މާތްވެގެންވާ އިސްލާމްދީނުގައި، ފަރުޟު ފަސް ނަމާދަކީ، ދީނުގެ ތަނބެވެ. އެ ތަނބު ޤާއިމުކޮށްފި މީހާ ދީން ޤާއިމުކޮށްފި އެވެ. އެ ތަނބު މުގުރައިފި މީހާ ދީން މުގުރައިފި އެވެ. ނަމާދަކީ، ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްވެގެންހުރި ކޮންމެ މުސްލިމަކުމެ ޤާއިމުކުރަންޖެހޭ ރުކުނެކެވެ. އެ ރުކުން ޤާއިމުކުރުމުންނާއި، އެ ރުކުން ޤާއިމުނުކުރުމުން ނިކުންނާނެ ނަތީޖާ ބަޔާންކޮށްދިނުމަށްޓަކައި ބައެއް ފަރާތްތަކުން ކުރެހުން ހަދައި އޭގެ ބޭނުން ހިފަ އެވެ.
ތިރީގައި މިވަނީ، ނަމާދު ޤާއިމުކުރުމާއި
ނަމާދު ޤާއިމުނުކުރުމުން ނިކުންނާނެ ނަތީޖާ ދައްކައިދޭ ކުރެހުމެކެވެ .
މި ކުރެހުމުގައި ދައްކާފައިވާ ހެޔޮ ޢަމަލުތަކަކީ، ރޯދަ (الصيام) އާއި، ޒަކާތް (الزكاة) އާއި، ޙައްޖު (الحج) އާއި، ޞަދަޤާތް (الصدقات) އެވެ. މިނޫން ހެޔޮ ޢަމަލުތައް ވެސް ވާކަމާއި، ނަމާދު ޤާއިމުކުރުމުންނާއި، ނަމާދު ޤާއިމުނުކުރުމުން،
މި ހެޔޮ ޢަމަލުތަކަށް ކުރާ އަސަރު، އެހެނިހެން ހެޔޮ ޢަމަލުތަކަށް ކުރާނެ ކަން ހަނދުމަފުޅު ބަހައްޓަވާށެވެ!
މި ކުރެހުމުން އެނގޭ ގޮތުގައި، ހަކަތައިގެ މަޞްދަރަކީ، އިސްލާމްކަމެވެ.
މީހާ ކުރާ ހެޔޮ ޢަމަލުތަކަށް އިސްލާމްކަމުގެ ހަކަތަ ފޯރުކޮށްދޭ މައި ދޮރާށްޓަކީ ނަމާދެވެ.
ނަމާދު ޤާއިމުނުކޮށްފިނަމަ، މީހާ ކުރާ އެހެން އެއްވެސް ހެޔޮ ޢަމަލަކަށް އިސްލާމްކަމުގެ ހަކަތައެއް ނުފޯރާނެ އެވެ. ނަތީޖާއަކަށް
ވާނީ، ސުމެއް ލިބި، އެ ހުރިހައި ޢަމަލުތަކެއް ފާސިދުވުމެވެ. މިއާޚިލާފަށް ނަމާދު ޤާއިމުކޮށްފިނަމަ، މީހާ ކުރާ އެހެން ހުރިހައި ހެޔޮ ޢަމަލުތަކަކަށް އިސްލާމްކަމުގެ
ހަކަތަ ފޯރާނެ އެވެ. އަދި އެ ޢަމަލުތަކަށް ކަނޑައަޅުއްވާފައިވާ ޘަވާބާއި ދަރުމަ ޙާޞިލުވާނެ އެވެ.
މިތާނގައި ފާހަގަކޮށްލަންޖެހޭ އަނެއް ނުކުތާއަކީ، ނަމާދު ޤާއިމުކުރުމާއި، ނަމާދު ޤާއިމުނުކުރުމުގެ ތަފާތެވެ. ނަމާދުގެ ޙަރަކާތްތައް ގެނެސްގަތުމާއި، ނަމާދުގައި ކިޔަންޖެހޭ އެއްޗެހިތައް ދުލުކުރިން ކިޔައިލުމަކީ ނަމާދު ޤާއިމުކުރުމެއް
ނޫނެވެ. ނަމާދު ޤާއިމުކުރުމަކީ، ވިސްނުމާއި ފިކުރާއި ނަފުސު، ނަމާދަށް ހާޒިރުކޮށްހުރެ
ރަނގަޅަށް އެކަން ކުރުމެވެ. ނަމާދު ޤާއިމުކުރުމާއި ނަމާދު ޤާއިމުނުކުރުން އަންގައިދޭ މިންގަނޑަކީ، ފާޙިޝް ޢަމަލުތަކާއި މުންކަރާތްތަކެވެ.
ހަމައެކަނި ނަމާދުގެ ޙަރަކާތްތައް ގެނެސްގަންނަ ކަމަށްވަނީނަމަ، ފާޙިޝް ޢަމަލުތަކާއި މުންކަރާތްތަކުން އެއްކިބާ ނުވެވޭނެ
އެވެ. އެކަމަކު، ނަމާދު ޤާއިމުކުރުމަށް މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ފުރިހަމައަށް ނަމާދު ޤާއިމުކުރާ ކަމަށްވަނީނަމަ،
ފާޙިޝް ޢަމަލުތަކާއި މުންކަރާތްތަކުން އެއްކިބާވެވޭނެ އެވެ.
މާތް ﷲ ވަޙީކުރައްވާފައި ވެ އެވެ. (إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنْكَرِ) އަލްޢަންކަބޫތު: 45 - މާނައީ، "ހަމަކަށަވަރުން ނަމާދަކީ، ހުތުރުކަން ބޮޑު ފާފަތަކާއި، މުންކަރާތްތައް
ނަހީކުރާ ކަމެކެވެ."
ވީމާ، އަޅުގަނޑުމެން މަސައްކަތްކުރަންވީ، ނަމާދު ޤާއިމުކުރުމަށެވެ.
ނަމާދުގެ ޙަރަކާތްތައް ގެނެސްގަތުމަކަށް ނޫނެވެ. ރަނގަޅަށް ނަމާދު ޤާއިމުކުރެވިއްޖެނަމަ، ފާޙިޝް ޢަމަލުތަކާއި މުންކަރާތްތަކުން އެއްކިބާވެވޭނެ
އެވެ. އަދި އިސްވެ ބަޔާންކުރެވުނު ކުރެހުމުގައިވާ ފަދައިން، އިސްލާމްކަމުގެ ހަކަތަ، އެހެނިހެން ހެޔޮ ޢަމަލުތަކަށް ވާޞިލުވުމުގެ ހެޔޮ
ނަތީޖާ ޙާޞިލުކުރެވޭނެ އެވެ.
--------------------
މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު
ޙަސަން