ދުނިޔޭގެ ދަހިވެތިކަމާއި ދުނިޔޭގެ އެދުން ބޮޑުވުން


ދުނިޔޭގެ ދަހިވެތިކަމާއި ދުނިޔޭގެ އެދުން ބޮޑުވުމަކީ މީހާގެ ބުއްދި ކަސިޔާރުވެ އަތްފައިން ގޯސް ހަދާ ހިސާބަށް ކަންތައް ހިނގައިދާނެ ކަމެކެވެ. މީހާގެ ބުއްދި ކަސިޔާރުވެ އަތްފައިން ގޯސްހަދާ ހިސާބަށް ކަންކަން ދިޔުމުގެ ސަބަބުތަކުގެ ތެރޭ އެއްކަމަކީ ތިމާގެ އަތްފައިން ކުރި ޙަލާލު މަސައްކަތެއްގެ އުޖޫރައަކަށް ނުވާ އެހެން ކޮންމެވެސް ނުބައިކުރެއްވި މަގަކުން ތިމާއާއި ހަމައަށް ފޯރަމުންދާ ކަން ފަސޭހައާއި މަންފާތަކެއް ތިމާއަށް ނުލިބޭގޮތެއް ވުމެވެ. ނުވަތަ އެމަންފާއެއް ތިމާގެ ކިބައިން ބީވެގެން ދިޔުމެވެ. ނުބައިކުރެއްވި މަގުމަގުން ތިމާއާއި ހަމައަށް ވާޞިލުވާ ކަން ފަސޭހައާއި މަންފާތަކަކީ އޭގެ ބޭނުންކުރުން ހެޔޮވެގެން ނުވާނޭ ފާފަވެރިކަން ބޮޑު ކަމެކެވެ. މިއީ ފުރިހަމަ މުސްލިމެއްގެ ކިބައިގައި ހުރެގެން ވާނެ ސިފައެއްނޫނެވެ. އެކަންކަމުގެ ސަބަބުން ތިމާގެ ދުނިޔެވީ ފަސޭހަތަކާއި ޖާހާއި ލައްޒަތު ކިތަންމެ ބޮޑުވެގެން ދިޔަ ނަމަވެސް މީގެ ފެށުން ވަނީ ވޭންދެނިވި ޢަޒާބުގެ ތެރެއިންނެވެ. ފެށުން ނުބައި ވެއްޖެނަމަ އޭގެ ނިމުން ވެސް ރަނގަޅެއް ނުވާނެއެވެ. 

މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވަޙީބަސްފުޅެއްގައި ވެއެވެ.
وَلَتَجِدَنَّهُمْ أَحْرَصَ النَّاسِ عَلَىٰ حَيَاةٍ وَمِنَ الَّذِينَ أَشْرَكُوا ۚ يَوَدُّ أَحَدُهُمْ لَوْ يُعَمَّرُ أَلْفَ سَنَةٍ وَمَا هُوَ بِمُزَحْزِحِهِ مِنَ الْعَذَابِ أَنْ يُعَمَّرَ ۗ وَاللَّهُ بَصِيرٌ  سورة البقرة – 96)

އަދިހަމަ މިހެންމެ، ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
(فَوَ اللهِ مَا الْفَقْرَ أخْشَيْ عَلَيْكُم وَلَكِنِّي أخْشَي عَلَيْكُم أنْ تُبْسَطَ الدُّنْيَا عَلَيْكُم كَمَا بُسِطَتْ عَلَي مَنْ كَانَ قَبْلكُم فَتَنَافَسُوهَا كَمَا تَنَافَسُوهَا وَتُهْلِكَكُم كَمَا أهْلَكَتْهُمْ)
"މާތްﷲ ގަންދެއްވައި ވިދާޅުވަމެވެ. ތިޔަބައިމީހުން، ފަޤީރު ވެދާނެތީ، ތިމަންކަލޭގެފާނު ބިރުފުޅެއް ނުގަންނަވައެވެ. އެހެނެއްކަމަކު، ތިމަންކަލޭގެފާނު ބިރުފުޅު ގަންނަނީ، ތިޔަބައިމީހުންގެ ކުރީގައި، އިސްވެދިޔަ އުއްމަތްތަކަށް، ދުނިޔޭގެ ތަނަވަސްކަމާއި، ދުނިޔޭގެ އަރާމް ލިބުނު ފަދައިން، ތިޔަބައިމީހުންނަށްވެސް، އެކަންތައް ލިބިފައި، އެބައިމީހުން އެކަންތައް ހޯދައި ގަތުމަށް ވާދަކޮށް، އެކަމުގެ ސަބަބުން އެބައިމީހުން ހަލާކުވެ ދިޔަފަދައިން، ތިޔަބައިމީހުންވެސް އެކަމުގައި ވާދަކޮށް ހަލާކުވެ ދާނެތީއެވެ." 

ކަންހުރި މަގަކީ މިއެވެ. މިދުނިޔެއަކީ ފަނާވަނިވި ދުނިޔެއެކެވެ. އަދި ތިމާގެ ޢުމުރަކީވެސް ނިމެން އޮތް އެއްޗެކެވެ. ކަންހުރި މަގަށް ވިސްނައި ބަލާށެވެ. ތިމާގެ މައިންބަފައިން ކޮބައިހެއްޔެވެ. އެމީހުން މިއަދު ދިރި ދުނިޔޭގައި ތިބިނަމަ އެމީހުންގެ މައިންބަފައިން މިއަދު ކޮބައިހެއްޔެވެ. މިއެންމެން ހަމައަށް އެބަތިބި ހެއްޔެވެ. މިބައިމީހުންގެ ޢުމުރަށް ނިމުމެއް ނާދޭހެއްޔެވެ. އެމީހުން ކޮބައިހެއްޔެވެ. މިކަމުން އެނގެނީ ވެސް އެހެން ދުނިޔެއެއް އެބަ އޮތްކަމެވެ. އެއީ ފަނާވުމެއް ނިމުމެއް ނެތް ދުނިޔެއެވެ. މިފަނާވަނިވި ދުނިޔޭގައި ތިމާކުޅަ އެންމެހައި ކަންކަމާމެދު  ތިމާ ފުރިހަމައަށް މަސްއޫލުވާން ޖެހޭ ދުނިޔެއެވެ. އެދުވަހަށްޓަކައި ވިސްނާށެވެ. 

ފަނާވަނިވި މިދުނިޔޭގެ ދަހިވެތިކަމާއި އަމިއްލައެދުން ބޮޑުވެގެން ގޮސް ބުއްދި ޣާފިލުވެ ހަމަ މަގުން ކަސިޔާރުވެ އަތްފައިން ގޯސް ހަދާ ހިސާބަށް ކަންތައް ނުގެންދާށެވެ. ތިމާގެ އަތްފައިން ކުރި ޙަލާލު މަސައްކަތެއްގެ މަންފާއަކަށް ނުވާ ނުބައިކުރެއްވި މަގަކުން ތިމާއާއި ހަމައަށް ފޯރަމުންދާ މަންފާތަކެއްގެ ސަބަބުން ވޭންދެނިވި ޢަޒާބާއި ޖަހަންނަމަ ޚިޔާރު ނުކުރާށެވެ.
              -----------------
ޢަބްދުﷲ ޙަސަން ހުޅުދުމައިގެ