ބޭބެއެއްގެ ބޭސްފަރުވާއަށް އެމީހާ
ގޮވައިގެން ހިންދުކަރައަށްދިޔަ ދިވެއްސަކާއި ބޮޑު ފައްޅިއެއްހުންނަ ހިސާބަކުން މީހަކާއި
ދިމާވިއެވެ. ބަލާބެލުމަށް އެއީ ދިވެހިންގެމީހެކޭ ހީކޮށް އެމީހާގެ ކައިރިއަށް ޖެހިލުމުން
ދިވެހިބަހުން އެމީހާ ބުންޏެވެ.
"ކަލެއަށް
ތިޔަ ހީވިގޮތް އެހާ ގޯހެއްނޫނެވެ. މަށަކީ ކަލޭމެންގެ ރާއްޖޭގައި ވަރަށްގިނަ މަސައްކަތްތަކެއް
ކުރަންޖެހިގެން ވަރަށްގިނަ ދުވަހު އެތާނގައި އުޅުނު މީހަކީމެވެ. އެ މަސައްކަތުގެ ބޮޑުބަޔެއް
މިހާރުވަނީ ނިމިފައެވެ. ދެންހުރި މަސައްކަތަކީ އެތާނގައި އަހަރެން ނެތްކަމަށް ވިއަސް
މަޑުމަޑުން ހިނގަމުން ގޮސް ނިމުމަކަށް ދާނެ މަސައްކަތްތައް ކަމަށް އަހަންނަށް ޤަބޫލުކުރެވޭތީ
ކަލޭމެންގެ ރާއްޖެއަށް ދެން ނުދާން އަހަރެން މިހުރީ ނިންމައިގެންނެވެ."
މިވާހަކަދައްކާ މީހަކީ ބޭރުން
ދިވެހިރާއްޖެއަށްއައިސް ރާއްޖޭގައި ވިހި ތިރީސްއަހަރު ވަންދެން އުޅޭ މީހުނަށްވުރެ ދިވެހިބަހުން
ވާހަކަދެއްކުމުގެ ގޮތްގަނޑާއި ވައްޓަފާޅި ރަނގަޅުމީހެކެވެ.
މިހެންވެ، މި ކަމާއި ދިވެހިންގެމީހާ
ޙައިރާންވެފައިހުއްޓައި ދިވެހިންގެތެރެއިން ނަން މަޝްހޫރު ތިންހަތަރު މީހެއްގެ ނަން
ކިޔައިފައި މިހާރު އެމީހުން އެކަކު އަނެކާއާއި ގުޅޭ މިންވަރާއި އެމީހުން ކުރަމުން ގެންދާ
ކަންކަމާއި އޭގެ ސަބަބުން ތަނަށް އަންނަނީ ކޮންކަހަލަ ބަދަލުތަކެއްތޯ އެމީހާ އަހައިލިއެވެ.
ދިވެހިންގެ މީހާ ބުންޏެވެ.
"އެމީހުން އެބަ އުޅެއެވެ.
އެއީ ބައެއްފަހަރު އޭގެ އެކަކު އަނެކާއާއި ހިފައިގަންނަ ހިސާބަށް ރުޅިވެރިކަންގޮސް
އެއްވެސްގުޅުމެއް ގާތްކަމެއްނެތް ބަޔެއްކަމަށް މީހުންނަށް ފެނުނަސް ޙަގީގަތުގައި ވަރަށް
ގުޅުންއޮތް ބަޔެއްކަމަށް މިހާރު ވަރަށް ގިނަމީހުން ގަބޫލުކުރާ ބަޔެކެވެ. މި ދުވަސްވަރު
އެކަހަލަ އަޑުތައް ވަރަށްގަދައެވެ."
ދިވެހިބަހުން ވާހަކަދައްކާ ބޭރުމީހާ
ބުންޏެވެ.
"ތިޔަ ބުނީ ރަނގަޅަށެވެ.
އެ މީހުންނަކީ ވަރަށް ގުޅެންޖެހޭ ބަޔެކެވެ. ގުޅެންވާނެވެސް ބަޔެކެވެ. ނުގުޅި ނުއުޅެވޭނެ
ބަޔެކެވެ. އަދި އެއީ މިހާރު އަހަރެންގެ ނުހަނު ގާތްބަޔެކެވެ. އެ ތާނގައި އަހަރެން ކުރި
މަސައްކަތުގައި އަހަންނަން އެންމެބޮޑަށް އެހީތެރިކަން ފޯރުކޮށްދިނީވެސް އެމީހުންނެވެ.
އެހެންވެ އަހަރެންވެސް އަހަރެންގެ ހިތްހެޔޮކަމާއި ގާތްކަން އެމީހުންނަށް ފޯރުކޮށްދިނީމެވެ.
މިހެންވެ އެތާނގައި އަހަރެންކުރި މަސައްކަތުގެ ބޮޑުބަޔެއްވެސް މިހާރުވާނީ އެމީހުންނާއި
ޙަވާލުކޮށްފައެވެ. އެ މީހުން ވަރަށް ފަރުވާތެރިކަމާއެކު އެމަސައްކަތް ކުރަމުން ގެންދާނެއެވެ.
ކަލޭމެންގެ ރާއްޖޭގައި އަހަރެން
ކުރި އެންމެބޮޑު މަސައްކަތަކީ އެވެށީގެ ދުޅަހެޔޮކަމަށްޓަކައި ކުރި މަސައްކަތެވެ. ވެށީގެ
ދުޅަހެޔޮކަމާއި ހަށީގެ ދުޅަހެޔޮކަމާއި މިއީ ދެކަމެކެވެ. ވެށީގެ ދުޅަހެޔޮކަމުގެ ފައިދާ
މިހާރު އެދަނީ ބާރު ސްޕީޑްގައި ފެންނަމުންނެވެ. އަހަރެން މިބުނި ވެށީގެ ދުޅަހެޔޮކަމަށް
އެކިމީހުން ކިޔަނީ އެކިނަމެވެ. ގިނަމީހުން ކިޔަނީ ޑިމޮކްރަސީއެވެ. މިނަން ވެސް މުޅިއަކުން
ގޯހެއްނޫނެވެ. އެހެނީ ބޭނުންވަނީ ކޮންމެހެން ނަމެއްނޫނެވެ. ބޭނުންވަނީ ކަމެވެ. އެ ކަން
ހިނގަމުން އެހެރަ ދަނީނޫންހެއްޔެވެ. ޑިމޮކްރަސީގެ ބޭނުންތެރިކަމާއި އޭގެ ސަބަބުން ޚޮދު
އެމީހުންނަށްވެސް ލިބޭނޭ ފައިދާތައް އަހަރެންވާނީ އެމީހުންނަށް ނުހަނު ރަނގަޅަށް އޮޅުންފިލުވައިދީ
އެމަގަށް އެމީހުން ތަރުބިއްޔަތުކޮށް ހާނާފައެވެ. މިހެންވީމާ އެޑިމޮކްރަސީގެތެރެއިން
ފެއަށްޖެހިލުމަކީ މިހާރަކު އެމީހުން ކުރާނޭ ކަމެއްނޫނެވެ. އަދި ކުރެވޭނޭ ކަމެއްވެސް
ނޫނެވެ. އަހަރެން ހީކުރި ވަރަށްވުރެ މާމޮޅަށް އެމީހުން އެމަސައްކަތް އެބަ ކުރެއެވެ.
ދެނެހުރިންހެއްޔެވެ. ވެށީގެ
ދުޅަހެޔޮކަން އާލާވެ ތަރައްގީގެ އުސް ކުންނުތަކަށް ދެވޭނީ ޒަމާނީ ޑިމޮކްރަސީގެ އައްސޭރިތަކަށް
ފަސޭހަކަމާއި މިނިވަންކަމާ އެކު އިންސާނާއަށް ވާޞިލުވެވޭ މިންވަރަކުންނެވެ. މި ކަމަށްޓަކައި
ވަކިވަކި ބައިތަކެއް ހެދި އެބައިތައް އެއްބަޔަކު އަނެއް ބަޔަކަށް ވުރެ ކުރި އަތުލުމަށް
ގަދައަޅައި މަސައްކަތްކުރުން އައުލާކަން ބޮޑެވެ. މިހެންމެ މިބައިތައް ކުރިއަރައި ދިޔުމުގައި
އެމީހުންގެ ތެރޭ ފޯރުންތެރިކަން ހުރި ފަރާތްތަކުން އެއަށްވުރެ ދަށް ފަރާތްތަކަށް އެހީތެރިކަމުގެ
އަތެއް ފޯރުކޮށްދިނުމަކީ ކުރަންޖެހޭ ކަމެކެވެ.
މިކަހަލަ އެހީތެރިކަމަށް ރިޝްވަތާއި
ފަސާދައިގެ ނަން އެކިތަންތާނގައި ބޭނުންކުރިއަސް އަހަރެންދެކެނީ އެއީ ޒަމާނީ ޑިމޮކްރަސީގެ
އައްސޭރިތަކަށް ފަސޭހަކަމާއި މިނިވަންކަމާއެކު ވާޞިލުވުމަށްޓަކައި ކުރާ ލުއި ހޭދައެއްކަމަށެވެ.
މިހޭދަކުރުމަށްޓަކައި ބޭނުންވާ ފައިދާގެ ތަނަވަސްކަން ޒަމާނީ ޑިމޮކްރަސީގެތެރެއިން
ލިބެންއޮތް ގޮތަކުން ލިބެންއޮތް މަގަކުން ހޯދުމަކީ މައްސަލައެއްނޫނެވެ. މިހެންމެ އެކަން
ކުރެވެންއޮތް ޒަމާނީ ޑިމޮކްރަސީގެ ރިވެތި ހަމަތަކާ އެއްގޮތަށް ޒިންމާދާރުކަމާއެކު އެކަން
ކުރުމަކީވެސް މައްސަލައެއް ނޫނެވެ. އެއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މި ކަން ކުރުމުގައި އެކި ފަހަރު
އެކި ނަން ޚިޔާރުކޮށް ތަނުގެ އާބުހަވާއާއި ރައްޔިތުން އާސޯޚުކޮށް އެމީހުންނަށް ވާނުވާ
ނޭންގުން އައުލާކަންބޮޑެވެ. މިގޮތަށް ޚިޔާރުކުރާ ނަންނަމުގެތެރޭ ދީނުގެނަމާއި ގައުމުގެނަމާއި
އެކި ގާނޫނުގެނަމާއި ފަޅުރަށްރަށުގެ ނަމާއި ކުތުބުޚާނާތަކުގެ ނަން ބޭނުންކުރާށެކޭ ކޮންމެހެން
އަހަރެންނުބުނަމެވެ. އެކަމަކު އެނަންނަން ބޭނުންކުރަންޏާ ބޭނުންކުރުމަކީވެސް މައްސަލައެއް
ނޫނެވެ. އެއީ ބޭރުފުށުގެ ނަމެކެވެ. ކަމަކީ އެތެރެފުށުގެ މުޅިން އެހެންކަމެކެވެ. އެ
ކަން އެކުރަނީތާއެވެ."
ބޭރުމީހާގެ ވާހަކަ ނިންމައިލަން
ޖެހުނީ ފައްޅީގެ ރަނގަބީލުގެއަޑަށް އެދިމާލަށް އެމީހާ ހިނގައިގަތުމުންނެވެ. ހިނގައިގަންނަމުން
ހިކި ހީލުމަކުން ހީލަމުން ބުންޏެވެ. "އަހަންނަކީ ކާކުކަން ކަލޭގެ ބޭބެއަށް އެނގުންގާތެވެ.
އޭނާކުރެން އަހައި ބަލާށެވެ. އެކަމަކު އެއީ އަހަރެންގެ ގާތް މީހެއްނޫނެވެ. އޭނާ އެހުރީ
ޒަމާނީ ޑިމޮކްރަސީއާއި މާދުރުގައެވެ. އެހެންއުޅެގެން ތަރައްގީގެ އުސްކުންނުތަކަށާއި
ޒަމާނީ ޑިމޮކްރަސީގެ އައްސޭރިތަކަށް ވާޞިލު ނުވެވޭނެއެވެ." މިހެން ބުނެފައި ހިނގައިގަތީއެވެ.
ދިވެހިމީހާ އެމީހުން ތިބޭ ހޮޓަލަށްގޮސް
އޭނާއާއި ތިމާގެ ބޭބެއަށް މިވާހަކަ ކިޔައިދީފައި އެއީ ކާކުތޯއެހީމާ ބޭބެ ބުންޏެވެ.
"ދެން އެއްގޮތަކަށްވެސް
އެހިސާބަށް ގޮސްގެން ނުވާނެއެވެ. އެއީ ކާކުކަން އެނގޭތޯ އަމިއްލައަށް ވިސްނޭތޯ ބަލާށެވެ.
ނުވިސްނޭނަމަ ރާއްޖެއަށް ގޮސް އެއީ ކާކުކަން ބުނެދޭނަމެވެ. މާދަމާ ފުރަންޖެހޭ ނޫންހެއްޔެވެ."
ބޭބެބުނި ބުނުމަށް އެއީ ކާކުތޯ
ވިސްނުމަކުންވެސް އެއީ ކާކުކަމެއް ނޭނގުނެވެ. ވަނީ ޝައްކެކެވެ. އެއީ ދިވެހިރާއްޖޭގައި
އޭނާގެ ގާތް ބައެއްމީހުންގެ ނަންތައް ބުނެދީފައިވުމާއި އެމީހުންގެ ކަންތައްތައް ހުންނަގޮތުންނެވެ.
އަނެއްދުވަހު ހިންދުކަރައިން
ފުރައިގެން ހުޅުލޭ އެއަރޕޯޓްގައި ބޯޓް ޖެއްސުމުން ބޭބެ ބުންޏެވެ.
"ކޮއްކޮއާއި ބައްދަލުވެފައި
އެވާ މީހަކީ އިބްލީސްކަމަށް ބޭބެގެހިތް ބުނެއެވެ. އޭނާ އެހުރީ ސިފަ ބަދަލުކޮށްގެންނެވެ.
އެނޫން އެހެން އެއްވެސްމީހެއްގެ ވާހަކަތަކެއް އެގޮތަކަށް ނުހުންނާނެއެވެ."
-----------------
ލިޔުއްވީ: ޢަބްދުﷲ ޙަސަން ހުޅުދުމައިގެ
26 އޮކްޓޫބަރ 2015މ.