ބިސްމީގައިވާ ޢަދަދުގެ ބައެއް އިޢުޖާޒު


ޢަރަބި ބަހުން ބިސްމިއަށް ކިޔަނީ ބަސްމަލާ (البسملة) އެވެ. ބަސްމަލާ ނުވަތަ ބިސްމިއަކީ ކީރިތި ޤުރްއާނުގެ ފުރަތަމަ އާޔަތެވެ. މުސްލިމަކު ކުރާ ކޮންމެ ހެޔޮކަމެއް ބިސްމީގެ ބަރަކާތުން ފެށުމަށް، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައި ވެ އެވެ. ޢަދަދުގެ ގޮތުން ބިސްމި ދިރާސާކޮށް ބަލާއިރު، އިޢުޖާޒުގެ ޢާޖާއިބުތައް ފެނެ އެވެ. ކީރިތި ޤުރުއާނަކީ ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ލިއުއްވާފައިވާ ފޮތެއްކަމަށް ބުނާ ބުނުންތަކަކީ، ދޮގުތަކެއްކަން ވެސް ކަށަވަރުވެ އެވެ.

ބިސްމީގައިވަނީ ހަތަރު ކަލިމައެވެ. ފުރަތަމަ ކަލިމައިގައިވަނީ 3 އަކުރެވެ. ދެވަނަ ކަލިމައިގައިވަނީ 4 އަކުރެވެ. ތިންވަނަ ކަލިމައިގައި ވަނީ 6 އަކުރެވެ. އަދި ހަތަރުވަނަ ކަލިމައިގައި ވަނީ 6 އަކުރެވެ. މި ޢަދަދުތައް އެއްކުރީމާ ލިބޭ ނަތީޖާއަކީ 19 (ނަވާރަ) އެވެ. ކަލިމަތަކުގެ ތަރުތީބު ބަދަލުވިޔަސް މި ނަތީޖާ ބަދަލެއް ނުވާނެއެވެ. އެހެންވީމާ، އެއްކުރުމުން ލިބޭ ނަތީޖާއަށްވުރެ މުހިންމު ނަތީޖާއެއް މިޢަދަދުތަކުން ލިބިދާނެ ކަމަށް ކަނޑައެޅިދާނެ އެވެ. އެހެނީ، ކީރިތި ޤުރްއާނުގެ ކޮންމެ ކަލިމައެއްވެސް ވަނީ އެއަށް ޚާއްޞަ މަޤާމެއްގަ އެވެ. އެހެންކަމުން އެ މާތް ފޮތުގެ ކަލިމަތަކުގެ ތަރުތީބަކީ ބަދަލުކޮށްގެންވާނެ އެއްޗެއް ނޫނެވެ.

ކަންމިހެން އޮތުމާއެކު، ޢަދަދުގެ ގޮތުން ބިސްމި ދިރާސާކުރުމަށްޓަކައި އެހެން ގޮތަކާ ތަބާވެވިދާނެއެވެ. އެއީ ގުނަން ބޭނުންކުރާ ދިހަޔެއްގެ ނިޒާމެވެ. މި ނިޒާމުގައިވާ ވަޅުތައް އުފެދެނީ ދިހަޔެއްގެ ގުނަތަކުންނެވެ.

އެންމެ ވިޔައަކުރަކުން އުފެދިފައިވާ ޢަދަދެއްނަމަ، އެ ޢަދަދު އޮންނަނީ އޭކަންވަޅުގަ އެވެ. މީގެ މިސާލަކީ 1 އެވެ. ދެ ޢަދަދުން އުފެދިފައިވާ ޢަދަދެއްނަމަ އޭގައި އޭކަންވަޅާއި ދަސްވަޅު ވެ އެވެ. މީގެ މިސާލަކީ 10 އެވެ. 10 އާ 10 ގުނަކުރުމުން ލިބޭ 100 ގެ ތިންވަނަ ވަޅަކީ ސަތޭކަވަޅެވެ. 100އާ 10 އާ ގުނަކުރުމުން ލިބޭ 1000 ގެ ހަތަރުވަނަ ވަޅަކީ ހާސްވަޅެވެ.

ބިސްމީގެ ކަލިމަތަކުގައިވާ ޢަދަދުތައް، މި ނިޒާމުގެ މަތިން ތަރުތީބު ކުރާއިރު އޮންނާނެ ގޮތް ތިރީގައި މިވަނީ އެވެ .

ބިސްމީގައިވާ ކަލިމަތައް ދިހަޔެއްގެ ނިޒާމުން ތަރުތީބުކުރާއިރު ލިބޭ ސިލްސިލާގައިވަނީ 3 އާއި 40 އާއި 600 އާއި 6000 ކަން، ތާވަލު 1 އިން އެނގެ އެވެ. މިސިލްސިލާގެ ޢަދަދުތައް އެއްކުރީމާ ލިބޭ ނަތީޖާ އަކީ 6643 އެވެ. މި ޢަދަދު ތަމްސީލުކުރަނީ ބިސްމީގެ ކަލިމަތަކުގައިވާ އަކުރުތަކުގެ ޢަދަދުގެ ސަފެވެ. 643  އަކީ، 7 އިން ގެއްލިހުސްވާ ޢަދަދެކެވެ. 7 އަކީ އަލްޙަމްދުގައިވާ އާޔަތްތަކުގެ ޢަދަދެވެ. އަދި 7 އަކީ މި ކާއިނާތުގައިވާ ވަރަށް ގިނަ ތަކެއްޗާ ގުޅުންހުރި މުހިންމު ޢަދަދެއްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މާތް ﷲ ގެ ތިން އިސްމުފުޅެއް ބިސްމީގައި ވެ އެވެ.
ފުރަތަމަ އިސްމުފުޅަކީ ލަފުޡުލްޖަލާލާ ކަމުގައިވާ ﷲ އެވެ.
ދެވަނަ އިސްމުފުޅަކީ އައްރަޙްމާނު (الرحمن) އެވެ.
ތިންވަނަ އިސްމުފުޅަކީ އައްރަޙީމް (الرحيم) އެވެ.
މި ތިން އިސްމުފުޅުގައިވާ އަކުރުތައް ބިސްމީގެ ކަލިމަތަކުގައި ތަކުރާރުވެފައިވާ މިންވަރު ތިރީގައި މިވަނީ އެވެ.


ބިސްމީގެ ކަލިމަތަކުގައި ނަންގަނެވިދިޔަ ތިން އިސްމުފުޅުގެ އަކުރުތައް ތަކުރާރުވެފައިވެ އެވެ. ތާވަލު 2 އިން އެނގޭ ގޮތުގައި :

1. ލަފުޡުލްޖަލާލާގެ އަކުރުތައް ތަކުރާރުވެފައިވާ މިންވަރު ބުނެދޭ ޢަދަދުތަކުގެ ސަފަކީ 2240 އެވެ.
2. އައްރަޙްމާނުގެ އަކުރުތައް ތަކުރާރުވެފައިވާ މިންވަރު ބުނެދޭ ޢަދަދުތަކުގެ ސަފަކީ 5631 އެވެ.
3. އައްރަޙީމްގެ އަކުރުތައް ތަކުރާރުވެފައިވާ މިންވަރު ބުނެދޭ ޢަދަދުތަކުގެ ސަފަކީ 6531 އެވެ.

މީގެ ތެރެއިން ފުރަތަމަ ޢަދަދާއި ތިންވަނަ ޢަދަދު، ވާތުން ކަނާތަށް ތަރުތީބުކޮށްފިނަމަ، 7 އިން ގެއްލިހުސްވެ އެވެ. ނަމަވެސް ދެވަނަ ޢަދަދު 7 އިން ގެއްލި ހުސްވަނީ، 1365 މިގޮތަށް ކަނާތުން ވާތަށް ތަރުތީބު ކުރީމައެވެ. މިއިން އެނގޭ އެއްޗަކީ، ބިސްމީގެ ކަލިމަތަކުގައި، ބިސްމީގައިވާ މާތް ﷲ ގެ އިސްމުފުޅުތަކުގެ ޢަދަދުތައް ވެސް ތަރުތީބުވެފައިވާ ގޮތުގެ ފުރިހަމަކަމެވެ. އެހެނީ، 7 އިން ގެއްލިހުސްވުމުގައި، ފުރަތަމަ ސަފުގެ ޢަދަދުތައް ތަރުތީބުވަނީ، ވާތުން ކަނާތަށެވެ. ދެވަނަ ސަފުގެ ޢަދަދުތައް ތަރުތީބުވަނީ، ކަނާތުން ވާތަށެވެ. ތިންވަނަ ސަފުގެ ޢަދަދުތައް ތަރުތީބުވަނީ، ވާތުން ކަނާތަށެވެ. އެހެންވީމާ، މީގައި މެދުކެނޑުމެއްނެތި ތަކުރާރުވުމެއް އެބަވެ އެވެ. ހުއްޓުމެއްނެތި މުސްލިމުންގެ ދޫތަކުން ބިސްމި ތަކުރާރުވަމުންދާ ދިއުމާ ވެސް މިކަން ގުޅުވާލެވިދާނެ އެވެ. މުސްލިމުން ކުރާ ކޮންމެ ހެޔޮކަމެއް ކުރުމުގެ ކުރިން ބިސްމި ކިއުމަށް ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ، އިރުޝާދުދެއްވާފަ އެވެ. އާދޭހެވެ. ޢަދަދުތައް ވެސް މި ބުނެދެނީ މި މާތް އާޔަތް ބޭނުންކުރުމަށް އިތުރުއެކަލޭގެފާނު އިރުޝާދު ދެއްވާފައިވާ ގޮތެވެ.

ނަންގަނެވިދިޔައީ، ބިސްމީގެ ކަލިމަތަކުގެ މެދުގައިވާ 7 ގެ ގުޅުންތަކުގެ ތެރެއިން މިންވަރެކެވެ. އޭގެ ތެރެއަށް އިތުރުކޮށްލަންޖެހޭ މުހިންމު އެއް ނުކުތާއަކީ ބިސްމީގެ ފުރަތަމަ ކަލިމައާއި ފަހު ކަލިމައާ ދެމެދުގައިވާ ގުޅުމެވެ. އެ ދެކަލިމައިގެ ދެމެދުގައި ވެސް 7 ގެ ގުޅުމެއް ވެ އެވެ. އެހެނީ ފުރަތަމަ ކަލިމައިގައި ވަނީ 3 އަކުރެވެ. ފަހު ކަލިމައިގައި ވަނީ 6 އަކުރެވެ. މި ދެޢަދަދުގެ ސަފަކީ 63 އެވެ. މި ޢަދަދަކީ 7 ގެ 9 ގުނަ އެވެ.

ބިސްމީގައިވަނީ އަލިފުބާގެ 10 އަކުރެކެވެ. އެ އަކުރުތައް ބިސްމީގައި ތަކުރާރުވެފައިވާ މިންވަރު، ގިނައިން ތަކުރާރުވެފައިވާ އަކުރުތަކަށް އިސްކަންދީގެން ސަފަކަށް އަތުރާލައިފިނަމަ، އަނެއްކާވެސް 7 ގެ އެހެން ގުޅުމެއް ކަޝްފުވެދެ އެވެ. ބިސްމީގައި އެންމެ ގިނައިން ތަކުރާރުވެފައިވަނީ ލާމެވެ. މިއަކުރު ތަކުރާރުވެފައިވަނީ 4 ފަހަރުއެވެ. އެހެން އަކުރުތަކަށް ބަލާއިރު އަލިފު 3 ފަހަރު، މީމު 3 ފަހަރު، ރާ 2 ފަހަރު، ޙާ 2 ފަހަރު، ބާ 1 ފަހަރު، ހާ 1 ފަހަރު، ނޫނު 1 ފަހަރު އަދި ޔާ 1 ފަހަރު، ބިސްމީގައި ވެ އެވެ. ތިރީގައިވާ ތާވަލުގައި މިވަނީ މި ޢަދަދުތައް ސަފަކަށް އަތުރާލާފައެވެ.


ތާވަލުގައި އެވާ ޢަދަދުތައް ވާތުން ކަނާތަށް ލިޔެލައިފިނަމަ، ލިބޭނެ ޢަދަދަކީ 1111122334 އެވެ. މިއީ، 7 އިން ގެއްލި ހުސްވާ ޢަދަދެކެވެ. މި ޢަދަދަކީ 7 ގެ 158731762 ގުނައެވެ.

(ނޯޓް: ގިނައިން ތަކުރާރުވެފައިވާ ޢަދުތަކަށް އިސްކަންދީގެން ޢަދަދުތައް ތަރުތީބު ކުރުމަކީ މިޒަމާނުގެ ހިސާބު ޢިލްމުގައި ބޭނުންކުރެވޭ މަންހަޖެކެވެ. އެހެންވީމާ، ހިސާބު ޢިލްމަށްވުރެ ކުރިން ކީރިތި ޤުރްއާނުގައި އެވަނީ މި މަންހަޖު ތަޢާރަފުކޮށްފައި ކަންވެސް މިތާނގައި ފާހަގަކޮށްލަން ޖެހެ އެވެ.)

ބިސްމީގެ ކަލިމަތަކުގައިވާ އަކުރުތަކުގެ ޢަދަދުގެ ފުނިޖެހުން ދިރާސާކުރާއިރު ވެސް 7 ގެ ގުޅުންތަކެއް ކަޝްފުވަމުން ދެއެވެ. ތިރީގައިވާ ތާވަލުގައި މިވަނީ، ބިސްމީގެ ކަލިމަތަކާއި އެކަލިމަތަކުގައިވާ ޢަދަދުތަކުގެ ފުނިޖެހުމެވެ.


މި ތާވަލުން އެނގޭ ގޮތުގައި، ކަނާތުން ވާތަށް އަކުރުތައް ފުނިޖައްސާއިރު އުފެދޭ ޢަދަދަކީ 191373 އެވެ. މި ޢަދަދު 7 އިން ގެއްލިހުސްވެ އެވެ. މި ޢަދަދަކީ 7 ގެ 27339 ގުނަ އެވެ.

ވާތުން ކަނާތަށް ފުނިޖައްސާއިރު އުފެދޭ ޢަދަދަކީ، 6121619 އެވެ. މި ޢަދަދު ވެސް 7 އިން ގެއްލިހުސްވެ އެވެ. މި ޢަދަދަކީ، 7 ގެ،874517  ގުނައެވެ.

މިކަންކަމުގެ މައްޗަށް ނަޒަރު ހިންގާ ބަލާއިރު، ކީރިތި ޤުރުއާނުގެ ކަލިމަތަކާއި އަކުރުތައް ތަރުތީބު ކުރައްވާފައިވަނީ ވަރަށް ފުރިހަމަ ނިޒާމެއްގެ މަތިން ކަން އެނގެ އެވެ. އަދި ކީރިތި ޤުރުއާން ފަދަ ފޮތެއް އުފެއްދުމަށް އިންސީންނާއި ޖިންނީން ނުކުޅެދުންތެރި ކުރައްވާފައިވަނީ ހަމައެކަނި އެ މާތް ފޮތުގައިވާ ބަލާޣާތްތެރިކަމާއި ފަޞާޙަތްތެރިކަމުގެ އިޢުޖާޒުން ނޫންކަމުގައި ވެސް ޤަބޫލުކުރަން ޖެހެ އެވެ. އެހެނީ ބިސްމީގައިވާ ފަދަ ޢަދަދުގެ މުޢުޖިޒާތްތަކަކާއެކު ފޮތެއް އުފެއްދުމަކީ މިޒަމާނުގައި ތަރައްޤީކުރެވިފައިވާ ކޮމްޕިއުޓަރ ފަދަ ވަސީލަތްތަކުގެ އެހީގައި ވެސް ކުރެވޭނެ ކަމެއް ނޫނެވެ.

މާތް ﷲ އަންގަވާފައިވަނީ، ކީރިތި ޤުރުއާނާ އެއްފަދަ ފޮތެއް އުފެއްދުމަކީ އިންސީންނާއި ޖިންނީންނަށް އޮތް ގޮންޖެހުމެއްކަމަށެވެ. އެކަލާނގެ ވަޙީބަސްފުޅުގައިވެ އެވެ.
(قُل لَّئِنِ اجْتَمَعَتِ الإِنسُ وَالْجِنُّ عَلَى أَن يَأْتُواْ بِمِثْلِ هَذَا الْقُرْآنِ لاَ يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا) އަލްއިސްރާ: 88
މާނައީ، ''ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި ޤުރްއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެއެވެ."

އެހެންވީމާ، ކަންއޮތްގޮތް މިއާޔަތުން ވަރަށް ސާފުކޮށް އެބަ އެނގެ އެވެ. މި އާޔަތުގައިވަނީ 21 ކަލިމަ އެވެ. 21 އަކީ 7 ގެ 3 ގުނައެވެ. މި އާޔަތުގައިވަނީ 76 އަކުރެވެ. 76 އަކީ، 19 އިން ގެއްލިހުސްވާ ޢަދަދެކެވެ.  76 އަކީ 19 ގެ 4 ގުނައެވެ. 19 އަކީ ބިސްމީގައިވާ އަކުރުތަކުގެ ޢަދަދެވެ. 4 އަކީ ބިސްމީގައިވާ ކަލިމަތަކުގެ ޢަދަދެވެ.

ބަޔާންވެ ދިޔައީ ބިސްމީގައި މާތްﷲ ލައްވާފައިވާ ޢަދަދުގެ މުޢުޖިޒާތްތަކުގެ ތެރެއިން މަދު މިންވަރެކެވެ. ޙަޤީޤަތުގައި ބިސްމިއާއި ބިސްމީގައިވާ ޢަދަދުގެ ގުޅުންތައްވަނީ ކީރިތި ޤުރްއާނުގެ ހުރިހައި ސޫރަތްތަކަކާ ގުޅި ލާމެހިފަ އެވެ. ބިސްމިއަކީ، ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ތެރެއިން ބަރަކާތްތެރި އާޔަތެކެވެ. ގިނަގިނައިން ބިސްމި ކިޔައި އުޅުމަކީ، އެއާޔަތުގައިވާ ބަރަކާތްތެރިކަން ޙާޞިލުވުން އިތުރުކުރައްވާނެ ކަމެކެވެ. އެހެންކަމުން ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އިރުޝާދުދެއްވާފައިވަނީ، މުސްލިމަކު ކުރާ ކޮންމެ ހެޔޮކަމެއް، ބިސްމީގެ ބަރަކާތުން ފެށުމަށެވެ.

ބިސްމީގެ ބަރަކާތުން ހެޔޮ ޢަމަލުތައް ފެށުމުގެ މާތް އާދަ، މާތް ﷲ އެންމެހައި މުއުމިނުންގެ ކިބައިގައި ލައްވާށިއެވެ! އާމީން!
                ----------------

މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން