޑު ރައްކާތެރިކޮށް ބަލަހައްޓަމުން ގެންދިޔައީ، އަތަމަނަހުރާ (މާލޭ)ގެ ރަސްކަމުގެ ގަނޑުވަރުންނެވެ.
އެކަމަށްޓަކައި އެ ރަށުގައި ތިބޭ ބަޔަކީ ގަނޑުވަރުގެ ޚަރަދުބަރަދު
ހިންގުމަށްބޭނުންވާ ކާއްޓާއި، ދަރާއި އަދި މިނޫން ވެސް އެފަދަ ތަކެތި އެ ރަށުން ގަނޑުވަރަށްގެންނަ
މީހުންނެވެ. އެގޮތުގެމަތިން ހާމުދުރުންގެ ޒަމާން ނިމުމުން ވެސް ކާށިދޫގެ އެބައި އޮތީ
ރަސްކަމުގެ ގަނޑުވަރުގެ ތަނެއްގެގޮތުގަ އެވެ. އެއީ ގަނޑުވަރުގެ ހިންނައެކެވެ.
ކާށިދޫގައި
އޮންނަ ގަނޑުވަރުގެ ހިންނަ ބެލެހެއްޓުމާއި ޙަވާލުވެހުންނަ މީހާއަކީ ސީދާ
ރަސްގެފާނުގެ ފައިންޕުޅުފެންނަ މީހެކެވެ. އެ މީހަކީ މީހާގެ ފެންވަރުގައި ރަށްވެރިއެއްކަމަށް
ވިއަސް އެއީ ބާރުގަދަ މީހެކެވެ. އެހެންމީހުންގެ އަދަބު އިޙްތިރާމް ލިބިގެންވާ
މީހެކެވެ. މިވާހަކައިގައި ކިޔާގޮތުން ސުލްޠާން ވަޑީކަލަމިންޖާގެ އެ ދުވަސްވަރު އެ
"ހިންނަ" ބަލަހައްޓަންހުރީ ކާށިދޫގެ މީހެކެވެ. ބުރަކަށީގައި ގުދުކަމެއް ހުންނާތީ
ބައެއްމީހުން އޭނާގެ ވަނަމަކަށް "ކާށިދޫ ގުދުކަލޯ" ކިޔަ އެވެ. މިހެން
ވިޔަސް އޭނާގެ ޢާއްމު ނަމަކީ "ކާށިދޫ ކަލޯ"އެވެ. މި ކަލޯއަކީ ވަރަށް
ހިތްވަރުގަދަ ކަމަށް ކަމޭހީކުރާ ފިސާރި ކަންކުރެވޭ މީހެކެވެ.
އޭނާގެ މަސްއޫލިއްޔަތަކީ
ކޮންމެމަހަކު ކާށިދޫ ރަސްހިންނަ ނުވަތަ ކުރު ހިންނައިން ލިބޭ ނަފާ މަހުންމަހަށް އަތަމަނަހުރާ
(މާލޭ)ގެ ރަސްކަމުގެ ގަނޑުވަރާއި ޙަވާލުކުރުމެވެ. އެ ނަފާ ނުވަތަ އެ ތަކެއްޗެއް ގަނޑުވަރާއި
ޙަވާލުކުރުމަށްފަހު އޭނާއަށް ރަށަށްފުރޭނީ، ރަސްގެފާނުގެ ފައިންޕުޅުފެނި
ހިސާބުކިތާބު އަރިސްކޮށް ދެން ވެސް ދަންނަވަންހުރި ވާހަކައެއް ދެންނެވުމަށްފަހު މަހާރަދުންގެ
ހުއްދަ ވިދާބަސްފުޅު ލިބިގެންނެވެ. އޭނާ އަތަމަނަހުރާގައި ހުންނަ ދުވަސްތަކުގައި ނިދަން
ހަމަޖެހިފައިވަނީ ރަސްކަމުގެ ގަނޑުވަރުގެ ކުޑައަށީގަ އެވެ. އެއީ، މަހާރަދުން ވަދެނިކުމެ
ވަޑައިގަންނަވާ ދޮރުކޮޅުގެ އެއްފަރާތުގައި ހުންނަ އައްޓެކެވެ.
ކާށިދޫ ކަލޯ އަތަމަނަހުރާ
(މާލޭ)ގައި ހުންނަ ދުވަސްވަރު އާދަވެ ކޮންމެ ދުވަހަކު ވެސް އެންވޭރު (ހެންވޭރު) މަސްވެރިންގެ
އަތިރިމައްޗަށް ނިކުމެ އުޅެ އެވެ. މިހެންވުމުން ހުރިހާ މަސްވެރިން ވެސް ކާށިދޫކަލޯ
ދަނެ އެވެ. ރައްޓެހި ރަހުމަތްތެރިކަން އޮވެ އެވެ. ކާށިދޫ ކަލޯއަކީ ވެސް ފިސާރި
ބިޑު ބޭކަލަކަށް ވެސް ވާތީ އެވެ. މަސްވެރީންގެ ތެރެއިން ކާށިދޫކަލޯ އާއި
އެންމެގާތް ރައްޓެއްސަކީ ގާމަގު ދޮންކަލޯބެ އެވެ. އެއީ ޖާނުގައި ވަރުހުރި މަޝްހޫރު
ކެޔޮޅެކެވެ. ދައްކާ ވާހަކަތަކުގައި ވެސް ފިސާރި "ޓިކާނާ" ހުރި މީހެކެވެ.
މިހެންވުމުން އެ ދުވަސްވަރުގެ އަތަމަނަހުރާގެ ހުރިހާ މަސްވެރިން ވެސް އޭނާއަށް ބޯލަނބަ
އެވެ. މާލޭގެ ނަން މަޝްހޫރު އެންމެ އިސް ކެޔޮޅަށް ވުމުންނެވެ.
ކާށިދޫ ކަލޯއާއި
އެންމެގިނައިން ވާހަކަދައްކާ މީހަކީ ވެސް ގާމަގު ދޮންކަލޯބެއަށް ވުމުން ދެ މީހުން
ބައްދަލުވި ދުވަހެއްގައި ދޮންކަލޯބެ ބުންޏެވެ.
"ކަލޯއަކީ
މިހާރު މަގޭ ރައްޓެއްސެކެވެ. ވީމާ، ރައްޓެހިކަން އިތުރަށް ބަދަހިކުރުމަށްޓަކައި
މަގޭ ގެއަށް ވެސް ޖައްސާލަންވާނެ ނޫންހެއްޔެވެ؟"
ދޮންކަލޯބެ
އެގޮތަށްބުނުމުން ކާށިދޫ ކަލޯ ވެސް އެކަމަށް އާނބަސް ބުނުމުގެގޮތުން "ދެން
މިފަހަރަކު ނޫނޭ ދެން އަންނަ ފަހަރަކުން ދާނަމޭ" ބުނެއްޕެވެ.
އެގޮތުގެމަތީން
ކާށިދޫ ކަލޯގެ އިންތިޒާރުގައި ގާމަގު ދޮންކަލޯބެ ހުއްޓާ އަނެއްދަތުރު ކަލޯ އަތަމަނަހުރަޔަށް
އަތުވެއްޖެ އެވެ. ކުރިން އެއްބަސްވެފައި އޮތް ގޮތުގެމަތިން ކާށިދޫ ކަލޯ ވެސް
އޭނާގެ މަސައްކަތް ކުޑައަޑިކޮށްފައި އެއްދުވަހަކު ހަވީރު ގާމަގު އަތިރިއަށް ގޮސް
ދޮންކަލޯބޭގެ ގެ ހޯދައިގެން ގޮސް އެ ގޯތީގެ ބަކަރިފުޅަލިގަނޑު ކޮއްޕާލައި ސަލާމްގޮވައިލުމުން
އެ އަޑުއިވިގެން ސަލާމް ބަލައިގަނެ އަވަސްއަވަހަށް ދޮންކަލޯބެ ނުކުމެއްޖެ އެވެ.
ދެން ދެ މީހުން
ގޭތެރެއަށްވަދެ، ކާށިދޫ ކަލޯއަކީ ޚާއްޞަ މެހެމާނަކަށްވާތީ ރަނގަޅު ނާސްތާއެއް ތައްޔާރުކުރުމަށް
ގޭގެ އަންހެންވެރިންނަށް ދޮންކަލޯބެ އެންގި އެވެ.
މިއަށްފަހު، ދެ
މިތުރުން ނާސްތާކުރަން އިށީނުމާއެކު އަތް ދޮއްވުމަށް ކުރައާއި ލޯގަނޑު ހިފައިގެން
ބުރުޞޫރަ ރިވެތި ޅަވަރެއްގެ މަންޖެއަކު އަތުވެއްޖެ އެވެ. އެއީ ދިގުނޮޅިލީ ރަންވަންލޮއިގެ
ކުރައަކާއި ރަންވަންލޮއިގެ ކޯދޮންނަ ލޯގަނޑެކެވެ. އެ މަންޖެ އެ އެއްޗެތި ގެނެސް
ފުރަތަމައަށް ކާށިދޫ ކަލޯގެ އަތްދޮއްވަން ފެންއެޅުމުގެތެރޭ ތަންކޮޅެއްބާރަށް ފެން
އޮއްސާލީ ތޯއްޗެކޭ ލޯގަނޑުގައި ޖެހިފައި ފެން ބުރައިގެންދިޔަ ގޮތުން ކަލޯއަށް
އިސްއުފުލައި އެ މަންޖެގެމޫނަށް ބަލައިލެވުމުން ރަކިފާޑަކަށް އެ މަންޖެ ހީލާފައި ކުރަންއައި
ކަމެއްނިމުމުން މަންޖެ ހިނގައްޖެ އެވެ.
އެ ޒަމާނަކީ، އަންހެންކުއްޖަކު
ފިރިފުރާވަރަށް އެރި ނަމަވެސް އެ ކުއްޖަކާއި މީހަކާއި ދެވުމުގެކުރިން
އުނގަނޑުންމަތި ނިވާކޮށްއުޅުނު ޒަމާނެއްނޫނެވެ. ދާދި ފަހަކާ ޖެހެންދެން ވެސް
ރާއްޖޭގެ ރަށްރަށުގައި މިކަންއޮތީ އެ ގޮތަށެވެ. އެ ދުވަސްވަރު އަންހެންކުއްޖަކު
ލިބާސްލައްވަނީ ވެސް އެ ކުއްޖަކާއި އިންނަ މީހެކެވެ. ނަކަތްތެރީންގެ
ނަކަތްރާއްސަށް ބަލައި ވިރުދުވެރީންގެ ވިރުދުގެ ޢަދަދުހަމަކޮށް އަދި
ރަމަލުވެރީންގެ ފިލާގަނޑުން ގޮޅިތައްގުނައި ވިޔަހެދުމަށްފަހު ހެއު އިރުވަރުގައި ލިބާސް
ލެއްވޭނީ ވެސް ކައިވެނިކޮށްގެންނެވެ. އަންހެން ކުއްޖެއްގެ ޢުމުރުން ވިހި ފަންސަވީސް
އަހަރު ނުވަތަ އެއަށްވުރެ ޢުމުރު ދޮށި ވިއަސް ކަން އޮންނަނީ އެހެންނެވެ.
ކާށިދޫ ކަލޯގެ
އަތްދޮއްވަން ފެންއެޅުމުގެތެރޭގައި ފެނިގެންދިޔަ މަންޒަރަށް ސަމާލުވެ ހުރުމަށްފަހު،
ފުރުޞަތުލިބުމުން ދޮންކަލޯބެ އޭނާގެ ވާހަކަފެށި އެވެ.
"އެއީ މަގޭ
ދޮންކަނބުލޯ އެވެ. އޭނާ އެ ހުރީ، ފިރިފުރާވަރަށް އަރައި ލިބާހަށް އައިބުވެފަ އެވެ.
ނަމަވެސް ކައިވެންޏެއްވުމަކުން ނޫނީ އެފަދަ ގޮތެއް (ލިބާސްލެއްވުން) މައްޗެއްނުވާނެ
އެވެ. މަގޭއޮތް ހަމައެކަނި އުއްމީދަކީ ވެސް އެ މަންޖެއާއި ރަނގަޅުމީހަކު ކައިވެނިކޮށް
ރަނގަޅު ޙަޔާތެއް ވޭތިކުރެވޭތޯ ބެލުމެވެ."
ދޮންކަލޯބެ އެ
ބުނި އެއްޗަކަށް ވިސްނަން އިނުމަށްފަހު އިރުކޮޅަކުން ކަލޯ ބުންޏެވެ.
ދޮންކަލޯބެ
އެވެ. މަހާރަދުންގެ އަރިހުގައި އުޅުނެއްކަމަކު..................! އަހަރެމެންނަކީ
ރަށްފުށުގެ ބީރައްޓެހިންނެވެ. މި ފުރަ ހުރާގަނޑު (އަތަމަނަހުރާ) ގެ ރަށްވެހީންނެއް
ނޫނީމުތާ އެވެ. ވީއިރު ކުރާނީ ކިޔެއްހެއްޔެވެ؟!
ކަލޯ ބުނި
އެއްޗަކުން ދޮންކަލޯބެ ވެސް އޭނާގެ އަމިއްލަ ސިޔަރަތުގެ ބައެއް ނިއުޅާލައިފި އެވެ.
"މަގޭ
ކާފައަކީ ވެސް މި ހުރާ (އަތަމަނަހުރާ)ގެ މީހެއްނޫނެވެ. އެ އޮތް ފެންނަ
ހުޅުލޭގެމީހެކެވެ. ކާފައަށް މި ހުރަޔަށް އާދެވުނީ ދިމާވި ގޮތަކުންނެވެ. ކާފަބުނަނީ
މިރާއްޖޭގެ މީހުންގެތެރެއިން މިހާރު އޮތް ދީނަށް އެންމެފުރަތަމަ އެއްބަސްވެވަޑައިގަތީ
އެއިރުހުންނެވި މަހާރަދުންކަމަށާއި، ދެން އެއަށްފަހު އެހެން މީހުންކަމަށެވެ. ކާފަގެ
ކާފައަކީ ވެސް ކެޔޮޅެކެވެ. ކާފަބުނީ އެ ދުވަސްވަރު މިރަށުގައި އުޅެނީ
"ދޮޅަކަށް ހިޔައަށްވުރެ ތަންކޮޅެއް ގިނަ މީހުން"ނެވެ. ކުރިން މިރަށުގައި
ބެހެއްޓި މިސްކިތް ބައުވެ ހުންނާންނެތިގެން، އެހެން މިސްކިތެއް ބަހައްޓަން މި ހިސާބުގެ
ރަށްރަށުގެމީހުން އާނުގަނޑުން ކެނޑި ގަލާއި ދަނޑިފަން ގެނެސް އެ މަސައްކަތްކުރި އިރު
ކާފައަކީ އެކަމުގައި އިސްކޮށް އުޅުނު މީހެކެވެ. އެ މަސައްކަތް ނިމުމުން މަހާރަދުން
ކާފައަށް ވިދާޅުވިއޭ، ހުސޭނާވޭ
މިރަށުގައި ހުސޭނު ހުރިއްޔާ ވާނީފަހެ ކިޔެއްހޭ؟ ހުންނަން ބޭނުމިއްޔާ
ގެގަނޑެއް ޖަހައިގެން އުޅުނަސް ވަރިހަމަޔޭ އަހުރެން އެ ކަމަށް
ރުއްސަވައިފީމޭ. މަހާރަދުން އެގޮތަށް ވިދާޅުވުމުގެ ފަހަށް މި ގާމަގު އަތިރިން
އެއްގަމަށް ދޮޅަސްބަމަ ދޫކޮށް އެއްގަމުގައި މި ގެ ބެހެއްޓިއްޔެވެ. ކާފަ މަރުވިތާ ވެސް
މިހާރު ހަޔެއްކަދޮޅަސް އަހަރުވެދާނެޔޭ ބައްޕަމަރުވީ ދާދި މިދާކަށްދުވަހު އެވެ."
މިހާހިސާބުން
ކަލޯ ބުންނެވެ.
"މިހާރު
އެއޮތްގެން އިރު ފެނަށްދަނީޔޭ، އަހަރެން ދެން ދަނިއްޔޭ، މަހާރަދުން
ފަރީއްކުޅުއްވައިގެން ނިކުމެ ވަޑައިގަންނަވާއިރު ކުޑައަށީގައި މަ ނެތިއްޔާ ލާހިކެއްނުވާހުއްޓޭ،
ދެން ބައްދަލުވާނީ އަނެއް ދަތުރުގަޔޭ، މާދަމާ ހުރެފައި އަނެއްދުވަހު ފުރާނަމޭ"
މިހެންބުނެފައި
ސަލާމްކޮށް ކަލޯ ހިނގައިގަތުމުން، ދޮންކަލޯބެ ވެސް ފަހަތުންގޮސް ބަކަރިފުޅަލިގަނޑު
ލައްޕާލާފައި ގޭތެރެއަށް ވަނީ އެވެ.
ދޮންކަލޯބެ
ގޭތެރެއަށް ވެދެފައި ގޮވާލިޔޭ "މަންޖޭ ދޮންކަނބުލޯވޭ އާދެބަލަހަރޭ!"
ދެން އެކުއްޖާ
އައުމުން ބުނެއްޕެވެ.
"ކަނބުލޯވޭ، އެ ދިޔަ
ކަލޯއަކީ މަހާރަދުންނާއި އަރިސްކަން ބޮޑު ރަނގަޅުމީހެކޭ، މިކަމަށް ކަނބުލޯ
ވިސްނިއްޔާ ކިޔެއްހޭ، އެއީ ކަނބުލޯ ގޮވައިގެން ހަމަ އެންމެރަނގަޅު ދިރިއުޅުމެއް
ވެސް އުޅެވިދާނެ ލަފާދާރު މީހެކޭ ބަފާ އެބަހީކުރަމުއޭ، މިކަންކުރަން ބަފަޔަށް
ފެނެޔޭ، ކަނބުލޯއަށް ފިސާރި ފާގަތިވާނެތޭ، ގޭތެރެ ތަނަވަސްވާނެޔޭ، އަންނައުނު
ރީތިވާނެ އެވެ."
އެ ކަނބުލޯ
ބުންޏެވެ.
"ބައްޕާވޭ،
އެޔަކީ ގުދު .....................!"
މިހާހިސާބުން
އެ މަންޖެގެ ބަސް މެދުކަނޑުވާލާފައި ދޮންކަނބުލޯ ބުންޏެވެ.
"ކަނބުލޯވޭ!
ބުދާއި ގުދާއި އެޔަކީ މާ އިހުގެކަމެކޭ، ކިޔެއްހޭ އެޔަކީ އެ ކަލޯ އަމިއްލަ
އަމިއްލައަށް ކުރިކަމެއް ވެސް ނޫނޭ، ބޮޑުސުވާމީންގެ އިރާދަފުޅާއެކު ވެނިމިފައިވާ
ކަމެކޭ، އެހެންނާ އެޔަކީ ކޮންމެހެން އެ މީހާގެފުށުން އަނެކާއަށް ނަގުލުވާކަމެއް
ވެސް ނޫނިއްޔާއޭ، ބަފައި މިބުނިކަން ކަނބުލޯވާނީ ކުރަހަރޭ، މަންމަގާތަށް
ބަދިގެފަރާތަށް ދާން އުޅެހަރޭ ބަފާ މިދަނީ ދޯނިދޮށަށެވެ."
ކަލޯ އެދިޔަގޮތަށް ގޮސް ގަނޑުވަރަށްވަދެ ދަތްދޮޅީގައި އަތްވިއްދައިގެން ކުޑައަށީގައި ޒާތެއްގެ ފިކުރެއްގައި އެބަ އިނެވެ. އެގޮތަށް އިނދެވުނީ ކިހާ އިރެއްވަންދެން ކަމެއް ނޭގެޔޭ، ކުއްލިއަކަށް މީހާ ފުންމައިގެން ތެދުވީ މަހާރަދުންގެ ފައިންޕުޅުގެއަޑު ގާތުން އިވިގެންނެވެ.
މަހާރަދުން
ވިދާޅުވިއެވެ.
"ކަލޯއޭ
ހާދަބޮޑު ފިކުރެއްގައި އިންހެން އެބަ ހީވެޔޭ، ރަށުން ދޯންޏެއްއައީހޭ، މައިންބަފައިން ތިބީ ގަދަވެއޭ، އިއްޔެ ބުނީމެއްނޫންހޭ އަނެއްކާ އެމީހުން ބަލިވެއުޅެނީހޭ، އެނޫން
އެހެންބަޔަކު ކަލޯގެ ނުތިބޭނެ ނޫންހޭ؟ އަނތްބެއް ދަރިއެއް އަދި ނެތެއްނޫންހޭ؟"
މަހާރަދުންގެ
ދެފައިންޕުޅުގައި އަތްޖައްސާލާފައި ތެދުވެ ނިތްކުރީގައި އަތްޖައްސާލާފައި ކަލޯ
ދެންނެވިއެވެ.
"މަސާހިބާވޭ!
އެކަހަލަ އެއްވެސްކަމެއް ނިކަމެތި އަޅާއަށް ވީކީނޫނޭ، ހަމަ އިނދެވުނިއްޔެވެ."
މަހާރަދުން
ވިދާޅުވިއެވެ.
"އެހެންނަކުން
ނުވާނެޔޭ ކޮންމެވެސް ކަމެއް ވެއްޖެޔޭ، ރަށަށްދެވޭލެއް ލަސްވީހޭ؟ ވާނީ ވީކަމެއްތާއޭ،
އެކަމަކީ ފުރާވަރުގެ ޅަދޮނޅުކުއްޖަކު ކަލޯއަށް ފަހެ، ދެރަބަހެއް ބުނީހެއްޔޭ، އެކަމެއް
އެނގޭނީ ވެސް ބުނީމާ ނޫންހޭ، މީހަކާ އިންނަންވީ ދޮތައޭ، އެކަމަކު އެކަމެއްއޮތް ނަމަ އޭގެކުރީން އެ މަންޖެއަކުވާނީ، އަހަރެމެން
ދެމަފިރިން ވެސް ބަލައިލާށޭ، ލަފާ ނުލަފަޔާއި ރަނގަޅު ނުރަނގަޅު އެނގޭނީ
ބެލީމައެއްނޫންހޭ، އެ މަންޖެއަކު ގެންނަން އުޅެހަރޭ،
މަހާރަދުންގެ
ވިދާޅުބަސްފުޅު ހުރި ގޮތުން ކަލޯ ވަރަށް ރަކިވެ އިސްދަށަށްޖެހުނެވެ. އަދި ދެންނެވި
އެވެ.
"މަސާހިބާވޭ،
ކޮންމެހެން މުޅިން އެހެންނަކުން ވެސް ނޫނޭ، ހުއްދަ ވިދާޅުބަސްފުޅު ދެއްވައިފިނަމަ މާދަމާ ފުރާންކަމަށޭ، ހިންނަ ބަލަހައްޓާނޭ އެހެން
މީހަކުވެސް ނެތޭ، އެކަމަކު މަސާހިބާގެ ތިޔަހުންނެވި ތޫނުފިލިކަމަކާއި
ދެނެވަޑައިގަތުމުގެ ވިސްނުންފުޅަކަށް މިއަޅާގެ ޖާނު ގުރުބާނުން ގުރުބާނޭ، މިއަޅާގެ
ތަގުޞީރު މާފުކުރެއްވުން އެދެމޭ، ދެން އަންނަ ދަތުރެއްގައި އެ މަންޖެއަކު މަސާހިބާގެ
އަރިހަށް ގެނެވޭތޯ އުޅުނިއްޔާ ކިޔެއްތޯއޭ މަސާހިބާގެ އަރިހުގައި މިދެންނެވުނީ
ރަނގަޅަށްކަމަށް މިއަޅާ އެބަ ހީކުރަމެވެ."
މަހާރަދުން
ވިދާޅުވިއެވެ.
"ބަލަބަލަ!
މީހަކު އަނެކާގެގާތުގައި ބުނަންބޭނުންވާ އެއްޗެއް ބުނެވެން އޮންނަނީ އޭނާގެ އަޑުން
އެކަނިކަމަށް ކަލޯ ހީކުރަނީހޭ، އެހެންނަކުން ނުވާނެޔޭ، ކިޔެއްހޭ އެމީހާގެ
މޫނުމަތިން ފެންނަ ކުލަތަކާއި މީހާގެ ޙަރަކާތްތަކުން ވެސް މީހަކަށް
އަނެކާގެގާތުގައި އެއްޗެއް ބުނެވިދާނެޔޭ، ކަލޯއަށް މިއަދު އަހުރެންގެ ގާތުގައި އެއްޗެއް
ބުނެވުނީ މިގޮތުންކަމެއް ނުދެނެހުރީމުތާއޭ، އާނއާނ! ދެން މާދަމާ ފުރިއަސް އެންމެ
ރަނގަޅޭ، އަންނައިރު އެއްކަލަ އަތިރީ ރުކުން ކުރުނބާ ގެންނައްޗެވެ."
ކާށިދޫ ކަލޯ "އާދޭހޭ"
ދަންނަވައި މަހާރަދުންގެ ފައިންޕުޅުގައި ހިފައި ކުރުނީސްކޮށްފައި ކާށިދޫއަށް
ފުރުމަށްޓަކައި ދޯންޏަށް ދާން ގަނޑުވަރުން ނުކުމެއްޖެ އެވެ.
ކާށިދުއަށް
ގޮސް ކުރަންހުރިކަމެއް ކޮށް އަނެއްދަތުރު ކާށިދޫ ކަލޯ އެނބުރި މާލެއަށް އައިއިރު
މަހާރަދުން ވަނީ، ތިންގަޑެއްޗާއި، އެއާވާނެ އެހެނިހެން ސާމާނު ވެސް ތައްޔާރުކުރައްވާފަ
އެވެ. ވުމާއެކު، އެ ތަކެތި ގާމަގު ދޮންކަލޯބެގެ ގެއަށް ގެންގޮސް ގަނޑުވަރުގެ އާދަކާދަތަކާއި
އެ ތާނގައި ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން ވެސް އެ ގޭގެ އެންމެނަށް
ޚާއްޞަކޮށް އެގޭ ދޮންކަނބުލޯއަށް ކަލޯ ކިޔައިދިނުމަށްފަހު މިރޭ ޢިޝާގެފަހުން
މަހާރަދުންގެ ދެކަނބަލުންގެ ފައިންޕުޅު ދެކެން ގަނޑުވަރަށް ދާންޖެހެޔޭ،
ބަލައިއަންނާނަމޭ، ބުނެފައި ކަލޯ ދިޔައީ އެވެ.
އެ ރޭ
ޢިޝާގެފަހުން ދޮންކަލޯބެ ގެއަށް ކާށިދޫ ކަލޯ ހިނގައްޖެ އެވެ. އެއިރު ދޮންކަނބުލޯގެ
ދެމައިން ތިބީ ގަނޑުވަރަށް ދާން ތައްޔާރުވެގެންނެވެ. އެ ގެއަށް ވަދެ ދޮންކަނބުލޯ
ފެނުމާއެކު ކާށިދޫ ކަލޯއަށް ވީގޮތެއް އެނގޭނީ ހަމަ އެ ކަލޯނޫން ދެވަނަ އެހެން
މީހަކަށްނޫނޭ މީހުން ބުނެ އެވެ. ރަސްކަމުގެ ގަނޑުވަރުން ގެނައި އެއްޗެތީން
ޒީނަތްތެރިވެ ހުރި ދޮންކަނބުލޯ ފެނުމުން ކަލޯގެ ހިތަށްއެރި އެވެ.
މިވަރުގެ ރީތި ފުރާފުރިހަމަ ލޫޅާފަތި ޅަދޮން ޅަނބާޅަ ދެވަނަ އަންހެން ޞޫރައެއް މި "އަތަމަނަހުރާ" ގައި ނެތްއިރު، ކާށިދުއަށްއުފަން މަށަށް މިކުރެވެން އުޅެނީ ފަހެ، ކިޔެއްހެއްޔެވެ!؟ އަނެއްކާ މިއީ ކަމުފޮޅައިދާނެ ކަމެއްހެއްޔެވެ.
މިވަރުގެ ރީތި ފުރާފުރިހަމަ ލޫޅާފަތި ޅަދޮން ޅަނބާޅަ ދެވަނަ އަންހެން ޞޫރައެއް މި "އަތަމަނަހުރާ" ގައި ނެތްއިރު، ކާށިދުއަށްއުފަން މަށަށް މިކުރެވެން އުޅެނީ ފަހެ، ކިޔެއްހެއްޔެވެ!؟ އަނެއްކާ މިއީ ކަމުފޮޅައިދާނެ ކަމެއްހެއްޔެވެ.
ކަމުފޮޅުމަކީ، (1)ތަނަވަސްކަމެއް
ޙާޞިލުވުން. (2) ބޭނުންކަމެއްވުން. (3) ބޭނުންހިފޭގޮތްވުން.
– ދިވެހިބަހުގެ ރަދީފު
ދޮންކަނބުލޯގެ ދެމައިން ގަނޑުވަރަށް ދާން ތައްޔާރުވެގެން ތިބުމާއެކު އަންނަހަރޭ، ބުނެފައި ކާށިދޫ ކަލޯ ހިނގައިގަތުމުން އޭނާގެފަހަތުން އެ ދެމައިން ވެސް ގަނޑުވަރަށް ދިޔައޫ އެވެ. އެއަށްފަހު ގިނައިރެއްނުވެ އެ ދެމައިންނާއި ކާށިދޫ ކަލޯ ތިބިތަނަށް މަހާރަދުންގެ ދެ ކަނބަލުން ނުކުމެވަޑައިގަތުމުން އެ އެންމެތަކުން އަދަބުތަޢުޡީމު އަދާކޮށް މަހާރަދުންނަށް ކުރުނީސް ކުރުމަށްފަހު މަހާރަދުންގެ ދެކަނބަލުން ވެސް އެބައިމީހުންނާއި ބައެއް ވާހަކަފުޅުދެއްކެވި އެވެ.
މިއަށްފަހު އެ މީހުން
އެނބުރިދިޔުމުގެ އިޛުނަދެއްވުމުން ދޮންކަނބުލޯގެ ދެމައިން ގެއަށް ގޮސްގޮސްލާފައި ކާށިދޫ
ކަލޯ ގަނޑުވަރަށް އައިސް މަހާރަދުންގެ ފައިންޕުޅު ދުށުމުން މަހާރަދުން ވިދާޅުވި އެވެ.
"ކަލޯވޭ،
ކަލޯއަށް ތިޔަކަމެއް ފަހަކުން ހިއްޗެއްނުވާނެހޭ ފެންނަނީ ކިހިނެއްހެއްޔެވެ؟"
ކާށިދޫ ކަލޯ
ދެންނެވިއެވެ.
"މަސާހިބާވޭ،
އެ މަންޖެގެ ބަފާ ދޮންކަލޯބެ މިއަޅާއަށް ހަމަ އެންމެރަނގަޅަށް ކަމޭހީކުރެޔޭ ހީވެ އެވެ.
ކުރާކަމެއް މިކުރަނީ ވެސް ދޮންކަލޯބެ އެކަމަށް އަތްބާރުލައިގެންނޭ، އެ މަންޖެ ވެސް
ވަކި ހަރާންކޯރެއް ވާނެހެން އަދި ހިޔެއްނުވެޔޭ، އެކަމަކު މަސާހިބާގެ ނިންމެވުމާއި އަމުރުފުޅުގެ
ކުރިޔަކަށް ނިކަމެތި އަޅާގެ އިޚުތިޔާރެއް ނުވާނެތެވެ."
މަހާރަދުން
ވިދާޅުވި އެވެ.
"އާނ!
އެންމެރަނގަޅޭ، ކަލޯ ތިޔަކަމަށް ރުހެންޏާއި، ދެން އޮތީ ގޮތްބަލާލުން ދޮތައޭ، ހުކުރުވިލޭރެއަށް
ތައްޔާރުކުރާން އުޅެހަރޭ."
ކޮންމެއަކަސް ކައިވެނީގެ
ކަންޒޫރި ތައްޔާރުކޮށް ޖެހިގެންއައި ހުކުރުވިލޭރޭ މަހާރަދުންގެ ގަނޑުވަރުގައި
"އަތަމަނަހުރާގެ ގާމަގު ދޮންކަލޯބޭގެ ދޮންކަނބުލޯ އާއި، ކާށިދޫ ކަލޯގެ
ކައިވެނި ކޮށްދެއްވައިފިއޭ، ކައިވެނިކޮށްދެއްވީ އުއްތަމަ ޕަޑިޔާރީންނެވެ. މި ކައިވެންޏަށްފަހު،
ގާމަގު ދޮންކަލޯބެގެ ގޯއްޗަށް ތަނަވަސްކަމާއި ތިޔާގިކަން އޮހި އެ ގޯއްޗަކީ އަވަށްޓެރީންނަށް
ވެސް ހެޔޮފޯރުވާ ތަނަކަށްވެއްޖެ އެވެ. ކައިވެންޏަށްފަހު ކޮންމެރެއަކު ވެސް
ދޮންކަނބުލޯ ކަފުޖަހައިގެން ކާށިދޫ ކަލޯ ގަނޑުވަރަށް ހިނގާ މަންޒަރު ދެކެން ފުރާވަރުޢުމުރުގެ
ފިރިހެންކުދިން ތިބެތެވެ.
ކާށިދޫ ކަލޯގެ ކައިވެންޏަށްފަހު،
އަތަމަނަހުރާގެ ބައެއް ކުދީން ވެސް ދޮންކަނބުލޯއާއި ދިމާވެއްޖެނަމަ ކުޑައިކޮށް ތުނބުން
ފުމެ، ހާދަނަލައޭ، ހާދަފަރިއޭ، ހާދަރީތި ހިނގުމެކޭ، އަހަރެންނަށް ލިބުނުނަމަ
ގެންގުޅޭނީ ހާދަ އުފަލުގައޭ، އެކަމަކުވާ މަންޖެއަށް ލިބުނީ ކޮންކަހަލަ ފިރިހެނެއްހޭ،
މަންޖެގެ ދެލޮލަށް ތިޔަހުރީ ފަހެ އުއްސަކުރު ފަނި އެޅިފަހޭ، އެހެންނޫންނަމަ
އަހަރެމެން ވެސް މި ތިބީވިއްޔާއޭ، އަންގާލިނަމަ ވަކި ދެރަވާނެހެއްޔޭ، މިކަހަލަ
އެތައް ބަސްތަކަކުން ދޮންކަނބުލޯގެ ހިތް ތޮރުފަމުން ގެންދާގޮތަށް އަދި އެ ތޮރުފާތަނެއްގެ
ޒަޚަމު ވެސް އިތުރަށް ބޮޑުކުރަމުން ގެންދިޔަ އެވެ.
މިއަށްފަހު ދާދިއަވަހަށް
ދޮންކަނބުލޯއަށް އެ ވާހަކަތައް ގަބޫލު ވެސް
ކުރެވި ކާށިދޫ ކަލޯ އަތަމަނަހުރާގައި ނެތަމަ ދޮންކަލޯބެގެ ގޯތީގައި ސޯދަރަށްދަމާފައި
ކައްކައި އަވަށްޓެރީންނާއި، ޅަފުރައިގެ ދެ ވައްތަރުގެ ކުދީންނަށް އަބަދު ވެސް
ސުފުރާ ތައްޔާރަށް ހުރެ އެވެ. ގަނޑުވަރުގެ ތަނަވަސްކަން އޮތީ އެގެއަށް ކަނޑުވަދެފަ
އެވެ. މިކަން މި ހިސާބަށްދިޔައީ އެ ގޯތީ ދޮންކަލޯބެ މަހަށްގޮސް އުޅެނިކޮށް،
ވިއްސާރަޖެހި މަހަށްދިޔަ ދޯންޏާއެކު ގެއްލުނުފަހުންނެވެ. އެކަމަކު ވެސް އެ ގެއަށް
ލިބިފައިވާ ތަނަވަސްކަމެއްގެ ސަބަބުން ދޮންކަލޯބެއަށް ވީގޮތެއްގެ ހަނދާނެއްހުރި
އެއްވެސްމީހަކު އެގެއަކު ވެސް އަދި އެ ގެއަށް ވަދެނުކުމެ ވެސް ނުއުޅޭ ކަހަލަ އެވެ.
މިހެނީ، ދޮންކަނބުލޯ ލަނީ މަހާރެހެންދިގެ ހެދުމެވެ. ރެހެންދި ބޭނުންފުޅުކުރައްވާ
ހުވަނދު (މޭމަތީގައި އުނގުޅާ ލާދަން) ދޮންކަނބުލޯއަށް ލިބެ އެވެ. ގަނޑުވަރުން
ބާކީވާ ފަރިއްކޮޅު ސުފުރާގެ ބައެއް ވެސް ގެންނަނީ އެ ގެއަށެވެ. ކަންމިހެން
ހުރުމާއެކު، މި ކަންކަމީ، ނެތި ހިނގައިދާނެ ކަމެއްކަމަށް ގަބޫލުކުރެވޭނީ ކާކަށް ކޮންގޮތަކުންހެއްޔެވެ.
ދޮންކަބުލޯއާއި،
ކާށިދޫ ކަލޯގެ ކައިވެނީގެ ކުރިން މަހަކު 1 ފަހަރު އަތަމަނަހުރަޔަށް އަންނަގޮތަށް ކަލޯ
އައިސް އުޅުނުގޮތަށް ކައިވެނީގެ ފަހުން ވެސް އެކަން އޮންނަނީ އެ ގޮތަށެވެ. އެއްފަހަރަކު
ކާށިދޫ ރަސް ހިންނައިގައި މާބޮޑު މަސައްކަތްތަކެއް އޮވެގެން ކާށިދޫ ކަލޯއަށް އާދެވޭނޭގޮތެއް
ނުވުމުން ގަނޑުވަރަށް ފޮނުވާ ތަކެއްޗާއެކީ 3 މަހެއްހާ ދުވަހު، (3ފަހަރު) އަތަމަނަހުރަޔަށް
ފޮނުވީ ކާށިދޫގެ އެކި މީހުންނެވެ. މިގޮތަށް 3 މަހުގެ ފަހުން ކާށިދޫ ކަލޯ އަތަމަނަހުރަޔަށް
އައި ދަތުރު އެ ދެމަފިރިން އެކީގައި ގަނޑުވަރަށް ދިޔަ ވަގުތެއްގައި އެކިއެކި ވާހަކަފުޅު
ދެއްކެވުމަށްފަހު އެންމެފަހުގެ ބަސްފުޅަކަށް ކީރިތި މަހާރަދުން ވިދާޅުވި އެވެ.
"ކަލޯ މިފަހަރު ތިޔަ އައީ، ހިޔަދުވަހާއި، ތިން ހަތްދުވަސް ފަހުންތާ އެވެ! އެކަމަކު މި ހުރިހާ ދުވަހެއް ވެސް ދޮޅުމަސްދުވަހަށް ވުރެ ގިނައެއް ނުވާނޭ ހާދަ ހީވެ އެވެ."
މަހާރަދުން އެ ވިދާޅުވި
ބަސްފުޅެއްގެ މާނައަކީ ކޮބައިކަމެއް ކާށިދޫ ކަލޯއަކަށް ނުވިސްނުނެވެ. އެއީ ކަލޯގެ މިޒާޖެވެ.
ނުނިޔަތްލުމެއް ޝައްކުކުރުމެއް ކަލޯ ނުދަންނާތީވެ އެވެ. ނަމަވެސް މަހާރަދުން އެ ވިދާޅުވި
ބަސްފުޅެއްގެ މާނައަކީ ކޮބައިކަން ކާށިދޫ ކަލޯގެ އަނބި ދޮންކަނބުލޯއަށް ކުޑައިކޮށް
ރޭކާލައިފި އެވެ.
ހަމަ އެ ރޭ
ގެއަށްގޮސް ދޮންކަނބުލޯ ބޭނުންވީ ކާށިދޫ ކަލޯގެގާތުން ވަރިވާށެވެ. ކަލޯއާއި ގަޔާނުވަނީ
އެވެ. ވާނީ ވެސް އެހެންތާ އެވެ. ދޮންކަނބުލޯއަށް މާ ރީތި މާ ޒުވާން ކުދީން ވެސް
ލިބެން އެބަހުއްޓެވެ. ބަފާ އެހާބޮޑަށް އެކަމާ ނޫޅުނުނަމަ އެ ކައިވެންޏެއް
ނުވެސްކުރާނަމޯލަ އެވެ. އަނެއްކާ ބަފާ ދުނިޔޭގައި ނެތްކަމަށް ވިއަސް އަދި ކަލޯ އެ ގޯތީގައި
ނެތްކަމަށް ވިޔަސް އެ ގޯއްޗަށް ލިބިފައިވާ ތަނަވަސްކަން ވެސް ވަކި ކުޑަވާނެކަމަކަށް
ދޮންކަނބުލޯމެން ދެކެނީކީ ނޫނިއްޔާ އެވެ.
ވަރީގެ ވާހަކަ ހުއްޓުމެއްނެތި
ދިގުލަމުންދާތީ އެންމެފަހުން ކާށިދޫ ކަލޯ ބުންޏެވެ.
"އާނއާނ!
އަހަރެން މީ މަހާރަދުންގެ ކާށިދޫ ހިންނަ ބަލަހައްޓާ އެ ރަށުގެ ގުދުކަލޯ އެވެ.
ނަމަވެސް މަހާރަދުން ވިދާޅުވެގެން ކުރި ކައިވެންޏެއް ރޫޅާލެވޭނީ ވެސް އެރަދުންނަށް
ދަންނަވާފަތާ އެވެ. އެ ކަން އެބަ ބަލަމެވެ."
ކޮންމެއަކަސް
މަހާރަދުންނަށް އެ ވާހަކަ ކާށިދޫ ކަލޯ ދެންނެވުމުން ރަދުން ވިދާޅުބަސްފުޅު އިއްވެވި
އެވެ.
"ކަލޯއޭ، ކުއްލިއަކަށް ބަޔަކަށް ތަނަވަސްކަމެއް ލިބުމަކީ، އިހު އުޅުނުގޮތް ދާދި އަވަހަށް ބަޔެއްމީހުން ހަނދުމަނެތޭ ކަމެކޭ، ތިޔަކަމުން ފޭވެ ދުރުވުންހުއްޓޭ!
"އެއްދަނޑެއްގައި ގިނަމީހުން މުޑުވައްކޮށްފިއްޔާ، އޭގެ ވެރިފަރާތް އޮޅޭނެޔޭ"
ދަނޑަކީ ކަލޯގެ ދަނޑެކޭ، މިހެންވިޔަސް އެ ދަނޑުގައި މުޑުވައްކުރީ ގިނަ ބަޔެއްދޮތައޭ!؟
މަހާރަދުންގެ މިބަސްފުޅާއެކު، ކާށިދޫ ކަލޯ ގާމަގު ދޮންކަލޯބެގެ ގެއަށްގޮސް ދޮންކަނބުލޯ ވަރިކޮށް، ހިޔަދުވަހުގެ ކާބޯތަކެއްޗާއި، އަންނައުނުދީ ޚަލާޞްކޮށް އަދި ކޮއިބެލުމުގެ ޚަރަދު ވެސް ލިބޭނޭގޮތް ހަމަޖައްސާފައި ހިނގައްޖެ އެވެ.
ވާހަކައިގެ
ނިމުން:
ކާށިދޫގައި ހުންނަތާ
3 މަހުގެ ފަހުން ކާށިދޫ ކަލޯ އަތަމަނަހުރަޔަށް އައި ދަތުރު ކަލޯގެ ދެމަފިރިން އެކީގައި
ގަނޑުވަރަށް ދިޔަ ވަގުތެއްގައި އެކިއެކި ވާހަކަފުޅު ދެއްކެވުމަށްފަހު އެންމެފަހުގެ
ބަސްފުޅަކަށް ކީރިތި މަހާރަދުން ވިދާޅުވީ،
"ކަލޯ މިފަހަރު ތިޔަ އައީ، ހިޔަދުވަހާއި، ތިން ހަތްދުވަސް ފަހުންތާ އެވެ! އެކަމަކު މި ހުރިހާ ދުވަހެއް ވެސް ދޮޅުމަސްދުވަހަށް ވުރެ ގިނައެއް ނުވާނޭ ހާދަ ހީވެ އެވެ." މިހެންނެވެ.
"ކަލޯ މިފަހަރު ތިޔަ އައީ، ހިޔަދުވަހާއި، ތިން ހަތްދުވަސް ފަހުންތާ އެވެ! އެކަމަކު މި ހުރިހާ ދުވަހެއް ވެސް ދޮޅުމަސްދުވަހަށް ވުރެ ގިނައެއް ނުވާނޭ ހާދަ ހީވެ އެވެ." މިހެންނެވެ.
ހިޔައަކީ 96 އެކެވެ. ތިންހަތް ދުވަހަކީ 21 ދުވަހެވެ.
އައްސުލްޠާން ވަޑީ
ކަލަމިންޖާ އެ ވިދާޅުވި ބަސްފުޅުގެ މުރާދައަކީ، ކާށިދޫ ކަލޯއާއި އޭނާގެ އަނބި ދޮންކަނބުލޯއާއި
ބައްދަލުނުވެ ކަލޯ ކާށިދޫގައި ހުންނަތާ 117 ދުވަސް (3 މަހާއި 9 ދުވަސް) ފަހުން އެނބުރި
އަތަމަނަހުރާ (މާލެ)އަށް އައިސް ދޮންކަނބުލޯއާއި ބައްދަލުވިއިރު ވެސް އެ ކަނބުލޯގެ
ބަނޑަށް (ބަލިވެ އިނދެ) ދޮޅުމަހަށްވުރެ ގިނަނުވާނެކަމަށް އެ މަހާރަދުންނަށް ހީފުޅުވާ
ވާހަކަ އެވެ.
"އެއްދަނޑެއްގައި
ގިނަމީހުން މުޑުވައްކޮށްފިއްޔާ، އޭގެ ވެރިފަރާތް އޮޅޭނެޔޭ" އައްސުލްޠާން ވަޑީ ކަލަމިންޖާ އެ ވިދާޅުވީ އެ ކަން އެ ގޮތަށް
އޮތުމުންނެވެ. އެއީ ތެދަކަށްވުމުންނެވެ. އެއްދަނޑެއްގައި ގިނަމީހުން މުޑުވައްކޮށްފިއްޔާ އެޔެއް މިޔެއް ވައްކެއްނުވެ އޭގެ ވެރިފަރާތަކީ ކޮބައިކަން ނޭނގި އޮޅޭނެތީ އެވެ.
(ނިމުނީ)
ނޯޓް:
(ނިމުނީ)
ނޯޓް:
މިއީ ތާރީޚީ ފުލޯކު
ވާހަކައެކެވެ. ތާރީޚީ ފުލޯކު ވާހަކައެއްކަމަށް ބެލީ ދިވެހިތާރީޚުގެ ވަކި ދުވަސްވަރަކާއި މިވާހަކައާއި ގުޅުވިފައިވާތީ
އެވެ. މިވާހަކައިގައި ކިޔާގޮތުން މިކަމެއް ހިނގާފައިވަނީ 1213މ. އިން 1213މ. އަށް ރާއްޖޭގެ
ރަސްކަންކުރެއްވި އައްސުލްޠާން ވަޑީ ކަލަމިންޖާގެ ދުވަސްވަރުގަ އެވެ. މިރަދުންނަކީ
ސުލްޠާން ދިނެއި ކަލަމިންޖާއާއި ސުލްޠާން ދިހެއި ކަލަމިންޖާގެ ކޮއްކޯފުޅެކެވެ. މިހުރިހާ
ބޭފުޅުންނަކީ ވެސް ފަތަހިރިޔާ މާވާކިލެގެ ގެ ބޭފުޅުންނެވެ.
މިކަހަލަ ފުލޯކު
ވާހަކަތައް ލިޔެ އަދި ކިޔައިދިނުމުގައި އެކިމީހުން އެކިގޮތަށް ލިޔެ ކިޔައިދިންކަމަށް
ވިޔަސް އެ ވާހަކައިގެ އެންމެބޮޑު މައިގަނޑު މަފުހޫމަށް ބަދަލެއްނާދެ އެވެ. އެ މަފުހޫމު
އޮންނާނީ އެއްގޮތަށެވެ. މިގޮތުން މިވާހަކައަށް ވެސް ވާނީ އެ ގޮތެވެ. ވާހަކައިގެ
އެންމެބޮޑު މައިގަނޑު މަފުހޫމަށް ބަދަލެއްނާންނާނެ އެވެ. އެއީ ކާށިދޫ އާދައިގެމީހަކު
އަތަމަނަހުރާ (މާލޭ)ގެ ރީތި ފުރާފުރިހަމަ ލޫޅާފަތި ޅަދޮން ޅަނބާޅަ އަންހެންކުއްޖަކާއި
އިނުމަށްފަހު އެކަންވީ ގޮތެވެ.
"އަތަމަނަހުރާ" އަކީ، ކުރީގެ ދުވަސްވަރެއްގައި މާލެއަށް ކިޔައިއުޅުނު
ނަމެކެވެ. މާލޭގެ އަވަށެއްކަމަށްވާ "ހެންވޭރު"އަށް އެ ދުވަސްވަރު ކިޔަނީ
"އެންވޭރު" ކަމަށް އިހުގެ ބައެއް މުސްކުޅިން ބުނެ އެވެ.
"އެން" މިއީ މަސްވެރިކަން ކުރުމަށް ބޭނުންކުރާ އެމެވެ. "ވޭރު"ގެ
މާނަ ދޭހަކޮށްދެނީ: (1) ކުޅި. (2) ފެންގަނޑު. (3) ބުދުދީނު މީހުން
އަޅުކަންކުރަން ބޭނުންކުރާ ތަނެއް. މިގޮތަށެވެ. – ދިވެހިބަހުގެ ރަދީފު
---------------
ވާހަކައިގެ ޚުލާޞާ
ލިޔުއްވުން: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި
އެކުލެވުން: "ގަލެހިރި"
އެޑްމިން
28 އޯގަސްޓް 2016މ.