
"ބަޞްރާގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުންގެ ހިތްތައްވަނީ މަރުވެފަ އެވެ."
އިސްލާމީ ދުނިޔޭގައި ދީނީ ވާހަކަތައް ދައްކާ ޝައިޚުން ވަރަށް
ގިނަ އެވެ. ހަރުއަޑުން ހަޅޭލައިވައި ހިތްތަކަށް ބިރުވެރިކަން ވައްދާ މީހުން ވެސް ވަރަށް ގިނަ އެވެ. އެމީހުން ހަރުއަޑުން ދުޢާކުރާއިރު، އެމީހުންގެ ދުޢާތަކަށް އެތައް ބަޔަކު އާމީން ކިޔަ އެވެ. ނަމަވެސް އެމީހުންގެ ޢަމަލުތަކަކުން
އިސްލާމީ އުންމަތަކަށް ކުރިއެރުމެއް ނުލިބެ އެވެ. މާއްދީ ގޮތުންނާއި މަޢުނަވީ ގޮތުން ދުނިޔޭގެ އެހެން އުންމަތްތައް ކުރިއަރަމުންދާއިރު، އިސްލާމީ އުންމަތް ވަނީ ސޮހޮލުވެފަ އެވެ. ދުނިޔެ ތަރައްޤީކުރި ހުރިހާ ޢިލްމަކާއި ސައިންސެއްގެ ބާނީންނަކީ މުސްލިމުންގެ ކާބަފައިންނެވެ. ހުޅަނގުގެ މީހުން ކިޔެވީ ވެސް މުސްލިމުންގެ ފޮތްތަކުންނެވެ. އެހެން ކަމާއެކުވެސް މިއަދު މިފެންނަނީ މުސްލިމުން އިނދަޖެހިފައިވާ ތަނެވެ. މިކަމުގެ ސަބަބަކީ ފަހެ ކޮބައިބާވަ އެވެ؟
އިބްރާހީމު ބްނު އަދުހަމަކީ، ހިޖުރައިން ދެވަނަ ޤަރުނުގައި އުޅުއްވި ތަޤުވާވެރި ބޭކަލެކެވެ. އޭނާއަކީ ސުންނަތް ޖަމާޢަތުގެ ޞޫފީ އެކެވެ. މުސްލިމުންގެ މަޝްހޫރު ޢިލްމުވެރިއެކެވެ.
އެއްދުވަހަކު އޭނާ ބަޞްރާގެ މަގެއްގެ މަތީގައި ހިންގަވާފައި ވަޑައިގަންނަވަނިކޮށް ބަޔަކު މީހުން އޭނާގެ އަރިހަށް ގޮސް ދެންނެވި އެވެ.
"ތިމަންމެން މާތް ﷲ ގެ ޙަޟުރަތަށް އެކިއެކި ކަންކަމަށް އެދި ދަންނަވަމު އެވެ. ނަމަވެސް އެކަލާނގެ ތިމަންމެންގެ ދުޢާ އިޖާބައެއް ނުކުރައްވަ އެވެ. އެއީ ކީއްވެގެންތޯ އެވެ؟"
އިބްރާހީމު ބްނު އަދުހަމު ވިދާޅުވި އެވެ. "ބަޞްރާގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުންގެ ހިތްތަކުގައި ދިރުމެއް ނެތެވެ. ތިޔަބައިމީހުންގެ ހިތްތައްވަނީ ދިހަ ކަމަކުން މަރުވެފަ އެވެ. އެކަންތައްތަކަކީ:
1. މާތް ﷲ ދެއްވާފައިވާ ނިޢުމަތްތަކުން ތިޔަބައިމީހުންނަށް އެކަލާނގެ މަޢުރިފާކޮށް ދެނެގަނެވުނެވެ. ނަމަވެސް ތިޔަބައިމީހުންނަކު އެކަލާނގެ ޙަޟުރަތަށް އަދާކުރަންޖެހޭ ޙައްޤުތަކެއް އަދައެއް ނުކުރަމު އެވެ.
2. ތިޔަބައިމީހުން ކީރިތި ޤުރުއާން ކިޔަވައި، އޭގައިވާ މާނަތައް ރަނގަޅަށް ދެނެގަތީމު އެވެ. ނަމަވެސް ތިޔަބައިމީހުންނަކު އެފޮތުގައި އަންގަވާފައިވާ ގޮތަކަށް ޢަމަލެއް ނުކުރަމު އެވެ.
3. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވުމަށް ތިޔަބައިމީހުންނަށް ދަޢުވަތު ދެއްވުނެވެ. ނަމަވެސް ތިޔަބައިމީހުންނަކު އިތުރުއެކަލޭގެފާނުގެ ސާފު ސުންނަތުގެ މަތީގައި ދިރިއުޅުން ބިނާއެއް ނުކުރަމު އެވެ. އޭގެ ބަދަލުގައި ތިޔަބައި ކުލަޖެހިގަތީ އޭގެ ބޭރުފުށުގެ ކުލަތަކުންނެވެ. ތިޔަބައިމީހުންގެ ގައިގައި އެއިން ދަމިލަޖެހި ފަދަ އެވެ!
4. ޝައިޠާނާއާ ދެކޮޅުވެރިވުމަށް ތިޔަބައިމީހުންނަށް އެންގެވުނެވެ. ނަމަވެސް ތިޔަބައިމީހުންވަނީ ޝައިޠާނާއަށް ބޯލަނބައި ކިޔަމަންވެގެންނެވެ. ތިޔަބައިމީހުން އެ ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލި، އެ ޝައިޠާނާ އެދޭހައި ގޮތަކަށް އުޅެމު އެވެ.
5. ތިޔަބައިމީހުންނަށް ސުވަރުގެއަށް ދިއުމަށް މަގު ދެއްކެވުނެވެ. ނަމަވެސް ތިޔަބައިމީހުންނަކު އެ މަގަކުން ނުހިނގަމު އެވެ.
6. ނަރަކައިން ސަލާމަތްވުމަށް ތިޔަބައިމީހުންނަށް ގޮވައިލެއްވުނެވެ. ނަމަވެސް ތިޔަބައިމީހުންނަކު އެ ގޮވައިލެއްވުމަކަށް އިޖާބައެއް ނުދެމު އެވެ. އޭގެ ބަދަލުގައި ތިޔަބައިމީހުން ނަރަކައިގެ އަނދަވަޅުތަކަށް ވެއްޓިގަތީމު އެވެ.
7. މަރަކީ ހަމަ ކޮންމެ މީހަކާ ވެސް ކުރިމަތިވާނެ އެއްޗެއް ކަމަށް ތިޔަބައިމީހުން ވެސް ޤަބޫލުކުރަމު އެވެ. ނަމަވެސް ތިޔަބައިމީހުންނަކު މަރަށް ތައްޔާރެއް ނުވަމު އެވެ.
8. ތިޔަބައިމީހުން މައްޔިތުން ކަފުންކޮށް ވަޅުލަމު އެވެ. ނަމަވެސް ތިޔަބައިމީހުންނަކު އެކަމަކުން ޢިބްރަތެއް ޙާޞިލެއް ނުކުރަމު އެވެ.
9. ތިޔަބައިމީހުން އަބަދާއަބަދުމެ ހޯދައި ބަލަނީ އެހެން މީހުންގެ އުނިސިފަތަކާއި އައިބުތަކެވެ. ތިޔަބައިމީހުން އިންތިހާ ދަރަޖައަށް އެހެންމީހުންނަށް އަވާނިވާކުރަމު އެވެ. ނަމަވެސް ތިޔަބައިމީހުންނަކު ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކުގައިވާ އުނިސިފަތަކަކީ ކޮބައިތޯ ނުބަލަމު އެވެ.
10. މާތް ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތްތަކުގެ ހިޔަލުގައި ތިޔަބައިމީހުން ދިރިއުޅެމު އެވެ. ނަމަވެސް ތިޔަބައިމީހުންނަކު އެ ނިޢުމަތްތަކަކަށް ޝުކުރުވެރިއެއް ނުވަމު އެވެ.
ނަޞްރާއި ނަސީބު ދެއްވުން އެދި އަބަދާއަބަދު މުސްލިމުން ދުޢާކުރެ އެވެ. ނަމަވެސް މާތް ﷲ އެމީހުންގެ ދުޢާ އިޖާބަނުކުރައްވަނީ، ކީއްވެގެންކަން އިބްރާހީމު ބްނު އަދުހަމު ގެ ބަސްފުޅުގައި އެވަނީ އެވެ. ބަޔަކުމީހުން ހަރުއަޑުން ހަޅޭލެވިއަކަސް ކުރާނެ ފައިދާއެއް ނެތެވެ.
އިސްލާމީ ދުނިޔޭގެ ހުކުރު ޚުޠުބާތަކުން އިވެ އެވެ. "ހިތުން ހިތަށް ވާޞިލުވާނެ އެވެ. ބުނާ ވައުޒުތަކާއި ދޭ ނަސޭހަތްތައް ހިތްތަކަށް ވާޞިލުނުވަނީ ހިތުން ހިތަށް ނުދެވޭތީ އެވެ." އެއީ ވަރަށްވެސް ބޮޑު ތެދެކެވެ. ހިތްތަކަށް ވާޞިލުނުވާ އެއްޗަކުން ކުރާނެ ފައިދާއެއް ނެތެވެ. މުސްލިމުންގެ އަތުގައި މިއަދު ނެތީ ދިރުންހުރި ސާފު ހިތްތަކެކެވެ. މާތް ﷲ ހިންމަވައިދެއްވަނީ، އެކަލާނގެ މަގުގައި ސާބިތުވެ، އެކަލާނގެ ވަޖުހުފުޅަށްޓަކައި އިޚުލާޞްތެރިވާ ހިތްތަކުގެ އަހުލުވެރިންނަށެވެ.
-----------------------
މުޞަންނިފު:
އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން