މީހަކު އާދަޔާޚިލާފަށް ތެޅިފޮޅި ހިމޭނުންނުހުރެ،
އެއްތަނުގައި ޖެހިފައި އަނެއްތަނުގައި ޖެހިފައި (އެގޮތްމިގޮތަށް) މައިތިރިނުވެ އުޅެންޏާ ހުވަދޫ ބަހުރުވައިގައި
ހުވަދޫގެ މުސްކުޅި ބައެއްމީހުން ކިޔައިއުޅެނީ "ވަށްވަށްލޮޅާ ޖެހުން"
(ކުއްތާ ވަށްވަށްޖެހުން ފަދަ) ނޫނީ، "އެބެރެންތެއްލާ ޖެހުން" (މޮޔަ ބޮލަށްއަރައިގެން އެނބުރުން ފަދަ) ނޫނީ "ހަންނުހަން ނުޖެހީގެން ވޮންޑުން" (ހިމޭނުންނުހުރުން ފަދަ) އެވެ. ހަމަ އެފަދައިން އެގޮތަށްއުޅޭ މީހަކަށް "މުލަތަރަހަތާ
ކައިގެން" އުޅޭ މީހެކޭވެސް ކިޔައެވެ. މިއީ ހުވަދޫ ބަހުރުވައިގެ މިސާލުބަހެކެވެ. "މުލަތަރަހަތާ"އަކީ މުއްސަނދި،
އެހެނަސް ފަނޑުވުމުގެ ބިރުހީވެފައިވާ، މިސާލު ބަހެކެވެ.
"މުލަތަރަހަތާ ކައިގެން"
މިބަހުގައިހިމެނޭ "ތަރަހަތާ"އަކީ، ކުރީޒަމާނުގައި އެކި އެއްޗެތީގައި (ޚާއްޞަކޮށް ފޭރާންވިޔަން ބޭނުންކުރާ އުއިފަދަ އެއްޗިއްސާއި އެހެންބައެއް ތަކެތީގައި) ކުލަޖެއްސުމަށް އަހިމޫފަދަ އެކިއެއްޗެތި އަޅައިގެން ކައްކަން ގެންގުޅުނު ބަނޑިޔާ ޒާތަކަށް ހުންނަ އެއްޗެކެވެ.
އެއީ ހުވަދޫ ބަހުރުވައިގައި އެއަށް ކިޔައިއުޅޭ ނަމެކެވެ. މިބަސް އައިގޮތާއިދޭތެރޭ
ވިސްނާލާއިރު،
އެއީ މީސްމީހުންނަށް ދިމާވާ ބައެއްކަހަލަ ކަންކަމުގެ ވާހަކަތަކުގެތެރޭ ހިމެނޭ ގިނަބަޔަކަށް ނޭނގި އޮންނަ އެހެންނަމަވެސް
ވަރަށް ޝަޢުގުވެރިވާކަހަލަ ކަމެކެވެ.
އިހުޒަމާނުގައި ރިޔާ، އެންދަމާދައު، ނުވަތަ
އެނޫންވެސް ބައެއްތަކެތީގައި ކުލަޖެއްސުމަށް ބޭނުންކުރަނީ އެކިކަހަލަ
ފަތްޕިލާވެއްޔާއި ގަސްގަހުގެ މޫތަކެވެ. އެފަދަ ބާވަތްތައް ކުރިން ދެންނެވުނު ފަދަ ތަރަހަތެއްގައި
ނުވަތަ އެނޫންވެސް އެއްޗެއްގައި ކެއްކުމަށްފަހު ހޫނުކޮށްހުއްޓައި ކުލަޖައްސަން
ބޭނުންވާ ރިޔާ ނުވަތަ އެނޫންވެސް އެއްޗެއް އޭގެތެރެއަށް ލާނީއެވެ. އަދި
އިރުކޮޅަކަށް އަލިފާނުގެ މަޑުގިނީގައި ކެއްކުމަށްފަހު ރަނގަޅަށް ކުލަ ހިފަންދެން
ބަހައްޓައެވެ. މިގޮތަށް އާންމުކޮށް ބޭނުންކުރަނީ އަހިމުލެވެ. މިމުލުން
ނުކުންނާނީ ރަތްކުލައެވެ. އެނޫން ކުލައަކަށް ބަދަލުކުރާނީ އެހެން ބައެއްތަކެތި
އަޅައިގެންނެވެ. ޢާއްމުކޮށް ކުރީޒަމާނުގައި ފެންނަ އޮޑި، ދޯނި، ބައްތެލިފަހަރުގެ
ރިޔަލުން އެފެންނަ ރަތްކުލަޔަކީ މިގޮތަށްޖައްސާ ކުލައެކެވެ. ކުލަޖެއްސުމަށް
މޫތައްކޮށައި ކައްކާފައިހުންނައިރު ހުންނާނީ، ހިކިމަސް ކޮށައިގެން ރިހަކައްކާފައި ހުންނަ
ގޮތަށެވެ.
ކޮންމެއަކަސް މިބަސް އައިގޮތަށް ބަލާލާއިރު، އެއީ ކޮންރަށެއްގައި ކޮންއިރަކު ހިނގި ހާދިސާއެއްކަމެއް ނޭނގެއެވެ. އިވޭގޮތުގައި އެއީ އެރަށެއްގައި
ފަރިވަޅެއް (ޚާއްސަ މުނާސަބަތަކާއި ގުޅިގެން ބާއްވާ ކެއުމެއް) ދިން ރެއެއްގެ
ވާހަކައެކެވެ. މިފަރިވަޅަށް ދިޔަބަޔަކު ގިނައިން ކާންވެގެން އެހެންމީހުންނަށް
ސިއްރިޔާތުގައި ބިތްދޮށު ބަދިގެއަށް ދިޔައެވެ. އެޒަމާނުގައި އާއްމުކޮށް ހުންނާނީ، ހިކިމަހާއި، ކާއްޓާއި،
ރިހާކުރާއި، ގަބުޅި ބޯކިބަލާއި ހުނިލީބަތާއި މިޒާތުގެ ބައެއްބާވަތެވެ. އަދި
ބިތްދޮށު ބަދިގޭގައި ކެއްކުމަށްފަހު ކޭން ތައްޔާރުކުރާނީ ބޭރު ފެންޑާގައެވެ.
ކޮންމެއަކަސް ބިތްދޮށު ބަދިގެއަށްދިޔަ
މީހުން އެތަނުން ބަތާއި ހިކިމަހާއި އެކިވައްތަރުން ބަނޑުފުރާ ކައިގެން
ނިކުމެއްޖެއެވެ. އަދި އިރުކޮޅަކުން އެމީހުން އެއްތަނުގައި ޖެހިފައި އަނެއްތަނުގައި ޖެހިފައި ތެޅެންފެށިއެވެ. ހަޤީގަތުގައި މިމީހުންނަށް ހިކިމަސްކަމަށް
ކެވުނީ އެއްކަލަ ތަރަހަތުގައި ހުރި މޫތަކެވެ. ހަމަ އެވަގުތު އެތަނުންމީހަކު ބުނިކަމަށްވެއެވެ. "ޔަގީނެ,
ތިވޮންނާ ތިތާހުއްޓީ މުލަތަރަހަތާ ކައިގެން" (ޔަގީން، ތިއުޅެނީ ތިޔަތާނގައި
ހުރި މުލަތަރަހަތާ ކައިގެންނެވެ.) މިއީ މިބަސް ހުވަދޫ ބަހުރުވައިގެތެރެއަށް އައިގޮތްކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިފަދަ ބަސްތައް މިހާރަކަށްއައިސް ބޭނުންކުރަނީ ވަރަށްމަދުންނެވެ. ހުވަދޫ ބަހުރުވައިގައި ހިމެނޭ މިފަދަ އެތައްބަހެއް
މިހާރުމިވަނީ ނެތިގެންގޮސްފައެވެ. މިފަދަ ބަސްތައް އައިގޮތާއި މިބަސްތަކުގެ
މާނައާއި ތާރީޚީ މިފަދަކަންތައް އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް
ކޮންމެވެސްމަސައްކަތެއް ކުރަންޖެހޭކަމަށް ދެކެމެވެ.
ހުވަދޫމީހުންނަކީ ޒަމާނުއްސުރެ އަމިއްލަ
ބަހުރުވައެއް ގެންގުޅޭ އަމިއްލަވަންތަ ބައެކެވެ. ރާއްޖޭގެ އެހެންހިސާބުތަކުގެ
ބަހުރުވައަށްވުރެ އައްޑޫ ހުވަދޫ ބަހުރުވައިގެ މުއްސަނދިކަން ބޮޑުކަމަށް ބުނުމަކީ
އެއްގޮތަކަށްވެސް އެހެން ބަހުރުވަތަކަށް ބުނެވޭ ބަދުބަހެއްނޫނެވެ. އެއީ ޙަޤީގަތުގައިވެސް
އެކަންއޮތް ގޮތެވެ. ދިވެހިބަހުގެ ފުންނާބުއުސް ފަރާތްތަކުން އެކަމަކަށް ހެކިވާކަމެކެވެ. އެހެންކަމުން މިމުއްސަދނި ބަހުރުވަ ދިރުވާ އާލާކުރުމަކީ، ދިވެހިބަހަށް
ޚާއްޞަކޮށް ހުވަދޫބަހަށާއި، އަދި ދިވެހިތާރީޚަށް ލޯބިކުރާ ކޮންމެމީހެއްގެވެސް
ޒިންމާއެކެވެ.
------------------
ޙަސަން ޢަބުދުﷲ
Havaruonline.com
22/12/2012